ވާހަކަ

މުޅިޖާންހިތާ

(13 ޖޫން 2017 އާ ގުޅޭ)
މަރިޔަންދީ ވާހަކަ ދެއްކީ ލޫކަންއަށް ބަލަން އިނދެ އެވެ. އޭނާ ބުނާންވީ އެއްޗެއް ބުނެ ނިންމާލާފައި ކެތުލީނަށް ބަލާލި އެވެ. ބޯޖަހާލި ކެތުލީނު އިނގިރޭސި ބަހުން ވާހަކަ ދައްކަން ފެށި އެވެ.

ކާ ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ކެތުލީނާއި މަރިޔަންދީގެ ނަޒަރު ލޫކަންއަށް ހުއްޓިފައިވެ އެވެ. އޭނާ އެއްޗެއް ބުނާނޭ ކަމަށެވެ. އެގޮތުގައި އިރުކޮޅެއް ވުމާއެކު ކެތުލީނާއި މަރިޔަންދީ އެކަކު އަނެކަކަށް ބަލާލި އެވެ. ދެންވާނީ ގޮތެއް ނޭނގިފަ އެވެ. ކުއްލިއަކަށް ފެނުނީ އިސް ޖަހާލައިގެން އިން ލޫކަން ތެދުވި ތަނެވެ. އޭނާ މަޑު ހިނގުމުގައި ކާ ކޮޓަރިން ނުކުމެގެން ދިޔައީ އެވެ. އެ މަންޒަރު ބަލަން އިން މަރިޔަންދީ ވެސް ތެދުވި އެވެ. އޭނާ ތެދުވުމާއެކު ކެތުލީނު އަވަސްއަވަހަށް ތެދުވެއްޖެ އެވެ. މަރިޔަންދީގެ އިޝާރާތާއެކު ކެތުލީނު އެނބުރި ޚާދިމުން އުޅޭ ބަޔަށް ދިއުމަށް ނުކުތެވެ. މަރިޔަންދީގެ މޫނު މަތީގައިވަނީ ނުތަނަވަސްކަމުގެ އަސަރެވެ.

* * *

ފިކުރު ބޮޑުވެފައި ނިތުގައި ކަނާއަތް ބާއްވާލައިގެން ލޫކަން އޮތެވެ. ނިދޭތޯ ދެއަތަށް ފުރޮޅި ފުރޮޅި އޭނާ ވަރުބަލިވެފައި ވެއެވެ. ރޭގެ ނިދި ހަރާން ވެފައިވަނީ ސިކުނޑީގައި އުފެދިފައިވާ ގުޖަޑުގަނޑުންނެވެ. އައިރާގެ ހާލު ލޫކަންގެ ކަންފަތަށް އިވުނު އިރު އޭގެ އަސަރު އެންމެ ބޮޑަށް ކުރީ އޭނާގެ ހިތަށެވެ. އެންމެ ފުރަތަމަ އައިރާ ފެނުނު ހިނދުން ފެށިގެން އެ އަންހެންކުއްޖާގެ މޫނުގައިވި ބަޔާންކުރާން ދަތި އަސަރުތައް ލޫކަންގެ ޝައުގުވެރިކަން ވަނީ އަތުލައިފަ އެވެ. ހުރިހާ ހަޤީޤަތެއް އެނގުމުން އެ ހިތަށް ކުރި އަސަރު ވަކިން ބޮޑެވެ.

އެނދުން ތެދުވި ގޮތަށް ބެލްކަންޏަށް ނުކުމެގެން ހުރި ދޮރު ކައިރީ ލޫކަން މަޑުކޮށްލި އެވެ. އެއްއަތުން ފަރުދާ ކުޑަކޮށް އެއްފަރާތްކޮށްލާ ޚާދިމުންގެ އިމާރާތައް ބަލަން ހުއްޓެވެ. އެގޮތުގައި ވެސް އެތައް އިރެއް ހޭދަވެގެން ދިޔައެވެ. ހުޅުވާފައި ހުރި އައިރާގެ ކޮޓަރީގެ ކުޑަދޮރު ލެއްޕީ ވެސް ލޫކަން ބަލަން ހުއްޓައެވެ.

