ދުނިޔެ

ކޮންޒަވޭޓިވް ޕާޓީއަށް މެޖޯރިޓީއެއް ނުލިބުނު

Jun 9, 2017
1

އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި އެގައުމުގެ އާއްމު އިންތިހާބުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއަށް ޕާލަމެންޓްގެ މެޖޯރިޓީ ނުލިބޭނެކަން ހާމަވެއްޖެ އެވެ،

އިނގިރޭސިވިލާތުގެ ބޮޑެތި މީޑިއާތަކުން އާއްމުކޮށްފައިވާ އެގްޒިޓްޕޯލްގެ ނަތީޖާ ދައްކާ ގޮތުން އެގައުމުގެ ބޮޑުވަޒީރު ތެރޭސާ މޭ އިސްކޮށް ހުންނެވި ކޮންޒަވޭޓިވް ޕާޓީއަށް ލިބިފައި ވަނީ 650 މެމްބަރުން ތިއްބަވާ ޕާލަމެންޓްގެ 314 ގޮނޑިއެވެ. ސޯޝަލިސްޓް ސިޔާސަތުގެ ޖެރަމީ ކޯބިން އިސްކޮށް ހުންނަވާ ލޭބަ ޕާޓީއަށް 266 ގޮނޑިއެވެ. ސްކޮޓިޝް ނެޝަނަލް ޕާޓީއަށް 34 ގޮނޑި އަދި ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް 34 ގޮނޑިއެވެ.

އެގްޒިޓްޕޯލްގައި އަންދާކޮށްފައިވާ ގޮތަށް ނަތީޖާ ނުކުމެއްޖެ ނަމަ ސަރުކާރެެއް އެކުލަވައިލުމަށްޓަކައި މޭއަށް ޖެހިވަޑައިގަންނަވާނީ ލިބަރަލް ޑިމޮކްރޭޓުންްނާއި އެކު ކޯލިޝަން އެއް ހައްދަވާށެވެ. އިނގިރޭސިވިލާތުގެ ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ވަރަށް އުނދަގޫ ކަަމަކަށް ވާނެއެވެ.

އެގޮތަށް ނަތީޖާ ނުކުމެއްޖެ ނަމަ އިނގިރޭސިވިލާތުގައި ސިޔާސީ ކޯޅުމެއް އުފެދި ގައުމު ނުތަނަވަސްކަމަކަށް ވެއްޓޭނެއެވެ. އަދި ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތަކަށް ވެސް އެކަމުގެ ހިޔަނި އެޅޭނެއެވެ.

އިނގިރޭސިވިލާތުގައި ބާއްވާ އިންތިހާބުތައް ނިމުމާއި އެކު މީޑިއާތަކުން ނަގާ އެގްޒިޓްޕޯލްގެ ނަތީޖާއަކީ އާއްމުގޮތެއްގައި އިންތިހާބުތަކުގެ ނަތީޖާއާ ވަރަށް ދިމާވާ ނަތީޖާއެކެވެ. ނަމަވެސް އަސްލު ނަތީޖާ ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.