ދުނިޔެ

ލަންޑަންގައި ޓަވަރު އެނދި ހާދިސާގައި މަރުވި މީހުންގެ އަަދަދު 17އަށް

Jun 15, 2017

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ 27 ބުރީގެ އިމާރާތެއް ކަމަށްވާ ގްރީންފެލް ޓަވަރުގައި ރޯވެ އެނދި ހާދިސާގައި 17 މީހަކު މަރުވިކަން ކަށަވަރު ކުރެވިފައިވާ ކަމަށް ލަންޑަންގެ ފަޔާ ކޮމިޝަނާ ޑެނީ ކޮޓޯން ވިދާޅުވެއްޖެއެވެ.

ކޮޓޯން ވިދާޅުވި ކަމަށް ބީބީސީ ބުނީ އަލިފާނުގެ ހާދިސާ ހިނގި އިރު އިމާރާތުގައި ތިބި މީހުންގެ ތެރެއިން ވީނުވީއެއް ނޭނގި ވަނީ ކިތައް މީހުންކަން އަދިވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އެ އިމާރާތުގެ ތެެރޭގައި އަދިވެސް މީހުން ތަކެއް ވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އިމަރާތުގެ ހުރިހާ ފަންްގި ފިލައެއް ވެސް މަތިމަތިން ބަލައި ފާސްކޮށްފައިވާ ކަމަށާއި އިމާރާތުގެ ހާލަތު ހުރި ގޮތުން ފުރިހަމަ އަށް ބަލައި ފާސްކުރުން އަދި ވެފައި ވަނީ ދަތި ކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި މަރުވި އަދި ގެއްލުން ލިބުނު މީހުންގެ އާއިލާތަކަށް އިނގިރޭސީ ރާނީ އެލިޒަބަތު ދޭއް ވަނީ ހަމްދަރުދީގެ މެސެޖްތައް ފޮނުއްވާފައެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވަނީ އިމާރާތް ހުރި ސަރަހައްދަށް ޒިޔާރަތެއް ކުރައްވާފައެވެ. ހާދިސާ ފުރިހަމައަށް ތަހުގީގުކުރައްވާނެ ކަަމަށް، އެ ޒިޔާރަތަށް ފަހު މޭ ވަނީ ވިދާޅުވެފައެވެ.