ފެން ބޮޑުވުން

މާލޭގައި ބިމު އަޑީގައި ފެން ރައްކާކުރަނީ

މާލޭގައި ފެން ބޮޑުވާ މައްސަަލަ ހައްލު ކުރަން، ބިމު އަޑީގައި ފެން ރައްކާ ކުރާނެ ސްޓޯރޭޖް ސިސްޓަމްތަކެއް ގާއިމް ކުރަން ނިންމައިފި އެވެ.

އެ ސިސްޓަމްތައް ޑިޒައިން ކުރަން ޝައުގެވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ މިމަހުގެ ނިޔަލަށް ހުޅުވާ ލައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބޭނުން ވަނީ މާލޭގައި ފެންބޮޑުވާ ސަރަހައްދުތައް ހޯދައި، ސާވޭތައް ހަދައި، ފެން ބިމު އަޑީގައި ރައްކާ ކުރުމަށް ސްޓޯރޭޖް ސިސްޓަމްތަކެއް ގާއިމު ކުރާށެވެ. އޭގެ ތަފުސީލެއް ނުދީ އެ މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރިއަށް ގެންދާނީ ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ދީފައިވާ ލޯނާއި ހިލޭ އެހީން ކަމަށެވެ.

ބޯކޮށް ވާރޭ ވެހިއްޖެނަމަ މާލޭގައި ފެންބޮޑުވުމަކީ އާންމު އަދި ވަރަށް ބޮޑަށް ދިމާވާ މައްސަލައަކަށް ވެފައި އޮވެ އެވެ.