ހަބަރު

މާލޭ ފެން ހިންދުމުގެ ހަތަރުވަނަ ފިޔަވަހި ފެން ކުންފުންޏަށް

މާލޭ ފެން ހިންދުމުގެ ހަތަރުވަނަ ފިޔަވަހީގެ މަސައްކަތް ހައުސިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. މިއީ 12.9 މިލިއަން ރުފިޔާގެ އެ ޕްރޮޮޖެކްޓެކެވެ. މި މަސައްކަތް ފެން ކުންފުންޏާ ހަވާލުކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާށެވެ.

މާލޭ ސްޓޯމްވޯޓާ ޕްރޮޖެކްޓްގެ ހަތަރުވަނަ ފިޔަވަހީގައި އޮންނާނީި ބުރުޒު މަގުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމެވެ. އެ ގޮތުން ބުރުޒު މަގާއި ގުޅިފައިވާ ސަރަހައްދު ތަކުގައި ފެން ހިންދާ ޕަމްޕް ސްޓޭޝަން ގާއިމް ކުުރުުމުގެ މަސައްކަތް ކުރާނެ އެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ހަތަރު ޕަމްޕް ސްޓޭޝަން ގާއިމް ކުރާނެ އެވެ. އެ މަސައްކަތް ނިމުމުން މިހާރު ބުރުޒު މަގުގައި ފެން ހިދުމަށް ނަގާ ވަގުތަށް ވުރެ އަވަހަށް ފެން ހިނދޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދިހަ މަސްދުވަހުގެ ތެރޭގައި ފޭސް ތިނަކާއި ހަތަރެއްގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށާއި އޭގެ ސަބަބުން މާލޭގައި އެންމެން ބޮޑަށް ފެން ހެދި ބޮޑުވާ ސަރަހައްދު ތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފޭސް ތިނެއްގެ މަސައްކަތް ވެސް ނިމިގެންދާނެ. އަމީނީ މަގަކީ އެންމެ ބޮޑަށް ފެން ބޮޑުވާ އެއް މަގު. ހަތަރުވަނަ ފޭސް ވެސް އެއްކޮށް ނިމުމުން އަމީނީ މަގުގައި ފެން ބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ ސްޓޯމްވޯޓާ ފިޔަވަހީގެ ސަބަބުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުން އަންނަ ކަމަށާއި އުންމީދަކީ ފޭސް ހަތަރެއްގެ މަސައްކަތް ނިމުމުން ބުރުޒުމަގާއި އަމީނީމަގުގެ ފެން ބޮޑުވުމަށް ހައްލެއް ލިބިގެން ދިއުން ކަމަށެވެ.

ހަތަރުވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ކަވަ ކުރާނެ މަގުތަކަކީ ބުރުޒުމަގާއި ދޮންއަދަރާދަ ހިނގުމުން ފެށިގެން ބުރުޒުމަގާއި ހިލާލީމަގާއި ދެމެދުގައިވާ ސަރަހައްދެވެ. އަދި އަމީނީމަގު ކަށިމާހިނގުމުން ފެށިގެން ނިކަގަސްމަގާ ހަމައަށާއި ހަވީރީހިނގުމުގެ ހަނދުވަރީހިނގުމުން ފެށިގެން ކަނބާ އައިސަރަނި ހިނގުމާއި ދޭތެރެ އަށެވެ.