ދުނިޔެ

ގަތަރުގެ ހިސާރު ނައްތާލަން އެމެރިކާއިން ގޮވާލައިފި

Jun 10, 2017
3

އަރަބި ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ހިސާރު ނައްތާލަން އެމެރިކާއިން ގޮވާލައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން މިއަދު ވިދާޅުވީ ގަތަރާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުގެ ސަބަބުން އިންސާނިއްޔަތާ ގުޅުން ހުރި މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި އެމެރިކާގެ އަސްކަރީ މަސައްކަތްތަކަށް ވެސް އެކަމުން ހުރަސް އެޅޭ ކަމަށެވެ.

ޓިލާސަން ވިދާޅުވީ ހިސާރުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަމާއި އާއިލާތައް ވަކިވަކިވުން ފަދަ ކަންތައްތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެމެރިކާއިން ކުރާ ވިޔަފާރިއާއި އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ދެކޮޅަށް އެގައުމުން ކުރާ ހަނގުރާމައަށް ވެސް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެދު އިރުމަަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ގަތަރުގައެވެ. ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އާއި ބަހުރައިނާއި މިސްރުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ހޯމަ ދުވަހުއެވެ. އެގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިސްރުގެ އިޚުވާނުލް މުސްލިމީން ފަދަ ޖަމާއަތްތަކަށް ގަތަރުން ވާގިވެރިވާތީ ގިނަ ދުވަސްތަކެއް ވަންދެން އެގައުމަށް ފާޑުކިއުމަށް ފަހުގައެވެ.

"އެމެރިކާއިން އުއްމީދުކުރަނީ ވީހާ އަވަކަށް ހާލަތު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތައް އަޅައި، އެގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓިލާސަން ވިދާޅުވި ކަމަށް ސީއެންބީސީ ނޫހުން ބުންޏެވެ.

ޓިލާސަން މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ގަތަރާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެޅި ފިޔަވަޅުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އަންގާރަ ދުވަހު ތާއީދުކުރައްވާފައި ވަނިކޮށެވެ.

އަރަބި ގައުމުތަކުން އެކަހެރިކޮށްލާފައިވާ ގަތަރާ ދެކޮޅަށް އެގައުމު ތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، އެގައުމާ ގުޅުވާލާފައިވާ ޓެރަރިޒަމްގެ ކަޅު ލިސްޓެއް މިއަދު ވަނީ އާއްމުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނެރުނު އެ ލިސްޓްގައި ޖުމްލަ 59 މީހަކު ހިމެނޭ އިރު ގަތަރުގެ 18 މީހަކު އެލިސްޓްގައި ހިމެނެއެވެ. ލިސްޓްގައި ހިމެނޭ ޝާހީ ބޭފުޅަކީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބުދުﷲ ބިން ޚާލިދު އަލް ޘާނީއެވެ.

ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ އެންމެ ކުޑަ އެހެނަސް ވަރަށް މުއްސަނދި ގައުމެކެވެ. އެގައުމުގައި 2.7 މިލިޔަން މީހުން އުޅޭ އިރު އެގައުމުގެ އަސްލު ވަޒަންވެރިންގެ އަދަދަކީ 300000 އެވެ. އެގައުމުން އަންނަނީ 2020 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންނެވެ.