(11 ޖޫން 2017 އާ ގުޅޭ)
"ކެތުލީނު އެއްވެސް އެއްޗެއް ނުބުނީތީ ރަނގަޅު. އައިރާ ގާތުގައި އެއްވެސް އެއްޗެއް ނުބުނާތި. އަހަރެން ލޫކަންއާ ވާހަކަދައްކާނީ. ދެން ދޭ ކެތުލީނުގެ މަސައްކަތް ކުރާން. އަހަރެން ވެސް މިދަނީ ފެންވަރާލަން" މަރިޔަންދީ ބުންޏެވެ. ކެތުލީނު އާނއެކޭ ބުނެލާފައި އެތެރެއަށް ދިޔައެވެ.
ސުކޫލު ނިމޭ ގަޑިއަށް މައުރީން ބަލާ ޤައިސްގެ ޑްރައިވަރު އައިސް އިނދެއެވެ. އެހެންޏާ އެކަނިމާ އެކަނި ހިނގާލާފައި ގެއަށް އަންނަ މައުރީން ޕްރައިވެޓް ކާރެއްގައި ދަތުރު ކުރަން ފެށުމުން އެކުވެރިންގެ ސަމާލުކަން ހުއްޓުނެވެ. އޭނާއާ އެކަމާ ގުޅިގެން ސުވާލުތައް ކުރިމަތި ވިއެވެ. ކުރީން ވެސް ބޮޑާ ގޮތެއް މައުރީންގެ ހުރެއެވެ. އޭނާގެ އެ ސިފަ ވަކިން ބޮޑަށް ފާޅުވެގެން ދިޔައެވެ. އޭނާގެ ދޮންބައްޕައަކީ ކާކުކަން އެކުވެރީންނަށް ބުނެދިނެވެ. ބައެއް އެކުވެރީން ޤަބޫލު ކުރިއެވެ. މައުރީންއާ އެންމެ ގާތްކޮށް އުޅޭ ކުދީން ބޭނުންވީ އޭނާ އެބުނާހާ ފުރިހަމަ ދިރިއުޅުމެއްތޯ އުޅެމުން އަންނަނީ ޔަގީން ކުރާށެވެ. ދުވަހަކު ވެސް އެކުވެރީންނަށް ގެއަށް ދަޢުވަތު ނުދޭ ވާހަކަ ފެށުނީ އެހިސާބުންނެވެ. އެއްވެސް ޖެހިލުމެއްނެތި މައުރީންގެ އެންމެ ގާތް އެކުވެރީންނަށް ދަޢުވަތު ދިނެވެ. މިޑްޓާމް ޓެސްޓަށް ތައްޔާރުވުމުގެ ގޮތުން "ގުރޫޕް ސްޓަޑީޒް" ހެދުން މައުރީންމެން ގޭގައި ބާއްވާ ގޮތަށް ހަމަޖެހުނެވެ. ހުޅުމާލޭގައިކަން މިހާރު މައުރީން ދިރިއުޅެނީ އެނގުމުން އޭނާގެ އެކުވެރީންނަށް އިތުރަށް އެ ފުރުޞަތުވީ މަޖާކޮށްލާން ލިބުނު ރަނުގެ ފުރުޞަތަކަށެވެ.
ޤައިސް މަސައްކަތްކުރަނީ މާލޭގައި ކަމަށްވާތީ އޭނާ މެންދުރު ކާން ގެއަކަށް ނާންނާނެ އެވެ. ރުބީނާ މިހާރު ކަނީ މައުރީން ސުކޫލު ނިންމާފައި ގެއަށް އައުމުން އޭނާއާއެކު އެވެ. އެގޮތުން ގެއަށް އައިސް ވަން މައުރީން ބޮޑު ކޮޓަރީގެ ސޯފާގައި ފޯނެއްގައި އިން ރުބީނާއަށް ފެނުނެވެ. އޭނާ ފޯނުކޯލު ނިންމާލާފައި މަރިޔަންދީއަށް ގޮވާ ގެނެސް މެންދުރުގެ ކެއުން ހުރީ ތައްޔާރަށްތޯ ސުވާލު ކުރި އެވެ. ރުބީނާގެ ކުރިމަތީގައި މަރިޔަންދީ ހުރިއިރު ލޫކަން ދެއްކި ވާހަކަތައް މަތީން އޭނާ ހަނދާންވި އެވެ. ރުބީނާގެ ގާތުގައި ބުނާން މަރިޔަންދީގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާގެ ޟަމީރު އެކަމާ ދެކޮޅު ހެދިއެވެ.
"މިއަދު ސްކޭން ހަދަން ދާން އެބައޮތް" ރުބީނާގެ ކުރިމަތިން ދިއުމުގެ ކުރީން މަރިޔަންދީ ބުންޏެވެ.
