ދުނިޔެ

ހަތިޔާރު އެޅި މީހަކު ސިޑްނީގެ ކެފޭއެއްގައި ބަޔަކު ރަހީނުކޮށްފި

Dec 15, 2014

ސިޑްނީ (14 ޑިސެމްބަރު) – ހަތިޔާރު އެޅި މީހަކު އޮސްޓްރޭލިއާގެ ސިޑްނީގެ ކެފޭއަކަށް ވަދެ ގިނަ އަދަދެއްގެ ބަޔަކު މިއަދު ރަހީނުކޮށްފި އެވެ. 

ސިޑްނީގެ ލިންޓް ކޮޗްލެޓް ކެފޭ ތެރޭގައި ރަހީނުކޮށްފައިވާ މީހުންގެ އަދަދު ނޭގުނަސް އޮފިޝަލުން ވިދާޅުވެފައި ވަނީ އާންމުންގެ ބަޔަކު ރަހީނުކޮށްގެން އުޅެނީ ހަތިޔާރު އެޅި އެންމެ މީހަކު ކަމަށެވެ. ނުރަސްމީ ރިޕޯޓްތައް ބުނާ ގޮތުން ކެފޭ ތެރޭގައި ތިބި މީހުންގެ އަދަދު 13 އަށް އަރަ އެވެ.

މަދުވެގެން އާންމުންގެ ތިން މީހަކު ކެފޭ ތެރެއިން ބޭރަށް ފެންނަ ގޮތަށް ބިއްލޫރި ދޮރެއް ކައިރީގައި ބައިތިއްބައިފައިވާ މަންޒަރު ވެސް ފެނެ އެވެ. އާންމުން ސަލާމަތްކުރުމުގެ ހާއްސަ ހަރަކާތެއް ފަށައި ފުލުހުން މުޅި އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައިވާއިރު ބައެއް މީހުން ބުނާ ގޮތުން އާންމުން ރަހީނުކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވަފާތެރިއެކެވެ.

ކެފޭ ތެރެއިން، އައިއެސް އިން ބޭނުންކުރާ ކަޅު ކުލައިގެ ދިދައާ އެއް ވައްތަރުގެ ދިދަތަކެއް ފެންނަ ކަމުގެ ރިޕޯޓްތައް ވެސް ލިބެ އެވެ.

ރަހީނުކުރި ހާދިސާ އަށް ހަ ގަޑިއިރުވެފައިވާއިރު ތިން މީހަކު ކެފޭ ތެރެއިން ދުވެފައި ބޭރަށް ނުކުމެފައިވެ އެވެ. އެމީހުން ސަލާމަތްވި ގޮތެއް އޮފިޝަލުންނަށް ނޭނގޭއިރު އެތެރޭގައި ތިބި މީހުންގެ ހާލެއް ވެސް ނޭނގެ އެވެ.

ފުލުހުންގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ހަތިޔާރު އެޅި މީހާއާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށެވެ.