ހަނދުވަރު ކުރަފިތަކެއްހެން ވިލިމާލޭގެ މަގުތަކުގައި ލައިނުގަނެގެން އުޅޭ ފުރާވަރުގެ ކުދިން ނިދާ މަރުވީ އެވެ؛ ދުވާލު ހަތަރު ދަމު އެތަކެއް ސަތޭކަ މީހުން އެރި ބަކަތަޅާ މޫދުގައި ދިޔަވަރު ނެތުމާއި ވައި ހިނދިފައި އޮތުމުން ތޯއްޗެކެވެ. މާހައުލު ރުލަކަށް ދެމިލާފައި ވަނީ އަފްނޯސް ކައްޓެއް ވައްޓަލިޔަސް ސިހުން ލިބޭ ވަރަށެވެ.
މިހާރު ބާރަ ޖަހައިފާނެ! އެހެން ހިތަށް އެރުމާއެކު ލިއާ ހުއްޓުނެވެ. "ވައިޓް ވޯޓާ ސްޕޯޓްސް" ގެ ކުރިމައްޗަށެވެ. ވަގުތު ވަޒަން ކޮށްލަން ބޭނުންވެފައި ހުރި ވަރުން އަތް އުފުލާލި އެވެ.
ނުވެސް ފެެނޭ! އަތުގައި އޮތީ އަކުރުތައް ދިއްލޭ ގަޑިއެއް ނޫންކަން ވިސްނުނީ އަދި ކިރިޔާ އެވެ.
ފަތެއް ވެސް ހަލުވައި ނުލައި ހުރި ދިއްގާ ގަސްތައް ދޮށުން، ދެވެލި ބެދޭ ފަށަށް ދާން ލިއާ ހިނގައިގަތީ މޮބައިލް ފޯނުން ގަޑި ބަލައިލާފަ އެވެ.
ލިއާ އުޑާދިމާއަށް ބަލައިލި އެވެ. މުޅިން ކަޅުފަރުދާ އެކެވެ. ކަޅި އުކައިލި އެވެ. ހައެއްކަ ތަރި މާ ނޫން ގޮތަކަށް ފިޔަ ޖަހާލާހެން ހީވެއެވެ. ވިދުމުގައި ތޫނު ކަމެއް ނެތެވެ. ދުރު ބަލައިލި އެވެ. ލޮނުގަނޑު މަތިން ރޮނގަކަށް ދަމާލާފައިވާ އަލިގަނޑެއް ހެން މާލެ އޮތެވެ.
އިރުކޮޅެކެވެ؛ ފަޒާގެ ތެރެއިން ހީވީ ފަޓާސްތަކެއް ތަޅައިގަތްހެނެވެ. އަލިފާން ކަނިތައް އޮހިގަތެވެ. އަލި ކީލިތަކެއް ފަޅި ސިކުންތަކަށް އުދުހިގަތެވެ. ކުލަކުލައިން އަނދާހުލިވަމުން ދިޔަ އަލިފާން ނަގުލެއް ރޮނގަކަށް ސޮހިގެން ގޮސް ގަސްތަކުގެ ތެރެއަށް ހިނދުނެވެ. މާ މަތިން ހީވީ ޓިނުތަކެއް ތަޅުވައި ގަތްހެނެވެ.
ހިނގަން ފެށި އެވެ. ރެއެއްގެ މިހާ ދަންވަރު ލިއާ ކަނޑު ހުރަސްކޮށް މާލެދާން އެ އުޅެނީ ކީއްވެ ހެއްޔެވެ؟
ކުރު ދަތުރަކަށްފަހު މާލެއަށް ފޭބުމާއެކު ލިއާ، ލޮލުން ހިލެމުން ދިޔަ ކަރުނަތައް ފޮހެލާފައި ދުރު ބަލައިލި އެވެ. މި އޮއް ދަންވަރު ހިނގާފައި ހެންވޭރު ކޮޅަށްދާނެ ހިތްވަރެއް ނެތެވެ. ނުދެވޭނެ އެވެ. ދެން ބަލައިލިއިރު ހުރިހާ ޓެކްސީ އެއް އިރުކޮޅަކަށް ހުސް ވެއްޖެ އެވެ.
***
ލިއާ ވަށައިގެން ހޯދާލި އެވެ. ޓާމިނަލް ކައިރީ އޮންނަ ހުސްބިމުގައި ޓެކްސީ އެއް އޮތެވެ. ހުރިހާ ދޮރެއް ހުޅުވާލާފައިވާ ހުދު ކުލައިގެ ކާރުގެ ޑިކީ މަތީގައި ކިޓު ފުޅިތައް އަތުރާފައި ހުއްޓަސް ކައިރީގައި ހުރި ޒުވާނާ ކާރު ސާފު ކުރާކަށް ނޫޅެ އެވެ. ވަށައިގެން ފަރި ބަލަމުން ގޮސް އުޅާހަކަށް ދެމިލި އެވެ. ތަންތަން ކޮޅުން ރަންކުލަ ޖައްސާފައިވާ ފަން އިސްތަށިގަނޑު ދެ އަތުން އޮމާން ކޮށްލި އެވެ. ފަޓުލޫނު މަތިން ބަނޑާ ދިމާއަށް ވާ ގޮތަށް އިނިގިލި އަޅުވާލުމަށްފަހު ކާރުގައި ލެނިގިލި އެވެ. އެކަމަކު އެހެރީ މަތިން އެއްޗެއް ވެސް ނުލަ އެވެ. މަތިން އެއްޗެއް ނުލައި ހުރުމުން ލޯލި ނެތް ހަށިގަނޑު ފިސާރި ރީތިކޮށް ފެނެ އެވެ. ލިއާ އަނެއްކާ ވެސް ލޯ ފޮހެލި އެވެ. ސިއްރުން ބަލައިލި އެވެ. ހީވި އެވެ. އެއީ ދަންނަ މީހެކެވެ.
އި... އިސާކް! ނަން ހަނދާން ވޭތޯ ލިއާ މަސައްކަތް ކުރި އެވެ. ޒުވާނާ ބަލަހައްޓައިގެން ހުރީ ލިއާގެ މޫނަށެވެ. އެއީ ހަރުދަނާ ލޮލެކެވެ. ލިއާ އަނެއް ފަރާތަށް އެނބުރުނެވެ.
އެއީ ހަމަ އިސާކް ހެއްޔެވެ؟ ޓެކްސީ ޑްރައިވަރަކަށް އުޅެފާޏެ ހެއްޔެވެ؟ ނުވެސް ގުޅެ އެވެ. ހަނދާންވި އެވެ. މީގެ ހައެއްކަ މަސް ކުރިން ފުވައްމުލަކުން ދިމާވި ޒުވާނާ އާ ހާދަ ވައްތަރެވެ. އެހެން ވެދާނެ ހެއްޔެވެ؟ ފުވައްމުލަކު ކިރުގަހުގައި ލެނގިލައިގެން ހުރި ޒުވާނާ އެވެ. ފަހުން ބައިސްކަލުގެ ހަން ފަޅައިގެން ދިއުމުން ފުނާޑުން ދަޑިމަގަށް ސައިކަލުގައި ގެންގޮސް އިން ޒުވާނާ އެވެ. އެއީ ހަމަ އިސާކެވެ. މިހާރު ވެސް އެހުރީ އެ ގޮތަށެވެ. މަތި ނިވާ ނުކޮށެވެ. ހާދަ ރީއްޗެވެ.
"އިސާކް!" ކުއްލިއަކަށް ފެނުނީ ޓެކްސީގައި އައިސް ލިއާގެ ކުރިމައްޗަށް އޮސާކް މަޑުކޮށްލި ތަނެވެ. ފޮނި ގޮތަކަށް ބިއްލޫރިގަނޑު ކަހާލި ތަނެވެ.
"ލިއާ! ކެބަކަށް މަޑުކުރަނީތަ؟ އަވަހަށް އަރާ. ތިހެން ހުއްޓާ ދެ ފައިތިލަ އައްސި ވެދާނެ،" ލިއާ ބަލައިލި އެވެ. އިސާކް މިހާރު އިނީ ހުދުކުލައިގެ ޓީޝާތަކުން ރީތި ހަށިގަނޑު ނިވާ ކޮށްލައިގެނެވެ.
"ކޮބާ ނާވީ؟!" ލިއާ ޓެކްސީއަށް އެރުމުން އިސާކް ކުރި ސުވާލާއެކު ލިއާ އަށް ހީވީ ނާރުތަކުގެ ތެރެއަށް ވިންދުގެ ރާޅެއް ޖެހި ހެނެވެ.
އިސާކަށް ނާވީ އެނގޭތަ؟ ލިއާ ހިތަށް އެރި އެވެ. ހިނިތުންވާން މަސައްކަތް ކުރަމުން މޫނު ފޮރުވި އެވެ. ކާރުގެ ޑޭޝްބޯޑު މަތީ އިން ލޯގަނޑުން އިސާކު ބަލާތީ އެވެ.
ތިހެން ހުއްޓާ ދެފައިތިލަ އައްސި ވެދާނެ... ކޮބާ ނާވީ؟! ލިއާއަށް ޖަވާބު ދެވޭ ވަރެއް ނުވި އެވެ. ދުރު ހަނދާނެއް އާވުމާއެކު ޖެހިލުންވި އެވެ. ލަދުވަތި ކަމެއް އިހުސާސް ކުރެވުނެވެ. އަނެއްކާވެސް އެ ހިޔާލުގެ ތެރެއަށް ގެނބުނެވެ:
"ތިހިރީ ދެރެވެފަތަ؟ ވަރަށް ބޮޑަށް ދެރަވޭތަ؟" ފުވައްމުލަކު ދޮންވެލި ތުނޑިމަތީގައި ހުރެ ލިއާ ސުވާލު ކުރަމުން ދާ ވަރަކަށް އިސާކް ބޯ ހަލުވައިލަ އެވެ.
