ދުނިޔެ

ޖަޕާންގެ އެމްޕެރާއަށް މަގާމް ދޫކޮށްލެއްވޭ ގޮތަށް ފާސްކޮށްފި

Jun 9, 2017
1

މަގާމު ދޫކޮށްލައްވަން ބޭނުންވެވަޑައިގެންފައި ހުންނެވި ޖަޕާނުގެ އެމްޕެރާ އަކިހީޓޯ އަށް އެ ފުރުސަތު ތަނަސްވަސް ކޮށްދިނުމަށް ޖަޕާނުގެ ޕާލަމެންޓުން ހާއްސަ ގާނޫނެއް މިއަދު ފާސް ކޮށްފި އެވެ.

ޖަޕާނުގެ ޔޮމިއުރީ ޝިމްބަން ނޫހުން މިއަދު ބުނީ އެމްޕެރާ އަށް މަގާމު ދޫކޮށްލެވޭ ގާނޫނުގެ ބިލު އެގައުމުގެ ޕާލަމެންޓްގެ މަތިގެ 'ހައުސް އޮފް ކައުންސިލާސް ' އިން ފާސްކުރީ މިއަދު ހެނދުނު ބޭއްވި ޖަލްސާއެއްގައި ކަމަށެވެ. އަދި ބުނީ އެ ގާނޫނަށް ލިބަރަލް ޕާޓީ ފިޔަވައި ހުރިހާ ޕާޓީއަކުން ވެސް ތާއީދުކުރި ކަމަށެވެ.

ޖަޕާން ސަރުކާރުން ރާވާފައި ވަނީ އެމްޕެރާ އަކިހީޓޯ އަންނަ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަގާމު ދޫކޮށްލައްވައި ކްރައުން ޕްރިންސް ނަރުހީޓޯ ތަހުތަށް އިސްކުރުމަށެވެ. އަދި އާ އެމްޕެރާގެ ޒާމާން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށުމަށެވެ.

އެމްޕެރާ އަކިހީޓޯ މަގާމު ދޫކޮށްލެއްވުން ވާނީ 200 އަހަރުގެ ތެރޭގައި ބޭފުޅަކު އަމިއްލަފުޅަށް ތަހުތު ދޫކޮށްލައްވާ ފުރަތަމަ ފަހަރު ކަަމަށެވެ. އެގައުމުގައި އެންމެ ފަހުންް ތަހުތު ދޫކޮށްލެއްވި ބޭފުޅަކީ 1817 ވަނަ އަހަރު ތަހުތު ދޫކޮށްލެއްވި އެމްޕެރާ ކޮކާކޫ އެވެ. އަކިހީޓޯ މަގާމު ދޫކޮށްލެއްވުމަށް ފަހު ޖަޕާނުގެ ތަހުތަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލަގަބެއްގެ ގޮތުން ކިޔާނީ 'ޖޮކޯ' އަދި 'ޖޮކޯގޯ' އެވެ. އަދި 1889 ވަނަ އަހަރުގެ ފަހުން ޖަޕާނުގެ ތަހުތުގައި އިންނެވި ބޭފުޅަކު އަވަހާރަ ނުވަނީސް އެހެން ބޭފުޅަކު އިސްވެވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.

ޖަޕާނުގެ ތަހުތަށް 1990 ވަނަ އަހަރު އިސްވެވަޑައިގެންނެވި އަކިހީޓޯ އުފަންވެވަޑައިގެންނެވީ 1933 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ މަގާމު ދޫކޮށްލައްވަން އެދިވަޑައިގެންނެވީ އުމުރުފުޅުން ދުވަސްވެފައި ވުމާއި ސިއްހީ ހާލުކޮޅު ގޯސްކަމުންނެވެ. އޭނާއަކީ ޖަޕާނުގައި މިހާރު އޮތް ޝާހީ ދަރިކޮޅުން ތަހުތަށް ވަޑައިގެންނެވި 125 ވަނަ ބޭފުޅާއެވެ.

އޭނާއަށް ފަހު ތަހުތަށް ވަޑައިގަންނަވާނީ ދޮށީ ދަރިކަލުން ނަރުހީޓޯއެވެ. އޭނާގެ އުމުރުފުޅަކީ 57 އަހަރެވެ.