ހަބަރު

ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން އިދިކޮޅު އިސް ފަރާތްތަކުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން އެމަނިކްފާނަށް މަރުހަބާ ކިޔާފައި ވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ރައީސް މައުމޫނަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތެވެ.

އެއާޕޯޓުން މާލެ ވަޑައިގެންނެވި އިރު ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅު ގިނަ ބަޔަކު ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފަ އެވެ. އަދި ފުލުހުން ދިޔައީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެއް ނަމްބަރު ޖެޓީ ކައިރިން ބަންދުކޮށް، އެއްވެ ތިބި މީހުން އެމްއެމްއޭ ކަންމައްޗާ ހަމައަށް ޖައްސަމުންނެވެ.

މިދިޔަ މާޗު މަހުގެ އަށްވަނަ ދުވަހު މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމް ކެންސަރަށް ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރުގައި ހުރުމުންނެވެ.