- ވޯރާއިން ބޭރުކުރާ ގާނޫނު ބަދަލުކޮށްލީ މަޖިލިސް ގަނެގެން
- ނާސިރު ފިޔަވައި ހުރިހާ މެންބަރުންގެ ވޯޓް ވޯރާއިން ގަނެލި
- ބޮޑު ވަޒީރުގެ ކިލެފާނު ހުންނެވީ ވޯރާއިންނާ އެކުގައި
- ވޯޓް ވިއްކާލި މެންބަރުން ފަހުން ތިބީ ނާސިރާއެކުގައި
ރައީސް މުހައްމަދު އަމީންގެ ވެރިކަން، އިންގިލާބަކުން ނިންމައި ވެރިކަން ރަސްކަމަކަށް އަލުން ބަދަލުވި އިރު ބޮޑުވަޒީރަކީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އެދުވަސްކޮޅު އޭނާ ސްރީ ލަންކާ އަށް ވަޑައިގަތީ ބޮޑުވަޒީރުގެ ގާއިމު މަގާމެއްގެ ގޮތުގައި ސަރުކާރު ހިންގެވުން އިބްރާހިމް ނާސިރާ ހަވާލުކުރައްވާފަ އެވެ. ތާރީހީ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، އޭރު ނާސިރު ހުންނެވީ، ސިޔާސީ ގޮތުން އެންމެ ފައްކާވެފަ އެވެ. ހުންނެވީ ކޮންމެ ގޮތެއް ހައްދަވައިގެން ވިޔަސް ވޯރާ ވިޔަފާރިވެރިންގެ ކަންތައް ނިންމަވައިލަން ބޭނުންފުޅުވެފަ އެވެ.
ބޮޑުވަޒީރު ރާއްޖޭގައި ނެތް ދަނޑިވަޅާއި ސިޔާސީ ގޮތުން ލިބިވަޑައިގެންފައިވާ މަޝްހޫރުކަމުގެ ބޭނުން ފުރިހަމައަށް ނާސިރު ހިއްޕެވި އެވެ. ރަނުގެ އެ ފުރުސަތުގައި ފުރަތަމަ ވެސް ދިމާކުރެއްވީ ވޯރާއިންނާ އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެންބަރު މާދޫގެ އަލީ އަހުމަދު މެދުވެރިކުރައްވައި މާޗު ،12 1957 ގައި މަޖިލީހަށް މައްސަލައެއް ވައްދަވައި އެކަން ވައިގައި ހިއްޕުވައިލެއްވި އެވެ. އަލީ އަހުމަދު މައްސަލަ މަޖިލީހަށް ވެއްދެވި ނަމަވެސް އެއީ ނާސިރުގެ ރޭވުމެއްކަން "ގިރާވަރު ބޮޑު ސިއްރު" ގެ ގޮތުގައި އެންމެނަށް އެނގެ އެވެ. މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވަ އެވެ. މަޖިލީހުގައި އެއަށް ބަހުސްކުރީ މާޗު ،29 1957 ގަ އެވެ.
އާންމުންގެ ތެރެއަށް މަޝްހޫރުވި މި މައްސަލައިގެ ޔައުމިއްޔާތައް ރައްޔިތުންގެ މަޖިލީހުގެ އާކައިވް އިން ބަލައިފިއްޔާ މިހާރު ވެސް ފެންނަން ހުންނަން ޖެހޭނެ އެވެ. -- ނެތުން އެއީ އެހެން ކަމެކެވެ.
ނާސިރު އަޑީގައި ހުންނަވައިގެން މަޖީލިހަށް ވެއްދެވި މައްސަލަ
މާދޫގެ/ ހެންވޭރު
ރައްޔިތުންގެ މަޖިލިސް ސެކެއްޓަރީ އަށް،
ގިނައިން ވެދުން ސަލާމަށް ފަހު އަދަބުވެރިކަމާ އެކު ދަންނަވަމެވެ.
