ކުރު ވާހަކަ

އަހަރެންގެ ދަރިފުޅު

Jun 14, 2017
2

ކުޑަކުދިންގެ ބަގީޗާ ކައިރިއަށް މަޑުކުރީ އެއް ނޫނެވެ. ސައިކަލު ދުއްވަ ދުއްވާ އިންދާ މޭދަށަށް ފާޑެއްގެ ތަދެއް އަރައިގެން މަޑުކޮށްލީ އެވެ.
ފުރަތަމަ ވެސް އަހަންނަށް ބަލައިލެވުނީ ބަގީޗާގެ ތެރެއަށެވެ. އެހާތަނުން އަހަރެންގެ ލޮލުގައި ދީބާ އަޅައިގެން ފި އެވެ. އެއަށް ވުރެ ބޮޑަށް ކަޅި ހުއްޓުނީ ދީބާ ގާތުގައި ހުރި ކުޑަ އަންހެން ކުއްޖާ އަށެވެ. އަތުން ދޫވެގެން ވަޔާ ދުރަށް ދިޔަ ފުއްޕާ ހަމުގެ ފަހަތުން، އެ ކުޑަކުއްޖާ ދުވަމުން ދިޔަ އިރު ކަޅި ޖަހާ ނުލައި އަހަންނަށް ބެލުނެވެ އެއީ ހަމަ ދީބާ އެވެ. އެހާ ދޮނެވެ. ދެ އަހަރު ކުރިން ޖިނާއީ ކޯޓުގައި ފިޔާތޮށި ކުލައިގެ ރަޖައެއްގެ ތެރޭގައޮ ފޮރުވިގެން ދީބާގެ އުނގުގައި އޮތް އިރު އަހަންނަށް ފެނުނީ ދޮން ދެ ފަޔާއި ރަތްރަތް ދެ އަތްތިލަ އެވެ. މޫނެއް ނުދެކެމެވެ.

އެއީ އަހަރެންގެ ދަރިއެއް! ކޮން ނަމެއްބާ ކިޔަނީ... އެއީ އަހަރެން ކުރި ކުށެއް! އަހަރެންގެ ހިތަށް އަރަމުން ދިޔަ އެވެ.

ޕާކުގެ ތެރޭގައި އަހަރެންގެ ދަރިފުޅު ދުވަނީ އެވެ. ފެހި ބަގީޗާގެ ގަސްތައް ވަށާލައި އިރުއިރުކޮޅަށް ލޯމަތިން ގެއްލެނީ އެވެ. ފެންނަނީ އެވެ. ދީބާގެ އުރުތެރޭގައި ފޮޓޯއަކަށް ހުއްޓެނީ އެވެ. ކުސްތަޅަނީ އެވެ. ދުވަން ވެގެނެވެ.

"ބަން ވެދާނެ..." ދަރިފުޅު އަތުގައި ހިފަމުން ދީބާ އެނބުރިލި ގޮތަކުން އަހަރެން ފެނުނީ ތޯއްޗެކެވެ. ޕާކުގެ ތެރޭގައި ހުރި ގުރާ ކޮށްޓާއި ނިވާވި އެވެ.

ދީބާ ހުންނާނީ އަހަރެން ދެކެ ވަރަށް ރުޅި އައިސްފަ! އެހެން ހިތަށް އެރުމާއެކު ހީވީ އަހަރެންގެ ހިތަށާއި މޭގެ ތަދު ގަދަވިހެނެވެ. އަހަންނަށް ބޯ ޖައްސައި ލެވުނީ ސައިކަލު ހުންގާނު މަތީގަ އެވެ. މާޒީގެ ތަސްވީރު ފޮތް ކުރިމަތީގައި ހުޅުވުނީ އެ ހިނދު އެވެ.

