ވިޔަފާރި

ޓީޓީއެމް ފެއާގެ ބައްދަލުވުންތަކުގެ އަގު ބިލިއަނެއްހާ ޑޮލަރު!

Jun 13, 2017

އަންނަ މަހު ރާއްޖޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި އޮންނަ ވިޔަފާރީގެ 3،000 އަށްވުރެ ބައްދަލުވުމުގެ އަގު ބިލިއަނެއްހާ ޑޮލަރަށް އަރާނެ ކަމަށް ބެލެވިއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ ޓީޓީއެމްގައި ޓޫރިޒަމް ދާއިރާގެ އެންމެ އިސް ފަރާތްތަކާއެކު އޮންނަ ބައްދަލުވުންތަކުގައި ތިންހާހެއްހާ ބައްދަލުވުން އިންތިޒާމު ކުރާއިރު މި ދާއިރާގެ 100 އަށްވުރެ ގިނަ ފަރާތްތަކާއި 150 ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސް އިން ބުނީ ދެ ދުވަހަށް ކުރިއަށް ގެންދާ މި ފެއާގައި އެވްރެޖު ގޮތެއްގައި ބައްދަލުވުމަކަށް އެވްރެޖު ގޮތެއްގައި 15 މިނެޓު ހޭދަވާނެ ކަމަށް ބެލެވެ އެވެ. މި ބައްދަލުވުންތައް ކުރިއާލައި އިންތިޒާމު ކުރުމަށް ހާއްސަކޮށްގެން "ކަނެކްޓް" ގެ ނަމުގައި ވަނީ ހާއްސަ ސޮފްޓް ވެއާއެއް ފަރުމާކޮށްފަ އެވެ.

ޓީޓީއެމް ފެއާގައި ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުންނާއި ރިސޯޓުތަކުގެ ވެރިން ބައިވެރިވާއިރު މުޅި ފެއާގައި 77 އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ. މި ފެއާ އޮތީ އަންނަ މަހުގެ 12 އަދި 13 ދެ ދުވަހު އެވެ.

ޓީޓއެމް ފެއާ އަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވާން ބާއްވާ ފެއާއެކެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ.

މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.