މީހުން

މިފަހަރު ލަތާ އެކަންޏެއް ނުވި!

އޭނާ ބުނާ ގޮތުން ހަޔާތުގެ ދުރު ހަނދާނަކީ ރަށުގައި އެކަނި އުޅެން ޖެހުނު ނިކަމެތި ދިރިއުޅުމެވެ. އަބަދުވެސް އެކަންޏެވެ. ރަށުގެ އެ ދިރިއުޅުމުން ދޫކޮށް މާލެ އައީ ފޮނި އުންމީދުތަކެއްގަ އެވެ. މާލެ އައި މީހާއަށް ޖެހުނީ އިހަށް ދަތި އެކަނި ހާލެކެވެ. މާލޭގައި އޭރު ހުރި ގޭގައި އެކަނިމާއެކަނި ކުރަން ނުޖެހޭ ކަމެއް ނޯވެ އެވެ. ގޭގައި ކައްކާ، ތެލި ތަށި ދޮވެ ހަދަނީ އޭނާ އެވެ. ގޭތެރެ ކުނިކަހާ، ފޮޅާ ސާފު ކުރުމުގެ ބުރަ މަސައްކަތް ވެސް އޮންނަނީ އޭނާއަށެވެ. އެ ހުރިހާ ބުރައަކުން ނުކުމެ އެކަނި ވެލައި ސިކުނޑިއަށް ލުއި ކަމެއް އޭނާ ހޯދާ ވަގުތުކޮޅެއް ވެސް އޮވެއެވެ. އެއީ ލަވަ ކިޔާލަން އޭނާ ހޭދަކުރާ ވަގުތުތަކެވެ. ރަށުގައި އެކަނި އުޅުނު ދުވަސްތަކުގެ އުފަލަކީ ވެސް އެއީއެވެ. މާލެ އައިސް ގުލާނު ކުރި ދުވަސްތަކުގެ އުފަލަކީ ވެސް އެއީ އެވެ. ލަވައިން އޭނާގެ އެކަނިވެރިކަން ފިލުވައިދެ އެވެ.

މިއީ ލަވަ އާއި މިއުޒިކަށް ހާއްސަ ޝައުގުވެރިކަމެއް އޮންނަ ތ. ހިރިލަންދޫ، އޮނުފީނި ގަސްދޮށުގޭ، އަބްދުﷲ ހަސަނެވެ. ދެ އަޑުން ލަވަ ކިޔާ، އަދި "ދިވެހި ލަތާ" ނަމުގައި މަޝްހޫރުވެފައިވާ ލަވަކިޔުންތެރިޔާ އެވެ. އަބްދުﷲ ވަނީ އޭނާގެ ވަރަށް ޒުވާން ދުވަސްވަރުގައި ބައެއް އަލްބަމް ތަކަށްވެސް ލަވަ ކިޔަން ފުރުސަތު ލިބި އޭގެ ބައެއް ފުރުސަތުތަކުގެ ބޭނުންވެސް ހިފާފަ އެވެ. ހަަތަރު އަލްބަމަކަށް އޭނާ ވަނީ ލަވަ ކިޔައިދީފަ އެެވެ.

"ފުރަތަމަ ރަށުގައި ލަވަކިޔަން ފެށީ އުނދޯލި އުނދޯންޔަށް އަރާ... އެންމެ ކުޑައިރު! ދެން ކުދިންތައް އަންނާނެ ވަރަށް. އަހަރެމެން ރަށަކީ [ހިރިލަންދޫ] ވަރަށް މިއުޒިކުގެ ރަށަކަށްވާތީ ޝޯތަކުގައި ލަވަކިޔަން ފުރުސަތު ފުރަތަމަ ފުރުސަތު ލިބުނީ. އެހާ ހިސާބުން ޝަައުގުވެރިކަން އުފެދުނީ،" ލަވަ ކިޔުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ލަތާ ބުންޏެވެ.

