ކުރު ވާހަކަ

ހުތުރު ސިފަ

Jun 11, 2017
1

ބާވެ ހަސްނެތިފައިވާ ކަރުދާސްގަނޑެކެވެ. އޭގައި ލިޔެފައިވެ އެވެ؛ މާމުއި ކުޅަނދުރު މާމެލާމެލިން އެއްކޮށް ޖަމާކުރާ ހުރިހާ ފޮންޏެއް މާމުޔަކަށް ނުވެ އެވެ. މާމުޔަށް ވަނީ އޭގެތެރެއިން ތިން ބައި ކުޅަ އެއްބައެއް. އެއް ރާތަލުގެ މާމުއި ތައްޔާރު ކުރުމަށް، ކުޅަނދުރަށް 20 ލައްކަ މަލުން ފޮނި ބޯންޖެހެ އެވެ. އެކަމަށްޓަކައި ގާތްގަނޑަކަށް 30 ލައްކަ ފަހަރު އުދުހެ އެވެ. ފަންސާސް ހާސް މޭލުގެ ރާސްތާއެއް ކަޑަތު ކުރެ އެވެ. އަންހެން ކުއްޖަކު ފެނުނަސް އަދި ހޭކަނޑާނުލާށެވެ. ކަލެއާ އެކަށީގެންވާ މީހަކު ހޯދަން އެހެން މަގެއް ހިޔާރު ކުރާށެވެ. ތިއީ މަށަށް ވަރަށް ހުތުރު މޫނެކެވެ. އަޑު ވެސް ހިތްގައިމެއް ނޫނެވެ.


ފަސް އަހަރު ވަންދެން ފަތް ޖަހާފައި އޮތުމުން ބުރަފަތި ބައްޓަމަށް ކަނޑަކަނޑައިގެން ގޮސްފައިވާ ކަރުދާސްގަނޑު ނިއުޅުނީ ކީއް ވެގެން ހެއްޔެވެ؟

***

"ލޯބިވާ ކަމަށް އަހަރެން ވައުދުވަން، ހިނގާ މެރީ ކުރަމާ،"

"ތިހެން ނުބުނެ ބަލަ! އެއް ވެސް މީހަކު ލޯތްބެއް ނުވާނެ. އެއީ އޮންނަ އެއްޗެއް ނޫން. ލޯބިވެއޭ ނުކިޔަސް ޕްލެޒާ ލިބުނެއްނު! އަހަރެން އަދި ބޭނުމެއް ނޫން މީހަކާ އިންނާކަށް. ޕްލީޒް ދެން ދޭ. މިހާރު ނިދި އަތުވެއްޖެ،" ފުރަގަސް ދިނުމަށްފަހު ނާހިދާ އެތެރެއަށް ދެމިގަނެ ދޮރު ތަންޑު އެޅުވި އެވެ. ވަނީ ފާޚާނާ އަށެވެ.

މިހާރު ގަޑިން ބާރަ ގަޑި ފަނަރަ ހިނގީ އެވެ. މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާ ވަނީ އިއްޔެގެ މާޒީގެ ތެރޭގަ އެވެ. އިއްޔެއަކީ ތާރީޚެވެ. އެ އިޔާދައެއް ނުވާނެ އެވެ. އަންނަން އޮތީ މާދަމާ އެވެ. އެ ދުވަސް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. އެހެން ކަމުން ސައުވީސް ގަޑި އިރަށް ވުރެ ދިގުކޮށް ވައުދު ނުވާށެވެ. އަހަންނާ މެރީ ކުރުމުގެ ހިޔާލު އުމުރަށް ގަތުލު ކުރާށެވެ. ހަގީގަތުގައި ތިޔައީ އަހަންނަށް ކަމުދާ ސިފައެއް ހުރި މީހެއް ނޫނެވެ. އަހަރެން ބޭނުންވީ އަރާމުގެ އާލަމުގައި ހޯރަ އަޅާ އުދުހިލާށެވެ.

ފޯނުން އެސްއެމްއެސް ފޮނުވާލުމަށްފަހު ނާހިދާ އެނބުރިލީ ފޯނު ނިއްވާލާފަ އެވެ. ކުއްލި އަކަށް ކަޅި ހުއްޓުނެވެ. މޫނު ދޮންނަ ތަށި މަތީގައި ޒުވާނެއްގެ އަތުކުރީ ގަޑި އޮއްވައި ފެނުމުން ހިނދުކޮޅެއް ވެސް ނަގައި ނުލައި ފެންލައިޓުން މަގަށް ހޫރާލި އެވެ.