"އަހަންނަށް ކޮށްދެވޭނީ ކީއް؟ އަހަރެންގެ އެހީތެރިކަން ބަލައިގަންނާނަންތަ؟ އަހަރެން ބޭނުން އައިރާއަށް އެހީވާން... ފުރަތަމަ ދުވަހު ވެސް އަހަންނަށް ހީވި ރޫބީއަކީ އަހަރެންގެ މަންމަ ފަދަ ޙުލްގު ހެޔޮ އޯގާތެރި އަންހެނެއް ނޫންކަން. ކީއްވެބާ ބައްޕައަށް އޭނާގެ އެ ސިފަ ފާހަގަ ނުވީ. ރޫބީ ހުރިހާ ކަމެއް އެކުރަނީ އައިރާ ބިރުގަންނަވައިގެންކަން ޔަގީން. އޭނާއަށް އެހީވާނެ މީހަކު ގާތުގައި ހުރިކަން އެނގިއްޖެނަމަ އެ އަންހެންކުއްޖާއަށް ހިތްވަރު ލިބޭނެ. ރޫބީގެ ނުބައި ރޭވުންތަކުން މިންޖުވެވޭނީ ވަރަށް ވިސްނުންތެރިކަމާއެކު. އޭނާގެ ރޭވުންތަކަށް ސަމާލުވާންޖެހޭ. މިގޭތެރޭގައި އައިރާއާށް އެހީތެރިކަމެއް ފޯރު ކޮށްދެވޭނެ އެކަކު ވެސް ނެތް. މަރިޔަންދީއަކީ ޚާދިމެއް. އޭނާއަށް ގޭގެ ވެރިންނާ ދެކޮޅެއް ނުވެވޭނެ. ޚާއްޞަކޮށް ބައްޕަ ނުރުހިދާނޭތީ އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ. މިރޭ އޭނާ އަހަންނަށް ބުނެ ދިނީ އެކަން. އެކަމަކު އެ ނިންމުން އަހަރެން ޤަބޫލު ކުރާކަށް ބޭނުމެއް ނޫން. ބައްޕަގެ ވާހަކައިން އެނގޭ ރޫބީގެ ރޭވުންތައް އެއްވެސް ވަރަކަށް ނޭނގޭކަން... ސްޓިލް... އައި ޑޯންޓް ވޯންޓު ހާޓް ހިމް. ރޫބީގެ ޝަކުވާ ކުރާން ފަށައިފިއްޔާ ބައްޕައަށް ހީވާނީ ބައްޕަގެ ކައިވެންޏާ މެދު އަހަރެން ހިތްހަމަނުޖެހެނީއޭ. ކޮންމެވެސް އެހެން ގޮތެއް ވިސްނާންޖެހޭނީ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ބައްޕައަށް ރޫބީގެ ހަޤީޤީ ސިފަ ފެންނާނޭ ގޮތެއް ހޯދަންޖެހޭނީ. އެކަމަކު އެ ހުރިހާ ކަމެއް އަހަރެން ކުރާނީ ކިހިނެއް ކަމެއް ނުވިސްނޭ. އިޓްސް ނޮޓް ގޮއިންޓު ބީ އީޒީ" ލޫކަން ދެއަތުން ބޮލުގައި އަތްފުޅާ އަޅާލިއެވެ. ފިކުރުތަކުން ސިކުނޑިއަށް ކުރަމުންދިޔަ ބާރު ބޮޑުވީއެވެ.