ރަށުގެ ސްޓޭޖްތަކުގައި ލަވަކިޔަމުން އައި ލަތާ ފަހުން މާލޭގައި އަލްބަމްތަކަށް ލަވަ ކިޔަން ލިބުނު ފުރުސަތުގެ ބޭނުން ކުރި އެވެ. ނަމަވެސް އެކަމުގެ އުފާވެރިކަން ވެސް އަދި އެ ފުރުސަތު ވެސް ދެމި އޮތީ އޭނާ ބުނާ ގޮތުން ދުވަސްކޮޅަކަށެވެ. އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައާ އޭނާއާ ކުރިމަތިވި އެވެ. މީހުންތަކެއް ނުކުމެ އޭނާއާ ޖައްސާލައިފި އެވެ. ހާއްސަކޮށް ލަވަކިޔާ މަޝްހޫރުކަން ހޯދި ބައެއް މީހުން އޭނާއަށް ވަރަށް ބޮޑަށް މަލާމަތްކުރި އެވެ. އަދި އެކި އަޑުތަކުން ލަވަ ކިޔާތީ އޭނާއަށް ޖޯކް ޖަހައި ލަދު ގަންނަވާލީ ކަމަށް އޭނާ ބުނެ އެވެ.

"އަސްލު އެއްވެސް ކޮޅެއްގައި ނުޖެހުނީ މަޝްހޫރު ބައެއް މީހުންގެ ނުރުހުމާ ހެދި. އެއީ ބައެއް މީހުންގެ އަޑުން ވެސް އަހަރެން އެބަ ލަވަކިޔަން. އެހެންވީމަ ވަރަށް މަލާމާތްކޮށް ހެދި ބައެއް މީހުން. އެހެންވީމަ އަލްބަމްތަަކަށް ލަވަކިޔަން ހުއްޓާލީ،" އަލްބަމްތަކަށް ލަވަކިޔުން ހުއްޓާލި ގޮތް ކިޔައިދެމުން ލަތާ ބުންޏެވެ.

ލަތާ ބުނާ ގޮތުން އޭނާއަކީ ވަރަށް ފާޑެއްގެ މީހެކެވެ. ވަރަށް ފަސޭހައިން ގޮތް ދޫކުރާ މީހެކެވެ. އެއްވެސް އިރެއްގައި މީހުނާ ޖަދަލު ކުރަން ބޭނުންވާ މީހެއް ނޫނެވެ. އަދި ބުންޏެވެ: "އަހަރެންމީ މީހުންނާ ޖަދަލު ކުރާ މީހެއް ނޫން. ދުވަހަކުވެސް އެކަމެއް ނުކުރާނަން... އަހަރެންމީ މީހުން އެހެން ބުނާ ބުނުންތަކާ ޗެލެންޖްކޮށް ކުރިއަށްދާ މީހެއް ނޫން، އަހަރެން އުޅެނީ އަހަރެންގެ ދުނިޔެއެއްގައި"

ލިބެމުންދިޔަ މަލާމާތާ ފުރައްސާރައިގެ ސަބަބުން ލަވަ ކިޔުމާ ދުރުގައި ހުރި ދުވަސްކޮޅު ބައެއް ފިލްމުތަކަށް ވެސް ލަވަކިޔަން ފުރުސަތު ލިބުނެވެ. ނަމަވެސް އިތުރަށް ކުރިޔަށް ދާން ބޭނުން ނުވުމުން އެހެން އައި ހުރިހާ ފުރުސަތެއް ލަތާ ދޫކޮށްލީ އެވެ. ފަހުން މީހުންނަށް އެނގޭ ގޮތަށް އަލުން ލަވަކިޔަން އޭރު ބޭނުން ނުވީ އެވެ. ނަމަވެސް ލަވަ ކިޔަން އޮތް ލޯތްބަށް އުނި ކަމެއް ނާދެ އެވެ. އެހެންވެ ކޮންމެވެސް ވަރެއްގެ ބްރޭކަކަށް ފަހު ބައެއް ހަފްލާތަކުގައި ލަވަކިޔަން ފެށީ އެވެ.

