ދުނިޔެ

ބަޑީގެ ހަމަލާއެއްގައި އެމެރިކާ ޕާލަމެންޓް މެމްބަރަކު ވަރަށް ބޮޑަަށް ޒަހަމްވެއްޖެ

Jun 15, 2017
1

މީހަކު ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އެމެރިކާ ޕާލަމެންޓް މެމްބަރަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

ރޮއިޓާސް ބުނީ ބަޑީގެ ހަމަލާގައި ޒަހަމްވެފައި ވަނީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެމްބަރެއް ކަމަށާއި އޭނާއަކީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަަންނަވާ ސްޓީވް ސްކާލިސް ކަމަށެވެ.

ހަމަލާ ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ސޯޝަލް މީޑިއާގައި ލިޔެ އުޅޭ ޖޭމްސް ހޮޑްކިންސަން ނަމަކަށް ކިޔާ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ. އޭނާ ދިން ހަަމަލާގައި ސްކާލިސްގެ އިތުރުން ތިންް މީހުން ޒަހަމްވީ އިރު ސްކާލީސްގެ އެތެރެހަށީގެ ބައެއް ގުނަވަން ތަކަށް ވަނީ ގެއްލުންވެފައެވެ.

ހާދިސާ ހިނގީ ސްކާލިސްއާއި އިތުރު އެހެން ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ޗެރިޓީ ބޭސްބޯލް މެޗަކަށް ފަރިތަކުރައްވަން އުޅުއްވަނިކޮށެވެ.

ހަމަލާ ދިން މީހާ ކެޕިޓަލް ހިލް ފުލުހުންނާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި އޭނާ ވަނީ މަރުވެފައެވެ.

ހާދިސާއާ ބެހޭ ގޮތުން އެމެރިކާ ފުލުހުން ބުނެފައި ވަނީ އެއީ ގަސްދުގައި މެމްބަރަށް ދިން ހަމަލާއެއް ކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.