"ފަހުދު އަނެއްކާވެސް ހޮޑުލެއްވިއްޖެ. ބޯ ވެސް އަނބުރާ...ބިރުގަންނަނީ." ފޯނު ކޮށްފައި ދީބާ އަހަންނަށް އެއްޗެއް އޮޅުން ފިލުވައިދޭން މަސައްކަތް ކުރި އެވެ.

"ބާއްވާ މިހާރު ބާއްވާ!އޮފީސް ގަޑީގަ ތިހެން ގުޅީމަ މަސައްކަތޭ ހަރާބު ވަނީ."

"މަޑުކޮށް ބަލަ ފަހުދޫ. މިއީ ވަަރަށް ބޮޑު ވާހަކައެކޭ...ހަމަ ޔަގީން އަހަރެން ބަލިވެ އިނީ. ވަރަށް ގިނައިން އެބަ ހޮޑުލެވޭ. އަބަދު މޭ ނުބައި ކޮށްފަ،"

"ތި ވާހަކަ ހަމަ މިގަޑީގަ ނުބުނެ ދީބާ އަށް ކެތެއް ނުވިދޯ؟ ހޫނ، ދެން ބާއްވާ މިރޭ ދާނަން."

ދިމާވެގެން އުޅޭ މައްސަލައިގައި އަހަރެން ވެސް ހާސްވި އެވެ. އެހީއެއް ހޯދުމަށް ދެވެން އޮތީ އެންމެ ދިމާއަކަށެވެ. އެކަމަކު ކުރީ ފަހަރު ވެސް ރަޝީދު އެހީވުމުން ދޭންޖެހޭ ފައިސާ އަދި މި އުޅެނީ ނުދެވި އެވެ.

"ރަޝީދު އަނެއްކާ ވެސް އެހީ އެއް ވެދޭން ވެއްޖެ. މިފަހަރު އެކަނި އަހަންނަށް އެކަން ކޮށްލައިދީ." ފަންޑިތަ ހުސްވެފައި އިން އެދުރުބެއެއް ހެން އިނދެފައި ދެން ހަމަ އެއްވެސް ގޮތެއް ނެތުމުން އަހަރެން ރަޝީދަށް ގުޅާފައި ބުނީމެވެ.

"އާދޭ އަހަރެން މި ވަންނަނީ ފާމަސީ އަށް." ދިމާވީ ވަރަށް ރަނގަޅަށެވެ. ރަޝީދު ޖަހާލީ ހިނިގަނޑެކެވެ. އެހީ ވެދިނީ ލޭންދޭނުގެ ވާހަކައިން ސުރުޚީ ވެސް އަޅާނުލަ އެވެ.

ރޭގަނޑު އަށެއް ޖެހިއިރު ސައިކަލުގައި އަހަރެން ނައްޓާލީ މައްސަލަ ހައްލުވީ ކަމަށް ބަލައި މުޅިން ހިތްހަމަ ޖެހިގެނެވެ. ފިކުރުތައް އެއް ފަރާތް ކުރަމުން ދީބާ ހަމައަކަށް އަޅުވާ ށެވެ.

"މިހުރީ ތިގޭ ދޮރުމަތީގަ. ނުކުމެ ބަލަ؟"

"އަޅޭ އައީތަ؟ ފަސް މިނެޓްގެ ބުރެއް ޖަހާލާފައި ފަހުދު އާދޭ. އަހަރެން ތައްޔާރުވެލައިގެން މި ނުކުންނަނީ." ދީބާ އެދުނެވެ.

ފަސް މިނެޓް ފަހުން އަހަރެން އާއިރު ދީބާ ހުރީ ގޭ ދޮރާށި ކައިރި އަށް ނުކުމެއެވެ. ރަތް ހެދުމުގައި ދީބާ ފަރި އެވެ. ތުންފަތުގައިި ވެސް ތުނިތުނިކޮށް ރަތް ކުލަޖައްސާފައި ހުރީމާ ގުޅެ އެވެ. އެކަމަކު ދީބާގެ ކިބައިން އެހެންޏާ ފެންނަތާޒާކަން ކެނޑިފައިވާކަން ފުރަތަމަ ނަޒަރުން ވެސް އަހަންނަށް އެނގިއްޖެ އެވެ.