ރޭ ހަތަރުދަމު އެކި ޚިޔާލުތައް ކުރުމުގައި އުޅުނު ލޫކަންއަށް ނިދުނީ އިރު ވެސް އެރިފަހުންނެވެ. ތަރުތީބު ގެއްލިފައި އޮތް އެނދުގައި ބަންޑުން ނިދިފައި އޮތެވެ. މެންދުރުވީ އިރު ވެސް ލޫކަންގެ ޚަބަރެއް ނުވެގެން އޭނާގެ ކޮޓަރީގައި ރުބީނާ އައިސް ޓަކި ޖެހިއެވެ. ހޭވެރިކަމެއް ކިރިޔާވީ އެވަގުތެވެ. ލޯ އުނގުޅާލުމާއެކު ލޫކަން ދޮރާ ދިމާއަށް ބަލާލިއެވެ.

"ލޫކް! އަދިވެސް ނިދަނީތަ؟" ދޮރުހުޅުވާލައިގެން ހުރި ރުބީނާ ބުންޏެވެ.

"ޕްލީޒް ލީވް" ނިދި ބަރުވެފައިވާ އަޑުން ބޭއިޚްތިޔާރުގައި ލޫކަންއަށް ބުނެލެވުނެވެ. ލޯ ހުޅުވުނު ވަގުތު ރުބީނާ ފެނުމުން ލޫކަންގެ ޠަބީޢަތަށް ނުބައި އަސަރެއް ކުރީ އެވެ. މުޅި ރޭ އޭނާ ހޭދަކުރީ ރުބީނާގެ ނުބައި ރޭވުންތަކަށް ނިމުމެއް ގެންނާނޭ ގޮތަކާމެދު ވިސްނުމުގަ އެވެ. އެވަރުބަލިކަމުގައި ދެ ލޯ މެރި ހުޅުވުނު އިރު ކުރިމަތިން ރޫބީނާ ސިފަވުމުން ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލު ނެއްޓުނީ ގަސްދަކާ ނުލައެވެ. ލިބުނު ހައިރާންކަމާއި ސިހުމުގައި އެންމެ ސިކުންތެއް ވެސް މަޑުކުރާކަށް ރުބީނާއަކަށް ނުކެރުނެވެ. އަވަސް އަވަހަށް ކޮޓަރީގެ ދޮރު ލައްޕާލާފައި ރުބީނާ ހިނގައިގަތީ ކަންފަތައް އިވުނު ލަފުޒުތައް ޤަބޫލު ނުކުރެވިފައެވެ.

"އެވާނީ ނިދާފައި އޮއްވާ ކޮޓަރިއަށް ވަނީމަ ހިތްހަމަނުޖެހުނީ ކަމަށް" އަމިއްލަ ޟަމީރަށް ވިސްނައިދީގެން ހިތްހަމަޖައްސާލަން ރުބީނާ މަސައްކަތް ކުރިއެވެ.

ފެންވަރާ ތާޒާ ވެލައިގެން ލޫކަން ތިރިއަށް އައިރު އޭނާ ހުރީ ބަނޑުހައި ވެފައެވެ. އޭރު ގަޑިން ދޭއްޖަހާ ހިނގައްޖެ އެވެ. ކާކޮޓަރިއާ ދިމާއަށް ދިއުމަށް އުޅުނު ލޫކަންގެ ލޮލުގައި ބޮޑުކޮޓަރީގައި އިން މައުރީން އަޅައިގަތެވެ. ރައްޓެހި ކުދީންތަކަކާއެކު ސޯފާގައި އިނެވެ. އެ މީހުންނަށް ލޫކަން ފެނުމުން މައުރީން އަވަސް އަވަހަށް އަތް ހޫރާލި އެވެ. އޭނާގެ އެ ހަރަކާތައް ލޫކަން ލުއި ހިނިތުންވުމެއް ބަދަލުކޮށްލި އެވެ. ކާއެއްޗެއް ކެއުމަށް ޓަކައި ކާ ކޮޓަރިއާ ދިމާއަށް ލޫކަން ދިޔައީ އޭނާ ފެނުމުން މައުރީންއާއެކު ތިބި ކުދީންގެ ސިއްރު ވާހަކަތައް އިތުރުވިކަން އެނގި ހުރެއެވެ.

ހުރިހާ ރަޙުމަތްތެރީންނަށް ގޭގެ އެތަން މިތަން ދައްކަމުން މައުރީން އުޅުނެވެ. ގުރޫޕު ސްޓަޑީ ހެދުމަށް ޓަކައި ހުރިހާ ކުދީން އެއްވި ނަމަވެސް އެކަމެއް އެމީހުންނަކަށް ނުވިއެވެ. ފުރާވަރުގެ ކުދީންގެ ޖަޒުބާތުތަކުގައި އެއްވެސް ހިފެހެއްޓުމެއް ނުވާ ކަހަލައެވެ. ލޫކަން ފެނުމުން އޭނާގެ ފިރިހެންވަންތަކަމާއި ޒުވާންކަމުގެ ވާހަކަތައް ހުރިހާ ކުދީންގެ ދުލު ކުރީގައި ވެއްޖެ އެވެ. ޓެރެސްގައި އެންމެން އެކުގައި ހޮޓް ޗޮކުލެޓު ޖޯޑުތައް ހިފާލައިގެން ތިބި އިރު ހުރިހާ ކުދީންނަށް އެންމެ ކަމުދާ ބްރައުނީސް ތަށި ހުސްވަމުން ދިޔައެވެ. ދެކެވެމުންދިޔަ މައުޟޫޢުގެ ހޫނުކަމުން އެހެން އެއްވެސް ކަމަކަށް ފަރުވާލެއް ނުދެވެއެވެ. މިކުދީންގެ ހަރަކާތްތަކަށް ލޫކަން ފާރަލާލާ ހުރި ކަހަލައެވެ. ހައެއް ޖަހާންވާއިރަށް ގޭގެ ކާރުގައި މައުރީންގެ ހުރިހާ ރަޙުމަތްތެރިން ފެރީ ގިމަތައާ ހަމައަށް ގެންގޮސްދީފައި މައުރީން އެނބުރި ގެއަށް އައެވެ. އޭރު ބޮޑު ކޮޓަރިތެރޭގައި ލޫކަން އިނެވެ.

"ހާއި!" މައުރީން އެތެރެއަށް ވަނުމާއެކު ލޫކަން ގޮވާލި އެވެ. އެއަޑު އިވުނުކަމާމެދު ޔަގީން ނުވެފައި ލޫކަންއަށް ބަލަހައްޓައިގެން މައުރީން ހުއްޓެވެ. އޭނާ ލޫކަންއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އެއިން ކޮންމެ ފަހަރަކު ލޫކަން ބެލީ މައުރީންގެ ފަރާތުން ސަލާމަތްވެ ދުރަށް ދެވޭތޯއެވެ. އިސްވެ ގޮވާލާ ފާނެކަމާމެދު ޝައްކުވީ އެހެންވެއެވެ.

"މައު! އާ ޔޫ އޯލްރައިޓް" ނިކަން ބޮޑަށް ހިނިތުންވެލަމުން ލޫކަންގެ ފުޅާ ދެކޮނޑު ފާޅުވާނޭހެން ހަށިގަނޑު ސީދާކޮށްލި އެވެ. އަދި ޖިންސުގެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލުމާއެކު ސޯފާއިން ތެދުވެލި އެވެ. ގަސްދުގައި މައުރީންގެ އިހުސާސްތަކާ ކުޅޭން ލޫކަން އުޅޭ ކަހަލައެވެ. އޭނާއަށް އެކަން ކާމިޔާބުވި އެވެ. މައުރީންގެ މޫނުމަތިން ފާޅުވެގެންދިޔަ ފުޅާ ހިނިތުންވުން ހެއްކަކަށް ފުދެއެވެ.

"ވަރަށް ފޫހި ދުވަހެއް. ހިނގާލަން ދާނަންތަ؟ އިރުއޮއްސުމުން ލައިޓުތައް ދިއްލާލާފައި އޮންނައިރު ހުޅުމާލެ ވަރަށް ރީތި. ބިއުޓިފުލް ކުދީންނާއެކު އެކަހަލަ ހިތްގައިމު މަންޒަރު ބަލާން ދާންވާނީ" ހިނިއައިސްފައި ހުރެ ލޫކަން ބުންޏެވެ.