"އެހެންތަ؟ ކޮންކަހަލަ ކުއްޖެއްކަން އެނގޭވަރު ވެއްޖެތަ؟ ބޭބީ ރަނގަޅުތަ؟" މަރިޔަންދީ ދެއްކީ އައިރާގެ ވާހަކަކަން ވަގުތުން ރުބީނާއަށް އެނގުނެވެ.
"ޑަކްޓަރުން ބުނަނީ އައިރާ މާބޮޑަށް ފިކުރު ކުރަނީ ކަމަށް. ދަރިފުޅު އޮންނަ ގޮތުން ޖިންސު ވަކިކުރާން އަދި ނޭނގޭ. އަޅުގަނޑަށް ހީވަނީ އައިރާ ބޭރަށް ނުކުމެލާ އުޅޭން ފަށައިފިއްޔާ ބަނޑުގައި އޮތް ދަރިފުޅަށް ވެސް ރަނގަޅުވާނޭހެން"
"ނޫން! ކޮންމެހެން އެހެން ހަދާން އުޅޭނެ ކަމެއް ނެތް. މިގެ ކުޑަތަ އޭނާ ނުކުމެ އުޅޭން. އަހަރެން ބުނިހެން މަރިޔަންދީ ކަންތައް ކުރޭ. އޭނާގެ ގޮތް ބޮޑަށް އެނގޭނީ މަށަށް. އޭނާގެ ބަނޑުގައިވާ ދަރިއަކީ މަގޭ ދަރިއެއް. އޭނާ ބަހައްޓާފައި އެ ހުންނަނީ އެހެންވެ. އޭނާ ގާތުގައި ބުނޭ މާފާޑު ނުވާށޭ. އެހެންނޫނީ އަހަންނަށް ވެސް އެނގޭ ބަނޑުގައިވާ ދަރިއަށް ހަދާނޭ ކިތަންމެ ގޮތެއް" ރުބީނާގެ ވާހަކަ އަޑުއެހުމަށްފަހު އެ ތަނުން މަރިޔަންދީ ހިނގައިގަތީ އަނގައިން ނުބުނެވުނު ނަމައޭ ހިތަށް އަރައިގެން ހުރެއެވެ.
ރުބީނާއާއި މައުރީން ކައިގެން ފޭބުމުން ސުފުރާމަތި ސާފު ކުރުމަށް ކެތުލީނު ގާތުގައި ބުނެފައި މަރިޔަންދީ އައީ އައިރާ ބަލައެވެ. އޭރު އޭނާ ހުރީ ތައްޔާރުވެގެންނެވެ. މަރިޔަންދީ ފެންނަންވާއިރަށް އެނދުމަތީގައި އޮތް ފައިލު ހިފައިގެން އައިރާ ތެދުވެއްޖެ އެވެ. އޭނާ އެ އިނީ މަރިޔަންދީގެ އިންތިޒާރުގައިކަން އެކަމުން އެނގެއެވެ. މަރިޔަންދީ ބޮލުން ކޮށްލި އިޝާރާތާއެކު އޭނާގެ ގާތަށް އައުމަށް އައިރާ ހިނގައިގަތެވެ. ގިނައިރެއް ނުވެ އައިރާގެ އަތުގައި ހިފާލައިގެން ހުރެ ގެއިން ނުކުތުމަށް ގޭޓާ ދިމާއަށް ދެ މީހުން އައެވެ.
އަތިރިމަތީގައި ވައިޖައްސާލަން އުޅެފައި ގެއަށް ވަންނަން އައި ލޫކަންއަށް ގޭޓާ ދިމާލަށް އައި މަރިޔަންދީއާއި އައިރާ ފެނުނެވެ. އިރުކޮޅު އެ ދެމީހުންނަށް ބަލަން ހުރެވުނެވެ. މަރިޔަންދީއަށްވުރެ އައިރާގެ މޫނަށް ގިނައިރު ގެއްލިފައި ލޫކަންއަށް ހުރެވުނެވެ. ބޭއިޚްތިޔާރުގައި ލޫކަންގެ ދުލުން އައިރާގެ ނަން ކިޔާލި އެވެ. އަދި ދޮރުވާނަށް ހުރި ބިދޭސީ މީހާ ގޭޓު ހުޅުވާލުމުގެ ކުރީން ލޫކަން ދުވެލާފައި ގޮސް އެމީހުންނަށް ނުފެންނަނާނޭހެން ދުރުގައި މަޑު ކޮށްލިއެވެ. އޭނާ ސިއްރުން ބަލަން ހުއްޓާ ބޭރުގައި އޮތް އެ ގޭގެ ކާރަށް މަރިޔަންދީއާއި އައިރާ އަރައިފިއެވެ. ކާރު ދުއްވާލުމުން ލޫކަން އައިސް ކުރިމަތިލީ ދޮރުވާނާ އެވެ. އޭނާ ހިނިތުންވުމެއް ބަދަލުކޮށްލާފައި އައިރާއާއި މަރިޔަންދީއާ ކޮންމެވެސް ވާހަކައެއް ދެއްކިކަން އެނގިގެންނެވެ.