އަންނަނިވި އިބާރާތުން އެކުލެވިގެންވާ ބިލެއް ދެން އޮންނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއަކަށް ހުރަހެޅުމަށް އަޅުގަނޑު ގަސްދުކުރަމެވެ:
"މިހާރު އެކްސްޕޯޓް އިންޕޯޓް ލައިންސަންސް ނެތް ކޮންމެ ބިދޭސީ ވިޔަފާރިވެރިއަކު މީގެ ފަހުން ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން ފޮނުވާލެއްވުމަކީ އަޅުގަނޑުގެ ނަޒަރުގައި މިހާރު ދައުލަތުން ކޮންމެހެން ކުރާންވެއްޖެ ކަމެކެވެ."
މިހެންވެ މި ބިލް މަޖިލިސަށް ހުރަހެޅޭނެ ގޮތް ހައްދަވައިދެއްވުން އެދެމެވެ.
އިހުތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.
11 ޝައުބާން 1376
ހެންބޭރުގެ އެއް މެންބަރު
މި މައްސަލަ މަޖިލިހަށް ވަނުމާ އެކު ބޮޑުވެގެންވާ މައްސަލައަކަށްވެ ފޯރިހިފި އެވެ. އިބްރާހިމިއްޔާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ބަހުސް ފެށި އެވެ. ބަހުސަށް ފަހު 37 މެންބަރުން ތިއްބެވި ޖަލްސާގައި 34 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އަލީ އަހުމަދު ހުށަހެޅުއްވި ގޮތަށް އަދި ނާސިރު ބޭނުންފުޅުވި ފަދައިންނެވެ.
އެ ޖަލްސާގައި ވިޔަފާރިވެރިންގެ މެންބަރު އިބްރާހިމް ހުސަން ދީދީ އެ މައްސަލަ ކޮމެޓީއަކަށް ފޮނުވަން ހުށަހެޅި ހުށަހެޅުއްވުމަށް ލިބުނީ ތިން ވޯޓެވެ. އެހެންކަމުން ނާސިރު ޖަހަން ބޭނުންފުޅުވި ކުޅި ޖައްސަވައި އެ ގޮތަށް މަޖިލީހުން ފާސްވީ އެވެ. އޭރު ވޯރާއިން އެކަމުގެ ޝަކުވާއައިގެން ދިޔައީ ތެޅިފޮޅެމުންނެވެ.
"އޭރު ކޮންމެ ދުވަހަކު އެކަމާ ގުޅިގެން ނާސިރާ ބައްދަލުވޭތޯ ވޯރާއިން އެޕޮއިންޓްމަންޓް ހަދާ، އެކަމަކު ބައްދަލެއް ނުކުރެއްވި، ޑީލަށް ދެވޭތޯ އުޅުނީ އެކަމަކު ނާސީރު އެކަން ގަބޫލެއް ނުކުރެއްވި،" ސިއްކަގޭ މުހައްމަދު ނަސީމް 2009 ގައި ވިދުވި އެވެ.
މައްސަލައިގެ ބަހުސް ފެށުމާއެކު އަލީ އަހުމަދު ވިދާޅުވީ "މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން މައްސަލަ އަކީ ވަރަށް މުހިންމު މައްސަލައެކެވެ. މިކަމަކީ މާ ކުޑަ ކަމަކަށް ވާނޭ ކަމެއް ނޫނެވެ. ޝައްކެއްނެތެވެ. އަޅުގަނޑުމެންނަކީ މިނިވަން ގައުމެކެވެ. މިވަގުތު ވިޔަފާރީގެ ތިންބައިކުޅަ އެއްބައި ވަނީ ދިވެހިންގެ އަތްމައްޗަށް އަރާފަ އެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި ވިޔަފާރި ކުރިޔަށް ގެންދެވޭނީ މުޅިން ދިވެހިންގެ އަތްމައްޗަށް އަރައިގެންކަން ވިސްނައިފި ކޮންމެ މީހަކަށް އެނގޭނެ އެވެ. އަޅުގަނޑުމެންނަށް ދަތި ހާލެއް، ނިކަމެތި ހާލެއް ޖެހިއްޖެ ހާލެއްގައި އެބައި މީހުން [ވޯރާއިން] އެހީއެއްވި ބާވަ އެވެ؟ ރައްޔިތުން އަތުން ހަ ރުފިޔާ އަށް މަސް ހަންދަރެއް ނުގަތް ހަނދާން އަޅުގަނޑުމެން ނެތުނީބާ އެވެ؟"
މި މައްސަލައިގައި ދިގުކޮށް ބަހުސް ކުރިއަސް މިއީ ނާސިރުގެ ކަމެއް ވީމާ މާ ބޮޑު ދެކޮޅު ހެދުމެއް މެންބަރުންގެ ނެތެވެ. އެހާވެސް އެމަނިކުފާނު މަގުބޫލެވެ. ހެންވޭރުގެ އަނެއް މެންބަރު އިބްރާހިމް ނާސިރު ވިދާޅުވީ "މިއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން" ކަމަށާއި "ފެންނަނީ އަވަހަށް ނިންމައިލަން" ކަމަށެވެ.
