ބޮލީވުޑް

ވަކިވުމަށް ފަހު ރަންބީރާއި ކެޓްރީނާ ފުރަތަމަ ފަހަރަށް އެކުގައި

Jun 10, 2017

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މިދެތަރިން ކުއްލި އަކަށް ރުޅިވުމުން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ގޯސްވުމުގެ ސަބަބުން އެކުގައި ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން އޮތީ ހުއްޓިފަ އެވެ. ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީހަށް ނުނިމި ރިލީޒްކުރާ ތާރީހު ވެސް ވަނީ ފަސްކޮށްފަ އެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވުމުން މި ފިލްމުގެ ޝޫޓިން މަޑުޖެހިފައި އޮތް ނަމަވެސް އަންނަ މަހުގެ 7 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތްއިރު، ކުރިން އަޑު އަރާފައި އޮތީ މި ދެތަރިން އެކުގައި މި ފިލްމު ޕްރޮމޯޓްނުކުރާނެ ކަމުގެ ވާހަކަ އެވެ. އެކަމާ ޑައިރެކްޓަރު އަނޫރާގް ބާސޫ ވެސް ހާސްވެގެން އުޅުނު ނަމަވެސް އެންމެފަހު ވަގުތު ރަންބީރާއި ކެޓްރީނާ މިވަނީ ފިލްމު އެކުގައި ޕްރޮމޯޓްކުރަން ފަށާފަ އެވެ.

"ޖައްގާ ޖާސޫސް" ގެ ޓްރެއިލާ އާއި ފުރަތަމަ ލަވަ، އުއްލޫ ކާ ޕައްޓާ ރިލީޒްކޮށްފައިވާއިރު ރަންބީރާއި ކެޓްރީނާގެ ކެމިސްޓްރީގެ ފުރިހަމަކަން ހާމަވެގެންދެ އެވެ. މި ފިލްމަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ދެތަރިންގެ ދެމެދުގައި އޮތް ފުރިހަމަ ކެމިސްޓްރީ އެވެ.

މި ފިލްމުގެ ދެވަނަ ލަވަ ގަލްތީ ސެ މިސްޓޭކް ނެރުމަށް އިއްޔެ ވަނީ އިވެންޓެއް ބާއްވާފަ އެވެ. މި އިވެންޓުގައި ރަންބީރާއި ކެޓްރީނާ ވަނީ ޑައިރެކްޓްރު އަނުރާގާ އެކު ބައިވެރިވެ އެކަކު އަނެކަކަށް ތައުރީފު ބަންޑުންކޮށްލާފަ އެވެ. މި ލަވައިގެ މަންޒަރަކުން އަނޫރާގް ވެސް ފެނިގެންދެ އެވެ.

އިއްޔެ އޮތް އިވެންޓަކީ ރަންބީރާއި ކެޓްރީނާގެ ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ފަހުން މިދެތަރިން އެއް ތަނަކުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

ކެޓްރީނާ އަށް ތައުރީފުކުރަމުން ރަންބީރު ވަނީ އޭނާ އަކީ ބޮލީވުޑްގެ ސުޕަހިޓް މެޝިނެއް ކަމަށާއި ކެޓްރީނާ އުޅޭ ކޮންމެ ފިލްމެއް ވެސް ކާމިޔާބު ވާނެ ކަމަށެވެ. ކެޓްރީނާ އަކީ މޮޅު އެކްޓަރެއްގެ އިތުރުން ވަރަށް މޮޅު ނެށުންތެރިއެއް ކަމަސް ބުނަމުން ރަންބިރު ވަނީ މި ފިލްމުގައި ކެޓްރިނާއާ އެއްވަރަށް ފައި ހަމަކުރުން ވީ އޭނާ އަށް އުނދަގޫވި ކަމެއް ކަމަށް ބުނެފަ އެވެ.

އަދި ކެޓްރީނާގެ ކެރިއަރުގައި ދައްކުވައިދީފައިވާ އެންމެ މޮޅު އެކްޓިން މި ފިލްމުގައި ފެނިގެންދާނެ ކަމަށް ވެސް ރަންބީރިު ވަނީ ބުނެފަ އެވެ.

