ނެށުމަކީ ދިވެހީންގެވެސް ލޭ ކައްކުވާލާ ކަމެކެވެ. ނެށުމާއި ދިވެހިންގެ ސަގާފަތާ ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ އެވެ. ސަގާފީ ގިނަ ކުޅިވަރު ތަކުގައި ނެށުން ނުހިމެނޭ ނަމަ ފުރިހަމަ އެއް ނުވެއެވެ. ޒަމާން ބަދަލުވި ނަމަވެސް އެ ރޮނގުގައި ދިވެހީން މާ ބޮޑަށް ބަދަލުވެފައެއްނުވެއެވެ. ޝޯ ތަކުގައި ނެށުމުގެ ހަރަކާތެއް ނެތް ނަމަ އެ ޝޯއެއް ފުރިހަމަވާ ކަމަކަށް ވެސް ނުވެއެވެ. ނެށުމުގައި މިހާރުގެ ޒުވާނުންގެ ޝައުގުވެރިކަން އަތުލާފައި ވަނީ "ހިޕްހޮޕް" އަދި "ބްރޭކް ޑާންސް" ކަހަލަ ނެށުން ތަކުންނެވެ. ބޭރުގެ އެކި ސްޓައިލް ތަކަށް ނަށާ ހުނަރުވެރި ޒުވާނުން ޝޯ ތަކުގައި ވިދާލަ އެވެ. މިއީވެސް ވިދާލާފައިވާ އެފަދަ ހުނަރުވެރި ޒުވާނެކެވެ.
ނެށުމުގައި އާ ކުލަތަކެއް ޖައްސައި މަގުބޫލުވި އެއް ގްރޫޕަކީ "ކޮރިއޮޓިކްސް" އޭ ބުނުމުން ފުދޭނެ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ގްރޫޕުން ވަނީ ހުނަރުވެރި ގިނަ ނެށުންތެރިން ތަކެއްގެ ހުނަރު ދައްކާފަ އެވެ. އުމުރުން 21 އަހަރުގެ އިބްރާހިމް ސާލިމް އިސްމާއީލް (ބަގްޒީ) އަކީ އެފަދަ ދެވަނައެއް ނެތް ނެށުން ތެރިއެކެވެ. އަދި އެހާމެ މޮޅު ކޮރެއޮގްރާފަރެކެވެ. ބައެއް މަޝްހޫރު ލަވަތަކުން ވެސް ކުރިން ފެނިފައިވާ ބަގްޒީ، މީހުންގެ ހިތްތަކުން ޖާގަ ހޯދީ ކޮރިއޮޓިކްސްގެ ފްލެޝް މޮބް ތަކުގައި އޭނާ ދެއްކި މޮޅު ނެށުން ތެރި ސްޓައިލުންނެވެ. ތަފާތު މޮޅު "ކްރަމްޕިން" ސްޓައިލުން އޭނާ އައީ ހިތްތަށް ފަތަހަ ކުރަމުންނެވެ.
ނެށުމުގެ ސްޓޭޖަށް ބަގްޒީއަށް އެރުނީ 2012 ވަނަ އަހަރު ސީއެޗްއެސްސީއާ ގުޅުނު ހިސާބުންނެވެ. ކުރިން ނަށަން މާ ބޮޑު ޝައުގެއް ނެތް ބަގްޒީ ރައްޓެހިންނާއެކު އާ ކަމެއް ޓްސްޓް ކޮށްލަން ސުކޫލުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ޗިއަލީޑިން ޕްރޮގްރާމުގައި ބައިވެރިވުން ވެގެން ދިޔައީ އޭނާގެ ހިތް ނެށުމުގެ ދާއިރާއަށް މުޅީން ދެވުނު ދުވަހަށެވެ. އެދުވަހުން ފެށިގެން އެ ދާއިރާގައި ވަކި ހިތްޕާލައި ކުރިއަށްދާން ކުރި މަސައްކަތުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ ކޮރިއޮޓިކްސް އިން އޭނާ އަށް ޖާގަ ލިބިގެން ދިއުމެވެ.
"އެންމެ ފުރަތަމަ ނެށުމަށް ޝައުގުވެރިކަން އުފެދުނީ ސީއެޗްއެސްސީ އަސް ވަން އަހަރު. އޭރު އުމުރުން 17 އަހަރު. އެތަނުގެ އަހަރީ ދުވަހު އޮންނަ ޗިއާލީޑިން ކިޔާ އެއްޗެއް. ހިތަށް އެރީ އެފަހަރު ދެން ބެސްޓް ފްރެންޑާ އެއްކޮން ޓްރައި ކޮށްލާނީ. އެހާ ހިސާބުން އަސްލު ޝައުގުވެރިކަން އުފެދުނީ. ފަހުން ފްލެޝް މޮބް ތަކަށް ގޮސް އެކި ކުރޫ ތަކާ އެއްކޮން ނެށުމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދާން ބޭނުން ވީ. އެގޮތަށް އެކި ގްރޫޕް ތަކުގައި އުޅެނިކޮށް ކޮރެއޯޓިކްސް އިން ޖާގަ ލިބުނީ. އަސްލު އެ ގްރޫޕުގެ ސްޓައިލް އެންމެ ކަމުދާ ސްޓައިލް އަކަށް ވީ ވެސް. އެ ގްރޫޕަށް ވަން ފަހުން ގިނަ އެއްޗެހިތަކެއް އެނގެން ފެށީ އަސްލު. އެ ގްރޫޕްގެ އެންމެން ވަރަށް ބޮޑަށް ހެލްޕް ވި. ހާއްސަކޮށް ޝަރަފް." ބަގްޒީ ބުންޏެވެ.
