(8 ޖޫން 2017 އާ ގުޅޭ)
ދޭތެރެއަކުން މޯނާ ހީނގަނެވެ. ކެތުލީނުގެ ގައިގާ ބޮނޑިއެއް އަޅައެވެ. އެހެންނަމަވެސް އެ މަޖާކަމާއި އުފާވެރިކަން ގޮނޑީގައި އިން އަންހެންކުއްޖާގެ ފުށުން ލޫކަންއަކަށް ނުފެނުނެވެ. ލުއިލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިންއިރު އެ ހިނިތުންވުން ބުނެދެނީ ކޮން ވާހަކައެއްކަން ދެނެގަތުމަށް ލޫކަންގެ ޟަމީރު އޭނާގެ ހިތަށް ގޮވާލިއެވެ.
ލޫކަންގެ ސަމާލުކަން އަނބުރާލީ ލެޕްޓޮޕްއަށް އައި ސްކައިޕް ކޯލެވެ. އޭނާ އައިސް އެނދުގައި އިށީންނަމުން އިސްކުރީނަށް ބަލާލި އެވެ. އެއާއެކު ލޫކަންގެ މޫނުމަތީގައި ކުރީން ހުރި އަސަރުތައް ފިލާ ހިނގައްޖެއެވެ. ނަފްސު ހަމައަކަށް އަޅުވާލާ ފަދަ ގޮތަކަށް ފުންނޭވާއެއް ލިއެވެ. ހެޑްފޯނު ވީތަނެއް ހޯދާލުމާއެކު އެ ނަގާ ލެޕްޓޮޕަށް ގުޅާލި އެވެ. އަދި އަންނަމުން ދިޔަ ސްކައިޕް ކޯލަށް ޖަވާބު ދިނެވެ. ޔަގީނުން ވެސް އެމެރިކާއަށް އެއީ ދަންވަރުގެ ވަގުތެވެ. އެފަދަ ވަގުތެއްގައި އޭނާއަށް ގުޅާވަރުގެ ޚާއްޞަ މީހަކު ހުރީއެވެ.
"މާޔާ..." ލެޕްޓޮޕުން ފެންނަމުން ދިޔަ މަންޒަރަށް ޤަބޫލު ނުކުރެވިފައި ބަލަހައްޓައިގެން އިން ލޫކަން ގޮވާލިއެވެ. އިސްކުރީނުން ފެންނަމުން ދިޔައީ ތުނި ނިދާ ހެދުމުގައި އެނދުގައި އޮތް މާޔާއެވެ. އޭނާއަކީ ލޫކަންއާއެކު މެޑިކަލް ކޮލެޖުން ފެށިގެން އެކުގައި އުޅެމުން އައި ޕާކިސްތާނު އަންހެންކުއްޖެކެވެ. ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ލޫކަންއާއި މާޔާއާ ދެމެދުގައި އޮތް އެކުވެރިކަމުގެ އިން ފަހަނައަޅައި ވަރަށް ގާތް ގުޅުމެއް އުފެދިފައި ވެއެވެ.
ލޫކަން ފެނުމުން މާޔާ ޝަކުވާ ކުރީ ފުރަތަމަ ދެތިން ދުވަހު އޭނާއަށް ގުޅާލުމަށްފަހު ދެން ޚަބަރެއް ނުވީމައެވެ. މާޔާ ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ލޫކަންގެ "ގާލްފްރެންޑް" އެވެ. އެހެންނަމަވެސް އެ ދެމެދުގައި އޮތް ގުޅުމަށް ލޫކަން ވަނީ ދޭނެ ނަމެއް އަދި ނޭނގިފައެވެ. މާޔާއަށް އޭނާގެ ހިތުގައި ޚާއްޞަ ގޮތެއް ހުރެއެވެ. އެ ދެމެދުގައި ހިނގައިދިޔަ ހުރިހާ ކަމެއް ހިނގައިފައި ވަނީ މާޔާގެ ވެސް ރުހުމުގައެވެ. ފުރަތަމަކޮޅު އެކަމާ ލޫކަން ކަންބޮޑުވި ނަމަވެސް މާޔާ ވަނީ އެ ދެމެދުގައި އުފެދިދާނޭ ހުރިހާ ކުށްހީތަކެއް ފިލުވާލަދީފަ އެވެ. "ފްރެންޑްސް ވިތް ބެނެފިޓް" އޭ ބުނާ ވަރަށް ވުރެ މާޔާއަށް ލޫކަން ޤަދަރު ކުރެ އެވެ. ހުޅަނގުގެ ވައްޓަފާޅިއެއް ދެ މީހުންގެ ހަވާ ނަފްސުވަނީ ލެނބިފައެވެ.