"ކީއްވެ؟" ލިއާ ސުވާލު ކުރި އެވެ.
"އަގު ބޮޑު އެއްޗެއް ގެއްލޭތީ..."
"އެހެންތަ؟ އަގު ބޮޑުތަ؟"
"އާނ، ތީ ސްޓޯން އެއް. ޕްރެޝިއަސް ސްޓޯން އެއް."
"ތިބުނީ އަހަންނަކީ ހިލަގަނޑެކޭ..."
ރީތި ތުނޑިމަތިން އޮމާން ފަތިފަތި ގަލެއް ނެގުމަށް ފަހު އިސާކް ލިއާ އަށް ދައްކާލި އެވެ.
"މީ ވަރަށް އަގުބޮޑު ގަލެއް... ރާއްޖޭގެ މި ނޫން ތަނަކަށް މި ކަހަކަލަ ގަލެއް ނުލައްގާނެ. މިއީ ބީއްސާވެލި... އަހަރެން މި ބުނީ ލިއާ ތީ ވަރަށް ނާދިރު، ވަރަށް އަގުހުރި ޖަވާހިރެކޭ... ގެއްލޭތީ ދެރަވެއޭ." އަލުއްވެއްގެ ބައްޓަމަށް އޮތް ހިރަފުސް ކުލައިގެ ގާ އިސާކް ލިއާއަށް ދިއްކޮށްލި އެވެ. ލިއާ އެ ގަލުގައި ތުންފަތް ޖައްސާލުމަށްފަހު ހިނިތުން ވެލި އެވެ.
"ތި ކުރީ ވައުދެއްތަ؟"
"އާނ... މީ އަހަރެމެން ވީ ވައުދުތަކުގެ ހަނދާނެއް... ވަރަށް އަވަހަށް އާދެވޭނެ!" ލިއާ ބުންޏެވެ.
"މި އޮތީ ގެއަށް އާދެވިފަ!" ފަހަތު ސީޓުގައި އިނދެ ސިކުނޑި ރޫ ޖައްސަމުން ދިޔަ ލިއާގެ ހިޔާލީ ދުނިޔެ ފުނޑުފުނޑު ވެގެން ބޮލަށް ފޭބި އެވެ.
ޓެކްސީން ފޭބުމުގެ ކުރިން ސިއްރުސިއްރުން އިސާކްގެ މޫނަށް ބަލައިލި އެވެ. ހީލި އެވެ؛ އިސާކް އިނީ ރުޅި އައިސްފަ އެވެ. ލޮލުގައި ރަތްކަމެއް ހުއްޓެވެ. ދޮރު ހުޅުވާލުމާއެކު ލިއާ ދުއްވައިގަތެވެ. އާދައިގެ ގޮތަށް ހުރި ގޭތެރެއަށް ވަނީ ކެބް ފެއާ ދޭން ހަނދާން ނުވި ތާނގައި ޝުކުރިއްޔާއޭ ވެސް ބުނެ ނުލަ އެވެ.
"ކިހިނެއްތަ ވީ؟ ނާވީއަށް ކަމެއްވީތަ؟ އެގޭ މީހުން އެއްޗެއް ބުނީތަ؟" ލިއާ ގެއަށް ވަދެ މަންމަގެ ގައިގައި އޮޅުލައިގަތުމުން ޒުލޭހާގެ ސުވާލުތައް އޮއްސާލި އެވެ. ހީވީ އެއް ނޭވާއިން ސުމަކުން ނުވަޔަކަށް އިނގިލި ބިނދެލި ހެނެވެ.
"މަންމާ! މިހާރު ކިތަންމެ ދުވަހެއް...!"
"ކޯންޗެއް، ކޮން ކަމެއްތަ؟" ލިއާގެ ބުރަކަށީގައި ޒުލޭހާ ފިރުމައިދެމުން ދިޔަ އެވެ.
"މަންމާ... ނާވީގެ ބައްޕަ ބެހެނީ... ކޮންމެ ރެއަކު އަހަންނާ ގާތްވާން އުޅެނީ... ނާވީއަށް އެނގިއްޖެއްޔާ... މަންމާ!" ލިއާ ގިސްލާފައި ރޮމުން ދިޔަ އެވެ. ޒުލޭހާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ލިއާ، ޒުލޭހާގެ އުނގުގައި ބޯ އަޅާލި އެވެ. ހިތު ޖެހޭ ކޮންމެ ފަހަރަކު ހަށިގަނޑު އެކަށް އުފުލައިލަ އެވެ.
"ދަރިފުޅާ، ތި ބުނަނީ ހަމަ ތެދު ވާހަކައެއްތަ؟ އެކަމަކު ނާވީގެ ބައްޕަ ޒަކީ އުޅެނީ ދަރިފުޅު ދެކެ ވަރަށް ލޯބިން..."
"ނޫން މަންމާ! އެއީ ވަރަށް ގޯސް މީހެއް. ނުބައި... ވަރަށް ގޮތްކުޑަ މީހެއް!" ލިއާގެ އަޑު ބެދުނެވެ.
ޒުލޭހާގެ ލޮލުންވެސް ކަރުނަ ހިލުވައިލި އެވެ. ދަރިފުޅު ރޯއިރު މައި ލަގޮނޑިއަށް ކެތެއް ނުވާނެ އެވެ. ދިމާވެގެން މި އުޅެނީ ނުރޮވޭވަރުގެ ކަމަކާ ހެއްޔެވެ؟ މައެއްގެ ހިތަށް ހާދަ އަސަރެއް ކުރާނެ އެވެ.
***
އެނދުމަތީގައި ލޯ މަރާލައިގެން އޮވެ ދޫކުރެވުނު ހޫނު ނޭވާތަކަަށް ފަހު ލިއާ އަށް ލޯ ހުޅުވާލާނެ ފުރުސަތު ލިބުނެވެ. ލަދުގެންފައި ހުރިވަރުން ނިވާވެލުމަށްޓަކައި މޭމަތީގައި ބާލީސް ޖެއްސި އެވެ. ދެފައި ކުރުކޮށްލި އެވެ. ބާރަށް ރޮވެން ފެށި އެވެ.
"ކޮންމެ ތާކަށް އަޔަސް އަންނާނަމޭ ބުނީމެއްނު؟" އަތަށް ގުޅަ ކޮށްލާފައިވާ ގަމީސް، ކަނދުރާ އާއި ބަނޑުގެ ގަޅި މަސްތަކުން ހިލިފައިވާ އޮށްދާތަކުގައި ޒަކީ ކާތަމުން ދިޔަ އެވެ. ހެވިފައި ހުރެގެނެވެ.
"ބައްޕާ... ނާވީ ގާތުގަ އަހަރެން ބުނާނަން!"
"ބައްޕާއޭ... ތިހެން ނުކިޔާ... ނާވީ ގާތު ބުނެގެން ކުރާނެ ފައިދާއެއް ނެތް. ގަބޫލެއް ނުކުރާނެ. ބަދަލުގައި ފަލީހަތްވެ ބާކީ ވާނީ ލިއާ! މިހާރު ތިއުޅޭ އަރާމު ދިރިއުޅުން ލިއާއަށް ގެއްލޭނެ. ނާވީ ލިއާ އާ ކައިވެނި ކުރުވީ އަހަރެން ލިއާ ބޭނުންވާތީ އަހަރެންގެ އުފަލަށް. ނާވީ އަޔަސް އަހަރެން ބޭނުން އިރަކު މި އަރާމު ލިބިގަންނާނަން... ނާވީ ކަލޭ ދެކެ ލޯތްބެއް ނުވޭ. ކައިވެނި ކުރީ ކަލޭގެ މަންމަގެ އެދުމަކަށް. ނާވީ އުޅެނީ ވަރަށް އަވަހަށް އެހެން މީހަކާ އިންނަން. ތި ކައިވެންޏަށްފަހު ހަފްތާއެއް ނުވަނީސް ފުރައިގެން ދިޔައީވެސް އެހެންވެ... މިހާރު ލިއާ ތީނީ އަހަރެންގެ ދަރިއަކަށް ބަލިވެ!؟" ކުއްލިއަކަށް ޒަކީ އަތް އެއްލި އެވެ. މޭމަތީގައި ޖައްސާލައިގެން އިން ބާލީސް ދަމައިގަތުމުން ލިއާ ފުންމައިގެން ތެދުވި އެވެ.
"މަންމާ!" އަޑު ބޭރުވި އިރު ލިއާ ހުރީ ކޮޅަށެވެ. އެއްވެސް މީހަކު ނެތެވެ. ދާހިއްލާ ފޯވެފައި ހުރެވުނީ ހުވަފެނެއް ފެނިގެނެވެ. އެކަމަކު ލިއާ އެހުރީ ކޮން ހާލަތެއްގައި ހެއްޔެވެ؟
"ލިއާ!" ކުއްލިއަކަށް ޒުލޭހާ ވަނެވެ. ލިއާގެ ހަށިގަނޑު ނިވާ ކޮށްލުމަށް ގައިގައި ތުވާއްޔެއް އޮޅާލި އެވެ.