ލަތާގެ އެކަނިވެރި އެ ދުވަސްތައް މިހާރު މި އޮތީ މާޒީވެފަ އެވެ. އެތައް ބަޔަކު މިހާރު ތިބީ އޭނާއާ އެކުގަ އެވެ. އޭނާގެ "ލަވަ ފީނި" ޝޯއަކީ މިހާރު ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝޯއަކަށް ވެއްޖެ އެވެ. ކޮންމެ ރެއަކު ވެސް ވަރަށް ގިނަ ބަޔަކު އެ ޝޯ ބަލައެވެ. ހެޔޮ އެދުމުގެ އެތައް ސަތޭކަ ކޮމެންޓެއް ވެސް އޭނާއަށް ކުރެ އެވެ.

ލަތާގެ "ލަވަ ފީނި" ޝޯއަކީ ކޮވިޑްގެ ބަލިމަޑުކަމާއެކު އެންމެން ގޭ ބަންދަށް ދިއުމުން އެކުވެރިން އުފާ ކޮށްދިނުމުގެ ގޮތުން އޭނާ ގެނެސްދޭން ފެށި ޝޯއެކެވެ. ކުޅުދުއްފުށީގެ އެކުވެރިންތަކެއްގެ އެދިގެން އޭނާ ފެށި ފެށުމެކެވެ. އެ އެކުވެރިން އެދުނީ ފޭސްބުކުން ލައިވްކޮށް ލަތާ ލަވަތައް ކިޔަމުން ގެންދާށެވެ.

"ގޮތް ބަލާލަން އެއް ރޭ ޖެއްސީ. ދެން މީހުން ބުނަން ފަށައިފި ތިއީ ލޮކްޑައުންގައި ކުރަން ރަނގަޅު ކަމެކޭ... އޭރު ނަމެއްވެެސް ނުކިޔަން. ކޮންމެ ރެއަކު ވަކި ގަޑިއެއްގައި ލަވަ ކިޔަަނީ،"

ލަތާ ބުނިގޮތުގައި ލޮކްޑައުންގެ ކުރީކޮޅުގައި އެގޮތަށް 10 ރޭ ޝޯ ކުރިއަށް ގެންދިޔަ އެވެ. ރެއަކަށްފަހު ރެއެއް ބެލުންތެރިން އިތުރުވެ ޝޯގެ މަގުބޫލުކުރަން އިތުރުވެެގެންދިޔަ އެވެ. އެއާއެކު ފޭސްބުކް ލައިވްއަށް ހާއްސަ ނަމެއް ދިނީ އެވެ.

"ރަށުގައި އަޅުގަނޑުގެ ގެއަށް ކިޔަނީ އޮނުފީނިގަސްދޮށުގެ އެ ނަމާ އަސްލު ގުޅުވާފައި 'ލަވަފީނި' އެއޮތީ ކިޔާފައި" ލަތާ ބުންޏެވެ.

ލަތާގެ ޝޯތަކުގެ ފޯރި ގަދަވެގެން މިހާރު ކޮންމެ ރެއަކުވެސް އެ ޝޯތައް ގެނެސްދެމުން ދަނީ ސްޕޮންސާ ވެސް ކޮށްގެނެވެ. މާލެއާއި ހުޅުމާލޭގެ އެކި މާޓްތަކުން ލަވަފީނި ޝޯތައް ދަނީ ސްޕޮންސަރެ އެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކުން ވެސް ބައެއް ރޭރޭ ޝޯތައް ސްޕޮންސަރު ކުރެ އެވެ.

"އަސްލު އެއީ ވަރަށް ބޮޑު ހިތްވަރެއް. ސްޕޮންސަރުން އެދިގެން ހަފުތާގެ ހަތް ރޭވެސް އެބަ ޝޯތައް ގެނެސްދެން. އެކަން އެންމެ ފުރަތަމަ ފައްޓައިދިނީ މާފަންނު ބަތްހިއްކާގޭ އާއިލާއިން. އެއާއިލާގެ މެންބަރުން ޝޯ ފުރަތަމަ ސްޕޮންސަރު ކުރީ. އަދި އެމީހުން ސްޕޮންސަރުން ހޯދައިވެސް ދޭ. އޭގެ ފަހުން ތޮއްޑޫ ބަނޑިޔާ ގުރޫޕުން ޝޯތައް ސްޕޮންސަރު ކުރަން ފަށައިިފި. އަދި އާމީސް ކެފޭ އާއި ބައެއް މާޓްތަކުން ވެސް މިހާރު ޝޯތައް ސްޕޮންސާ ކުރޭ،"

ލަތާގެ ޝޯތައް ބަލާ އެންމެންނަށް ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވޭނެ އެއް ކަމަކީ މުޅި އެ ޝޯގައި ފޯރި ހިއްޕާ ލީޑް ކުރާ "ބަތްހިއްކާގޭ" އާއިލާ އެެވެ. ހާއްސަކޮށް އެގޭ ހަބީ އަޒީޒްގެ އިތުރުން އައިމިން އަހުމަދެވެ. މުޅި ޝޯ ކުރިއަށް ގެންދިއުމުގައި ހަބީ ދައުރު ވަރަށް ބޮޑެވެ. ޝޯ އޯގަނައިޒްކޮށް ރީތި ލަވަތައް ގެނެސްދެނީ ހަބީގެ ރިކްއެސްޓަށެވެ. އަދި "ލަވަފީނި" ޝޯ ކުރިޔަށް ގެންދަން ހިފާލާފައިވާ ގްރޫޕެއް އޮވެއެވެ. މާހިރު އާއި އަޒޫ އާއި އާއި އަހުމަދު އަބްދުލް ޣަފޫރާއި އަބްދުﷲ ރަޝީދާއި މޯޑް ހަމީދާއި ޝާމް، އިސްމާއިލް ޖެމީން، އަފްސާހް، ފަޒީ، އުންމު ކިނާން، އަބްދުލް ހަމީދު، ޝިޔާޒް، ޑެވިން ޑިއު ފަދަ ބައިވެރިންނަކީ މުޅި ޝޯގެ ރޫހަށް ވެފައި ވެއެވެ. އަދި މިޝީއަކީ ވެސް ލަތާއާ ހެދި ވަރެއް ހުންނަ ސަޕޯޓަރެކެވެ. އެކަހަލަ ބޮޑު ޖަމާއަތެއް އޮވެއެވެ.

"ބަތްހިއްކާގެ" އާއިލާއަކީ ލަތާއަށް ވަރަށް ހާއްސަ އާއިލާއެކެވެ. އެއީ އޭނާ އެތައް ދުވަހެއް ވަންދެން ދިރިއުޅުނު ގެއެކެވެ. އަދި ލަތާއަށް އޭނާގެ ޓެލެންޓް ދައްކާލަން އެންމެ ބޮޑަށް ހިތްވަރު ދިނީ އެ އާއިލާގެ މެންބަރުންނެވެ. އަދި އޭނާއަށް އޯގާތެރިކަމާ ލޯބި އެންމެ ފުރަތަމަ ލިބުނީވެސް އޭނާ ބުނާ ގޮތުން އެ އާއިލާގެ ތެރެއިންނެވެ.

"އެކަކު މިހާރު ވަރަށް ގިނަ އެކުވެރިންތަކެއް އުފެއްދިއްޖެ މި ޝޯގެ ތެރެއިން،" ލަތާ ބުންޏެވެ.

ލަތާއާ އާއި އޭނާގެ "ލަވަފީނި" ޝޯއާ ބެހޭ ގޮތުން ހަބީ އަޒީޒް ވެސް ވަނީ ކޮމެންޓްކޮށްފަ އެވެ: "އޭނަ ކުރިން އުޅުނީ ހަބީގެ މާމަމެން ގޭގައި. އެ ގޭގައި އުޅުނުއިރު ރަހުމަތްތެރިވި، އެ ގާތްކަން އޭރުންސުރެ ފަހުން ވެސް އޮވޭ،"