ކެޓްރީނާ އާއި ރަންބީރުގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އިއްޔެ އޮތް އިވެންޓުގައި އެކުގައި ބައިވެރިވެ ވަނީ އެ ދެތަރިންގެ ދެމެދުގައި މިހާރު އެއްވެސް ކަހަލަ މައްސަލައެއް ނެތްކަން ހާމަކޮށްފަ އެވެ.

މި ދެތަރިންގެ ދެމެދުގައި އޮތް ގުޅުން މިހާރު ބަދަހިވެފައިވާ ކަމުގެ އެއް ހެއްކަކީ ރަންބީރު އިއްޔެ ވަނީ އޭނާ މި ފިލްމު އުފެއްދީ ކެޓްރީނާ އަށް ކަމަށެވެ. ރަންބީރު ވަނީ ކެޓްރީނާ އާއެކު އޭނާ ކުޅެފައިވާ ދެ ފިލްމު، "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އާއި "ރާޖްނީތީ" ގެ ކަމިޔާބަށް ފަހު ކެޓްރީނާ އޭނާ ކުރެން ވަރަށް ގިނައިން ވަނީ ރަންބީރަށް އޭނާ ދެ ސުޕަހިޓް ދެ ފިލްމު ދިފައިވާ ކަމަށް ބުނެފައި ކަަމަށާއި އަދި ރަންބީރަށް މިއަދު އާދެވިފައި ހުރި ހިސާބަކީ އޭނާގެ ވެސް ހިއްސާއެއް އޮވެގެން އާދެވުނު ހިސާބު ކަމަށް ކެޓްރީނާ ބުނާ ކަމަށް ރަންބިރު ވަނީ ބުނެފަ އެވެ.

"އެގޮތުން މި ފިލްމު ޕްރޮޑިއުސްކުރަން ނިންމި ހިސާބުން އަހަރެން ނިންމިން މި ފިލްމަކީ ކެޓްރީނާ އަށް އުފައްދާ ފިލްމެއް ކަމަށް. އޭނާ އަހަންނަށް ވެދިން އެހީގެ ބަދަލުގައި ދެ ހަދިޔާއެއް މި ފިލްމަކީ. އަހަރެން އޭނާ ކައިރި ބުނިގޮތަށް މި ފިލްމަކީ އެނާ އަށް ދޭ ސުޕަހިޓް ހަދިޔާއެއް،"

ދެހާސް ސާދަވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ މި ފިލްމަކީ ރަންބީރާއި ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އިއްޔެ އޮތް އިވެންޓުގައި ވާހަކަދައްކަމުން ރަންބީރު ވަނީ ފިލްމު ލަސްވުމުގެ ޒިންމާ އެއްވެސް މީހަކު ނަގަން ނުޖެހޭނެ ކަމަށާއި، މީގެތިން އަހަރު ކުރިން އަނޫރާގް އޭނާ އަށް ފިލްމުގެ ސްކްރިޕްޓް ކިޔައިދިނުމުން އޭނާ އަށް ފިލްމު ކަމުދިއުމުން ދެމީހުން ގުޅިގެންް އުފައްދަން ނިންމީ ކަމަށެވެ.

"އެއްވެސް މީހަކު ހިތަކަށް ނާރާ މި ފިލްމު އުފައްދަން މިހާ ގިނަ ވަގުތު ދާނެ ކަމެއް. ފިލްމު މިހާ ބޮޑަށް ލަސްވީ ހުރިހާ އެންމެންގެ ވެސް މިސްޓޭކުން. އަނޫރާގް ވަނީ މި ފިލްމު އުފައްދަން ތިން އަހަރު މަޑުކޮށްގެން ހުރެފައި. އެކަަމަކު އެ ތިން އަހަރު ވެސް އަހަރުމެން ވަނީ އެހެން ފިލްމުތަކަސް ވަގުތި ދީފައި،" ރަންބީރު ބުނެފައިިވެ އެވެ.

"ޖައްގާ ޖަސޫސް" ގައި ރަންބީރު ފެނިގެންދަނީ ޒުވާން ޑިޓެކްޓިވްއެއްގެ ރޯލުންނެވެ.