"ކޮންތާކަށް އެ މީހުން އެ ދިޔައީ؟" ލޫކަން ވަނުމަށް ގޭޓު ހުޅުވައިދިނުމާއެކު އޭނާ އަހާލިއެވެ.
"ހޮސްޕިޓަލަށް" ދޮރުވާނުގެ ޖަވާބު ވަރަށް ސާދާ އެވެ. އިތުރު ސުވާލެއް ލޫކަން ނުކުރިއެވެ.
"ލޫކް! ކޮންތާކުން ތި އައީ؟ ކާން އަންނާށޭ ބުނާންވެގެން ގޮވަން ދިޔައިރު ކޮޓަރީގައި ނެތް" ބޮޑުކޮޓަރިއަށް ވަދެގެން ދިޔަ ލޫކަންއަށް ރުބީނާ ގޮވާލުމުން ހުއްޓުނެވެ. އޭނާ ނުކުތީ ބަދިގެ ފަރާތުންނެވެ.
"ބޭރުން މި އައީ. އިރުކޮޅަކުން ކާނީ" ލޫކަން ބުންޏެވެ. އޭނާގެ ބަސްމަދުކަމުން ވެސް ރުބީނާއަށް އުނދަގޫ ވެއެވެ. ވާހަކައެއް ފަށަން އުޅުނަސް ދެބަހެއް ބުނެލެވޭއިރަށް ލޫކަން ހިނގައިދާނެ އެވެ.
"ޗުއްޓީ ވެސް ނިމެނީނު. ދެން އަނެއްކާ ވެސް އެކޮޅަށް ބަދަލުވާނީތަ؟ ލޫކް ފޯނެއް ވެސް ނުގެންގުޅޭންތަ. މިއަދު ނުފެނުނީމަ ދިޔަތަނެއް ބަލާލަން ގުޅާލަން ވެސް ހިތައް އެރި. އެކަމަކު ނަންބަރެއް ގެންގުޅޭކަން ނޭނގޭތީވެ" ރުބީނާ ބުންޏެވެ.
"ޗުއްޓީއަށް އައިސް ހުންނަ މަދު ދުވަސްކޮޅުގައި ނަންބަރެއް ނެގުމުގެ ބޭނުމެއްނެތް. އަޅުގަނޑުގެ ހުރިހާ ކަމެއް އޮތީ އެކޮޅުގައި. އެހެންވީމަ މިކޮޅުގައި މަޑުކުރުމުގެ މާބޮޑު ބޭނުމެއްނެތް" އަވަސް ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ލޫކަން ސިޑިން އަރައިގެން ހިނގައްޖެއެވެ. އޭނާ ދިޔަ ދިމާއަށް ބަލަން ރުބީނާ ހުއްޓެވެ.
ކޮޓަރިއަށް ވަދެވުމާއެކު ލޫކަން ގަސްދުކުރީ ފެންވަރާލާށެވެ. ފެންމާގަނޑުގެ ދަށުގައި މަޑުކޮށްލުމާއެކު މުޅި ހަށިގަނޑަށް ފިނިކަން އިހުސާސް ވެގެން ދިޔައެވެ. އެހެންނަމަވެސް އެ ފިނިކަމުގެ ތެރެއިން އޭނާގެ ހިތާއި ސިކުނޑީގެ މަސައްކަތަށް މަޑުޖެހުމެއް ނައެވެ. ލޯ ކުރިމަތިން ސިފަވަމުން އައީ ގޭޓުން ނުކުމެގެން ދިޔަ އައިރާއެވެ. އެއްވެސް ގަސްދަކާ ނުލާ ވެސް ލޫކަންގެ ސިކުނޑި އެ އަންހެންކުއްޖާ ޙިޞާރުކުރަނީ އެވެ. ސިފަކުރެވުނު ވަރަކަށް އައިރާގެ ރީތިކަމުގެ ފުންކަމުގެ ތެރެއަށް ފީނެމުންދިޔައެވެ. އެ އަންހެންކުއްޖާ ހިނިތުންވެލައިފިނަމަ މުޅި ކައުނު މަޑުޖެހިލާނޭ ލޫކަންގެ ހިތަށް އެރިއެވެ. އެ ޚިޔާލުން ތުންފަތައް މަޢުނަވީ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އޮހެމުންދިޔަ ފެންތަކުގެ ތެރޭގައި ދެ ލޯ މަރާލައިގެން ހުރެފައި ލުއިގޮތަކަށް ލޫކަންއަށް ހީނލެވުނެވެ.