"ކޮބާ ދަރިފުޅު ލައިގެން އޮތް ހެދުން!"
"މަންމާ..." ލިއާ، ޒުލޭހާގެ ކޮންޑުގައި ބޯ އަޅާލި އެވެ. ރޯން ފެށި އެވެ. ބިރުގެންފައި ހުރިވަރުން ތުރުތުރުލަނީ އެވެ. އެނދުމަތީގައި ބޭއްވުމާއެކު ބަނޑުގައި ދެ އަތް އަޅައިގެން އޮވެ ލޯ މަރާލި އެވެ. އެސްފިޔަތަކުގެ ތެރޭން ކަރުނަ ފޭދި، ކޯތާފަތް މައްޗަށް ފަހަރަކު ތިއްކެއް ސޮއްސައިލަ އެވެ.
މަގަތުގައި އިނދެ ޒުލޭހާ ފިރުމަން ފެށުމާއެކު ލިއާ ލޯ ހުޅުވާލި އެވެ. އޮވެވުނީ ނާވީއާ މެރީކޮށްގެން ދިއުމުގެ ކުރިން އޭނާ އުޅުނު ކޮޓަރީގަ އެވެ. ކިތަންމެ އާދައިގެ ނަމަވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. ހަމަ އެ ބާލީސްތަކެވެ. ދުރުގައި އެހުރީ އޭރު ބޭނުން ކުރި ސެންޓުފުޅިތަކެވެ. ނިދާފައި އެ ތިބީ ކުރިން ކިޔާ އުޅުނު ހެރަލްޑް ރޮބިންސްގެ ވާހަކަ ފޮތްތަކެވެ. އެއްވެސް އެއްޗަކަށް ބަދަލެއް ނާދެ އެވެ. ބަދަލެއް އައީ ލިއާ އަށެވެ.
ނާވީ... އިސާކް! ފުރަތަމަ ހަދާންވީ ނާވީ މަތިންނެވެ. އިސާކް މަތިން ހަނދާން ވުމާއެކު ލޯ މަރާލި އެވެ. ލިއާގެ ހިތުން އިސާކްގެ ނަން ފޮހެވުނީ ކީއްވެ ހެއްޔެވެ؟
އިސާކާ މެރީ ކުރެވުނު ނަމަ މިހެން ނުވީސް ކަންނޭނގެ! ލިއާ ލޯ މަރާލުމާއެކު ހިޔާލުތައް ހިތަށް ވެރިވެގަތެވެ. ލޯ ހުޅުވާލި ވަގުތު ފެންލައިޓާ ދިމާ ބޭރުން ހަވާ ތަކެއްހެން ދިލެމުން ނިވެމުން ދިޔަ އަލިތަކެއް ވެސް ފެނިގެއްލިދިޔަ އެވެ.
***
ވިލިމާލެ ދޫކޮށް މާލެ އައިތާ އައްދުވަސް ހަމަވީ އެވެ؛ ނުވަ ވަނަ ދުވަހު ހަވީރު ފިނީގައި ލިއާ ވިލިމާލެއަށް ދިޔަ އެވެ. ނާވީގެ ގޭގައި ހުރި ބައެއް ތަކެތި ބަލަ އެވެ.
ދެވަނަ ބުރީގައި ހުރި ކޮޓަރިން ކޮތަޅަކަށް އެތިކޮޅު އަޅާލައިގެން ލިއާ ހަލުއިކޮށް ފައިބަމުން ދިޔައިރު ޒަކީ އައިސް ގޭތެރެއަށް ވަންނަނީ އެވެ. ފާޑަކަށް ބަލައިލުމުން ލިއާ އަށް ހީވީ އޭނާގެ ހަށިގަނޑުގައި ހަރުފައެއް އޮޅާލި ހެނެވެ. ލަދު ގަތެވެ. ރުޅި ގަދަވި އެވެ. އަވަސް އަވަހަށް ހިނގައިގަތެވެ.
"ލިއާ!" ލިއާ އަށް ހީވީ ފައި ދަށުން ބިންގަނޑަށް ލޮޅުންއެރިހެނެވެ. އެއީ ނާވީގެ ބައްޕަގެ އަޑެވެ. ހިނގުން ބާރު ކޮށްލި އެވެ.
"ލިއާ...ލިއާ، އޭތް!" ލިއާ ހުއްޓުނެވެ. ކީއްކުރަން އަހަރެން ހުއްޓުވަން ތި އުޅެނީ! ލިއާ ހީކުރީ ނާވީގެ ބައްޕަ އޭނާގެ ފަހަތުން އަންނަނީ ކަމަށެވެ. އެކަމަކު ޖެހުނީ ހައިރާން ވާށެވެ. މަރުވާން ފަށާފައިވާ ދިއްގާ ގަހެއްގައި ލެނގިލައިގެން ހުރީ އިސާކް އެވެ. ބޮޅުބޮޅަށް ދުން އަރުވަމުން ސިނގިރޭޓެއް ބޮނީ އެވެ.