ޖާގަ ބޮޑު ފާޚާނާ އަކަށް ވާތީ އެތަނުގެ ތެރޭ، ނާހިދާ ބޭނުންހާ ސަކަރާތެއް ގަނެވިދާނެ އެވެ. އެތާނގެ މުއްސަނދި ކަމާއި ތަރުތީބު ކަމުން ފާޚާނާއެކޭ ކިޔުމަށް ވުރެ ރަނގަޅީ ސަޅި ކޮޓަރި އެކޭ ބުނިއްޔާ އެވެ. ހަގީގަތުގައި ވެސް އެއީ ނާހިދާ ގެ އެންމެ ޚާއްސަ ތަނެވެ. އެކަމަކު ފާޚާނާއެއް އެހާ ހާއްސަ ވާންނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

އަލުން ތާޒާ ވެލާން ނާހިދާ ބޭނުމެވެ. އޭގެ ކުރިން ފާޚާނާ ތެރެ ތަރުތީބު ކުރަން ފެށި އެވެ. ހިތްހަމަ ޖެހޭ ގޮތަށް ފުރަތަމަ ބެހެއްޓީ ސްޕްރޭ ފުޅި އެކެވެ. އޭގައި ލިޔެފައިވާ އިނގިރޭސި އިބާރާތުގައި ވަނީ "އެކްސްޓްރާ ޕްލެޒާ ވައިލް މޭކިން ލަވް" އެވެ. ދެން ބެހެއްޓީ ވެސް ބައްޓަން ސަޅި ފުޅިއެކެވެ. އޭގެ ބޭރުގައި ޖަހާފައިވަނީ "ވެޖެނައިލް ޓްރިޓްނިން ލިކުއިޑް" އެވެ. ޖެހިގެން ބޭއްވީ ލިޕްސްޓިކް ފާޑުގެ އެއްޗަށް ވިޔަސް އެއީ ލިޕްސްޓިކެއް ނޫންކަން ބޭރުގައި ފަވާފައި އޮތް ނަމުން އެނގެ އެވެ.

ނާހިދާ ފެންވަރަން ފެށީ ހިތް އެދޭ ގޮތަށް ހުރިހާ އެއްޗެއް ތަރުތީބުކޮށް ނިމުމުންނެވެ. އާދަވެގެން އޭނާ ބޭނުންކުރާ "ސްކިން ވައިޓްނިން މިލްކް ސޯޕް" މޭމަތީގައި އުނގުޅަން ފެށި އެވެ. ކުޑަ އިރުކޮޅެއް ތެރޭގައި އުފެދުނު ފޮނުތަކާ އެކު ދެ އަތް އުފުލާލި އެވެ. ނާހިދާ ހީނލި އެވެ.

ތުނބުން ފުމެލުމާއެކު ދެ އަތުގައިވާ ފޮނުގަނޑު ތެރެއިން ނަން ހުސްކުރިހާ ކުލަ އަރުވަމުން ސައިބޯނި ބޮކިތައް އުދުހިގަތެވެ. އެކި ވަރުގެ ބޮތްކެެވެ. ނާހިދާ ސަކަރާތް ގަންނަމުން ދިޔަ އެވެ. އޭނާއާ ސަމާސާ ކުރުމަށް ފަހު ވައިގެ ތެރޭގައި ބުރެއް ޖަހާފައި މަޑުން ފިރުކެމުން އައި ބޮއްކެތް މަޑު ޖެހިލީ އަތްތިލައިގެ މެދަށެވެ. ހިނދުކޮޅެއް ވެސް ނަގާނުލައި އަތްތިލަބަޑިއެއް ޖެހުމާއެކު ބޮތްކަށް ނިމުން ގެނުވި އެވެ.

ދެން އަންނަމީހަކަށް ވެސް އޮތީ އެގޮތް! ނާހިދާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އިރުކޮޅަކުން ފިޔާތޮށި ކުލައިގެ މާސިންގާ ތުވާލި ގައިގައި އޮޅާލި އެވެ. އެއިން ނިވާ ވެފައި ވަނީ ދޮން ހަށިގަނޑުގެ ބައިމަތިން ފެށިގެން ފަލަމަސްގަނޑާ ހަމައަށެވެ.

އިންތިޒާރުގެ ދޮރުކަނީގައި ނާހިދާ ލެނިގިލީ ހިތް ފުރެންދެން ނަލަހެދިގެންނެވެ. އަތުގައިވާ ރަން ކުލައިގެ ގަޑިއަށް ބަލައިލުމަށް ފަހު މޮބައިލް ފޯން އޮން ކޮށް، ފިއްތަކާ ކުޅެން ފެށި އެވެ. ޝައުގުވެރިކަމާ އެކު ލިޔުނު އެސްއެމްއެސްގައި ވެއެވެ:

ހާޓް އެޓޭކެއް ޖެހިގެން އުޅޭ މީހާ އަކީ ވަރަށް ނާޒުކު ހާލަތެއްގައި އޮންނަ މީހެކެވެ. ދޭން ޖެހޭ ބޭހެއްގެ ފުރިހަމަ ޑޯޒެއް، ވަގުތުގައި ދިނުމަކީ އޭނާއަށް އިންތިހާ ދަރަޖައަށް ބޭނުން ކަމެކެވެ. ފުރިހަމަ އަދި އަވަސް ފަރުވާ ނުލިބިއްޖެ ނަމަ ވިދިގެން އަންނަ ފަޅި ސިކުންތުގެ ތެރޭގައި އޭނާއަށް ކަނޑައެޅޭ ނިޔާއަކަށް ވާނީ ޖަމާއަތްތެރިއަކާ ހަވާލު ކުރުމުގެ ހުކުމެވެ. ނާހީ މިހުރީ އެފަދަ ހާލަތެއްގައި ކަމަށް ހީކުރާށެވެ. ވަގުތު ނަގައި ނުލައި ނާހީގެ ކަރު ހިއްކުން ފިލުވައިލައި ދޭނެ ކަމަށް އިންތިޒާރުގައި އެބަ ހުރީމެވެ!

މެސެޖް ފޮނުވާލުމަށް ފަހު ނާހިދާ އަނެއްކާ ވެސް ބަލައިލީ ގަޑިއަށެވެ. މެންދަމުން އަލިވެ ދޭއްޖަހާ ބޮޑު ވެއްޖެ އެވެ. އިރު ކޮޅެއް ވެސް ނުވެ އެވެ. ރަތް ކުލައިގެ ސައިކަލްގައި އައި ޒުވާނާ ހުރީ ނާހިދާގެ ގާތުގަ އެވެ.

"ވާވް، ހާދަ ސަޅިއޭ، ބޯޅަ ކުޅޭ މީހަކާ ވައްތަރެއް ނޫން. ކްރިކެޓް ކުޅެންތަ؟ ވައްތަރީ ޕާކިސްތާނުގެ ޝުއައިބު އަހުތަރާ. ހާދަ ވަސް މީރު ސެންޓެއް. ތިއީ ނާހީ އަށް ވަރަށް މީރު، ވަރަށް ފިރިހެން ވަހެއް. އަބަދު ވެސް ޖަހަނީ ޖިލްސެންޑާތަ؟" ދައުވަތު ދިން ޒުވާނާއަށް ތައުރީފު ކުރިއިރު އޭނާ ޖަހައިގެން ހުރީ ކޮން ސެންޓެއްކަން ދެނެ ގަތުމަށް ދޭކާ ދޭކާ އެއްކުރަން ނަގާހާ ވަގުތު ވެސް ނާހިދާ ނުނަގަ އެވެ. އެތަކެއް ސަތޭކަ ބްރޭންޑެއްގެ ފިރިހެން ސެންޓުން ވަސްބަލައިފައި ހުރިހެން ހީވި އެވެ.

ކުރިން ވެސް ޖިލްސެންޑާ! ނާހިދާގެ ހިތަށް އެރި އެވެ. ހީނލި އެވެ.

"ކޮބައި މިގޭ މީހުން؟" ލިބެން ޖެހެނީ ޖަވާބެކެވެ. ބަދަލުގައި ނާހިދާއާ ކުރިމަތިވީ ސުވާލެކެވެ.

"ހުރިހާ އެންމެން ޑެޑް. އަހަރެން ނޫން އެންމެން ތިބީ މަރުނިދީގައި.. އާދޭ އެތެރެއަށް، އަޅެ، ތީ ހާދަ ލޯބި ގަމީހެއް، އައިކިއޫ އެއްތަ؟"

ޒުވާނާގެ އަތުގައި ނާހިދާ ހިފި އިރު އޮރެންޖް ކުލައިގެ އަލިން ފެވިފައިވާ ކުޑަކުޑަ ސިޓިން ރޫމުގައި ޒުވާނާއާ ނާހިދާ ތިބީ ފިތިފަ އެވެ. ފަސް މިނެޓް ހިނގައިފި އެވެ.

"އަސްލުގަ ވެސް ޝުއައިބު އަހުތަރާ ވަރަށް ވައްތަރު. ވަރަށް ލޯބި ހިތަށް އަރާ..."

"ހިތަށް އަރަނީ ކީކޭ؟" ޒުވާނާއަށް ޖަވާބު ދިނުމުގެ ގޮތުން ނާހިދާ ކައިރިއަށް ޖެހިލި އެވެ. އެހިނދު ޒުވާނާގެ އަތް ބީހުނީ ނާހިދާގެ ކަން ހުޅީގަ އެވެ. އޮމާން ކަނދުރާ މަތީ ފިރިހެން އަތްތިލަ ބީހިލުމުން ނާހިދާ ލޯ މަރާލި އެވެ. ޒުވާނާގެ ކޮނދުމަތީގައި ބޯ އަޅައިލި އެވެ.

"ކިހިނެއް މިވަނީ؟" ސިއްރު ސިއްރުން ނާހިދާ ކުރި ސުވާލުގެ ރާގުގައި ވަނީ މަސްތެވެ. އެ އާއެކު ނާހިދާ ޒުވާނާގެ ކަަންފަތުގެ ތެރެއަށް ހޫނު ނޭވާއެއް ދޫކޮށްލި އެވެ.

"ހާދަ އަރާމު، ހޫނެއް. ތިކަހަލަ ހޫނު ނޭވާ މާގިނައިން ނުލާތި؟" ޒުވާނާ ބުންޏެވެ.

"މިކަހަލަ ވަގުތެއްގައި ހޫނު ނޭވާއަކީ މީރު މޭވާއެއް. އެއިން ލިބޭނީ މީރު ކަމެއް..." ނާހިދާ ޒުވާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެންމެ ފަހު މަންޒިލަކަށް ވީ ހިތްގައިމު ފާހާނާ އެވެ. އެންމެ ފަހު ނިންމުމަކަށް ހެދީ އެސްއެމްއެސް ފޮނުވާލާފައި ފުޅިތައް ތަރުތީބު ކޮށްލާށެވެ. ފޮނުވި މެސެޖްގައި ވެއެވެ:

ރިހި މެޑަލާއެކު ގައުމީ ފުޓުބޯޅަ ޓީމު މާލެ އައި ރޭ އަހަރެން ތީނަ ކަރުގައި މާފަތީ އެޅުވީ ވެސް އެދުމަކާ އެކު އެވެ. ފަހުން ފޯނުން އެ ވާހަކަ ބުނުމުން ދޭހާ މަލެއްގެ ވަސް ނުބެލޭނެ ކަމަށް ބުނެ އަހަރެން އިންސަލްޓް ކޮށްލީމު ނޫން ހެއްޔެވެ؟ އެއިން އަހަރެން ނެގި މާނައަކީ ތިޔައީ ހިލަގަނޑެއް ކަހަލަ ހިތެއް އޮތް މީހެކެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަލިމަހަކީ ހުރިހާ މައުދަނެއްގެ ތެރެއިން އެންމެ ހަރުބާވަތެވެ. ބިއްލޫރި ކަފާ މީހުން ގަލަމެއް ފާޑުގެ އެއްޗަކުން ބިއްލޫރި ސީޓުގައި ރޮނގު އަޅާ ރީތިކޮށް ދެ ފަޅި ކުރާތަން ނުދެކެން ހެއްޔެވެ؟ ހަގީގަތުގައި އެކަށީގެ ތުނޑުގައި ހަރުކޮށްފައި ހުންނަނީ އަލިމަހުގެ ކީއްޔެކެވެ. އިސާހިތަކު ބިއްލޫރި ކަފާ ލެވެނީވެސް އެހެންވެގެންނެވެ. އަލިމަހަކީ ނިހާޔަތަށް ހަރު އެއްޗަކަށް ވާތީ އެވެ. އަހަރެންމީ ކަލެއަށް ވުރެ ހިލަ ހިތެއް ލިބިފައިވާ މީހެއް ކަމަށް މީގެ ފަހުން ހީކުރާށެވެ. އަހަރެން ބޭނުން ގޮތަކަށް ކަލެއާ ކުޅެލައިފީމެވެ. ތިޔައީ އަހަރެންގެ އަތުން މާފައްޗެއް އަޅުވާހާ ރީތި މީހެއް ނޫނެވެ. ދެން ހަނދާން ނައްތާލާށެވެ. ނަމަނަމަ ނުގުޅައްޗެވެ!

"ކީއްވެ ތިގުޅީ ބުނީމެއްނު ނުގުޅާށޭ؟" މެސެޖް ފޮނުވާލުމަށްފަހު، ނާހިދާ އުޅުނީ ފޯނު ނިއްވާލާށެވެ. އެވަރު ނުވަނީސް ރިންގު ވެއްޖެ އެވެ.

"ކާކު ނާހީއަށް އުނދަގޫ ކުރަނީ... ތިހެން ވާހަކަ ދައްކަން ނާހީއަކާ ނުގުޅޭ."

"ތީ ކާކު؟" ނާހިދާ ހައިރާންވި އެވެ. އެއީ ދަންނަ އަޑެއް ނޫނެވެ.

"އަހަރެންގެ ނަމަކީ އަފްޒަލް. ފަހަރުގައި ނާހީއަށް ނޭނގިދާނެ. އެކަމަކު އަހަރެން ނާހީ ދަންނަން. ނާހީއަށް ނޭނގުނަސް ނުބުނާތި ނުދަންނަ މީހުންނާ ވާހަކަ ދައްކައެއް ނޫޅެމޭ. އެއީ ތިކަހަލަ ކުއްޖަކާ ވަރަށް ގުޅުން ކުޑަ ޖުމްލައެއް. އެހެން ނޫނަސް މީހުން އެނގި ދަސްވެ ރައްޓެހި ވަނީ މިކަހަލަ ކޮންމެވެސް ގޮތަކުން. އުފަންވާއިރު އެކެއްގެ ވެސް އުނުފޭރާމެއް ނުހުންނާނެ. ރައްޓެހިންނެއް ވެސް ނުތިބޭނެ."

"ބުނަންތަ؟ އަހަރެން މީ ރަކިވެގެން ވާހަކަ ނުދެއްކޭ ވަރުގެ މީހެއް ނޫން. އެކަމަކު ތިހެން ގުޅާ މީހަކާ އެކު އަހަރެން ވަގުތު ދުއްވާލަންވީ ކީއްވެ؟ އެހެންވެ ބުނެވޭނީ ޑޯންޓް ވޭސްޓް ޔޯ އެނާޖީ އޮން ނެގަޓިވް ގޮސިޕް... އޯކޭ،" އިރު އެރުމުގެ ކުރިން އާ ބުއިމެއް ސަމުސަލަށް އަރައިފާނެ ކަމުގެ އުންމީދުގައި ނާހިދާ ފުރުސަތުގެ ބޭނުން ހިފަން ތައްޔާރުވި އެވެ. މަޅިފަތި ރުވާލި އެވެ. ގަދަ ކޮށްލުމުގެ ގޮތުން ފޯން ކަނޑާލި އެވެ. މިނެޓެއް ވެސް ނުވެ އެވެ. އަނެއްކާ ވެސް ގުޅައިފި އެވެ.

