ދުނިޔެ

އިސްލާމީ މަރުކަޒެއްގައި ހުޅުޖެހި މީހަކު 16 އަހަރަށް ޖަލަށް

އެމެރިކާގެ މިސޫރީގެ ކޭޕް ކިރާޑޯ އިސްލާމީ މަރުކަޒުގައި 2020 ވަނަ އަހަރު ރޯދަމަހާ ދިމާކޮށް ހުޅުޖެހި މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުން އޭނާ ވަނީ މިކަން ކުރި ކަމަށް އިއުތިރާފްވެ، އެއްބަސްވެފަ އެވެ.

އިސްލާމީ މަރުކަޒުގައި ހުޅުޖެހުމުގެ ސަބަބުން މަރުކަޒުގެ މައި ދޮރާއި ފުރަތަމަ ފަންގިފިލާއިން ބައެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުން އޭނާގެ ނަމަކީ ޖޯން ޕްރޮފިޓް އެވެ. އުމުރަކީ 44 އަހަރެވެ.

ޖޯން ޕްރޮފިޓަށް އިއްވާފައި އޮތް ޖަލު ހުކުމަށް ފަހު ވެސް ނުވަަތަ ޖަލު ހުކުމަށް ލިބޭ ލުޔަކާ ގުޅިގެން ވެސް އޭނާ ދައުލުތަގެ ބެލުމުގައި ދަށުގައި ތިން އަހަރު ހޭދަކުރަން ޖެހޭނެ އެވެ. އެއާ އެކު 551،217.91 ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދައްކަން ޖެހޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޯން ޕްރޮފިޓަކީ އެ އަވަށުގެ ތަންތަކުގައި، އިމާރާތްތަކުގައި ހުޅުޖަހަން މަޝްހޫރު މީހެކެވެ. އާންމު ގޮތެއްގައި އޭނާ ހުޅުޖަހަނީ ދީނީ ގަބޫލުކުރުންތަކާ ގުޅިފައި ހުންނަ އިމާރާތްތަކުގަ އެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ އިސްލާމީ މަރުކަޒެއްގައި ހުޅުޖަހާފަ އެވެ. އެފްބީއައި އިން މިކަން ކޯޓުގައި ކަށަވަރުކޮށްދިނެވެ.

އެޓާނީ ޖެނެރަލް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ދިގު ހުކުމެއް ކުރަން ޖެހުނީ އޭނާގެ ވިސްނުމުގައި އާންމުންނަށް ގެއްލުންދިނުން އަށަގެންފައި އޮތުމުންނެވެ.

ދީނީ މުގައްދަސް ބިނާ ތަކަކީ ގައުމުގެ އެއްބައިވަންތަކަމާ ގުޅިފައި ހުންނަ ތަންތަން ކަމަށް ވުމުން އޭނާގެ އަމަލުތަކަކީ ހަމަނުޖެހުން އުފައްދައި އާންމުގެ މެދުގައި ބިރުވެރިން އުފައްދަން ކުރި އަމަލެއް ކަމަށް ވެސް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.