މާޔާގެ ވިސްނުން ހުރީ ލޫކަންއާއެކު ޒަވާޖީ ހަޔާތަކަށް ދިއުމަށްކަން ލޫކަންއަށް އެނގެއެވެ. ކިތަންމެ ފަހަރަކު އެފަދަ ޚިޔާލުތައް އަދި ނުކުރުމަށް އޭނާ ވަނީ މާޔާގެ ގާތުގައި އެދިފައެވެ. ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާން ލޫކަން ޚިޔާލު ކުރެއެވެ. އެއީ ކޮން ދުވަހަކުން ކަމެއް ޚުދު އޭނާއަކަށް ބުނާކަށް ނޭނގެއެވެ. ލޫކަން ރާއްޖެ އަންނަން އުޅުމުން މާޔާ ވެސް އޭނާއާއެކު އަންނަން ބޭނުންކަން ހާމަކުރި އެވެ. އެކަމާ ލޫކަން ދެކޮޅު ހެދީ އޭނާގެ ޗުއްޓީއަކީ ހަމައެކަނި ބައްޕައަށް ޓަކައި ވަގުތު ހުސް ކުރާން ނެގި ޗުއްޓީއެއްވީމަ އެވެ. ލޫކަންގެ ޢާއިލާއާ ބައްދަލު ކުރާން މާޔާ އެދެއެވެ. ދުވަސްދުވަސްކޮޅުން ލޫކަންއާ ބައްދަލުކުރާން އޭނާގެ ބައްޕަ އެމެރިކާއަށް އަންނަކަން މާޔާއަށް އެނގެ އެވެ. އެއިން ފަހަރެއްގައި ވެސް މާޔާއާ ލޫކަންގެ ބައްޕައާ ބައްދަލުކޮށް ނުދޭތީ އޭނާ ޝަކުވާ ކުރެއެވެ. މިފަހަރު އޭނާ ލޫކަންއަށް ގުޅީ ހަނދާންވާވަރުން ނުނިދިގެންނެވެ. އެހެންވެ ލޫކަން ވެސް މާޔާއަށް ވަގުތު ހުސްކޮށްލިއެވެ. އޭނާ ހިތްހަމަޖެހޭންދެން ވާހަކަ ދައްކާލަން މަޑުކޮށްލިއެވެ.
* * *
ފާއިތުވެ ދިޔަ ދެތިން ހަތަރު ދުވަސް ލޫކަން ހޭދަ ކުރީ ގޭތެރޭގައި އުޅޭ ސިއްރު އަންހެންކުއްޖާއަށް ފާރަލުމުގަ އެވެ. މަރިޔަންދީ މޭވާފަދަ ތަކެތި ގެންދާކަން އެނގި ހުރެ އޭނާ ހުއްޓުވަން ލޫކަން މަސައްކަތެއް ނުކުރެ އެވެ. ލޫކަންއަށް އެ އަންހެންކުއްޖާ ފެންނަނީ މަދު ފަހަރަކުއެވެ. އެވެސް ގޭގެ ބިއްދޮށުގައި ހުރި ބޮޑުގަސްދޮށުން އެކަންޏެވެ. އާމުކޮށް މޯނާ އެއްޗެހި ދޮވެ ހިއްކަން އަޅާއިރު އޭނާ ނުކުމެ އުޅޭތަން ފެނެއެވެ. ނޫނީ ހަވީރު ފިނިޖެހިލާއިރު ބޮޑުގަސްދޮށުގައި ޚާދިމުން މަޑުކޮށްލަން ހުންނަ މޭޒު ދޮށުގައި ޚިޔާލުކުރާން އިންނަތަން ލޫކަން ދުށްޓެވެ.
އެގާރަގަޑި ބައިކަންހާއިރު ލޫކަން ކޮޓަރިން ނުކުތީ އެވަގުތު ގޭގައި އުޅޭ މީހަކުވިއްޔާ ކޮޓަރިތަކަށް ވަދެ ނިދާފާނެ ކަމަށް ލަފާކޮށްފަ އެވެ. އޭނާ ސިޑިން ފައިބައިގެން އައިސް ބަދިގެއަށް ވަނެވެ. އަތުގައި އޮތް ފެންހުސްކުރި ފުޅިއާއެކު އެވެ. މަރިޔަންދީއަށް ވެސް އައިސް އެތަނަށް ވަދެވުނީ އެވަގުތު އެވެ. ލޫކަން ފެނުމުން ހިސާބަކަށް މަރިޔަންދީ ސިހޭ ގޮތްވި އެވެ. އެއްޗެއް ބުނާން ނޭނގިފައި މަރިޔަންދީ ހުއްޓާ އޭނާގެ ގާތުން އަޅާފައި އައިސް ލޫކަން ހުއްޓުނީ އައިސްއަލަމާރި ކައިރީގަ އެވެ. ހުސްފުޅި ކަބަޑުމަތީ ބަހައްޓާފައި އައިސްއަލަމާރީން އެޅި ފެންތަށި މަޑުމަޑުން ބޯން ފެށިއެވެ. ފެންބޮމުން ދިޔައިރު އޭނާގެ ނަޒަރު ދޭތެރެއަކުން މަރިޔަންދީއަށް ހުއްޓެވެ. އޭނާ ބަދިގެ ތެރެއަށް ނަޒަރު ހިންގާލާފައި ލޫކަންއަށް ބަލާލިއެވެ.
"ކަމެއް ބޭނުންވީތަ؟" މަރިޔަންދީ އަހާލިއެވެ.
"ކޮފީ" މަރިޔަންދީއަށް ބަލަން ހުރެ ލޫކަން ބުންޏެވެ. އެއާއެކު މަރިޔަންދީ ބޯޖަހާލިއެވެ. އަދި ބަދިގެ ތެރޭގައި ހުރި ކޮފީ މެޝިނު ދޮށަށް އޭނާ ޖެހިލިއެވެ. މަރިޔަންދީގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އަދިވެސް އެ ހުރީ ހާސްވެފައިކަން ލޫކަންއަށް އެނގުނެވެ.
ފެންތަށީގައި ބާކީ ހުރި ބައި އެއްކޯވަރުން ބޯލުމަށްފަހު ތަށި ބަހައްޓާފައި ލޫކަން އައިސްއަލަމާރި ހުޅުވާލިއެވެ. މޭވާ އަޅާފައި ހުރި ބައިން އޭނާ ދެތިންވައްތަރެއްގެ މޭވާ ނެގި އެވެ. މާބަނޑު އަންހެނަކު ބޭނުންކުރާން ރަނގަޅުވާނޭ މޭވާއެވެ. މަރިޔަންދީ ކޮފީ ތަށި ގެނެސް މޭޒުމަތީ ބެހެއްޓުމާއެކު ލޫކަން މޭވާތައް މަރިޔަންދީއާ ކައިރިއަށް ޖައްސާލިއެވެ. އެހިނދު މަރިޔަންދީގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔަ އެވެ.
"މަރިޔަންދީ... ގެންދޭ..." ލޫކަން ބުނި އެއްޗެއް ނޭނގިދާނޭތީ އަތުން ވެސް އެ ތަކެތި ގެންދިއުމަށް އިޝާރާތްކޮށްލި އެވެ. މަރިޔަންދީ ހަދާގޮތެއް ބަލަން ލޫކަން މަޑުކޮށްލިއެވެ. ދެތިން ފަހަރު ލޫކަންއަށް އަދި މޭވާތަކަށް ބަލާލުމަށްފަހު މަރިޔަންދީ ހިނިތުންވެލަމުން ޝުކުރު އަދާކުރި އެވެ. މޭޒުމަތީ ހުރި މޭވާތައް ތަށްޓަކަށް އަޅައިގެން މަރިޔަންދީ ބަދިގެއިން ނުކުނަން ހިނގައިގަތެވެ.
"މަރިޔަންދީ" ލޫކަން ގޮވާލިއެވެ. ބަދިގެއިން ނުކުމެނުކުމެ ހުރެފައި މަރިޔަންދީ އެނބުރި ބަލާލި އެވެ. ލޫކަން އައިސް ޚާދިމުން ވަދެނުކުމެވާ ދޮރުކައިރީ މަޑުކޮށްލިއެވެ.
"އެއީ ކޮންކުއްޖެއް؟ އޭނާ މިގޭގައި ކީއްކުރަނީ؟ ކޮންއިރަކު ރޫބީ ދައްތަ އެ އަންހެންކުއްޖާ މިގެއަށް ގެނައީ؟ މަރިޔަންދީއަށް އެނގޭނެ. ނިކަން ބުނެބަލަ. އެ އަންހެންކުއްޖާ ބަނޑުބޮޑުކަން އަހަންނަށް އެނގޭ. އަހަރެން ތި ދެ މީހުން އެކުގައި ދުށީން" ލޫކަން ވާހަކަ ދެއްކި އެވެ. އެއްފައްޗަކަށް އަމުނާލި އިނގިރޭސި ލަފުޒުތައް ދެނެގަންނާން މަރިޔަންދީއަށް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް ލޫކަން އިޝާރާތް ކުރީ ޚާދިމުން ތިބޭ އިމާރާތަށެވެ. އަދި އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުން ނަމަވެސް ރުބީއޭ އެ ބުނީ ރުބީނާއަށްކަން މަރިޔަންދީއަށް އެނގުނެވެ. އެއާއެކު މަރިޔަންދީގެ ހިތުގެ ތެޅުން އަވަސްވިއެވެ.
"އަނެއްކާ ލޫކަން އެ ދައްކަނީ އައިރާގެ ވާހަކަބާ؟ އޭނާއަށް އައިރާ ފެނުނީތަ؟ އަހަރެން މޭވާ ގެންގޮސްދެނީ އެ ކުއްޖާއަށްކަން ލޫކަންއަށް އެނގުނީތަ؟" ކަންބޮޑުވެފައި މަރިޔަންދީއަށް ލޫކަންގެ މޫނަށް ބަލާލެވުނެވެ. ކުށްވެރިކަމުގެ އިހުސާސެއް ވެސް އެ ބެލުމުގައިވިއެވެ.
މަރިޔަންދީއަށް ލޫކަން ދެއްކި ވާހަކައެއް މާބޮޑަކަށް ނޭނގުނުކަން އެނގުމުން އިތުރަށް ލޫކަން ސުވާލެއް ނުކުރެއެވެ. އޭނާ އެނބުރި އައިސް މޭޒުމަތީ ހުރި ކޮފީތަށި ނަގައިގެން ބަދިގެއިން ނުކުންނަން ހިނގައިގަތެވެ. އިރުކޮޅަކު މަޑުކޮށްލާފައި މަރިޔަންދީ އަލުން އެތެރެއަށް ވަދެ ބަދިގޭގެ ބޮކި ނިވާލާފައި ދާން ހިނގައިގަތެވެ.
* * *
މުޅިން އާ ދުވަހަކަށް ދުނިޔެ މަތި އަލިވެގެން އައިއިރު ލޫކަން ވެސް އުޅެނީ ހޭލައެވެ. އޭނާއަށް ރޭގައި ނިދުނީ ވަރަށް ކުޑަކޮށެވެ. ގިނައިރު ފިކުރުކުރާން އޮވެވުނީ އެވެ. ބެލްކަނިން ބޭރަށް ނުކުމެލަން ހިތައް އަރާ ބިއްލޫރިދޮރުފަތް ކަހާލަން އުޅުނެވެ. އެވަގުތު ގޯތިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އެއްކަލަ އަންހެންކުއްޖާ އެވެ. ލޫކަންގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ސިއްރުން އޭނާ ބަލަން ފެށިއެވެ. ދޮންދޮން ހިމަ އިނގިލިތަކުން މަގުގެ ދެފަރާތުން ހިފަހައްޓާލައިގެން ހުރިއިރު މަޑު ފިޔާތޮށިކުލައިގެ ޝޯލްއެއް ބޮލުގައި އޮޅާލާ ނިވާކޮށްފައިވެއެވެ. ލައިގެން ހުރި ކަށިމައްޗާ ހަމައަށް އަރާ ފެހި ހެދުމުގެ ދަށުން ފަޔަށް ހިފާފައި ހުރި ފެހި ޓައިޓެއް ލާފައި ހުއްޓެވެ. އެ އަންހެންކުއްޖާގެ ކޮންމެ ހަރަކާތަކަށް ލޫކަން ބެލިއެވެ. މަޑުމަޑުން ދެކޮޅަށް ހިނގަމުން ދިޔައިރު އެ މޫނުމަތީގައި ހިތާމައިގެ ފަރުދާއެއް ދަމާލާފައި ވާކަހަލައެވެ. އެ ފަރުދާގެ ތެރެއިން ވެސް އެ މޫނު ލޫކަންއަށް ފެނުނީ ޝައުގުން ފުރިގެންވީ ފަދަ ގޮތަކަށެވެ. ނުބަލާ ނުހުރެވޭ ފަދަ ރީތިކަމެއް އެ އަންހެންކުއްޖާއަށް ލިބިފައިވާކަން ލޫކަންގެ ހިތާއި ޟަމީރު ވެސް އެއްބަސްވެއެވެ.