"އިސާކް! މި ތާ ކީއްކުރަނީ؟ ދަތުރަކު އައީތަ؟" ލިއާ، ކޮތަޅު ފުރަގަހަށް ލި އެވެ.
"އެކަނިތަ؟ ކޮބާ ނާވީ؟" ޖަވާބެއް ނުދީ އިސާކު ވެސް ކުރީ ސުވާލެކެވެ.
"ކީއްވެ ރޭގަ ގެ އަށް ނުވަނީ؟" ބުނާނެ އެއްޗެއް ނޭނގުމުން ލިއާ ބުންޏެވެ.
"އަހަރެން އިނީ ސިނގިރޭޓެއް ބޯން... އަލިފާން ފޮއްޓެއްގެ ތެރެއަށް އަލިފާން ހިފައިގެން ވަދެވޭތަ؟ އޭރުން ހުޅެއްނު ރޯ ވާނީ؟!" ހުލި ނުކޮށް ވައްޓާލި ސިނގިރެޓު ބުރިއަށް ފައިން އަރަމުން އިސާކް ހީނލި އެވެ. ލިއާ ވިސްނާލި އެވެ. އިސާކް ދައްކާ ވާހަކަ ދިމާނުވާތީ އެވެ.
ޓެކްސީ ތެރެއިން ރޭގަ ދުވީ މީރު ވަހެއް... އިސާކް ސްމޯކް ކުރިތަނެއް ނުދެކެން! ތެދެއް ތިބުނީ އިސާކް ގެއަށް ނުވަތްކަން ނަސީބެއް. ވަން ނަމަ ރޭގަ ރޯވި ހުޅުގަނޑު ފަޅައިގެން ދިޔައީސް! ލިއާގެ ހިތަށް އެރި އެވެ. ދައްކާނެ ވާހަކަ އެއް ނެތުމުން އެހެން ނުބުނެވުނީ ކިރިޔާ އެވެ.
"ދެން ނުދާނަންތަ؟"
"ކޮން ގެއަކަށް؟ މި ގެއަށް ތަ؟ އެ ގެއަށް ތަ؟" އިސާކް އެހި އެވެ.
"އެ ގެ އަށް! އަންނައްޗޭ... ދެން ދަނީ. މާ ލަސްވެއްޖެ،" ހީނލުމަށްފަހު ލިއާ ހިނގަމުން ދިޔައިރު ހިތުގައި ވިކަމުން ދިޔައީ އިސާކްގެ ހިޔާލެވެ. ކަނޑު ހުރަސްކޮށް ގެ އަށް ދެވުމާ ހަމައަށް އެ ހިޔާލުތައް ދުއްޕާން ކުރި އެވެ.
ކުށަކައި ނުލައި އަހަންނަށް އިސާކް ދޫކޮށްލެވުނީ ކީއްވެގެން؟ ކޮޓަރި އަށް ވަދެ އެނދު މައްޗަށް ކޮތަޅު ދޫކޮށްލުމާއެކު ލިއާގެ ހިތަށް އެރި އެވެ. ލިއާ އޯކަށް ދެމެން ފެށީ ވެސް އެހިނދު އެވެ. ހޯސްލާފައި ހޮޑު ފައިބައިގަތުމުން ބިރު ގަތެވެ. ހިތަށް އަރަމުން ދިޔަ އެވެ:
މިހާރު ތިނީ އަހަރެންގެ ދަރިއަކަށް ބަލިވެ!؟
ހުވަފެނުގައި ނާވީގެ ބައްޕަ ބުނި އެ ބަސްތައް ލިއާ އަށް އަނިޔާ ދެމުން ދިޔަ އެވެ. ތުރުތުރަކާއެކު ހަށިގަނޑު ކަތި އަޅާލި އެވެ. އަރިއަރި އަށް ދާ ގޮތުން ހީވާން އުޅުނީ ގުޑި އެއް ވައިގެ ތެރޭގައި ކައްޗާ ދާ ހެނެވެ. ދެވަނަ ފަހަރު އޯކަށް ދެމެން ފެށުމާއެކު މޫނު މައްޗަށް އަނދިރިވެ، ކޮކާ ބުރަން ފެށި އެވެ.
ރޭވެ އިރާދަން ފަސްވެއްޖެ އެވެ؛ ލިއާ ބިރުގަންނަނީ އެވެ. މަންމަ އޮތީ ނިދާފަ އެވެ.
