ދިވެހި ލީގުގެ ބަދަލުގައި މިއަހަރު މުޅިން އަލަށް ތައާރަފް ކުރާ، ދިވެހި ޕްރިމިއާ ލީގްގެ މެއިން ސްޕޮންސަރަކަށް ލީޑިން ޓެލެކޮމް ކުންފުނި، އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ޕްރިމިއާ ލީގް އިފްތިތާހު ކުރުމަށް ކުރުނބާ ރިސޯޓްގައި މިހާރު ކުރިއަށް ދާ ހަފްލާގައި ސްޕޮންސަރިން އެގްރިމަންޓްގައި، އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ، އެތަން ހިންގުމަށް ނަގާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ސަވީދު އެވެ. އަދި އުރީދޫ މޯލްޑިވްސް އިން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމަ ސިންހެވެ. އެ ސްޕޮންސަޝިޕް އެގްރިމަންޓާ އެކު ދިވެހި ޕްރިމިއާ ލީގްގެ ނަން، އުރީދޫ ދިވެހި ޕްރިމިއާ ލީގަށް ބަދަލު ވާނެ އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށްވުމަކީ އުރީދޫ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށްވުމަކީ އުރީދޫ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ޒުވާން ކުޅުންތެރިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގައި އަޅުގަނޑުމެން އެހީތެރިވާނަން،" ވިކްރަމް ވިދާޅުވި އެވެ.
އުރީދޫ ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށް ހަމަޖެއްސީ ގަތަރު ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ޝަވީދު ވިދާޅުވީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އުރީދޫ އިން ދިން އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށެވެ.
"އުރީދޫ މޯލްޑިވްސް އާއި ގަތަރު އެފްއޭ އަދި ގަތަރު ފައުންޑޭޝަން އިން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރަން. ދިވެހި ފުޓްބޯޅަ އަށް މި ގެނައި ބަދަލުތަކުގެ ތެރެއިން ކްލަބުތަކަށް މާލީ ގޮތުން ދޭ އެހީތެރިކަން ވަނީ ބޮޑުވެފައި. އަދި ކްލަބުތަކުން ވެސް ބަދަލުތަކެއް ގެންނާނެ،" ޝަވީދު ވިދާޅުވި އެވެ.
މި ހަފުލާގައި ޕްރިމިއާ ލީގުގައި ވާދާކުރާ އަށް ކްލަބުގެ ޖޯޒީ އާއި ލީގުގެ ލޯގޯ ވަނީ ދައްކާލައިފަ އެވެ. ކޮންމެ ކްލަބެއްގެ ޖޯޒީގެ ފަހަތުގައި އެ ކްލަބެއް ނިސްބަތްވާ އަވަށް ނުވަތަ ރަށުގެ ނަން ވަނީ ޖަހައިފަ އެވެ. މާފަންނަށް ނިސްބަތްވަނީ މާޒިޔާ އާއި އީގަލްސް އަދި ބީޖީ ސްޕޯޓްސް އެވެ. މައްޗަންގޯޅި އަށް ވެލެންސިއާ ނިސްބަތްވާއިރު، ވިކްޓަރީ އަކީ ގަލޮޅުގެ ތަމްސީލްކުރާ ކްލަބެވެ. ޓީސީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ހެންވޭރަށް ނިސްބަތްވާއިރު، މަހިބަދޫ ސްޕޯޓްސް ކްލަބް ތަމްސީލްކުރާނީ އެ ކްލަބު ނިސްބަތްވާ އދ. މަހިބަދޫ އެވެ.
މި އަހަރުގެ ލީގުގައި ވާދަކުރާ ކޮންމެ ކްލަބެއް ވެސް އެ ކްލަބެއްގެ ރަސްމީ ލަވަ ރަޖިސްޓްރީކުރަންޖެހެ އެވެ.
ކުރިން ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ދިވެހި ލީގު، މި އަހަރު ރީބްރޭންޑްކޮށް، ލީގުގައި ދެ ބުރު ކުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ލީގުގެ އިނާމު ފައިސާތައް ވަނީ ބޮޑުކޮށްފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.