ދުނިޔެ

ް

Jun 13, 2017

ދެކުނު ކޮރެއާގައި އެމެރިކާއިން ބެހެއްޓި މިސައިލުން ދިފާއުވާ ނިޒާމު، ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ބަހައްޓާފައިވާ ސަރަހްދުގެ އޭރިއަލް ފޮޓޯތަކެއް އުތުރު ކޮރެއާއިން ފޮނުވި ކަމަށް ތުހުމަތު ކުރެވޭ ޑްރޯނަކުން ނަގާފައިވާ ކަމަށް ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުނެފިއެވެ.

ޔޮންހަޕް ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް ބުނީ ފޮޓޯ ނެގި ޑްރޯން އެނބުރި ދިޔަ މަގުމަތީގައި ވެއްޓިފައިވާ ކަމަށެވެ. އުތުރުކޮރެއާއިން ފޮނުވި ، ކެމެރާ ހަރުކޮށްފައިވާ ޑްރޯނެއް ދެކޮރެއާ ގުޅޭ ސަރަހައްދުގައިވާ ޖަންގައްޔެއްގެ ތެރެއިން ފެނިފައިވާ ކަމަށް ދެކުނުކޮރެއާ ސަރުކާރުން ވެސް ހުކުރު ދުވަހު ބުންޏެވެ.

ތާޑް އަކީ ބެލިސްޓިކް މިސަައިލުން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ނިޒާމެކެވެ. އެ ނިޒާމު ދެކުނު ކޮރެއާއަށް ގެންދަން އުޅޭކަން އެމެރިކާއިން އިއުލާން ކުރުމުން ދެކުނުކޮރެއާގެ އެތައް ސަތޭކަ ރައްޔިތުންނެއް އެކަމާ ދެކޮޅަށް މުޒާހަރާ ކުރިއެވެ. ނަމަވެސް އެމެރިކާއިން މިހާރު ވަނީ ދެކުނު ކޮރެއާގައި އެނިޒާމު ބޭނުން ކުރެވޭ ވަރަށް ފައްކާކޮށްފައެވެެ.