"ރާއްޖޭގައި ވެސް ރީތި ކުދީން އެބައުޅޭ" ހިނިއައިސްފައި ހުރެ ލޫކަން އަމިއްލަ ނަފްސަށް ބުނެލިއެވެ.
"އަހަންނަށް ބަދަލުތަކެއް އެބައާދޭ. ރޫބީދައްތަ ބުނިހެން ޗުއްޓީ ވެސް ނިމުމަކަށް އަންނަނީ. ބައްޕައާއެކު ވަގުތު ހޭދަކުރެވުނު ނަމަވެސް އަހަރެންގެ ސަމާލުކަން މިވަނީ އެހެން ފަރާތަކަށް ހުއްޓިފައި. ފެންނަ ފެނުމަށް ވަރަށް އާދައިގެ. ދުނިޔެއަށް ޝައުގުވެރިވުމަށްވުރެ އޭނާގެ އަމިއްލަ ދުނިޔެ މާ ޝައުގުވެރިކަން އެނގޭ. އެއްވެސް ގޮތް ދެއްކުމެއްނެތި އޭނާ އަހަރެންގެ ސަމާލުކަން އަތުލައިފި. ޚާއްޞައޭ ބުނުމަށް އަހަރެންގެ ހިތަށް މަޖުބޫރުކުރާ ކަހަލަ. ޗުއްޓީގެ ދުވަސްތައް ލޯމަރާލާ ހުޅުވާލާހާ އަވަހަށް ހިނގައިދާނެނަމައޭ އޭރު ހިތަށް އެރި. އެކަމަކު މިހާރު... މިހާރު އަހަރެން އެގޮތް ބޭނުންވާ ކަމާ މެދު ޚުދު އަހަންނަށް ވެސް ޤަބޫލެއްނުކުރެވޭ. އަހަންނަށް މި ބަދަލުތައް ގެނައީ އޭނާ. ހުރިހާ ވަގުތަކުހެން އެމީހެއްގެ މަތީން ހަނދާންކުރެވޭ މީހާ ކަމުގައި އޭނާ ވެއްޖެ. އެކަމަކު ކީއްވެ؟ އަހަރެންގެ އަމިއްލަ ގޭގައި ހުރި ކުއްޖެއްވީމަތަ؟" ޚިޔާލުގެ ކޮޅިގަނޑު ސުވާލުތަކުން އުތުރި އަރާން ފެށުމުން ލޫކަން ދެފަރާތަށް ބޯހޫރާލިއެވެ. ނިކަން އަވަސް އަވަހަށް ދެއަތްތިލަ މޫނުގައި ހާކާލިއެވެ.
* * *
ފުންނޭވާއެއް ބޭރުކޮށްލި ލޫކަން އިނީ ޤައިސްގެ އިންތިޒާރުގައެވެ. ހުޅުމާލޭގެ ކެފޭއެއްގަ އެވެ. ލޫކަންއާއެކު އެކަނި ކޮފީއަކަށް އަރާލަން ޤައިސްގެ ގާތުގައި އެދިފައި އޮތީމައެވެ. ގިނައިރެއް ނުވެ އެތަނަށް ވަން ޤައިސްއަށް ލޫކަން ފެނިއްޖެއެވެ. ދަރިފުޅުގެ ގާތުގައި ޤައިސް އައިސް އިށީނެވެ. އެމީހުންގެ މޭޒު ކައިރިއަށް އައި ވޭޓަރަށް އޯޑަރު ދިނެވެ. ލޯބިވާ ދަރިފުޅަށް ޤައިސް ބަލާލިއެވެ. އެ މަޢުނަވީ ބަލާލުމުގައި އެތައް ވާހަކައެއް ވެއެވެ.
"ލޫކް. ތީ މިހާރު އޮނަތިރީސް އަހަރުގެ ޒުވާނެއް. ދަރިފުޅާ މެދު ވަރަށް ފަޚުރުވެރިވަން. ދަރިފުޅުގެ މަސައްކަތަށް ވަރަށް ކުޅަދާނަކަން ބައްޕައަށް އެނގޭ. ދަރިފުޅު ނެރެފައި އޮތް ފޮތުން ވެސް މެޑިކަލް ދާއިރާއަށް ދަރިފުޅަށް ވަދެވިފައި ހުރިވަރު ބައްޕައަށް ދެނެގަނެވުނު. މިއަދު... ދަރިފުޅުގެ މަންމަ... ސަލީނާ ދުނިޔޭގައި ހުރިނަމަ ވަރަށް އުފާވާނެ"
"މަންމައަކީ އެހެން މީހުންނަށް ޚިދުމަތްކޮށްދޭހިތްވާ މީހެއް. އަޅުގަނޑު ވެސް މި ދާއިރާ ޚިޔާރުކުރީ ބަޔަކަށް އެހީތެރިވެދިނުމަށް. މަންމަ މަތީން ވަރަށް ހަނދާންވޭ. އަޅުގަނޑުމެންނާ ވަކިވާކަށް މަންމަ ވެސް ބޭނުމެއް ނުވާނެ. އެހެންވިޔަސް މަންމަގެ ވަގުތު ހަމަވީ. އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގޭ"
"ލޫކް. ޒަވާޖީ ހަޔާތަކާމެދު ދަރިފުޅު ނުވިސްނަންތަ؟ ތި އުމުރަށް ދިޔައިރު ބައްޕަ ވެސް ހުރީ ކައިވެނިކޮށްގެން. ބައްޕައަށް އެނގޭ ދަރިފުޅާ ކުދީން ކުދީންނާ ދިމާނުވެއެއް ނުހުންނާނެކަން" ނުތަނަވަސްކަން ކަނޑުވާލަން ކުޑަކޮށް ހީނލާފައި ޤައިސް ވާހަކަ ދެއްކި އެވެ.
"އަޅުގަނޑު އެޗީވްކުރާން ބޭނުންވާ ގޯލްސްތައް ބައިވަރު" ލޫކަންގެ އަނގައިގައި ބަސް އޮއްވާ ޤައިސް ވާހަކަދައްކަން ފެށިއެވެ.
"ކުރާން ބޭނުންވާ ކަންކަން ތިމާ ދުނިޔޭގައި ހުރިހާ ދުވަހަކު ނިމުމަކަށް ނާންނާނެ. އެއްކަންތައް ނިމޭއިރު އެއަށްވުރެ ރަނގަޅު އެހެންކަމެއް ފެންނާނެ... އެއީ އިންސާނީ ޠާބީޢަތް. މިހާރު ވެސް ދަރިފުޅުވަކި ދެރައެއްނޫން. އުހުގައި އުޅޭ ޑަކްޓަރުންގެ ލިސްޓުގައި ދަރިފުޅު ހިމޭނޭ. ބައްޕައަށް ފެންނަނީ ދެން އަމިއްލަ ދިރިއުޅުމަށް ވަގުތުދޭން ފަށާން"
"އޯކޭ ޑޭޑް" ލުއި ހީނލުމަކާއެކު ލޫކަން ބުންޏެވެ.
"ހިތަށް އަރާ ބައްޕައާ ހަމައަށް ގެންނާނީ ކިހާވަރެއްގެ ޅީދަރިއެއްބާއޭ" ޤައިސް ވެސް އިނީ ހެވިފައެވެ. ދަރިފުޅާއެކު އެކަނިވުމުން ސަމާސާކޮށްލާ ހިތުން އިން ކަހަލައެވެ.
"އަޅުގަނޑު ކޮންމަ ކަހަލަ އަންހެންކުއްޖާ ގުޅުނަސް އޭނާ ވާނީ ޚާއްޞަ... ނޫން!... ވަރަށް ވަރަށް ޚާއްޞަ ކުއްޖަކަށް. އެ އަންހެންކުއްޖާ ވާނީ ސީދާ އަޅުގަނޑަށް ޓަކައި މި ދުނިޔެއަށް އުފަންވެފައިވާ ކުއްޖަކަށް" ލާނެތް ހިންޏެއް އައިސްފައި ލޫކަން އިނެވެ. އޭނާގެ ވާހަކަ އިވިފައި ޤައިސްއަށް ވެސް ހިނިގަނޑު ނުހިފެއްޓުނެވެ.
އެހެންޏާ ދެބަފައިންގެ ދެމެދުގައި ނުދެކެވޭ އެތައް ވާހަކައެއް ކޮފީ މޭޒު ދޮށުގައި ތިބެގެން މިފަހަރު ދެއްކުނެވެ. ޤައިސްދެކެ އޭނާގެ ދަރިފުޅު ލޯބިވާކަން އޭނާއަށް އެނގެއެވެ. އެ ދަރިފުޅުގެ އުފާވެރިކަން އޭނާއަށް ވަރަށް މުހިންމެވެ. އެ ދަރިފުޅުގެ ހަޔާތައް އޭނާގެ ދެކެ އިންތިހާއަށް ލޯބިވާނޭ ބައިވެރިއަކު ލިބުމަކީ ޤައިސްގެ ހިތުގެ ދުޢާއެވެ. ކަންކަން ކުރުމަށް ލޫކަން ކިތަންމެ ކުޅަދާނަޔަސް އޭނާގެ ހިތަކީ ކިހާ ނާޒުކު އެއްޗެއްކަން ޤައިސްއަށް އެނގެއެވެ. އެ ދަރިފުޅުގެ ހިތް ކަމަކަށް ލެނބިއްޖެނަމަ އޭނާ އެކަމަކަށް ގޮސް ހުސްވެދާނެއެވެ. ކަންބޮޑުވަނީ އެހެންވެއެވެ. ހަޔާތެއް ފަށަން ގަސްދުކުރާ ހިނދު އެ ދަރިފުޅުގެ ހިތް ހަލާކުވެދާނެތީއެވެ. އެހެންނަމަވެސް ދުނިޔެއަކީ ތަޖުރިބާ ގިނަ ތަނެކެވެ. ދަސްކުރާން ލިބޭ ފިލާވަޅުތައް ގިނައެވެ. މިހާރު ލޫކަންއަކީ ފުރާފުރިހަމަވެފައި ހުރި ޒުވާނެއްކަމަކު އޭނާއަކީ ޤައިސްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދިވެސް އެއަތުގައި ހިފައިގެން މަގުދައްކަމުން ހިނގާން ޤައިސް ހުރީ ތައްޔާރަށެވެ.
* * *
މަރިޔަންދީއާ ކުރިމަތިލާން ތައްޔާރުވެގެން ހުރި ލޫކަންއަށް ވަގުތު ދާލެއް ލަސްވިއެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލާފައި އައިސް ބެލްކަންޏަށް ނުކުމެގެން ހުރި ދޮރުކައިރީ މަޑުކޮށްލިއެވެ. ފަރުދާތައް އިނގިލިތަކުން އެއްފަރާތްކޮށްލާ ޚާދިމުން ތިބޭ އިމާރާތައް ސިއްރުން ބަލާލިއެވެ. ފަތިހު ފަތިހާ އައިރާގެ ކޮޓަރީގެ ކުޑަދޮރު ހުޅުވާގޮތަށް ވަރަށް ދަންވަންދެން ވެސް ބައެއް ރޭ ރޭ ހުރެއެވެ. މިރޭ ވެސް އަދި ހުރީ އެ ކުޑަދޮރު ހުޅުވާފައެވެ. ތަފާތު ޚިޔާލުތަކާއެކު އެ ދިމާއަށް ބަލަން ލޫކަންއަށް ހުރެވުނެވެ. އައިރާގެ ޚިޔާލުތަކުގައި ވަގުތު ދާގޮތެއް އޭނާއަކަށް ނޭނގެއެވެ. ގަޑި ބަލާލި އިރު އެގާރަގަޑި ސާޅީސްފަހެއް ހިނގަނީއެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ.
ބަދިގެއަށް ލޫކަން އައިސް ވަންއިރު ކާމޭޒު ދޮށުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ކެތުލީނު އިނެވެ. ފާރު ކައިރީ އެއްފަރާތުގައި ހުރި ކަބަޑުސެޓުގައި ލެނގިލައިގެން މަރިޔަންދީ ހުއްޓެވެ. ދެ މީހުން ވެސް ތިބީ ހާސްކަމެއްގެ ތެރޭގައިކަން އެ މޫނުތައް ހެކިވެއެވެ. ލޫކަންގެ ހިލަން ވުމާއެކު ދެ މީހުން ވެސް ސަމާލުވެލިއެވެ. ކެތުލީނު ވެސް އަވަހަށް ތެދުވިއެވެ. ނަމަވެސް ލޫކަން އަތުން އިޝާރާތްކޮށްލީ އިށީނދެ އިނުމަށެވެ. މަރިޔަންދީއަށް ވެސް އަންގާލީ އައިސް އިށީނުމަށެވެ. މޭޒު ދޮށުގައި ތިން މީހުން ތިބިއިރު ސައްލާކުރާން ތައްޔާރަށް އޮތް މަޖިލީހެއް ކަހަލައެވެ.
"އަހަންނަށް އައިރާއާ ބެހޭ ވާހަކަތައް ކިޔައިދޭން މަރިޔަންދީ ގާތުގައި ބުނެބަލަ" ކެތުލީނަށް ބަލާލާފައި ލޫކަން ބުންޏެވެ.
"ލޫކަން. ބައެއް ކަހަލަ ކަންތައްތަކަކީ އެނގުމަށްވުރެ ނޭނގުނިއްޔާ ރަނގަޅު ކަންކަން. އެހެންވީމަ އެ އަންހެންކުއްޖާ ބެހޭ ކަންތައްތައް އޮޅުންފިލުވަން މަސައްކަތްނުކުރޭ" މަރިޔަންދީ ބުނި އެއްޗެއް ކެތުލީނު އޮޅުން ފިލުވައިދިނެވެ.