ނާވީ މަކަރުވެރި އެއް! ނާވީ ދެކެ ފޫހި ވެވެނީ އެވެ. ނާވީގެ ބައްޕަ ދެކެ ރުޅި އާދެވެނީ އެވެ. ހީވި އެވެ. ކުރިން ވެސް އެހީއަށް ބޭނުންވި ވަގުތު ހުރީ އިސާކެވެ. ރޭގަ ވެސް އިސާކެވެ. ދެން ވެސް އަންނާނެ އެވެ.
ލިއާގެ ދެ އަތްތިލަ ބަނޑުމަތީގައި އަޅައި އޮބާލި އެވެ. ބާރަށެވެ. ކުއްލިއަކަށް ގޮއްމުށް ކަވާފައި ބަނޑުގައި ގުއްޓު ތަޅަން ފެށި އެވެ. ނާވީގެ ބައްޕަގެ ދަރި އެއް އޭނާގެ ބައްޕަގެ ބަނޑުގައި ގަރުބަ ގަތަ ނުދިނުމަށެވެ.
"ލިއާ!" މެންދަން އޮބައި އަލިދަންމަތި ކައިރިވަމުން ދަނިކޮށް އައި އަޑާއެކު ލިއާ ސިހުނެވެ. ޖޯޝާއެކު ބަނޑުގައި އޮޅަމުން ދިޔަ ބެންޑޭޖް ދޫވެ ނިއުޅިގަތެވެ.
އިސާކް! އޭނާ ދުވެފައި ނުކުތެވެ. އިސާކް ހުރީ ދޮރުމަތީގަ އެވެ. ބައިމަތި ހުސްގަޔާ ހަދާލައިގެން ހުރުމަކުން ލިޔާ ހައިރާނެއް ނުވެ އެވެ. ހައިރާންވީ ގޭތެރެއަށް ނުވަދެ، ފަޓުލޫނުގެ ކަމަރުގައި އިނގިލި އަޅުވާލައިގެން ހުރުމުންނެވެ.
"ކީއްވެ އެތެރެއަށް ނުވަނީ؟"
"ކުރިން ވެސް ބުނީމެއްނު، އަލިފާނާއެކު އަލިފާން ފޮއްޓެއްގެ ތެރެއަކަށް ނުވަދެވޭނޭ!"
"މި ގޭގައި ޖާގަ ކުޑަވެފަ ހަޑި ވީމަ މަލާމާތް ކުރަނީތަ؟ ހާދަ ހެއްވައޭ... ދެން ކީއްކުރަން ތިޔައީ؟" ލިއާ ނުރުހުނެވެ.
"ލިއާ... އަހަރެންތަ ހެއްވައީ! އަހަރެންތަ މުއްސަނދި ކަމާ ހެދި އުޅެނީ. އަހަރެންތަ ވައުދު ނުފުއްދަ އުޅުނީ... ކަލޭމެން އިންސާނުންނަކީ ވަރަށް ގޮތެއް ނެތް ބައެއް! ކުރިން ލިއާ ބުނީ ހަމަ ތެދެއް، ތީ ހަމަ ހިލަގަނޑެއް... ހިތެއް ނުވެސް ހައްދަވާ!"
"ކަލޭމެން އިންސާނުންނޭ! އިސާކްތީ ކޯންޗެއް... ޖަނަވާރެއް، ޖިންނިއެއް؟!"
"ފަހުން ތިބުނީ ރަނގަޅަށް! ޖިންނިއެއް، އަލިފާން!" އިސާކްގެ ވާހަކައިން ލިއާ ދިޔައީ ސިއްސައިގެނެވެ. އެތެރެހަށީގެ ތެރެއަށް ގިނިގަނޑެއް ދުވެލި އެވެ. މޭކުރި ދަށަށް ބާރުވެ ހިތް ފިތެން އުޅުނެވެ. ބިރުން ދެލޯ ބޮޑުކޮށްފައި އިސާކްގެ މޫނަށް ބަލައިލި އެވެ. އެއީ ހަމަ އިސާކް އެވެ. ތަފާތެއް ނެތެވެ. ދެ ކަޅި ފިޔަވަ އެވެ. އިސާކްގެ ދެ ލޯ ވަނީ ރަތްވެފަ އެވެ. ހީ ވަނީ ދެ ލޮލުން އަނގުރު އަލިފާން ވިއްސަމުންދާ ހެނެވެ.
"ކީއްވެ ކުރިން ތި ވާހަކަ ނުބުނީ؟ އިސާކް އަހަރެން ގާތަށް އައީ ކީއްވެ!؟" ވަށައިގެން ހޯދާލުމަށްފަހު ލިއާ ތަންކޮޅެއް އެތެރެއަށް ޖެހިލި އެވެ.
