ތެލުގެ ޑިއުޓީ ކުޑަކޮށް އަގު ހެޔޮ ކުރުމާއެކު ބާޒާރުގައި ވިއްކާ މުދަލުގެ އަގުތައް ވެސް ހެޔޮ ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ލިލީ ގްރޫޕުގެ ވެރިޔާ، އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ލިލީ ކުންފުނީގެ ޗެއާމަން މައްލާ ނާބެ ވިދާޅުވީ ތެލުގެ އަގު ހެޔޮ ކޮށްފިނަމަ އޭގެ ހެޔޮ ބަދަލުތައް ބާޒާރުގައި މުދަލުގެ އަގުން ވެސް ފެންނާނެ ކަމަށެވެ.
"ތިޔަ ބޭފުޅުން ވިސްނާލީމަ ވެސް އެނގޭ ނޫތޯ ތެލުގެ އަގު ހެޔޮ ކުރުމުން އަގުތައް ހެޔޮ ވާނެކަން. އަޅުގަނޑުމެންގެ ވިސްނުމަކީ ވެސް އެއީ މި ބަދަލާއެކު އަގުތައް ހެޔޮވުން،" ނާބެ ވިދާޅުވި އެވެ.
ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ހެޔޮކުރުމަށް ޓާގެޓުކޮށް، ސަރުކާރުން ވަނީ ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން މިހާރު ނަގާ 10 ޕަސެންޓުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް މަސައްކަތް ފަށާފަ އެވެ. މިގޮތުން "އިމްޕޯޓް އެކްސްޕޯޓް" ގާނޫނަށް ބަދަލު ގެންނަން ރައްޔިތުން މަޖިލީހަށް ވަނީ ވައްދާފަ އެވެ.
ލިލީ ގްރޫޕުގެ ވެރިޔާ ވިދާޅުވީ މުދަލުގެ އަގު ހެޔޮވުމަށް އޮތް އަނެއް ފަސޭހައަކަކީ މިހާރު ޑޮލަރު ފަސޭހަކަމާއެކު ލިބެން ހުރުން ކަމަށެވެ.
" ކުރިން މި ކިޔަނީ 17ރ. އަށް ނޫނީ 18ރ. އަށޭ ޑޮލަރު ލިބެނީ. އެކަމަކު މިހާރު ފަސޭހަކަމާއެކު އެބަ ޑޮލަރު ލިބޭ. މިހާރު ޑޮލަރުގެ ވާހަކަ މީހަކު ނުދައްކާ ނޫންތޯ؟ މިހާރު ޑޮލަރު އެހުރީ ލިބެން 15.42ރ. އަށް. އެހެންވީއިރު މީގެ ފައިދާ ވަރަށް ބޮޑުވާނެ،" ނާބެ ވިދާޅުވި އެވެ.