ދުނިޔެ

ގަތަރަށް ވާގިދޭން ތުރުކީން ސިފައިންނާއި މަނަވަރުތައް ފޮނުވަނީ

Jun 9, 2017
3

އަރަބި ގައުމުތަކުން އެކަހެރިކޮށްލާފައިވާ ގަތަރާ ދެކޮޅަށް އެގައުމު ތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، އެގައުމާ ގުޅުވާލާފައިވާ ޓެރަރިޒަމްގެ ކަޅު ލިސްޓެއް މިއަދު ވަނީ އާއްމުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނެރުނު އެ ލިސްޓްގައި ޖުމްލަ 59 މީހަކު ހިމެނޭ އިރު ގަތަރުގެ 18 މީހަކު އެލިސްޓްގައި ހިމެނެއެވެ. ލިސްޓްގައި ހިމެނޭ ޝާހީ ބޭފުޅަކީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބުދުﷲ ބިން ޚާލިދު އަލް ޘާނީއެވެ.

އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލައި އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އެކު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން ވަނީ އެގައުމަަށް އެއްބާރުލުން ދެއްވުމަށް އަވަސްވެވަޑައިގެންފައެވެ. އެގޮތުން ގަތަރަށް ސިފައިން ފޮނުވުމުގެ މައްސަލަ ބުދަ ދުވަހު ތުރުކީގެ ޕާލަމެންޓަށް ހުށަހަޅައި އެދުވަހުން އެދުވަހަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން ފާސްކުރި ގާނޫނު ބުރާސްފަތި ދުވަހު ރައީސް އަރުދުޣާން ތަސްދީގުކުރައްވައި މިއަދު ވަނީ ތުރުކީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ތުރުކީ ސަރުކާރުން ބުނެފައި ވަނީ ފުރަތަމަ އެގައުމުގެ ސިފައިން ގަތަރަށް ފޮނުވުމަށް ފަހު ހަނގުރާމަމަތީ މަތިންދާބޯޓްތަކާއި މަނަވަރުތައް ވެސް ފޮނުވާނެ ކަަމަށެވެ. ގަތަރުގައި ތުރުކީ ސިފައިންގެ މަރުކަޒެއް ކުރިން ވެސް އޮވެއެވެ. ނަމަވެސް އެތަނުގައި ކުރިން ތިބީ 90 ވަރަކަށް ސިފައިންނެވެ.

ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ އެންމެ ކުޑަ އެހެނަސް ވަރަށް މުއްސަނދި ގައުމެކެވެ. އެގައުމުގައި 2.7 މިލިޔަން މީހުން އުޅޭ އިރު އެގައުމުގެ އަސްލު ވަޒަންވެރިންގެ އަދަދަކީ 300000 އެވެ. އެގައުމުން އަންނަނީ 2020 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންނެވެ.