ބިސްބުރު ކައިރިން އަޅާފައި އިސްކަންދަރު މަގުން ދާއިރު އެ މަގުގެ މެދެއްހާ ހިސާބުގައި ހުންނަ ބޯޅަޖެހި ސްޓޯރަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ތަނެކެވެ، ބޯޅަޖެހި ސްޓޯރޭ ބުނުމުން އެތަން ނޭނގޭ އަންހެނަކު މަދުވާނެ ކަން ޔަގީނެވެ. ހާއްސަކޮށް މެދު އުމުރުގެ މީހުންނަށް އެ ތަނަކީ އެންމެ ފަރިތަ އެއް ތަނެވެ. އެކަން އެހެން ވަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ބޯޅަ ޖެހި ސްޓޯރު އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފޮތި ވިއްކަން ފެށި ފިހާރަ އެވެ. އަދި މިއަދާ ހަމަ އަށް ވެސް ހުއްޓުމެއް ނެތި އެންމެ ގިނަ ދުވަސް ވަންދެން ފޮތި ވިއްކަމުން އަންނަ ފިހާރަ އެވެ. އެންމެ ފުރަތަމަ ފޮތި ފިހާރަ އެއް އުފެއްދުމުގެ ހިޔާލު ނުވަތަ އެ ފިހާރަ ވުޖޫދަށް ކިހިނެއްތޯ ބަލަން ބޭނުންވާނެ ގިނަ ބަޔަކު ތިބޭނެ ކަން ޔަގީނެވެ. ބޯޅަޖެހި ސްޓޯރްގެ އިސްވެރިޔާ އިސްމާއީލް، އެ ފިހާރަ އުފެދުނު ގޮތް ކިޔާދެނީ އިއްޔެގެ ކަމެއް ފަދައިންނެވެ.
"ބާޒާރު މައްޗަށް ދިޔަ އިރު އުޅުނީ ބޯއްޓެއް އަޑިއަށް ގޮސްގެން. މޯލްޑިވްސްޓާ ކިޔާ ސަރުކާރު ބޯއްޓެއް. އޭގެން ގެނައި ހުރިހާ މުދަލަކާ އެއްކޮން ދިޔައީ އަޑިއަށް. އޭގެން ގެނައި ފޮތިތައް ލޮނާ ހުރުމުން ވަރަށް އަގު ހެޔޮކޮށް ވިއްކީ. އެއީ ރުފިޔާ އަކަށް ފޭއްޔެއް. އެ ފޮތިތައް ގަނެގެން ގެނައުމުން އަހަރެންގެ އަންހެނުން އެ ހުރިހާ ފޮތިތަށް ފެން ލައިގެން ލޮނު ފިލުވާ ހިއްކާ ހަދާފަ ފިހާރައަށް ލީ ވިއްކަން. އެހާ ހިސާބުން އަސްލު ބޯޅަޖެހި ސްޓޯރް އުފެދުނީ." އިސްމާއިލް ބުންޏެވެ.
ގިނަ ފިހާރަ ތަކުގެ ނަމަކީ ގިނަ ފަހަރަށް އަމިއްލަ ގޭގެ ނަމާއި ގުޅުވިގެން ނަން ދީފައި ހުންނަ ފިހާރަ ތަކެވެ. އެގޮތުން ބޯޅަޖެހި ސްޓޯރަކީ ވެސް އެ ގޭގެ ނަމަކީ ގުޅުވައިގެން ދީފައިވާ ނަމެކެވެ. އެންމެ ފުރަތަމަ އެ ފިހާރަ ހުޅުވުމުގެ ކުރިން އެތަނަކީ ކާޑުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެކެވެ. ފޮތި ތައް ލިބުމުން އެތަން ކުޑަ ފިހާރައަކަށް ބަދަލު ކޮށް ބޯޅަޖެހި ސްޓޯރުގެ ނަން ދިނުމަށްފަހު ފޮތި ވިއްކަން ފެށިގެން ދިޔައީ އެވެ. އެ ފިހާރައިގައި އިން ކައުންޓަރަކީ ފިހާރަ ހުޅުވި ދުވަހުން ފެށިގެން ވެސް މިއަދާ ހަމައަށް ބަދަލު އައިސްފައި ނުވާ ކައުންޓަރެކެވެ. ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު އެއް ސުވާލަކީ ފުރަތަމަ ފޮތި ފިހާރަ ވުޖޫދަށް އައިތާ ކިހާ ދުވަހެއް ވެދާނެ ކަމެވެ. މިހާރު އުމުރުން 75 އަހަރުގެ އިސްމާއިލް ބުނީ އެ ފިހާރަ އަކީ އޭނާ ކައިވެނި ކުރި ފަހުން ހުޅުވި ފިހާރަ އެއް ކަމަށެވެ. މިހާރު އެ ފިހާރައަށް 36 އަހަރު ވެދާނެ ކަމަށެވެ.
