ދީން

މަޝްހޫރު ރެޕާ ލޫން އިސްލާމްވީ ކީއްވެ؟

Jun 13, 2017
2

އާމިރު މުހާދިސް އޭ ބުނީމާ މީހުންނަށް އޭނާ ނޭނގިދާނެ އެވެ. އެކަމަކު ލޫން އޭ ބުނީމާ އެނގޭ މީހުން އަދިވެސް ގިނަވާނެ އެވެ. އެމެރިކާގައި ރެޕް ކިއުމުގައި އެއް އިރެއްގައި އޭނާ އެހާވެސް މަޝްހޫރެވެ. މަޝްހޫރު ޕީޑިޑީ ނުވަތަ ޕަފް ޑެޑީއާއެކު އޭނާ މަސައްކަތް ކުރިއެވެ. އެ މަޝްހޫރު ކަމާއެކު އެމެރިކާގެ އެހެން އާޓިސްޓުންނެކޭ އެއްފަދައިން އޭނާ ވެސް އުޅެމުން އައީ ވަރަށް މުއްސަނދި ދިރިއުޅުމެއްގަ އެވެ.

އާމިރު މުޙާދިސް އުފަންވީ 1975 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކް ސިޓީގެ ހާލިމް ނަމަކަށް ކިޔާ ސަރަހައްދުގަ އެވެ. އިސްލާމް ނުވާ އިރު އޭނާގެ ނަމަކީ ޗޯންސީ ލޭމަންޓް ހޯކިންސް އެވެ. އޭނާ އުފަންވީ ނަސާރާ އާއިލާއަކަށެވެ. ލަވަޔާއި މިއުޒިކްގެ ދުނިޔޭގައި މަޝްހޫރުވީ އޭނާގެ ސްޓޭޖް މަތީ ނަން "ލޫން" ގެ ގޮތުގަ އެވެ. މިއުޒިކްގެ އިތުރުން އޭނާ ވަނީ ދެ ފިލްމެއްގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ އިސްލާމްވީ 2008 ވަނަ އަހަރުއެވެ. އެއަށް ފަހު އޭނާ އިޚުތިޔާރު ކުރި ނަމަކީ އާމިރު ޖުނައިދު މުހާދިސް އެވެ.

"އިސްލާމް މައި ޗޮއިސް" އަށް 2012 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އާމިރު ވަނީ އޭނާ އިސްލާމްވީ ގޮތް ކުރުކޮށް ކިޔައިދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އިސްލާމްދީނާ މެދު ވިސްނަން ފެށީ މުސްލިމުންނަށް ލިބިގެންވާ ހިތްހަމަޖެހުން ފެނިގެންނެވެ.

"އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް އަހަރެން ޒިޔާރަތްކުރިން. އެތަނުން އަހަރެންނަށް ފެނުން، ލަވަކިއުންތެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް ލިބިފައިވާ މަޝްހޫރު ކަމާއި މުދާވެރިކަމުން އުމުރުގައި ވެސް ހޯދިފައި ނުވާ ފަދަ ހަމަޖެހުމާއި އުފާވެރިކަން. މުސްލިމުންގެ ސަގާފަތުގެ އަސަރު އަހަރެންނަށް ކުރި،" އިސްލާމްދީނަށް ހިތް ލެނބުނު ގޮތް ކިޔައިދެމުން އާމިރު ބުނެފައި ވެއެވެ.

އެހިސާބުން އޭނާގެ ހިތުގައި އިސްލާމްދީނާ މެދު ސުވާލުތަކެއް އުފެދުނެވެ. އެގޮތުން އުފެދުނު އެެއް ސުވާލަކީ އިސްލާމްދީނަކީ ހަމަ އެކަނި އަރަބިންނަށް އޮތް ދީނެއްތޯ މިސުވާލެވެ.

" އަހަރެންނަށް އޮޅުން ފިލި، ގައުމަކަށް ނުބަލައި، ހުރިހާ އިންސާނުންނަށް އޮތް ދީނެއްކަން އިސްލާމްދީނަކީ" އޭނާ ބުނެފައި ވެއެވެ.

އެހިސާބުން އޭނާ ފުންކޮށް ވިސްނިއެވެ. އަދި ލަސްނުކޮށް އިސްލާމްދީން ގަބޫލުކޮށް އެކަން އިއުލާން ކުރިއެވެ. ދަތުރު ނިންމާފައި ނިއުޔޯކްގައިވާ އޭނާގެ ގެއަށް އެނބުރި ދިއުމަށް ފަހު އޭނާ ފުރަތަމަ ފަހަރަށް ނަމާދު ކުރި އެވެ.

އިސްލާމްވީތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އުމްރާއަކަށް ދިޔަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އުމްރާގެ އަޅުކަމަށް ގޮސް، ކައުބާ ފެނުމުން އޭނާއަށް ވަރަށް ފުން އަަސަރެއް ކުރުވި އެވެ.

"އަހަރެންނަށް ރޮވެން ފެށި. އަދި އަހަރެން ﷲ އަށް ހަމްދު ކުރިން މި މާތް އަޅުކަން އަދާކުރުމުގެ ތައުފީގު ދެއްވި ކަމަށް ޓަކައި،" އުމްރާއަށް ގޮސް ކުރެވުނު އިހުސާސް ކިޔައި ދެމުން އާމިރު ބުނެފައި ވެއެވެ.

އިސްލާމްވުމުން އާމިރުގެ މުޅި ހަޔާތް އެފުށް މިފުށަށް ޖެހުނެވެ. އުމުރުން އެންމެ 17 އަހަރުން ފެށިގެން ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ކަމަށްވާ ލަވަޔާއި މިއުޒިކް ވެސް އޭނާ ދޫކޮށްލި އެވެ. އޭނާ ދެން ކުރަން ފެށި މަސައްކަތަކީ ދީނީ އިލްމު އުގެނުމެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އަށް ޖެހުނީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާށެވެ. އިސްލާމް ވުމުގެ މާ ކުރިން އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއެއްގައި ކުށް ސާބިތުވި ކަަމަށް ކަނޑައަޅައި އޭނާ ވަނީ 2013 ވަނަ އަހަރު އެމެރިކާގެ ޖަލެއްގައި ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް ސާބިތުވީ ކުށަކީ އެހެން ބަޔަކަށް ފޯރުކޮށްދިނުމަށް ޓަކައި މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ހޯދަން އުޅުމެވެ.