"ބުރަކަށްތަ؟ ކޮފީއަކަށް ދޯ؟"

"ހޫން."

ދީބާ ގޮވައިގެން އަހަރެން ދިޔައީ ވެސްޓްޕާކަށެވެ. މީހުންގެ ލޯތަކަސް ފޮރުވި އެންމެ މިނިވަން ކަމާއެކު ވާހަކަ ދައްކައިލެވޭނެ ރޭގަނޑު ގެ މާހައުލަކަށް އަހަންނަށް ފެނުނު ތަނަކީ އެއީ އެވެ.

"މި ތަން ރަނގަޅެއްނު."

އަހަރެމެން އިށީނީ ތޮށިގަނޑާ އެންމެ ކައިރި އެންމެ އަނދިރިކޮށް އޮތް ދިމާއަށް ހުރި މޭޒުގަ އެވެ.

ދީބާ އިނީ އަހަރެންގެ ކުރިމަތީގަ އެވެ. ބަހެއް ނުކިޔާ ފިކުރެއްގެ ތެރޭގަ އެވެ.

"ކީއްވެ މާދެރަވެފަ ތީނީ. ޝައްކުވަނީދޯ؟ އެކަން ހަނދާން ނައްތާލަ ބަލަ؟ އެއީ ކަމެއް ނޫނޭ."

"އާނ ފަހުދު އަހަރެން ބިރުގަންނަނީ. އެކަމަކު ފަހުދު ސަމާސާ ކުރަނީ ދޯ؟" ދީބާ އަހަރެންގެ އަތުގައި ހިފާލި އެވެ. ދީބާގެ އަތް ރޫރޫލަ އެވެ. އެ ތުރުތުރު ރަނގަޅަށް އަހަންނަށް އިހުސާސްވި އެވެ.

"ޝައްކުވަންޏާ ބޭސް ކާންވީނު. އޭރުން ތިކަން ނިމުނީ." ވޮލެޓް ހުޅުވާލާފައި ރަތް ކުލައިގެ ހަތަރު ގުޅަ ބޭސް އަހަރެން ނަގާ ދީބާގެ ކުރިމަތީގައި ބޭއްވީމެވެ. ދީބާ އިނީ ހައިރާންވެފަ އެވެ.

"އުހުނ، އަހަރެން ބޭހެއް ނުކާނަން. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް އިންނަން."

"ނޫން، ތިކަމެއް އަދި އެއް ނުވާނެ. މިވަގުތު ބޭސް ކައިގެން ފުއްދާލާ."

"ފަހުދޫ. ބޭނުމީ އަހަރެމެންގެ ދަރިފުޅު މަރާލަންތަ؟"

"ތި އެއްކަލަ ބޯ ހަރުވަނީ! އަހަރެން އެހެން ބުނެފިންތަ؟ އަދި ދަރި އެއް ވެސް ނޫން އެއީ ގަނޑު ލޭ ކޮޅެއްނު،"

"ފަހުން ދަރިއަކަށް ވެސް ވާނެ ލޭ ކޮޅެއް..." ވޭޓަރު އައުމުން ވާހަކަ ހުއްޓާލާފައި ދީބާ އިސްދަށަށް ޖަހައިލި އެވެ.
"ދެ ކޮފީ" އޯޑަރުކޮށްފައި އަހަރެން ދީބާ އަށް ބަލައިލީމެވެ.

"މިތާނގަ މީހަކު ރޯވަރުގެ ކަމެއް ވެއްޖެތަ؟ ނީންނާނަމޭ ބުނީއަކީ ނޫން. އަހަރެން މިބުނީ އަދިއެއް ނެތޭ އިނދެވޭކަށް."
"އޭރުން އަހަންނޯ؟"

"ވާނީ ބަނޑު ބޮޑެއްނު. އެކަމުން ދީބާ ފޮރުވައިދޭން ލަސްތަ ބޭސް ގެނެސްދިންލެއް."

ޖަވާބެއް ދިނުމުގެ ބަދަލުގައި ދީބާ ހަމަ ރުއީ އެވެ. އަޑުން އަޑު ނަގާފައި ނުރުޔެއް ކަމަކު ކައިރީގައި ހުރި މޭޒުގައި ތިބި ދެ މީހުންނަށް އެއްޗެއް އެނގޭވަރަށް ރުޔެ އެވެ.

"ފަހުދު ބޭނުން އުފާތައް ހާސިލުވީމަ އަހަރެން ފަލީހަތް ކޮށްލަނީ. ހެޔޮ ނުވާނެ ތި ހިތުން އޯގާތެރި ކަމުގެ ޖާގައެއް ދީބަލަ؟" ދީބާއަށް ކިރިޔާ ފުރިހަމަ ކުރެވުނީ އެވެ. ބަޑި ފަޅައިގެން ހިނގައްޖެ އެވެ.

"އޭ ދިބާ، މިއީ ގެއެއް ނޫނޭ. ހުއްޓާލަ ބަލަ؟"

"ފަހުދު...ފަހުދު ބުނޭ..." ދީބާ އަށް އެއްޗެއް ބުނެވޭ ވަރެއް ނޫނެވެ.

"ކީކޭހޭ ބުނަންވީ؟ ބޭސްތައް ނުކަންޏާ އިންޑިޔާ އަަށް ދާންވީނު."

"ނޫން އަހަރެން ބޭނުމެއްނޫން."

"ދެން ކިހިނެއް ހަދާނީ؟"

"ފަހުދު ބޭނުން ގޮތެއް ހަދާ. މިހާތަނަށް ވެސް ތިހެދީ ފަހުދު ބޭނުން ގޮތެއްނު...އަހަރެން އެއްވެސް ބޭހެއް ނުކާނަން."

"އެހެންތަ؟

"އާން، ރަށް މެދަށް ވިހަން ޖެހުނަސް، ފަލީހަތް ވިޔަސް ބޭހެއް ނުކާނަން. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް ފަހުދު އަށް ވަރިހަމަ އެއްނު..." ދީބާ އިސް އުފުލާލި އެވެ. އަތުން ޖަހާ މޭޒުމަތީގައި އޮތް ހަތަރު ގުޅަ ބޭސް ތޮށިގަނޑުން ބޭރަށް ބުރުއްސާލި އެވެ.

"ދީބާ! ތިކުރީ ކީއްތަ؟"

"ނުފެނޭތަ ކުރިކަމެއް. މި ބުނީނު ބޭސް ކައިގެން ދަަރިފުޅު ވައްޓައެއް ނުލާނަމޭ، އެގޮތަށް ފެށުނު ކަމެއް ނޫން މިއީ އަކީ... ކީއްވެ ފަހުދު ދޮގު ހެދީ؟"

"ފަލީހަތް ވާން ތިއުޅެނީ ދީބާ އަމިއްލަ އަށް،" އަހަރެން ބޭނުންވީ ވެސް އެ ގޮތެވެ. އެހެންވެ ނިންމީ ދީބާ ދޫކޮށްލާފައި ދާށެވެ.

"ދީބާ ބޮޑާ ހާކާފައި އިނދޭ. އަހަރެން ދަނީ." އަހަރެން ތެދުވީމާ ދީބާ އަހަންނާ ދިމާ އަށް ބަލައިލި އެވެ. އެއީ އާދޭހުގެ ބަލައިލުމެކެވެ. އެ ބެލުމުގައި ވީ އިރެއް ވީކަމެއް ނުދެނެހުރީމެވެ. އަހަރެން ދިޔައީ އެވެ.