"ސީރިއަސްކޮށްތަ؟" ނިކަން އަވަހަށް މައުރީން އަހާލިއެވެ. އެއާއެކު ހިނިތުންވެލައިގެން ހުރި ލޫކަން ބޯޖަހާލިއެވެ.

"އޯކޭ! އޯކޭ!... އެބަ އަންނަން... ނުވާނެ ގިނައިރެއް. ޖަސްޓް އަ މިނެޓް... މި އަންނަނީ" މައުރީން ދުއްވައިގަތީ ސިޑިން މައްޗަށް އެރުމަށެވެ. އޭނާ ލޮލުކޮޅަށް އޮބާލުމާއެކު ލޫކަން ހީނލިއެވެ.

"ޓީނޭޖާސް އެންޑް ދެއަރ ހޯމޯންސް" ހެވިފައި ހުރެ ލޫކަން ބުނެލިއެވެ.

މައުރީން އެނބުރި އައިއިރު ލޫކަން ހުރީ ދޮރުމަތީގައި އޮންނަ ހުސްތަންކޮޅުގައި މަޑުކޮށްލައިގެންނެވެ. އޭނާގެ ގާތުގައި މައުރީން މަޑުކޮށްލުމާއެކު ލޫކަން ހިނގައިގަތެވެ. ގެއިން ނުކުމެގެން މަޑު ހިނގުމުގައި ކުރިއަށް ދިޔައިރު ލޫކަންގެ މިސްރާބުހުރީ ވަކި މަންޒިލަކަށް ދިއުމަކަށް ނޫނެވެ. އޭނާ ބޭނުންވަނީ މައުރީންގެ ކިބައިން ކަމެއް އޮޅުން ފިލުވާށެވެ. އެ ހުރިހާ އެކްޓެއް އޭނާ އެ ކުރަނީ އެ ބޭނުމަގައެވެ. މިސްރާބު ކަނޑައެޅީ ދުރު ދުރުން ދައްކަމުން ދިޔަ ވާހަކަތަކަށެވެ. މަޑުމަޑުން މައުރީންގެ ކުރީގެ ދިރިއުޅުމާ ބެހޭގޮތުން ލޫކަން ސުވާލު ކުރިއެވެ. ލޫކަން އިސްވެ އެހާ ގާތްކޮށް މައުރީނާ މެދު ޢަމަލުތައް ބަހައްޓަމުން ދިއުމުގެ ސަބަބުން ލޫކަންގެ ހުރިހާ ސުވާލަކަށް މައުރީން އައީ ޖަވާބު ދެމުންނެވެ. މައުރީންގެ ދުލުން އޭނާގެ ބޭބެއެއް ހުންނަކަމާއި އެ ބޭބެއާއި މައުރީނާ ދެމެދުގައި އޮތީ ގާތް ގުޅުމެއްކަން ލޫކަންއަށް އޮޅުން ފިލިއެވެ. ނަމަކީ ނިޔާނު ކަމާއި އޭނާއަކީ މީހުންނަށް ވަރަށް ރަނގަޅު މީހެއްކަން ވެސް މައުރީންގެ ފަރާތުން އެނގިގެން ދިޔައެވެ. ނަމަވެސް އެއްވެސް ފަހަރަކު އައިރާގެ ނަމެއް މައުރީން ވެސް ނުބުންޏެވެ. އެކަމާ ލޫކަން ހައިރާން ވެސް ވިއެވެ. އައިރާގެ ވާހަކަ ދުރުން ނަމަވެސް ބުނާން ލޫކަންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ ހުއްޓުވީ އަމިއްލަ ޟަމީރެވެ. މައުރީންގެ ދުލުން އައިރާގެ ވާހަކަ ނުބުނާނީ އޭނާ ވެސް ކަމެއް ސިއްރުކުރާން ބޭނުންވާތީ އެވެ. ލޫކަންގެ ފަރާތުން އައިރާގެ ވާހަކައެއް އިވިއްޖެނަމަ ރުބީނާއާ ހަމައަށް އެ ޚަބަރު މައުރީންގެ ފަރާތުން ހިނގައިދާނޭ ލޫކަންގެ ޟަމީރު ވިސްނައި ދިނެވެ. އޭނާ ދެން ސުވާލުކުރީ މައުރީންގެ ބައްޕައާ މެދުއެވެ. ކިތަންމެ ގަޔާނުވި ކަމުގައި ވިޔަސް ލޫކަން އަހަން ފެށުމުން ނުބުނެ ނުހުރެވުނެވެ. މައުރީންއަށް ހީވީ ލޫކަންގެ އެ ސުވާލުތަކުގެ ފަހަތުގައިވަނީ އޭނާ މައުރީނު ދެނެގަންނަން ބޭނުންވެފައި ހުރި ކަމުގެ ގަސްދު ކަމެވެ.

"އަމީރު ކިޔަނީ. ޝަބްނަމްވާދީ އުތުރުބައި. އެއީ ބައްޕަގެ އަމިއްލަ ގެ... ލޫކް ކީއްކުރަން ބައްޕަ އުޅޭތަނެއް ބަލަނީ" ލޫކަންގެ ސުވާލުތައް ހީކުރި ވަރަށް ވުރެ ގިނަވާން ފެށުމުން މައުރީން އެހިއެވެ.

"އަންހެންކުދީންގެ ބައްޕަ އޮޅުން ފިލުވަން ޖެހޭނެއެއްނު. ކައިވެނި ކުރާން ވިސްނިޔަސް ވަލީ ހޯދަން ދާން ޖެހޭނީ ބައްޕަގެ ގާތަށް. ބައްޕަ އެނގެންޏާ ގޮސް ބުނެވޭނެ އެ ބައްޕަގެ ދަރިފުޅު އަހަންނަށް ދޭންވީނޫންހޭ" ސަމާސާ އެކުލެވޭ ގޮތަކަށް ލޫކަން ބުނެލިއެވެ. ރަކި ހީނލުމެއް މައުރީންގެ ފަރާތުން އިވިގެން ދިޔައެވެ. އަދި ލޫކަންއަށް ބަލާލީ މަޢުނަވީ ގޮތަކަށެވެ.

ލޫކަން ބޭނުންވި މަޢުލޫމާތު ލިބުމާއެކު އޭނާ ހިނގުން މަޑުކޮށްލާ އެނބުރި ގެއަށް ދާން މައުރީންގެ ގާތުން އެދުނެވެ. ކުއްލިއަކަށް އޭނާ ކުރާންވެފައި އޮތް ކަމެއް ހަނދާންވީ ކަމުގައި ބުނެ ބަހަނާއެއް ވެސް ދެއްކިއެވެ. ހަމައެވަގުތު މައުރީންގެ ހިތް ރުއްސާލަ ދިނީ އެހެން ފަހަރަކުން ހިނގާލަން އަންނާންވާނެ ކަމުގެ ޚިޔާލު ޅަ ސިކުނޑިއަށް ވައްދައިދެމުންނެވެ. ފަނޑުނުވެ ހުރި ހިނިތުންވުމާއެކު މައުރީން އެނބުރި ގެއަށް އައުމަށް ލޫކަންއާއެކު ހިނގައިގަތެވެ.