"އަހަރެންގެ ނިޔަތަކީ ނުބައި ނިޔަތެއް ކަމަށް ހީކުރާ ނަމަ އިތުރަށް ވިސްނާލާ. ހަގީގަތުގައި ނާހީ އަކީ މީގެ ފަސް އަހަރު ކުރިން އަހަރެން ދަންނަ ކުއްޖެއް. ފަސް އަހަރު ފަހުން މި ފުރަ މެންދަމު އަހަރެން ގުޅީ އޭރު ނާހީގެ ކިބައިން ފެނުނު އުފާވެރި، މަޖާ ގޮތް ކެނޑިފައިވާ ތަން ދެކިދެކި އެކަމާ ހިތް ހަމަނުޖެހިގެން. މިއަދު ވެސް ދުށިން. ފެނުނީ މިލާފައިވާ މޫނެއް. އެހެންވެ ސަބަބު އަހާލާ ހިތްވީ! ނާހީގެ އިހުސާސްތަކަށް އަހަރެން އިހުރާމް ކުރަން. ވިސްނާލާފަ، ބޭނުން ވެއްޖިއްޔާ މި ނަމްބަރަށް ގުޅާލާ، ބައި!" ފުރުސަތު ނުދީ ފޯނު ކަނޑާލުމުން ނާހިދާއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އަޅައި ވިހެލި ހެނެވެ. ހެސްކިޔާފައި ރުޅި އައެވެ. ދެން ފޯނުގައިވާ ނަމްބަރަށް ބަލައިލުމަށްފަހު ސޯފާގައި ޖައްސާލި އެވެ. ލޫޅާފަތި ހަށިގަނޑު ސޯފާގެ ތެރެއަށް ގެނބިގެން ދިއުމާއެކު ދުރުގައި ހުރި މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރަ ފެނުނެވެ.

އަސްލު ވެސް އަހަރެން އެބަ ހިތާމަ ކުރަން! ބަލާބަލަ އަހަރެންގެ ސޫރަ! އަހަރެން ހިކިއްޖެ. އެހެން މީހުންނަށް ވެސް އެކަން ފާހަގަކުރެވެން ފަށައިފި. ހަގީގަތުގައި ވެސް މީގެ ފަސް އަހަރު ކުރި އަހަންނަކީ އުފާވެރި މީހެއް. މިހާރު އަހަރެން ސަމާސާ ކުރާ ހިތެއް ނުވޭ!

ނާހިދާގެ ލޯ ފުސް ވެއްޖެ އެވެ. ޒާތެއްގެ ހިޔާލުތަކެއް ވަށާލައި އޭނާގެ ސިކުނޑި ކާން ފަށައިފި އެވެ. އިރުކޮޅަކުން ފޯނު ރިންގުވާން ފަށައިފި އެވެ.

"ނާހީ ދަންތަ؟"

"ކީއްވެ ތިހެން ތިބުނީ؟ އާދޭ، ދެކެން ބޭނުން ނުވާ ނަމަ އަހަރެން މި ފޯނެއް ނުނަގާނަން،" ދޮރު ހުޅުވާލަމުން ނާހިދާ ބުންޏެވެ. ނާހިދާ ދިޔައީ ސިއްސައިގެނެވެ.

ހާދަ ސަޅިއޭ، ކިތައް އަންހެނުންގެ ހިތުގައި ވަކި އަަޅައިފިން! އެ ޒުވާނާ އައުމުން ނާހިދާ ނަޒަރު ހިންގާލި އެވެ. ޒުވާނާ ހީލި ގޮތުން ލިބުނީ ކޮން ފަދަ އިޝާރާތެއް ކަމެއް ނޭނގެ އެވެ. ފިސާރިއަކަށް ދިވާނާ ވެއްޖެ އެވެ. ޒުވާނާގެ ކަތި ބަލައިލުމުން ހިތުގެ ހުރިހާ ކަނެއް މިލްކު ކޮށްފި އެވެ.

"ކޮބައި ނާހީގެ ތާޒާ މޫނު. ކޮބައި ދައްކާ ސަމާސާ ވާހަކަތައް. ކިހިނެއް ވެފަ ތިހިރީ؟"

"ނާހިދާ، އޭތް ކިހިނެތް ވެފައި ތީނީ!" މުނާޖާ ކޮނޑު އަޅައިގެން ތެދުވި ނާހިދާގެ މަންމަ ކޮއްޓާލުމުން ނާހިދާ ސިއްސައިގެން ގޮސް ހޭލެވުނު އިރު ހުވަފެނުގައި އައި ޒުވާނާ އޭނާގެ ހިތާ ކުޅެލައިފި އެވެ. އެއީ ނާހިދާ ހިތް އެދޭ ފަދަ މޫނެކެވެ. އޯގާވެރި ބަސްތަކެކެވެ. ހިތް ފުރޭ ފަދަ ފިރުމުން ތަކެކެވެ. ކުރިމަތީގައި މަންމަ ހުއްޓަ ފެނުމުން ނާހިދާ ގާތަށް އައީ ރުޅި އެވެ. ތެދުވެގެން ހިނގައި ގަންނަމުން މޮބައިލް ފޯނު ނެގީ ތަޅުން މަތިންނެވެ.

އެނދުމަތީގައި ނާހިދާ ފުރޮޅި ފުރޮޅި އޮއްވާ އިރު އަރައިފި އެވެ. ދުވާލުގެ ދަންތައް ގުނެމުން ގޮސް މެންދުރުގެ ހިޔަނި ފުރަގަހަށް ދިގު ވެއްޖެ އެވެ. ނާހިދާއަށް ފިކުރު ކުރެވެނީ އެވެ. ދަންވަރު އޭނާއަށް އައި ފޯނެވެ. ހުވަފެނުގައި ބައްދަލު ކުރި ޒުވާނާ އެވެ. އެއީ އަޖައިބެއް ކަހަލަ ރީތި މޫނެކެވެ. އެ ސިފައިގައި ގަޔާވާ ހުރިހާ ޝަރުތެއް ފުރިހަމަ ވެއެވެ. ނާހިދާ ގޮތެއް ނިންމި އެވެ.

ކޮން އަފުޒަލެއް! ހެޔޮ ސިފަ ހުތުރިއްޔާ އެހެން މީހުންނަށް ވެސް ހަދާ ގޮތް ހެދިދާނެ! ނާހިދާ ނިންމީ ފޯނުގައިވާ ނަމްބަރަށް ގުޅާށެވެ. އެނދުމަތީ އޮވެގެން ގުޅާލި އެވެ.

"ހަގީގީ ނާހީ އަކީ އެހެން މީހުންގެ އިހުސާސްތައް ވެސް ދަންނަ ކުއްޖެއް. އަހަންނަށް އިނގޭ ނާހީ އަކީ އެހެން މީހުންގެ އިހުސާސްތައް ވެސް ދަންނަ ކުއްޖެއް. އަހަންނަށް އިނގޭ ނާހީ ގުޅާނެ ކަން... ބުނެބަލަ ކޮން ކަމަކާތަ ހިތާމަ ކުރަނީ؟ ކޮބައި ނާހީގެ ސަޅި އިސްތަށިގަނޑު!" ފުރަތަމަ ވާހަކަ ދެއްކީ އަފުޒަލެވެ. ބަރު ބަރު ފިރިހެން އަޑުގެ ޖާދޫގައި އެއްޗެއް ނުބުނެވި ނާހިދާ އަށް އިރުކޮޅަކު ހުރެވުނެވެ.

"އަހަރެން ބޭނުން އަފޫއާ ބައްދަލު ކުރަން."

"މިރޭ ބައްދަލު ވެވިދާނެ. އަހަރެން އިންނާނަން ނުވައެއްޖަހާއިރު ޓްރެންޑްސްގަ. ހުދު ކުލައިގެ ޓީޝާޓެއް ލައިގެން. މޭމަތީގައި އިންނާނެ "ދަ އާޓް އޮފް ޑްއިން ނަތިން." ޖަހާފަ. އެ މޭޒުގައި އިންނާނީ އަހަރެން އެކަނި."

އަފުޒަލް ހީކުރި ވަރަށް ވުރެ ވެސް އަވަަހަށް ނަތީޖާ ނުކުތުމުން ހިނުތުން ވެލި އެވެ. އެއްގަޑި އިރުގެ ކޯލަކަށް ފަހު ފޯނު ކަނޑާލުމާ އެކު ވޮލެޓްގައި އޮތް ކަރުދާސްގަނޑާއި ފޮޓޯ އަށް ބަލައިލި އެވެ.

***

ޓެކްސީއެއްގައި ނަސަންދުރައާ ހަމައަށް ގޮސް ނާހިދާ ފޭބި އިރު ނުވައެއް ޖަހައިފި އެވެ. ޓްރެންޑްސް ތެރެއަށް ވަދެ އެކި ދިމާއަށް ނަޒަރު ހިންގާލި އިރު އެންމެ މީހަކު އިންދާ ފެނުނީ އެންމެ މޭޒެއްގަ އެވެ. ހުދު ކުލައިގެ ޓީޝާޓެއްގައި އިން ޒުވާނާ އިނީ ފުރަގަސްދީގެނެވެ. އެއީ ޖާނު ވަރުގަދަ މީހެކެވެ. މޭޒުގައި އުއްބަތި އެއް ދިއްލާފައި ނެތުމުން ޒުވާނާ ފެންނަނީ އަނދިރީގެ ތެރެއިންނެވެ. ނާހިދާ މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އެވެ. ވަކި ހިސާބަކަށް ދިއުމުން އެހެން ދިމާއަކުން ހުދު ކުލައިގެ ޓީޝާޓެއްގައި އެކަނި އިން މީހަކު ފެނިއްޖެ އެވެ. އެ ޒުވާނާ އިނީ ނާހިދާއާ ދިމާއަށް ބަލާށެވެ. ތުނބުގައިވާ ސިނގިރޭޓުން ދުމުގެ ބޮޅުތައް އުފެދެމުން ދިޔަ އެވެ.

