ދުނިޔެ

އެމެރިކާގެ އެޓާނީ ޖެނެރަލް ސެނެޓްގެ ގިނަ ސުވާލުތަކަކަށް ޖަވާބެއް ނުދެއްވި

Jun 14, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ޓީމާއި ރަޝިޔާއާއި ދެމެދު ގުޅުމެއް އޮތްތޯ ބަލަން ކުރާ ތަހުގީގުގައި އެގައުމުގެ ޕާލަމެންޓްގެ މަތިގެ ' ސެނެޓް' ގެ އިންޓެލިޖެންސް ކޮމިޓީން ކުރި ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވަން އެޓާނީ ޖެނެރަލް ޖެފް ސިޝަންސް ދެކޮޅު ހައްދަވައިފިއެވެ.

ރޮއިޓާސް ބުނީ ކޮމިޓީގައި ތިއްބަވާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ކުރެއްވި ސުވާލުތަލުގެ ތެރެއިން ސިޝަންސް ޖަވާބު ނުދެއްވައި ދޫކޮށްލެއްވީ ރައީސް ޓްރަމްޕާ ސީދާ ގުޅުން ހުރި ސުވާލުތައް ކަމަށެވެ. އެގޮތުން ރައީިސް ޓްރަމްޕާއި އޭނާއާ ދެމެދު ދެކެވިފަައިވާ ވާހަކަތަކާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ސިޝަންސް ޖަވާބެއް ނުދެއްވައެވެ. ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުން އެކަމާ ކޯފާވެ، އެއީ ތަހުގީގަށް ހުރަސް އެޅުއްވުން ކަމަށް ސިފަކުރެއްވިއެވެ. ނަމަވެސް ސިޝަންސް ވިދާޅުވީ އެއީ ޖަސްޓިސް ޑިޕާޓްމަންޓްގެ ސިޔާސަތާ އެއްގޮތަށް އޭނާ ހިފަހައްޓަވަން ޖެހިވަޑައިގަންނަވާ ސިއްރުތަކެއް ކަމަށެވެ.

ކޮމިޓީގައި ސިޝަންސްއާ ކުރި ސުވާލުތަކުގެ ތެރޭގައި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ( އެފްބީއައި)ގެ ކުރީގެ ޑައިރެކްޓަރު ޖޭމްސް ކޯމީ މަގާމުން ވަކިކުރެއްވުމުގެ ކުރިން، ޓްރަމްޕް ކެމްޕޭން ޓީމާ ރަޝިޔާއާ ގުޅުމެެއް އޮތްތޯ ބަލަން ކުރާ ތަހުގީގާ ބެހޭ ގޮތުން ޓްރަމްޕް އޭނާއާ މަޝްވަރާ ކުރެއްވިކަންް ނުވަތަ ނޫން ކަން އޮޅުންފިލުވަަން ކުރި ސުވާލު ހިމެނެއެވެ. އެ ސުވާލަށް އޭނާ ޖަަވާބެއް ނުދެއްވައެވެ.

ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީއަށް ސިޝަންސް ހާޒިރުކޮށް، ދެގަޑި އިރާއި ބައި ވަންދެން ކުރި ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކުން ރައީސް ޓްރަމްޕަށް ސިޔާސީ ގޮތުން ގެއްލުން ވެވަޑައިގަަންނަވާ ފަދަ އާ އެެއްވެސް މައުލޫމާތެއް ހާމައެއް ނުވެއެވެ. ނަމަވެސް ބައެއް ސުވާލުތަކަށް އޭނާ ޖަވާބު ނުދެއްވުމަކީ ޝައްކުތައް އިތުރުވާނެ ސަބަބެެއް ކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.