އަހަރެން ދީބާގެ މަތިން ހަނދާނެއް ނުކުރަމެވެ. އެއީ އުޅޭ މީހެއްކަން ވެސް އަހަރެމެން ދެމެދުގައި ގުޅުމެއް އުފެދުނު ކަން ވެސް އަހަންނަށް ރޭކާލީ ނުވަ މަސް ފަހުން ކޯޓަށް ދާން ޖެހުމުންނެވެ.

"އިއްޒަތްތެރި ފަނޑިޔާރުގެ އިލްމުވެރިކަމާ މައުރިފާވެރިކަން އަޅުގަނޑަށް ވުރެ މާ ބޮޑުވާނެ. މައްސަލަ ނިންމަވާނެ ގޮތެއް އެނގިލައްވާނީ ފަނޑިޔާރަށް. އަޅުގަނޑު މި ދީބާ އެއް ނުދަންނަން. އޭނާ އެހަދަނީ ބޮޑުވެގެންވާ ދޮގެއް،"

"މިއީ ތެދު. އަޅުގަނޑު ވިހޭ ދަރިފުޅުގެ ބައްޕައަކީ ފަހުދު." ކޯޓުގައި ދީބާ ވާހަކަ ދައްކަމުން ކުރެވުނު ކަމެއްގެ ހިތި ކަރުނަ ދޯޕައްޓާ އަށް އޮއްބަމުންނެވެ.

ދެން ފަހެ އިސްވެ ބަޔާންވެދިޔަ ނުކުތާގެ މައްޗަށް ރިޔާއަތްކޮށް މި މައްސާލާގައި ދީބާގެ ކުށުގެ ތައުޒީރީ އުގުބާތެއްގެ ގޮތުގައި 100 އެތިފަހަރުން ހައްދު ޖަހައި ހަމަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށް މި ގަޒިޔާ ނިންމައިފިން! ސައިކަލް ހުންގާނު މަތީގައި ބޯ އަޅާލައިގެން އޮއްވާ ހިޔާލުގެ ވާފަށް ކެނޑުނީ ދީބާގެ އަޑަށެވެ.

"ދީމާ ދަރިފުޅާއޭ. ބަންވެދާނެ އާދޭ،"

ދީމާ. އެއީ އަހަރެންގެ ދަރިފުޅު! އަހަރެން ބަލައިލީމެވެ. އަހަރެންގެ ދަރިފުޅަށާއި ދީބާ އަށެވެ. އެ ބެލުމާއެކު ފުރަތަމަ ފަހަރަށް އަހަރެންގެ ލޮލުން ފެން އަންނަ ގޮތްވި އެވެ. އެއާއެކު ހަދާންވީ ޝަރީއަތުގެ މަޖިލީހުން ނުކުތް ދުވަހު ދީބާ އަހަންނާ ދިމާއަށް ބުނި ޖުމްލަ އެވެ:
ފަހުދު! އަހަރެން މިދަނީ އެންމެންގެ ކުރިމަތީ ރަށް މެދަށް ހައްދު ޖެހެން. ފަހުދު އަތް ޖަހާފައި ހޭތި. އެކަމަކު ހަނދާން ކުރާތީ އަހަރެން ފަހުދަށް ކުރި އާދޭސް. މިއަދު ފަހުދު އަހަންނާ މި ދަރިފުޅާ ދުރަށް ދެވޭތޯ ބަލާ އެކަމަކު ދުވާ މަސް، ވަރުބަލިވާ ދުވަސް އަންނާނެ!
ދީބާ އަށާއި ދިމާ އަށް ބަލައިލެވުން ހެން ހީވި އެވެ. މޭދަށަށް އެރި ތަދު ގަދަކުރަމުން ގޮސް މޫނުމަތީގައި ކަޅު ފަރުދާއެއްލައި އަހަރެންގެ ލޯމަތިން ހުރިހާ ކަމެއް ގެއްލުވާލައިފި އެވެ. ދެންވީ ގޮތެއް ހަމަ ނޭނގެ އެވެ. (ނިމުނީ)