"އަހަރެންތަ ލިއާ ގާތަށް އައީ؟ އެ ކިރުގަސް ދޮށުގައި ހުއްޓާ އަހަންނަށް ގޮވީ ލިއާ އެއްނު؟ އެއްވެސް ކަމެއް ހަނދާނެއް ނެތް ދޯ؟ ވީ ވައުދުތަކުގެ ހަނދާނަކަށް އަހަރެން ދިން ރީތި ގާ ކޮބާ؟ ލިއާ އެ ހުރާލީ މޫދަކަށްނު!" އިސާކް ފަޓުލޫނު ޖީބުން ގަލެއް ނަގައި ދިއްކޮށްލި އެވެ. ލިއާގެ ލޮލަސް ސިފަ ވަމުންދިޔަ އެވެ؛ އެއީ ހަމަ އެ ގަލެވެ. ފުވައްމުލަކުގެ އުދަ ރާޅުގަނޑު ތެރެއަށް ދޫކޮށްލި ގާ ލޮނުގަނޑު ތެރޭގައި ހެލުވެމުން ހެލުވެމުން އަޑިއަށް އޮބައިލި ގޮތް ލިއާގެ ލޮލަށް ފެނުނު ކަހަލަ އެވެ.
"ލިއާ، އަހަރެން މިއީ ނާވީ އެއް ނޫން. އަހަރެން ލިއާ ދެކެ ވަރަށް ލޯބި ވަން... އެ ލޯބީގެ ހަނދާނެއް އަހަރެން ބޭނުންވޭ. ނާވީގެ ބައްޕަގެ ސިފައިގައި ލިއާ ގާތަށް އައީ އެހެންވެ! މިހާރު ލިއާ ބަނޑު ބޮޑެއްނު، އެއީ އަހަރެންގެ ކުއްޖެއް!
"އެއީ އިސާކްތަ!؟" ލިއާއަށް ގޮތް ހުސްވަމުން ދިޔަ އެވެ.
"އާނ، އެއީ އިންސާނެއް ދެކެ ވީ ލޯބީގެ ނިޝާނަކަށްޓަކައި އަހަރެން ވީ ގުރުބާނީއެއް،" އިސާކް ދުރަށް އެނބުރުނެވެ. މަޑުމަޑުން ގިސްލާހެން ހީވި އެވެ. ކުއްލިއަކަށް ކުރިމަތިލިއިރު އޭނާގެ ދެ ލޯ ވަނީ ކުރިޔަށް ވުރެ ވެސް ރަތްވެފަ އެވެ. ގުގުރި ފަދަ ނޫނަސް އަޑު އައީ ގަދަ ކޮށެވެ.
"ލިއާ އަހަންނަށް މަކަރު ހަދާ އޮޅުވާލިޔަސް އަހަރެން ލިޔާއަށް ދެރަ ގޮތެއް ނުހަދާނަން... އެކަމަކު އަހަރެންގެ ދަރިފުޅު މަރާލަން މަސައްކަތް ނުކުރާތި! ދަރިފުޅު ވިހެއުމުން ލިއާ ގާތުގައި ބަހައްޓާނީ އެއް އަހަރު ދުވަހަށް، އޭގެ ފަހުން އަހަރެން ދަރިފުޅު ގެންދާނަން... ލިއާ، އަހަރެންގެ ދަރިފުޅު މަރާނުލާތި... ބަނޑުގައި އޮޅާފައި ތިހިރަ ބެންޑޭޖް މިހާރު ނަގާ..." އިސާކު ލޯ އަޅައިލި އެވެ. އަދި ބުންޏެވެ. "ދެން ދޭ، ލިއާގެ ދެ ފައިތިލަ އައްސި ވެދާނެ!"
އިސާކްގެ ލޯ ކަރުނައިން ފޯވަން ފެށި އެވެ. އެއާއެކު ކުއްލި ގޮތަކަަށް ލިއާގެ ލޯ މަތިން ގެއްލުނެވެ. ދެން ފެނުނީ އަލިފާން ނަގުލެއް އަނދައި ހުލިވަމުން ފަޒާގެ މާ އުހަކަށް އޮބަމުންދިޔަ ތަނެވެ. ލިއާ ދުއްވައިގަންނަން އުޅުނެވެ. އޭނާގެ ދެފައި ވަނީ އައްސިވެފަ އެވެ. ގިސްލެވުނެވެ. ހިލުނު ހިތިކަރުނައިން ކޯތާފަތް ފޯވި އެވެ. މަޑުމަޑުން ހުރެ ބަނޑުގައި އޮޅާފައިވާ ބެންޑޭޖް ނިއުޅާލި އެވެ. ބަނޑުގައި ފިރުމާލެވުނެވެ.
"އިސާކް!" އެނަން ކިޔައި ލުމާއެކު ލިއާގެ ލޯ މައްޗަށް ކަޅުވި އެވެ. އަލި ވިޔަސް ދެންވީގޮތް ކިޔާދެވޭނެ ހާލަތަކަށް ލިއާގެ އަންނާނެ ކަމެއް ނޭނގެ އެވެ. (ނިމުނީ)