މިތަނުން ކޮބައި އަފުޒަލް؟ ނާހިދާގެ ހިތަށް އެރި އެވެ. މަޑު ޖެހިލުމަށް ފަހު ހިނގައިގަންނަން އުޅެނިކޮށް ވޭޓަރަކު އައިސް ނާހިދާ އަށް އިޝާރާތް ކޮށްލި އެވެ.

"ދުރުވަންވީ ނޫންތޯ؟ އަފްޒަލް އެ އިންނެވީ؟" ހައިރާންވެ ހުރެ ނާހިދާ ބަލައިލި އެވެ. އެއީ ފުރަގަސް ދީގެން އިން ޒުވާނާ އެވެ. ނާހިދާ ގޮސް މޭޒުގެ ކައިރިއަށް ހުއްޓުމާ އެކު އަފުޒަލް އިސް އުފުލާލި އެވެ. ނާހިދާއަށް ވީ ގޮތް ވެސް ނޭނގުނެވެ. އެއީ ހުވަފެނުގައި އޭނާ ގޮވައިގެން ކަފިވިލާތަކުގެ ތެރޭގައި އުދުހުނު ރީތި ޒުވާނާ އެވެ.

"ނާހީ...އާ ދޭ. އިށީނދޭ."

ކޮން ފަދަ ރީތި އަޑެއް ހެއްޔެވެ؟

ނާހިދާ އިނީ އަރިކަށި ހާމަ ކޮށްދޭ ރަތް ކުލައިގެ ތުނިތުނި ޓޮޕަކާއި ހިޕްހަގިން ޖީންސެއްގަ އެވެ. އޭނާގެ ދޮންމޫނާ ދިމާއަށް އަފުޒަލް ބަލަމުން ދިޔަ ގޮތުން ލަދުގެންފި އެވެ. އެތައް ވާހަކައެކެވެ. އޯގާތެރި އެތައް ބަސްތަކެކެވެ. ނާހިދާގެ ހަޔާތުގެ އެފަރާތާ މިފަރާތުގެ އެތަކެއް ދުވަހެއް އަފުޒަލުގެ ދުލުން ބަންޑުންކޮށް ނިމުނު އިރު ބާރަ ޖަހައި އަވަދިވެއްޖެ އެވެ.

ޓްރެންޑްސް އިން ނުކުމެ އަފުޒަލުގެ ރިބެކް ސައިކަލްގެ ފަހަތަށް އެރުމާއެކު ހީވީ އުދުހި ގަތް ހެނެވެ. ނާހިދާ އަފުޒަލުގެ ބުރަކަށިމަތީގައި އޮށޯތެވެ.

"ކޮންތާކަށް ދަނީ؟" އަފުޒަލުގެ ކަނދުރާ މައްޗަށް މޫނު ވައްޓާލަމުން ނާހިދާ ސުވާލު ކުރިއެވެ.

"އަންނޯން ޑެސްޓިނޭޝަން!" އަފުޒަލުގެ ޖަވާބު އައީ ވަރަށް އަވަހަށެވެ. އެއާއެކު ހީނގަތެވެ.

***

ދުވަސްތަކެއް ފާއިތު ވެއްޖެ އެވެ؛ ނާހިދާގެ އާދަތައް ކަތިލުމަށްފަހު އަފުޒަލުގެ ހިމާޔަތުގައި ގެނބި ހުސްވުމާ އެކު އަފުޒަލާ ކައިވެނި ކުރި އެވެ. އެއީ ހާއްސަ ރެއެކެވެ. ފުރަތަމަ ރޭ ހޭދަކުރަން ފެށީ ރިލެކްސިންގެ ހިތްގައިމު ކޮޓަރި އެއްގަ އެވެ. ނާހިދާ ވަނީ އުފަލުން ފޮޅިފަ އެވެ. ޑެކަރޭޓް ކޮށްފައިވާ ސަޅި އެނދުމަތީގައި ނާހިދާ އައިސް އިށީނދެލުމާއެކު އަފުޒަލް އައިސް އޭނާއާ ސަމާސާކޮށް އުފާ ކޮށްދޭން ފެށި އެވެ. ނާހިދާ ލެނބެން ފެށުމާއެކު ކުއްލިއަކަށް އަފުޒަލު އެނދުމަތީގައި ބަންޑުން އޮށޯވެއްޖެ އެވެ.