ކިތަންމެ ފަހަރަކު އެ އަންހެންކުއްޖާގެ ކުރިމައްޗަށް ދާން ލޫކަންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ފަސްޖެހެވެނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އޭނާގެ ގައިގާ އެފަދަ ފަސްޖެހުމުގެ ސިފައެއް ހުރިކަން އެނގުން ލޫކަންއަށް ވެސް ވީ އާ ކަމަކަށެވެ. ބަލަބަލާ ހުއްޓާ އެ އަންހެންކުއްޖާ އެނބުރި އެތެރެއަށް ވަދެއްޖެ އެވެ. ލޫކަން އިރުކޮޅަކު މަޑުކޮށްލުމުން ވެސް އޭނާ ނުނިކުތެވެ. ފުން ނޭވާއެއް ދޫކޮށްލެވުމާއެކު ލޫކަންގެ ހޭވިފައި އޮތް ފަންއިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އަދި ހާމައަށް މޭމަތީގައި ކަނާތް ހަކާލުމާއެކު ބެލްކަންޏަށް ނުކުތެވެ. އެތަނުގައި ގިނައިރެއް ނުވަނީސް ކެތުލީން ނުކުންތަން ފެނުނެވެ. ގޮނޑިއެއް ހިފައިގެން ނުކުމެ ބޭރުގައި ބަހައްޓާލާފައި އޭގެ މަތީ އޭނާ އަރާން ގެންގުޅެ ބޫޓެއް ބެހެއްޓިއެވެ. އޭނާ ފެނި ލޫކަން ސިކުނޑީގައި ޚިޔާލެއް އުފެދިގެން އައެވެ. ކެތުލީނު އެނބުރި ވަންނަ އުޅެނިކޮށް ބެލްކަނިން ބޭރަށް ގުދުވެލާފައި ނިކަން ބާރަށް ކެތުލީނަށް ލޫކަން ގޮވާލިއެވެ. އެއަޑަށް ސިހިގެންދިޔަ ކެތުލީނު ވަށައިގެން ހޯދަންފެށިއެވެ. އެހިނދު ބެލްކަނީގައި ހުރެފައި ލޫކަން ދެއަތް ހޫރަން ފެށި އެވެ. ކެތުލީނުގެ ލޮލުގައި އަޅައިގަތުމުން ލޫކަން އިޝާރާތްކޮށްލީ އަންނާށޭ ބުނާ ފަދައިންނެވެ.
ހާސްވެފައި ހުރެ ކެތުލީނު އައިސް ލޫކަންގެ ދޮރުގައި ޓަކިދިނެވެ. ޓީޝާޓު ލަމުން ލަމުން އައިސް ލޫކަން ދޮރުހުޅުވިއެވެ. ކެތުލީނަށް އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން އޭނާ އަދަބުވެރިކަމާއެކު އައިސް ކޮޓަރީގެ މެދުގައި ހުއްޓުނެވެ.
"ކިހިނެއް ކޭޓް؟" އާދައިގެ ގޮތަކަށް ލޫކަން އަހާލިއެވެ.
"ރަނގަޅު؟" ލޫކަން ފަދައިން އިނގިރޭސި ބަހުން ކެތުލީނު ޖަވާބުދިނީ ހައިރާންވެފައި ހުރެއެވެ.
"އަހަރެން ވާހަކައެއް އަހާލަންވެގެން ކޭޓް މި ގެނައީ؟ ތި ހުރި ގޮނޑީގައި އިށީނދެބަލަ" ލޫކަން ބުންޏެވެ.
"އަޅުގަނޑު ކޮޅަށް ހުންނާނީ. ކޮން ވާހަކައެއް އައްސަވަންތޯ؟" ކެތުލީނަށް ހާސްކަމުގެ ތެރޭ ތިރީތުންފަތުގެ އެއްފަރާތުގައި ދަތްއަޅާލެވުނެވެ.
"ކޭޓުމެންނާއެކު އުޅޭ ދިވެހި އަންހެންކުއްޖާއާ ރުބީއާ އޮތީ ކޮންގުޅުމެއް؟ ކިހާ ދުވަހެއްވެއްޖެ އޭނާ މިގޭގައި އުޅޭތާ؟" ކެތުލީނަށް އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭނެކަން ލޫކަންއަށް އެނގެއެވެ. ހުރިހާ ކަމަކާ ބެހޭގޮތުން ސުވާލުކުރަންވީ ކެތުލީނާކަން ލޫކަންއަށް ވިސްނުނީ އެހެންވެއެވެ.
"އަޅުގަނޑު... ސާރ... މަރިޔަންދީ ގާތުން އައްސަވަންވީނޫންތޯ" ޖެހިލުންވެފައި ހުރެ ކެތުލީނު ބުންޏެވެ. އައިރާގެ ވާހަކަ އެކަކު ގާތުގައި ވެސް ނުދެއްކުމަށް މަރިޔަންދީ އޮތީ އެދިފައެވެ. އަނެއްކޮޅުން އައިރާގެ ހުރިހާ ހަޤީޤަތެއް އެނގޭ މީހަކީ ވެސް މަރިޔަންދީ އެވެ. އައިރާގެ ހުރިހާ ކަމެއް ކޮށްދެނީ މަރިޔަންދީގެ ބެލުމުގެ ދަށުންނެވެ.
"މަރިޔަންދީއަކަށް އަހަރެން ދައްކާ ވާހަކައެއް ނޭނގޭ. އެހެންވެ ކޭޓު ގާތުގައި އަހަން މިޖެހުނީ. މައްސަލައެއްނެތް؟ ކޭޓްއަށް އޭނާގެ ވާހަކަ ދައްކަން ނުކެރެންވީ ސަބަބު ބުނެބަލަ؟" ޅިނދުގެ ދެފަރާތުން ދެއަތް އަޅުވާލަމުން ލޫކަންގެ ސަމާލުކަން ކެތުލީނަށް ހުއްޓާލައިގެން ބަލަންހުއްޓެވެ. އޭރު ކެތުލީނާއަށް ބުނާން ނުކެރިގެން އެ އުޅެނީ ލޫކަންއަށް އެނގެއެވެ.
"މަރިޔަންދީއަށް އެނގޭނީ. އަޅުގަނޑުމެން ކައިރިއަށް އައިރާ ބަދަލު ކުރީއްސުރެ އޭނާ އުޅެނީ އަޅުގަނޑުމެންނާއެކު. ކީއްވެކަން ބަދަލުކުރީ ވެސް އެނގޭނީ މަރިޔަންދީއަށް" އިސްޖެހިފައި ހުރެ މަޑުމަޑުން ކެތުލީނު ބުންޏެވެ.
"އައިރާ!... އައިރާ އެއީ އެ އަންހެންކުއްޖާއަށް ކިޔާ ނަންތަ؟" ލޫކަން އަހާލިއެވެ. އެއާއެކު ކެތުލީނު ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
"ކުރީން އައިރާ އުޅުނީ ކޮންތާކު؟ މިބުނީ ކެތުލީނުމެން ތިބޭ ބަޔަށް ބަދަލުކުރުމުގެ ކުރީން" ލޫކަން އަނެއްކާ ވެސް ސުވާލުކުރިއެވެ.
"މައުރީންކޮއްކޮގެ ކޮޓަރިއާ ޖެހިގެން ހުންނަ ކޮޓަރީގައި" ކަތުލީން ބުންޏެވެ.
"ދެން ކީއްވެ ބަދަލުކުރީ؟" މިފަހަރު ލޫކަން ހައިރާންވި އެވެ.
"ނޭނގެ... އަޅުގަނޑަށް އެއްވެސް އެއްޗެއް ނޭނގެ" ކެތުލީނު އަވަސް އަވަހަށް ބުނެލިއެވެ.
