ފެން ބޮޑުވުން

މާލެ ފެނު އަޑިއަށް، ސިފައިން ހިއްކަން ނިކުމެއްޖެ

މާލެ ސިޓީގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުން ސިފައިން ފެން ހިއްކަން ނިކުމެއްޖެ އެވެ. މިރޭ މާލެއަށް ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރެވެހުނެވެ.

ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެން ހެދިފައިވެއެވެ. ބައެއް މަގުތަކުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ކިރިޔާ ފެންނަ ވަރަށް ފެންގަނޑު ބޮޑުވިއެވެ. ގަޑިއެއްހާ އިރަށް ވަރަށް ބޯކޮށް ވާރޭވެހުނެވެ. އަދި އޭގެ ފަހުންވެސް ކޮންމެވެސް ވަރަކަށް ވާރޭވެެހެމުންދިޔައެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެން ހެދުމުގެ ސަބަބުން ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިރޭވެސް އެންމެ ބޮޑަށް ފެން ހެދިފައިވަނީ މާފަންނުގައެވެ. ކަނބާއައިސާ ރަނި ހިނގުމުގައި ވަރަށް ބޮޑަށް ފެން ހެދިފައިވެއެވެ. އަދި އައިޖީއެމްއެޗް ވަށައިގެންވާ ސަރަހައްދުގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ.