ހަބަރު

ތައި ސަފީރު ކަމަށް ކާނަލް އައްޔަން ކުރަން ފާސްކޮށްފި

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ މަގާމަށް ނަޝީދު އައްޔަން ކުރުމާ މެދު ރައްޔިތުން މަޖިލީހުގެ މަޝްވަރާއަށް އެދި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސަ ކުރައްވާ ނިންމެވީ އެ މަގާމަށް ނަޝީދު އައްޔަން ކުރުމަށެވެ. އޭގެ ފަހުން ތަޅުމުގައި ނަޝީދު އެ މަގާމަށް އައްޔަން ކުރަން ނިންމި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 70 މެންބަރުންނެވެ.

ކާނަލް އަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ނަޝީދު ވަނީ ޑީއާރްޕީއާ ގުޅި އެ ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެންފަ އެވެ.

މިހާރު ޑީއާރްޕީ ވަނީ ސަރުކާރު ހިންގާ ޕީޕީއެމްއާއެކު ކޯލިޝަން ހަދައި، އެކުގައި މަސައްކަތް ކުރަން ފަށާފަ އެވެ. އެގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކޮށްފައިވެ އެވެ. މާލޭ ސިޓީ ކައުންސިލުން ސަރުކާރު ކޯލިޝަނަށް ލިބުނު ހަމައެކަނި ގޮނޑިއަކީ ވެސް ޑީއާރްޕީގެ ގޮނޑިއެކެވެ.