"އޯކޭ... މިރޭ ނިދަން ދިއުމުގެ ކުރީން މަރިޔަންދީއާއި ކެތުލީނު ބަދިގޭގައި މަޑުކުރާތި. ގާތްގަނޑަކަށް އެގާރަގަޑި ބައިކަންހާއިރު އަހަރެން ދާނަން. އަހަރެން ދައްކާ ވާހަކަ މަރިޔަންދީ ގާތު ދިވެހިން ބުނެދޭން ކެތުލީނަށް އެނގޭނެތަ؟" ލޫކަންގެ ސިކުނޑީގައި އެވަގުތު ރާވަމުން އައި ގޮތް ދުލުން ބޭރުކޮށްލިއެވެ.
"ލައްބަ" ކެތުލީނުގެ ޖަވާބުން ލޫކަންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.
"ދެން އެންމެ ރަނގަޅު ދިޔަޔަސް. އެކަމަކު ހަނދާންކުރައްޗޭ މިރޭ އަހަންނާ ބައްދަލު ކުރާން. މަރިޔަންދީ ގާތުގައި ކޭޓު ބުނެލާފައި ބާއްވާތި" ލޫކަން ބޯޖަހާލުމާއެކު ކެތުލީނު އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
ހެނދުނުގެ ނާސްތާ މޭޒުމައްޗަށް ނެގުމުގައި ޚާދިމަކު އުޅުނު އިރު އޭނާއަށް އެހީވާން މަރިޔަންދީ އުޅެއެވެ. ގޭގެ އެކި ކަންކަމުގައި އޭނާ އަވަދިނެތި އުޅެނިކޮށް މެންދުރުވާން ކައިރިވެއްޖެއެވެ. މެންދުރަށް ތައްޔާރު ކުރާންވީ އެއްޗެއް ރުބީނާގެ ގާތުން އޭނާ އޮޅުން ފިލުވިއެވެ. އަދި ރުބީނާ ދިން އިރުޝާދުތައް މަރިޔަންދީ އައިސް ކައްކާއަށް ކިޔައިދިނެވެ. މެންދުރު ކާން ނެގުމުގެ ކުރީން ހުސްވަގުތުކޮޅެއް ވުމުން މަރިޔަންދީ އެނބުރި އޭނާ އުޅޭ ބަޔަށް އައީ ފެންވަރާ ނަމާދުކޮށްލައިގެން ގޮސް ކާންތައްޔާރު ކުރުމަށެވެ. އޭނާ އައިސް ޚާދިމުންގެ އިމާރާތްތެރެއަށް ވަނުމާއެކު ބަދިގެތެރެއިން ކެތުލީނު ހަލުވިކޮށް އައިސް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ލޫކަން ދެއްކި ވާހަކަތައް މަރިޔަންދީއަށް ކިޔައިދިނެވެ. އެހިނދު ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް މަރިޔަންދީއަށް ނިތުގައި ވައަތްތިލަ ހިންގާލެވުނެވެ.
"އެހެންވީމަ އެ ސޮރަށް ހަމަ ރަނގަޅަށް ވެސް އައިރާ ފެނުނީތާ؟ ކިހިނެއްބާ؟... ދެން ކިހިނެއް ވަކި ހެދޭނީ... ރުބީނާ ކިތަންމެ ސިއްރުން އުޅުނަސް... އެންމެނަށް އޮޅުވާލިޔަސް... އެނގެން ހުރި ކަމެއް އެނގޭނެ. ދެރައީ މިކަމުން އައިރާއަށް ވާނޭ ގޮތެއް ނޭނގޭތީ... އެކަހަލަ ނުބައި އަންހެނެއްގެ އަތްދަށުން ސަލާމަތްވުމަކީ ފަސޭހަކަމެއްނޫން" މަރިޔަންދީ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.
"ދައްތާ!..." ކަންބޮޑުވެފައި ހުރި ކެތުލީނު ގޮވާލިއެވެ.
"ކެތުލީނު އެއްވެސް އެއްޗެއް ނުބުނީތީ ރަނގަޅު. އައިރާ ގާތުގައި އެއްވެސް އެއްޗެއް ނުބުނާތި. އަހަރެން ލޫކަންއާ ވާހަކަ ދައްކާނީ. ދެން ދޭ ކެތުލީނުގެ މަސައްކަތް ކުރާން. އަހަރެން ވެސް މިދަނީ ފެންވަރާލަން" މަރިޔަންދީ ބުންޏެވެ. ކެތުލީނު އާނއެކޭ ބުނެލާފައި އެތެރެއަށް ދިޔައެވެ. (ނުނިމޭ)