"އަހަރެން އެނގެން ބޭނުން. އޭނާއަކީ މިގޭ މަސައްކަތްކުރާ މީހެއް ނޫން. ކުރީން އަހަރުމެންނާއެކު އެއްތަނެއްގައި އުޅެފައި މިހާރު އޭނާ މަރިޔަންދީމެން އުޅޭ ބަޔަށް ގެންދަން ޖެހުނު ސަބަބެއް ވެސް އޮންނާނެއެއްނު" ރުބީނާއަށް އިތުބާރު ނުކުރާކަން ޚާދިމުންގެ ކުރިމަތީ ހާމަކުރާން ލޫކަން ފަސްޖެހުނެވެ.
"އެ އަންހެންކުއްޖާގެ ބަދުނަސީބު ވާހަކަ އަޑުއަހައި ލޫކަންއަށް ކޮށްދެވޭނެކަމެއް ނޯންނާނެ. އެއީ މިގޭގައި އޮޅުމަކުން ހައްޔަރުވެފައި އިން ދޫންޏެއް. އުއްދުއްސައިގަންނަން ބޭނުންވިޔަސް ދެވަރަ ކޮށާލާފައިވުމުން އަމިއްލަ ނަސީބާމެދު ހިތްހެޔޮކޮށްލައިގެން އިނީ. ފުރާނަ ހުއްޓެއްކަމަކު ދިރިމެއްނެތް"
"ތިހާލު އޭނާއަށް ޖެހެންވީ ކީއްވެ؟" ލޫކަން ސުވާލު ކުރިއެވެ.
"ހަޤީޤަތް އެނގެން ލޫކަން ތިހާ ބޭނުންވަނީ ކީއްވެ؟ އެ އަންހެންކުއްޖާއަކީ ބީރައްޓެއްސެއް. މިގޭގައި އިން ދުވަސްކޮޅެއްގެ މެހެމާނެއް" މަރިޔަންދީގެ ވާހަކަ ހުރި ގޮތުން އޭނާ ހަޤީޤަތް ހާމަނުކުރާން އުޅޭ ކަހަލައެވެ.
"މަރިޔަންދީ! އަހަންނަށް ވެސް ކޮށްދެވޭނެ ކަމެއް އޮތިއްޔާ އެނގޭނީ ވެސް ހަޤީޤަތް އެނގުނީމައެއްނު" މަޑުމައިތިރިކަމާއެކު ލޫކަން ބުނެލިއެވެ.
"އޭނާއަކީ ރުބީނާގެ ޅީދަރިފުޅު. ދުނިޔޭގައި އެކަނިވެފައި މިހާރު އޭނީ. އޭނާއާ އަޅާލަން ތިބި މީހުންނާ އޮތިއްޔާ އޮތް ގުޅުމެއް ވަނީ ކެނޑިފައި. މަދަދަށް އެދޭނޭ ފަރާތެއް އޭނާ ހެއްދެވި ކަލާނގެ ނޫނީ ނުވޭ. ވިހެއުމުން އޭނާ މިގެއިން ނުކުންނާން ޖެހޭނެ. ރުބީނާ ކުރީން އިން މީހާ... އައިރާގެ ފިރިމީހާގެ ބައްޕަ ވަރަށް ހެޔޮ ކަމަށްވަނީ. އެކަމަކު އެމީހުންގެ ޚަބަރެއް ވެސް ނުވޭ. އަސްލު ނުވަނީކީ ނޫން. ވިޔަ ނުދިނީ... އައިރާ ބުނާ ގޮތުންނަމަ އޭނާ އެނބުރި ދާން އޮތީ އުޅެބޮޑުވި ރަށަށް. އެކަމަކު އެ ރަށުގައި އޭނާ ވަންނާނޭ ހިޔާވައްސެއްހާ ހިސާބު ވެސް ނެތް. އޭނާގެ ވަރަށް ގާތް އެކުވެރިއަކު ރަށުގައި ހުންނާނެކަމަށް ބުނި. އެ އެކުވެރިޔާ އައިރާއަށް އެހީވާނެކަމުގައި ވެސް ބުނި. ގޮތެއް ނެތިފައި އިން ނިކަމެތި އަންހެންކުއްޖެއް އެއީ. އޭނާގެ ބަނޑުގައިވާ ދަރިފުޅާ މެދު އޭނާ އަބަދު އިންނަނީ ބިރުން. ރުބީނާގެ ހިޔަނި އެޅިފައިވާތީ. އޭނާ ދާން އުޅެފިނަމަ ބަނޑުގައި އޮތް ދަރިފުޅު ވެސް ސަލާމަތް ނުވާނެ. މިގޭ ހަތަރު ފާރުގެ ތެރެއިން އޭނާ ނުކުތުމުގެ ހުއްދައެއް ނޯވޭ"
ތުނބަށްއަތްދީގެންއިން ލޫކަންއަށް މަރިޔަންދީގެ ވާހަކައަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާ އެއްފަހަރު ކެތުލީނަށް އަނެއްފަހަރު މަރިޔަންދީއަށް ބަލާލިއެވެ. ކެތުލީނަށް ވެސް ހަޤީޤަތް އެނގުނީ އަދި ކިރިޔާ އެވެ. ވާހަކަ ދައްކަމުން ގޮސް އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. އޭނާ އަބަދު އައިރާ ހެއްވާލަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އައިރާގެ ދިރިއުޅުމުގެ ހަޤީޤަތް އެނގުނީ އަދިކިރިޔާއެވެ. އޭނާ ހިތާމަ ކުރާވަރު އެނގުނީ މިރެއެވެ. ލޮލުން ފާޅުވެގަތް ކަރުނަތައް ކޯތާފަތުން ފައިބަން ގަސްދުކުރި ހިނދު ނިކަން އަވަހަށް ކެތުލީނު ދެއަތުން ލޯ ފުހެލިއެވެ.