ހަބީ ބުނި ގޮތުގައި ލަތާއާ ބައްދަލު ނުވާތާ ދުވަސްތަކެއް ފަހުން އޭނާގެ ޝޯއެއް ފޭސްބުކުން ފެނުމުން އެ ޝޯ މަޝްހޫރު ކޮށްދޭން "ބަތްހިއްކާގޭ" އާއިލާއިން ބޭނުންވީ އެވެ. އެހެންވެ އެ ޝޯ ސްޕޮންސާ ވެސް ކުރަން ފަށައި ސްޕޮންސަރުން ހޯދައި ދެނީ އެވެ. މިހާރު ހަބީ އިސްވެ ލަވަފީނި ޝޯގެ އެކުވެރިންގެ ވައިބާ ގްރޫޕެއްވެސް އޮވެ އެވެ. އެ ގުރޫޕް މެދުވެރިކޮށް ކޮންމެ ރެއަކު ކިޔާނެ ރީތި ލަވަތަކުގެ ލިސްޓެއް ވެސް ހަދައެވެ. އަދި އެކި ފަރާތްތަކަށް ލަވަ ހާއްސަ ކުރެއެވެ. އަދި ގެޓްޓްގެދާތައް ވެސް ރާވަ އެވެ.

"ބޭނުންވަނީ ވަރަށް އޮގަނައިޒް ޝޯއެއްގެ ގޮތުގައި އެ ޝޯ ފެނުން. އަބްދުﷲ އަށް [ލަތާއަށް] ހިތްވަރުދީ އޭނާގެ ޓެލެންޓް ކުރިއެރުވުން، އޭނާ ބާކީކޮށް ނުލުން،" ހަބީ ބުންޏެވެ.

ކޮންމެ ރެއެއްގެ ޝޯ ފެށުމުން އެންމެ ފުރަތަމަ ގުޅަނީ ވެސް ހަބީ އެެވެ. ޝޯތެރެއިން ތަކުރާރުކޮށް އެތައް ފަހަރަކު ވެސް އޭނާ ގުޅައެވެ. ޝޯ ބަލަމުންދާ އެކި މީހުންނަށް ލަވަ ހާއްސަކޮށް ޝޯ ބަލާ މީހުންގެ މެދުގައި ގުޅުން ވަރުގަދަ ކޮށް އެކުވެރިކަން އާލާ ކޮށްދެ އެވެ.

ލަތާ މަސައްކަތް ކުރަނީ ބ އަތޮޅުގައި ޔުނިވާސަލްއިން ހިންގާ މިލައިދޫ ރިސޯޓްގަ އެވެ. އޭނާއަކީ ރިސޯޓްގެ މުވައްޒިފުންނަށް ކައްކައިދޭ ޝެފެކެވެ. އޭނާގެ ޝޯ ކުރިއަށް ގެންދަން ރިސޯޓްގެ މެނޭޖްމަންޓާއި ހުރިހާ ސްޓާފުން ވެސް އެހީތެރި ވެދެ އެވެ.

"ރިސޯޓުން ވެސް ވަރަށް އެއްބާރުލުން ދޭ. މިރަށުގެ [މިލައިދޫ] ޖެނެރަލް މެނޭޖަރު ވަރަށް ރަނގަޅު. އެ ބޭފުޅާ ވިދާޅުވެފައި އަބަދުވެސް އޮވޭ ބޭނުން ކަމެއް ބުނަން. އަދި އެކަމެއް ފަހިކޮށް ދޭނެ ކަމަށް އެއީ ވަރަށް އޯގާތެރި ބޭފުޅެއް. އަދި މުޅި ޔުނިވާސަލް ކޮމްޕެނީގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ކޮވިޑްގެ ބަލިމަޑުކަމުގައި އެއްވެސް މުވައްޒިފަކު ވަކިނުކޮށް މުވައްޒިފުންގެ މުސާރަ ވެސް ޔުނިވާސަލްއިން ދެމުންދާކަން ފާހަގަކޮށް ލަތާ ބުންޏެވެ.

މިވަގުތު ރިސޯޓް ބަންދުކޮށްފައި އޮތުމުން ޝޯތައް ގެނެސް ދިނުމުގައި ލަތާއަށް ވަރަށް ފަސޭހަ އެވެ. ނަމަވެސް ރިސޯޓް ހުޅުވުމާއެކު ބައެއް ދަތިތައް ދިމާވާނެތީ އޭނާ ފުރަތަމަ ވަރަށް ކަންބޮޑުވި އެވެ. އެކަމަކު މެނޭޖްމަންޓުން އޮތީ އޭނާގެ "ލަވަފީނި" ޝޯ ހުއްޓުވާ ގޮތަކަށް ނޫނެވެ. ރިސޯޓްގައި އެ ޝޯއަށް ހާއްސަކޮށް ހާއްސަ ނެއް ހަދައިދިނުމަށް ވެސް މެނޭޖުްމެންޓް އޮތީ ތައްޔާރަށެވެ.

