ފަހި ދިރިއުޅުން ކޯޕަރޭޝަން

ފްލެޓާއި ގޯތި ލިބުނު މީހުންގެ ލިސްޓް މިމަހު އިއުލާންކުރާނެ

ހުޅުމާލޭގައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން އަޅަމުންގެންދާ ފްލެޓްތަކާއި ދޫކުރާ ގޯތިތައް ލިބޭ ފަރާތްތަކުގެ ލިސްޓު މި މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުން ކުރިންވެސް ބުނެފައިވާ ގޮތަށް ހުޅުމާލޭގައި އަޅަމުގެންދާ ފްލެޓްތަކާއި، ދޫކުރަމުންދާ ގޯތިތައް ލިބޭ ފަރާތްތަކުގެ ލިސްޓު އިވެލުއޭޓްކޮށް ނިންމުމަށްފަހު މިމަހު އިއުލާންކުރާނެ ކަމަށެވެ.

"ސަރުކާރުން ބުނި ގޮތަށް މި މަހު ތެރޭގައި އެ ލިސްޓު އިއުލާންކުރެވޭނެ،" އަކުރަމް ވިދާޅުވި އެވެ.

ނަމަވެސް ލިސްޓް އާންމުކުރާނީ ކޮން ދުވަހަކު ކަމެއް ނޭނގޭ ކަމަށާއި ބޮޑު އީދުގެ ކުރިން ކަމެއްވެސް ނުވަތަ ފަހުން ކަމެއްވެސް އަދި ނޭނގޭ ކަމަށްބެސް އަކުރަމް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހެޅިއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.