"އޭނާ ފިރިމީހާ..." އެތައް އިރަކު ހިމޭނުން އިނދެފައި ލޫކަން އަހާލިއެވެ.
"މަރުވީ. މިގެއަށް އައި އިރު އޭނާ މަރުވިތާ ގިނަ ދުވަހެއް ނުވޭ" މަރިޔަންދީ ބުނި އެއްޗެއް ކެތުލީނުގެ ކުރެހިފައިވާ އަޑުން އޮޅުން ފިލުވައިދިނެވެ. ހަށިފުރާ ނޭވާއެއްލާން އުޅުނު ފަދައިން ލޫކަން ހަށިގަނޑު ތެދުކޮށްލިއެވެ. އިވިގެންދިޔަ ވާހަކަތަކުން އޭނާއަށް ކޮށްފައިވާ އަސަރު ފޮރުވާލަން އުޅުނެވެ. ތިރީ ތުންފަތުގައި ދޫ ހިންގާލުމާއެކު ދަތްއަޅާލި ގޮތުން ހީވީ އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ހެނެވެ. ދެބުމަ ހިއްލާލާ އެހާމެ އަވަހަށް ކައިރި ކޮށްލިއެވެ. މިވަގުތު އޭނާއަށް ވަމުންދިޔަ ގޮތް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ހީކުރި ވަރަށް ވުރެ އައިރާގެ ދިރިއުޅުމަށް ބިންދާލި ރާޅު ވަރުގަދަ އެވެ. ޣަރަޤުވަމުން ދާއިރު އެ އަންހެންކުއްޖާ ސަލާމަތްކުރެވޭނެކަމާމެދު ލޫކަންގެ ހިތުގައި ވެސް ވީ ސުވާލެކެވެ.
"ލޫކަން އެހާވަރުން އެނގެން ބޭނުންވީމަ މި ކިޔާދިނީ. ދައްތަ ނަޞޭޙަތެއް ދޭންތަ؟ ބައްޕަގެ ކައިވެނި އެ ކުރެވުނީ ވަރަށް ދުވަސްވާންދެން އެކަނިވެރިކަމުގައި އުޅުމަށްފަހު. އެހެންވީމަ ކުއްލިއަކަށް ޖޯޝުގައި ފިޔަވަޅެއް ނެގުން ރަނގަޅެއް ނުވާނެ. ދައްތަ ޤަބޫލު ކުރަނީ ލޫކަންއަކީ އެއަށްވުރެ ވިސްނޭ ކުއްޖެއް ކަމަށް. ދުނިޔޭގައި އެކި ހާލުގައި އުޅޭ މީހުން އުޅޭ. އެއިން ކޮންމެ މީހަކަށް އެހީވާން ބޭނުންވިޔަސް ނުވެވޭ ފަހަރު ވެސް އަންނާނެ. އެކަން ލޫކަން ޤަބޫލު ކުރާންވާނެ" މަރިޔަންދީ ވާހަކަދެއްކީ ލޫކަންއަށް ބަލަން އިނދެއެވެ. އޭނާ ބުނާންވީ އެއްޗެއް ބުނެ ނިންމާލާފައި ކެތުލީނަށް ބަލާލިއެވެ. ބޯޖަހާލި ކެތުލީނު އިނގިރޭސި ބަހުން ވާހަކަދައްކަން ފެށިއެވެ. (ނުނިމޭ)