ނެށުމުގެ ދާއިރާއަށް އިންގިލާބެއް ގެނައުމުގެ އަޒުމުގައި އެ ދާއިރާއަށް ނިކުން ބަގްޒީ އަށް ކުރިއަށް ދާން ހުރަސްތަކަކާއި ކުރިމަތި ކުރުވި އެވެ. ރާއްޖޭގައި މޮޅު ކޮރެއޮގްރާފަކް ނުވަތަ ނަށަން ދަސްކޮށްދޭ މޮޅު ޓީޗަރަކު ނެތުން ވެގެން ދިޔައީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. ނަމަވެސް ހިތްވަރާއެކު ކުރިއަށް ދާން ބޭނުން ވެފައި ހުރި ބަގްޒީގެ އާ ޓީޗަރަކަށް ވީ ޔޫ ޓިއުބް ގެ ވީޑިއޯ ތަކެވެ. ބޭރުގެ މޮޅު ނެށުންތަކާއި އެމީހުންގެ ސްޓައިލް ތައް ބަގްޒީގެ އެހީތެރިއަކަށް ވެގެން ދިޔަ އެވެ. އޭނާގެ ނެރުންތެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ކުރިއަރުވަމުން ނެވެ.
"ފުރަތަމަ ނެށުމުގެ ދާއިރާއަށް ވަން އިރު ބެލީ މި ދާއިރާއަށް އިންގިލާބެއް ގެނެވޭތޯ. އެކަމަކު މޮޅު ނެށުން ތެރިންނެއް އަސްލު ރާއްޖެއަކު ނެތް. އެެހެން ވީމަ ދަސްކުރަން ވަކި ދާނެ މީހަކު ނުހުރޭ. ނެޝަނަލް ލެވެލް އަށް ވެސް އަދި އިންޓަނޭޝަނަލް ލެވެލް އަށް ވެސް ބަލާލެވޭ ވަރުގެ ޑާންސް ގުރޫޕެއް ނޫނީ ޑާންސާ އެއް ނެއް. އެހެންވެ ދަސްކުރަން ޖެހުނީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން. އޭގައި މީހުން ޖައްސާ މޫވްސްތައް ބަލައިގެން އަސްލު ބޮޑަށް ނެށުން ދަސްކުރީ." ބަގްޒީ ބުންޏެވެ. "ކުރިން މިކަން ކުރީ ފުލްޓައިމް ކަމެއްގެ ގޮތުގައި. އެކަމަކު ހީކުރިވަރާ ގާތަށްވެސް އިންކަމްއެއް ނުލިބޭ."
ކޮރިއޮޓިކްސް ނެތް ކަމުގައި ވީ ނަމަވެސް ޝޯތަކުންނާއި ލަވައިގެ އިތުރުން އިސްތިހާރު ތަކުން ބަގްޒީގެ މޫނު ނުގެއްލޭނެ ކަމަށް އޭނާ ބުނެއެވެ. އޭނާގެ ވިސްނުން ހުރީ ނެށުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެ ޗާންސް ފަހި ކޮށްދީ އެކުދިންނަށް ދަސްކޮށްދީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ނެށުން ތެރިން ނެރުމަށެވެ. ރާއްޖޭގައި ހުނަރުވެރި ޒުވާނުން އެބަތިއްބެވެ. ހިތްވަރާއެކު ކުރިއަށްދާނެ އަޒުމުހުރި ނަމަ ހުނަރުވެރި ޒުވާނުންތަކެއް ނެރެވޭނެ ކަމަށް ބަގްޒީ ގަބޫލު ކުރެއެވެ.
"ވަރަށް ގިނަ ކުދިން އެބަތިބި ނަށަން ބޭނުންވާ. އެދާއިރާއިން ކުރިއަށްދާން. އެކަމަކު އެމީހުންނަށް ދަސްކޮށްދޭނެ މީހުން ނުތިބޭނީ. ދަސްކޮށްދޭ ކުލާސްތަކެއް ފަށައިގެން މިއުޅެނީ. އުންމީދަކީ ބަގްސީއަށް އިނގުނު ހުރިހާ ވައްތަރެއްގެ ނެށުން އެކުދިންނަށް ދަސްކޮށްދީ ބޭރުގައި ނަށަން ޗާންސް ލިބޭވަރު ކޮށްދިނުން. އެފެންވަރު ކުދިން ރާއްޖޭގައި އުފެއްދޭނެ ކަން ގަބޫލުކުރަން." ބަގްޒީ ބުންޏެވެ.