* * *

ޖެހިގެން އައި ދުވަހު އަމިއްލަ ބޭނުމަކު ލޫކަން ގެއިން ނުކުތީ އޭނާއާއެކު ޑްރައިވަރެއް ހަމަޖެއްސުމަށްފަހު އެވެ. މާލޭގައި އެކަނި އުޅޭން ނޭނގޭނެތީވެ ޤައިސްގެ ޚާއްޞަ ޑްރައިވަރު އޭނާ ދަރިފުޅުގެ ޚިދުމަތުގައި ބެހެއްޓި އެވެ. ހަމައެއާއެކު މާލޭގެ ކަންކަން ބަލާލުމަށް ލޫކަންގެ ޝައުގުވެރިކަން ހުރުމަކީ ޤައިސްގެ ހިތް އެދޭ ގޮތަށް ކަންކަން ހިނގައިދާނޭކަމުގެ ރަނގަޅު ފާލެއް ކަމުގައި ހީކުރިއެވެ. އެއްވެސް ސުވާލެއް ލޫކަންއަށް ކުރުމަކާ ނުލާ އޭނާ ބޭނުންވި ގޮތަށް ކަންކަން ޤައިސް ހަމަޖައްސައި ދިނީ އެހެންވެއެވެ.

"މިގެއަށް ދާންވީ" ފޯނުގައިވާ މެޕު ޑްރައިވަރަށް ދައްކާލުމާއެކު ލޫކަން ބުންޏެވެ. އޭނާ ވަރަށް ރަނގަޅަށް ބެލުމަށްފަހު ކާރު ދުއްވާލިއެވެ. ބޮޑުތަކުރުފާނު މަގުން އެތެރޭގެ މަގުތައް ކާރު ވަނެވެ. ކާރުބާރު ބޮޑު މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވުން ފަސޭހަކަމަކަށް ނުވެއެވެ. ހިތް އަވަސްވެފައި އިން ލޫކަން ކެތްތެރިވި އެވެ. ޑްރައި އައިސް އޭނާ ބުނި ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ.

"މި މަގުގައި ކާރު ނުބޭއްވޭނެ" ޖެހިގެން އިން ލޫކަންއަށް ޑްރައިވަރު ބަލާލާފައި ބުންޏެވެ.

"އަހަރެން ގުޅާނަން. ގުޅީމަ އާދޭ" ލޫކަން މިހެން ބުނެ ކާރުން ފޭބިއެވެ. ދުވާރު މައްޗަށް އެރުމާއެކު އިމާރާތްތަކުގެ ނަންބޯޑުތަކަށް ބަލާލިއެވެ. ރަނގަޅު ދޮރޯށިކަން ޔަގީންކޮށް އެތެރެއަށް ލޫކަން ވަނެވެ. މައްޗަށް އަރާން ހުރި ސިޑިން އޭނާ އެރިއެވެ. ކޮންމެ ބައެއްގައި ހުރީ އެންމެ އެޕާޓްމެންޓެކެވެ. ފުރަތަމަ ބައިގައި ހުރި އެޕާޓްމެންޓުގެ ދޮރު ކައިރީ ހަރުކޮށްފައިވާ ބެލް ސުވިޗަށް ލޫކަން އޮބާލިއެވެ. ގިނައިރެއް ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރީ ޒުވާން އަންހެންކުއްޖެކެވެ.

"އަމީރު އުޅެނީ މިބައިގަތަ؟" ލޫކަން އިނގިރޭސި ބަހުން ސުވާލުކުރިއެވެ. އެހިނދު ކުރިމަތީ ހުރި އަންހެންކުއްޖާއަށް ހައިރާންކަމެއް ލިބިގެން ދިއުމާއެކު އޭނާ އަތުން އިޝާރާތްކޮށްލީ މަޑުކޮށްލުމަށެވެ.

"ދޮންބޭ! ދޮންބޭ!... ނުކުމެބަލަ... ބޭރު މީހަކު އެބަހުރި އައިސް. އަމީރުއާ ބެހޭގޮތުން ސުވާލުކުރީ. އޭނާއާ ވާހަކަ ދައްކަބަލަ" ދޮރުމަތީ ހުރި އަންހެންކުއްޖާ އެނބުރި ގޭތެރެއަށް ވަދެގެން ދިޔައީއެވެ. އެހެންނަމަވެސް އޭނާ ވާހަކަދެއްކީ ތަންކޮޅެއް ބާރަށް ކަމުން އޭނާގެ އަޑު ދޮރު ކައިރީ ހުރި ލޫކަންއަށް އިވެމުންދިޔައެވެ. (ނުނިމޭ)