"ފުރަތަމަ ފެށި އިރު ފިހާރަ ވަރަށް ކުޑަވާނެ. ވަރަށް ކުޑަ ކުޑަ ތަންކޮޅެއްގައި ފޮތިތައް ވިއްކަން ފެށީ. އެންމެ ފުރަތަމަ ވިއްކީ ޕޮލިސްޓަރު ފޮއްޗާއި ނަމްބަ ފޯ ފޮތި. ފުރަތަމަ ވިއްކި ދުވަސްކޮޅު ވަރަށް މަދުން ދިވެހިން ގަންނާނީ. ދިވެހީންގެ މެދުގައި އޭރު އެހާ މަގުބޫލެއް ނޫން މި ތަނެއް. އޭރު ފޮތި ވިއްކާ އިތުރު ތަނެއް ނުހުންނާނެ. ފުރަތަމަ ގަން ފޮތި ހުސްވީމަ ދެން ފޮތި ގެންނަން ފެށީ އިންޑިއާއިން. އޭގެ ފަހުން ގެނައީ ސިންގަޕޫރަށް ގޮސް. މިހާރު ގެންނަނީ ދުބާއީން ފޮތި. އެތަން އެންމެ އަގު ހެވީ" އިސްމާއިލް ބުންޏެވެ.
ބޯޅަ ޖެހި ސްޓޯރަކީ އޭރުގައި ހަމަ އެކަނި ފޮތި ވިއްކާ ފިހާރަ ކަމުން ވަރަށް ބޮޑު އާންމުދަނީ އެއް އެތަނަށް ލިބެއެވެ. އެއްވެސް އިސްތިހާރެއް ކުރުމެއް ނެތި އެހާ ގިނަ ދުވަސް ވަންދެން އެ ފިހާރަ އަޑު ނުކެނޑި ފަނޑުވުމެއް ނެތި މިހާ ހިސާބަށް އައުމުގެ ސިއްރު ވަރަށް ވެސް ފުރިހަމަ އެވެ. ގިނަ ދުވަސް ވަންދެން ނުހުއްޓި ދާ ކަމުގެ އަސްލަކީ އެންމެ ކުރިން ސުރެވެސް އެތަނުން އެންމެ ގިނައިން ގަންނަ ފޮތި ތައް އަބަދުވެސް ހުއްޓުމެއް ނެތި އެތަނުން ލިބެން ހުރުމެވެ. އެތަނުން ބޭނުންވާ ފޮތި ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން އެހެން ފިހާރައަކަށް ނުވަދެ ފުރަތަމަ ދެވެނީ އެ ފިހާރަ އަށެވެ. އަދި އެހާ ދުވަސްވީ ފިހާރައެއްގެ "ލޯޔަލް ކަސްޓަމަރުން" ތިބުމަކީ އެތަނަށް ލިބިގެންދާ އެންމެ ބޮޑު އެއް ފައިދާ ކަމަށް އިސްމާއިލް ބުންޏެވެ.
"އަބަދުވެސް ފޮތި ފޮތި މިތަނުން ވިއްކާ އުޅުނީ. މިހާރުވެސް ވިއްކަނީ ފޮތި. އިންޑިއާއިން ފޮތި ގެނެސްގެން ވިއްކަން ފެށިފަހުން ދިވެހިން ފޮތި ގަންނަން ބޮޑަށް ފެށީ އަސްލު. ފުރަތަމަ ދުވަސް ކޮޅު ގެނައީ އާންމު ކޮށް އެންމެ ގިނަ މީހުން ގަންނަ ފޮތިތައް. ފަހުގެ ފޮތިތައް ގެންނަނީ ވަރަށް މަދުން. މިތަނުން އެންމެ ގިނައިން ގަންނަ ފޮތި ތައް އަބަދުވެސް ހުއްޓުމެއް ނެތި ލިބެން ހުންނާނެ. އެންމެން ނަށް ވެސް އިނގޭނެ މިތަނުން އެ ފޮތި ލިބޭނެ ކަން އެހެން ތަނަކުން ނުލިބުނުކަމުގައި ވިޔަސް. ޑަބަލް ނެޓް ފޮއްޗާއި ބުރުގާ ފޮތި އަބަދުވެސް ލިބެން ހުންނާނެ. އެންމެ ފުރަތަމަ ދެމޭ ފޮތިވެސް ރާއްޖެ ގެނައީ މިތަނުން." މިހާރު ފިހާރަ ހިންގުމާ ހަވާލުވެ ހުރި އިސްމާއިލްގެ ދަރި ހަދީޖާ އިސްމާއިލް ބުންޏެވެ.
އިސްމާއިލްގެ ބަލި ހާލު ހުރި ގޮތުން މިހާރު ފިހާރަ ބެލުމާއި ހަވާލުވެ ހުރީ އޭނާގެ ދަރިއެއް ކަމަށްވާ ހަދީޖާ އިސްމާއިލް އެވެ. މަދު މަދުން ނަމަވެސް އެ ފިހާރައަށް މިހާރުވެސް އިސްމާއިލް ގޮސް އެތަނުގެ ކަންކަން ބަލާ ހަދައެވެ. އިސްމާއިލްގެ ހަށިގަނޑުގައި އެ ފިހާރަ ވަނީ ކަނޑާ ނަގާފަ އެވެ. އިސްމާއިލް މިހާރުވެސް ދަނީ ފޮތި ގަންނަން ދުބާއީ އަށް ދާން ތައްޔާރު ވަމުންނެވެ. ރޯދަ ނިމުމާއި އެކު އޭނާ ދުބާއީއަށް އޭނާގެ އަންހެނުން ހަސީނާ އަބުދުﷲ އާއި އެކު ދާނެ އެވެ.