ދުނިޔެ

ދަރިވަރު ދޫކޮށްލީ އެމެރިކާގެ އިސް ބޭފުޅަކު އުތުރުކޮރެއާއަަށް ވަޑައިގެންނެވުމުން

Jun 14, 2017

އުތުރުކޮރެއާއިން ހައްޔަރުކޮށްގެން ގެންގުޅޭތާ 17 މަސް ދުވަސްވެފައިވާ އެމެރިކާގެ ދަރިވަރަކު އެމެރިކާއަށް އިއްޔެގައި ވަނީ އަނބުރާ ގެންގޮސްފައެވެ. އޮއްޓޯ ވާމްބިއާ ނަމަކަށް ކިޔާ އުމުރުން 22 އެ ދަރިވަރު އެމެރިކާއަށް ގެންދެވުނު އިރު އޭނާ އޮތީ ކޯމާއެއްގައި ކަމަށް ކަަމަށް އާއިލާއިން އިއްޔެ ބުންޏެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ އުތުރުކޮރެއާއިން ދަރިވަރު ދޫކޮށްލަން އެއްބަސްވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ހާއްސަ މަންދޫބު ޖޯސެފް ޔުން އުތުރުކޮރެއާގެ ވެރިރަށް ޕިޔޮންޔޮން އަށް ވަޑައިގެންނެވުމުން ކަމަށެވެ. އޭނާ ވަޑައިގެން ދަރިވަރު ދޫކޮށްލަން އެދިވަޑައިގެންނެވީ އިންސާނިއްޔަތަށް ޓަކައި ކުރާ ކަމެއްގެ ގޮތުގައި ކަމަށް އޮފިޝަލާއި ހަވާލާދީ ނޫހުން ބުންޏެވެ.

ވާމްބިއާގެ ބައްޕަ ފްރެޑްއާއި މަންމަ ސިންޑީ ނޫސްތަކަށް ބުނެފައި ވަނީ އެމީހުންގެ ދަރިފުޅު ކޯމާއަކަށް ގޮސްފައި ވަނީ މިދިޔަ 2016 ވަނަ އަހަރުގެ މާޗް މަހު ކަން މިހާރު އެނގިފައިވާ ކަމަށެވެ. ނަމަވެސް އެކަަން އެނގުނީ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް އެ ދެމަފިރިން ބުނެފައި ވެއެވެ.

ވާމްބިއާ ހައްޔަރުކޮށް ބުރަ މަސައްކަތާއި އެކު 15 އަހަރަށް ޖަަލަށް ލުމަށް އުތުރުކޮރެއާގެ ކޯޓަކުން ހުކުމް ކުރީ ޕްރޮޕަގެންޑާ މޮޓޯއެއް ލިޔެފައިވާ އެއްޗެއް ވަގަށް ނެގި ކަމުގެ ކުށުގައެވެ.