"އޭއި ތެދުވެބަލަ. ނިދިއައީތަ؟ އޭތް، ތިމޭ މަތީގައި އަހަރެން ނިދާލަން ބޭނުން، އޭތް، މިރޭ އުފަލެއް ނުވޭތަ؟ އޭތް، އުފާކުރާ ހިތެއް ނުވޭތަ؟"
"ހިތަށް އަރާދޯ މިރޭ އަހަރެން ކަލެއާއެކު އުފަލުގައި ހައްދު ފަހަނައަޅާ ދާނޭ،" އަފުޒަލު ފުންމައިގެން އެނދު މައްޗަށް ތެދުވި އެވެ. މޭގައި އަތް އަޅާ އެނދުން ވައްޓާލުމުން ނާހިދާއަށް ހަޅޭއް ލަވައި ގަނެވުނެވެ.

"ކަލެއަކީ އެއްވަނަ ދަރަޖައިގެ އެކްޓަރެސް އެއް. ލޮލުން ކަރުނަ އެއް ނާންނާނެ. ތަދެއް ވެސް ނުވާނެ. އިހުސާސެއް ވެސް ނުކުރެވޭ. އެއީ ކަލޭގެ ހަށިގަނޑުގައި ހިތެއް ނެތީމަ!"

ކުއްލިއަކަށް މިވީ ކީއްހެއްޔެވެ؟ މިއޮށްފަދަ ރޭ، އަފްޒަލަށް އައި ބަދަލާއެކު ނާހިދާ ހުރީ އޮޅިފަ އެވެ.

"އަފޫ، ކިހިނެއްވީ؟"

"ވީ ގޮތް އިނގޭނެ. ކަލޭ ހަނދާން ވެސް ހުންނާނެ. ނުފެނޭތަ ތިހިރަ ފޮޓޯއެއް؟ ކަލޭ ދަންނަ މީހެއް ނޫންތަ އެއީ؟ ކަލޭ ހިތު ޖައްސާ ރޮއްވާ މޮޔައަކަށް ހެދި މީހެއް ނޫންތަ އެއީ؟ ކަލޭ އޭނާއަށް ހަދާލި ގޮތް އަހަރެން މިރޭ ކަލެއަށް ހަދާލާން. މިއޮތީ މީގެ ފަސް އަހަރު ކުރިން އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއަށް މަލާމާތްކޮށްފަ ކަލޭ ފޮނުވި ނޯޓާ އެފަކީރު ގެންގުޅުނު ކަލޭގެ ފޮޓޯ. މިބަލާފަ ހަނދާން އާވޭތޯ ބަލާބަލަ؟"

"އަފޫ.. ތިއީ ފައިސަލްގެ ކޮއްކޮތަ؟ އަފޫ ޕްލީޒް އަހަންނަށް މާފު ކުރޭ. އެއީ އަހަރެން ކުރި ކުށެއް." ނާހިދާ ބަޑި ފަޅައިގެން ދިޔަ އެވެ.
"އުހުނ! ކަލެއަށް އޮތީ އަނިޔާއާ ފަލީހަތް." އަފުޒަލް ރުޅިވަނީ އައްޑިހަގަ އެވެ. ނާހިދާގެ ގަޔަށް އަރައިގަތެވެ. ތުނިތުނި ލޭސް ފޮތީގެ ވެޑިން ޑްރެސް އިރާލި އެވެ.

"ތީ ނާސިއެއް. އަހަރެން ދުވަހަކު ވެސް ކަލޭގައިގަ ނުބީހޭނަން. ތިހިރީ ވަރިކޮށްފަ! މާދަމާ އަހަރެން ކަލޭގެ ވާހަކަތައް ގޮސިޕް ލިޔާ މީހުންނަށް ކިޔައިދޭނަން. މުޅި މާލެއަށް ކަލޭ ބޭޒާރު ކޮށްލާނަން. އިއްޔެ އަހަރެންގެ ބޭބެ ރުއި ފަދައިން ކަލޭ ވެސް ރޮއްވާލާނަން... ކަލޭ ބުނާ ގޮތަށް މާމުއި ކުޅަނދުރުގެ އުސޫލަކީ މިއީއެއްނު،" ނާހިދާ ދޫކޮށްފައި ދާން އަފުޒަލް ނުކުތް އިރު ވެސް ނާހިދާ އާދޭސް ކުރަމުން ދިޔަ އެވެ.

އެކަމަކު އަފުޒަލް ބުނާ ކަހަލަ އެވެ: ނާހިދާ އެވެ! ކަލެއަށް ޖެހިފައިވާ ބަލި ނަގާފައި ވަނީ ކަލޭގެ މައި ބަދައިގެ ކަށިންނެވެ. ކަށީގައި ހިފާ ބައްޔެއް ނުފިލާނެ އެވެ. ބަކަރިއަށް ފުންމަން ދަސްވުމުން ހަމައެކަނި ފުންމާނީ ފުޅަށް މަތިންނެއް ނޫނެވެ. ފާރުމަތިން ވެސް ފުންމާނެ އެވެ. ނާހިދާ އެވެ! ކަލޭގެ ސިފައަކީ ހާދަ ހުތުރު ސިފަ އެކެވެ. (ނިމުނީ)