ވެސްޓް ލަންޑަންގައި ގިނަ އަދަދަކަށް މީހުން ދިރިއުޅޭ އެޕާޓްމަންޓް ޓަވަރެއްގައި އެކީ އަލިފާން ރޯވެ އެތައް ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ އެވެ. ގިނަ ބަޔަކު އެ އިމާރާތުގައި ތާށިވެފައި ތިބުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ.
ލަންޑަނަށް ރޭ ފަތިހުގެ ވަގުތުގައި ހިނގި މި ހާދިސާގައި 27 ފްލޯގެ މުޅި އިމާރާތުގައި އެކީ ރޯވެ ދަނީ އަނދަމުން އެވެ. އެ އަލިފާން ކޮންޓްރޯލް ކުރުމަށް 200 ފަޔަ ފައިޓަރުންނާއި 40 ޓްރަކާއި 20 އެމްބިއުލެންސް އަންނަނީ ހަރަކާތްތެރިވަމުން އެވެ. އެތައް ބަޔަކު ދިރިއުޅެމުން އަންނަ މި އިމާރާތުގައި އަދިވެސް އެތައް ސަތޭކަ ބަޔަކު ތާށިވެފައި ތިބެދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެ އިމާރާތުގެ ބައެއް ފްލޯތަކުގައި އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިން ތާށިވެ އެހީއަށް އެދި ގޮވާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި އެ އިމާރާތް ވެއްޓުމުގެ ބިރު އޮތް ކަމަށް ވެސް އަލިފާން ނިއްވާ ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ އިމާރާތުގެ ސަލާމަތީ ކަންކަން ދޯދިޔާ ކަމުން އެތަނުގައި އުޅޭ ފަރާތްތަކުން މީގެ ކުރިން ޝަކުވާ ކޮށްފައިވެ އެވެ. ފަޔަފައިޓަރުން އަދިވެސް އަލިފާން ނިއްވަން މަސައްކަތް ކުރާ އިރު އިމާރާތުގެ ބައެއް ހިސާބުތަކުން މިހާރު އަލިފާން ނުފެނުނު ނަމަވެސް މުޅި އިމާރާތުން ވަރަށް ގަދަޔަށް އަންނަނީ ދުން އަރަމުން އެވެ. ހާދިސާގައި އަނިޔާވި މީހުން އަދަދެއް އަދި ނޭނގެ އެވެ.