ބޮލީވުޑް

ބަންސާލީގެ ފިލްމުގެ ޕްރޮޑިއުސަރަކަށް ޕްރިޔަންކާ

Jun 10, 2017

ހޮލީވުޑް ފިލްމު ކުޅެން ފެށުމުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކަ ޗޯޕްޅާ ވަނީ މިިދިޔަ އަހަރު ނިކުތް މަރާޓީ ފިލްމު "ވެންޓިލޭތަރު" އާއެކު ފިލްމު ޕްރޮޑިއުސްކުރަން ފަށާފަ އެވެ.

ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ޕާޕްލް ޕެބްލް ޕިކްޗާސްއިން އުފެއްދި އެ ފިލްމަށް ވަނީ ނެޝަނަލް އެވޯޑްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ބެސްޓް އެޑިޓިން އެވޯޑް އަދި ބެސްޓް ސައުންދް މިކްސިން ލިބިފަ އެވެ.

"ވެންޓިލޭޓަރު" ގެ ކާމިޔާބީ އާއެކު ޕްރިޔަންކާ މިވަނީ ހިންދީ ފިލްމުތައް ވެސް ޕްރޮޑިއުސްކުރަން ނިންމާފަ އެވެ.

ހޮލީވުޑް ފިލްމުތަކުން ބްރޭކެއް ނަގައިގެން އެނބުރި އިންޑިއާ އަށް އައިސްހުރި ޕްރިޔަންކާ ވަނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރަން ނިންމާފައިވާ ބައޮޕިކެއް އޭނާއާ ގުޅިގެން ޕްރޮޑިއުސްކުރަން ނިންމާފަ އެވެ.

ޝާއިރީ ލިޔުންތެރިޔާ އަމްރިތާ ޕްރިތަމްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ ވެސް ޕްރިޔަންކަ ކަމަށްވެ އެވެ.

މި ފިލްމުގައި އަމްރިތާގެ ރޯލު ކުޅެން ޕްރިޔަންކާ އަށް ހުށަހެޅުމުން އޭނާ ވަނީ ބަންސާލީއާ ގުޅިގެން ފިލްމު ޕްރޮޑިއުސްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކުރިން މި ފިލްމުގައި އަމްރިތާގެ ލޯބިވެރިޔާގެ ރޯލު ޝާހްރުކް ކުޅޭ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް މިހާރު މި ރޯލު ހުށަހަޅާފައިވާ ކަމަށްވަނީ އިރްފާން އާއި ސަލްމާން ޚާން އަދި އަބީޝެކް ބައްޗަން އަށެވެ. މިތިން ތަރިންގެ ތެރެއިން ކޮންމެ ވެސް އެއް ތަރިއަކު ޝައިރީ ލިޔުންތެރިޔަ ސާހިރް ލުދިއަންވީގެ ރޯލަށް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށްވެ އެވެ.

ޕްރިޔަންކާގެ ފުރަަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އަށް މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް އޭނާގެ ހޮލީވުޑްގެ ކެރިއަރު ވަނީ ފިޔަޖަހަން ފަށާފަ އެވެ. މިހާރު ވެސް އޭނާ އަށް ވަނީ އިތުރު ދެ ފިލްމަކުން ފުރުސަތު ލިބިފަ އެވެ. އެއީ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" ކިޔާ ފިލްމެކެވެ.