މިވަގުތު ވެސް "ލަވަފީނީ" ޝޯ ގެނެސްދިނުމަށް ރަނގަޅު ސްޓޫޑިއޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާގެ އުންމީދަކީ ހުއްޓާނުލާ ފޭސްބުކް ލައިވް ޝޯ ކުރިއަށް ގެންދިއުމެވެ.

"ވިސްނާފައި އޮތީ ފޭސްބުކް ޗެނަލްއެއްގެ ގޮތުގައި 'ލަވަފީނި ޝޯ' ގެންދިއުން. ފެންވަރު ރަނގަޅު ޝޯއެއްގެ ގޮތުގައި އެ ޝޯ ކުރިއަށް ގެންދިއުން. ރީތި ސަޅި ސްޓޫޑިއޯއެއްގައި،" އޭނާ ބުންޏެވެ.

"ލަވަފީނި" ޝޯ ކުރިއަށް ގެންދަން ނިންމާފައި އޮންނަނީ ހަފުތާއަކު ދެ ރެއެވެ. އެއީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރެއެވެ. ނަމަވެސް ސްޕޮންސަރުން ލިބޭތީ ހަފުތާގެ ހަތް ރޭ ޝޯތައް ކުރިއަށް ދެއެވެ. މިހާރު ކޮންމެ ރެއަކުހެން ސްޕޮންސަރުން ލިބޭތީ ޝޯތައް ކޮންމެ ރެއަކުވެސް އޮވެ އެވެ.

އޭނާގެ ޝޯތަކެއް ފެށުނުނަމަ ވެސް އޭނާ އަލުން ކުރިޔަށް ނެރެދޭން އެހީތެރިވެދިން އެންމެންގެ މަތިން އޭނާ ހަނދާން ކުރެއެވެ. ހާއްސަކޮށް ލަތާގެ ގޮތުގައި އޭނާ މަޝްހޫރުކޮށް ދިން ރަމީޒުބެ އޭނާ އަބަދުވެސް ހަނދާން ހުރެ އެވެ.

"ރަމީޒު އެއީ އެއްވަނައިގެ މީހެއް. އަހަރެން މަޝްހޫރުކުރަން އެންމެ ބޮޑު ރޯލެއް އަދާކުރި ބޭފުޅާ އެއީ. އެއީ ބުނާ ބަހުގެ އިތުބާރު އޮންނަ ވަރަށް ވަފާތެރި ތެދުވެރި މީހެއް. އެކަހަލަ މީހަކު ދޫކޮށްލާނީ ކިހިނެއް،" ލަތާ ބުންޏެވެ.

މީގެ އިތުުރުން ލަތާގެ ނަން އޭނާއަށް ދިން ސްޓެޕިން އައްޔަ އާއި އޭނާ ކުރިން ވަޒީފާ އަދާކުރި އަންސާނާ އިހުރު ރިސޯޓްގެ ހުރިހާ މުވައްޒިފުންނަށް ވެސް އޭނާގެ ހިތުގައި ހާއްސަ ޝުކުރެއް އެބަ އޮތެވެ. ނަަމަވެސް މިވަގުތު އެންމެ ބޮޑު ޝުކުރެއް އޮތީ "ލަވަފީނި" ޝޯގެ ބެލުންތެރިންނަށެވެ. އޭނާއަށްދޭ ސަޕޯޓަށްޓަކައެވެ. ކޮންމެ ރެއަކު ފޫހިކަމެއްނެތި ޝޯ ބަލަމުންދާތީއެވެ. ޝޯ މަގުބޫލް ކުރުމަށް ކުރަމުންދާ މަސައްކަތުން އޭނާގެ އެކަނިވެރިކަން ފިލައިފި އެވެ.