ހަގީގަތުގައި ވެސް އެމަނިކުފާނު ހުންނެވީ ވޯރާއިން ހިނދުންހިނދަށް ރާއްޖެ އިން ބޭރުކުރަން ކެތްމެދުވެފަ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ ވިޔަފާރިވެރިންގެ މެންބަރު އިބްރާހިމް ހުސަން ދީދީ އެ މައްސަލަ ކޮމެޓީއަކަށް ފޮނުވަން ހުށަހެޅުމާ އެކު ބ. މެންބަރު މުހައްމަދު އަބުދުއްލަތީފު އެ ހުށަހެޅުމަށް ދާއީދު ކުރެއްވުމުން މުޅި މައްސަލަ އެހެން ގޮތަކަށް ފުރޮޅިދާނެތީ އެވެ.
ބޮޑު ވަޒީރު ފާމުލަދޭރިކިލެގެ ފާނުގެ ގަަދަ ކޯފާ
ނާސިރު ހޯއްދެވި ފުރުސަތުގައި މަޖިލީހުން މައްސަލަ ނިންމައި މުގުރު ޖަހާފައި އޮއްވާ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ސްރީ ލަންކާ އިން އެނބުރި ވަޑައިގަތެވެ. އޭރު އެމަނިކުފާނަކީ ފޮރިން މިނިސްޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުވަދު އަތޮޅުގެ މެންބަރު ވެސް މެއެވެ. އަދި ބޮޑުވަޒީރުކަމާއެކު ސިޔާސީ ގޮތުން އެންމެ ބާރުގަދަ ވެރިޔާ އެވެ.
ފާމުލަދޭރި ކިލެގެފާނު މާލެ ވަޑައިގެންނެވީ ވެސް މި މައްސަލައިގައި ކޯފާ އިސްކުރައްވައި ހުންނަވައިގެނެވެ. ވަޑައިގަތުމާ އެކު ދެނަކާ ދެނެއް ނެތެވެ. ހީވީ "އަލިފާންޖެހި" ހެނެވެ. ނާސިރު ލީޑުކޮށް މަޖިލިހުގައި ނިންމެވި ނިންމެވުން ގާނޫނަކަށް ވެފައި އޮށްވާ އެކަން ބަދަލުކޮށް އިހު އޮތް ގޮތަށް ރުޖޫއަކުރަން ބޭނުންފުޅުވެއްޖެ އެވެ. ލަސް ނުކޮށް އެ މައްސަލަ މަޖިލިހަށް ވެސް ވައްދަވައިފި އެވެ. ކުރީ ފަހަރެކޭ އެއްގޮތަށް ފިސާރި ފޯރިއަރައިފި އެވެ. ފާމުލަދޭރި ކިލެގެފާނު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އޮންނަނީ މިހެނެވެ:
ރައްޔިތުންގެ މަޖިލިސްގެ ސެކެއްޓަރީ އަށް،
ވެދުން ސަލާމާއި އިހުތިރާމާ އެކު ދަންނަވަމެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންނަނިވި ޖަލްސާ އަށް އަޅުގަނޑު މި ހުށަހަޅާ މައްސަލަ ކުރިމަތި ކޮށްދެއްވުން އެދި ދެންނެވީމެވެ:
" 15 ރަމަޟާން 1376 މި ތާރީހުގައި މަޖިލިހުން ފާސްކޮށްފައިވާ ބިލު ނަމްބަރު 76/ 4 ގެ ތިން ވަނަ މާއްދާގައި ބުނެފައިވާ މިހާރު އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން މި އަންނަ މުހައްރަމް މަހުގެ ތެރޭގައި ރާއްޖެ އިން ފޮނުވާލައްވަން ފެއްޓެވުން އަދި އޭގެ ފަހުން އެފަދަ ވިޔަފާރިވެރިން ރާއްޖެ އިން ފޮނުވާލަމުން ގެންދެވުން" މި ގާނޫނު، ގާނޫނީ ހަމަތަކުގެ މަތިން ބާތިލު ކުރެއްވުން ފެނެ އެވެ. އެއީ ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ގެއްލުން ލިބި ބައިނަލްއަގުވާމީ ގޮތުން ދިވެހި ދައުލަތް ވަރަށް މަތީ ދަރަޖައަކަށް ބަދުނާމު ވެދާނޭ ކަމަށްޓަކަ އެވެ.
އިހުތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.
14 މުހައްރަމް 1377
އަޅުގަނޑީ ހުވަދު އަތޮޅު މެންބަރު އަދި މަހުކަމަތުއް ހާރިޖިއްޔާގެ ވެރިޔާ
ފާމުލަދޭރި ކިލެގެފާނުގެ މި މައްސަލަ އަށް މަޖިލީހުގައި ބަހުސް ކުރީ އޯގަސްޓް ،23 1957 ދުވަހުގެ ރޭގަ އެވެ. ބަހުސްގެ ވަގުތުގައި ވޯރާއިން ރާއްޖެ އިން ބޭރުކޮށްލުން އެމަނިކުފާނު އެއްހަމަ ކުރެއްވީ ހިޓްލަރު ޖަރުމަނުން ޔަހޫދީން ނެރެ ފައްސާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.
ކޯފާވެފައި ހުންނެވި ފާމުލަދޭރި ކިލެގެފާނު މަޖިލީހުގެ ތަޅުމުގައި ވިދާޅުވީ "ކުރިން ފާސްކުރި ބިލަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސުން ފާސްކުރަން ހެޔޮ ވެސް ނުވާ ފަދަ ބިލެއް" ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންދާންވީ މަގުތަކުން ގެންދިއުމުގެ މަސްއޫލިއްޔަތު އެޅިފައި ވަނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ކަމަށް ވިދާޅުވި އެވެ. އެމަނިފާނުގެ މަޝްވަރާއާ ނުލާ އެފަދަ ބިލެއް ފާސް ކުރުމުގެ މާނަ އަކީ ކޮބައިތޯ ވެސް މަޖިލީހާ ސުވާލު ކުރެއްވި އެވެ.
"...މިފަދަ އެއްޗެއް އަޅުގަނޑުގެ ލަފައެއް ނެތި ފާސްކުރުމުގެ މާނައަކީ ދުނިޔޭގެ ހަމައިން ބަލާ ނަމަ އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ގެންދާ ގޮތް މަޖިލިހަށް ގަބޫލު ނުކުރެއްވުމެވެ. އެހެން ތަނެއްގައި ނަމަ ވަގުތުން އަޅުގަނޑު ޖެހޭނީ އިސްތިއުފާ ދޭށެވެ. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ ރާއްޖޭގެ ހާލުގެ މައްޗަށް ވިސްނައި ކެތްކުރީމެވެ. މާލެ އައިސް ގާނޫނީ ގޮތުން މި މައްސަލައައިގެން ތެދުވީމެވެ. އާދެހެވެ. ކުޑަކޮށް ވެސް މެންބަރުން ވިސްނައިލެއްވެވި ނަމަ މިއީ އެވަގުތު އަޅުގަނޑުމެން ތެޅިފޮޅިގެން ފާސްކުރަންވީ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެން ކުޑަކޮށް ކެތްތެރިވެލީ ނަމަ މަޑުމަޑުން އެފަދަ ބިދޭސީންނަށް ޖެހޭނީ ރާއްޖެ އިން ދާށެވެ. އެއާ ހިލާފަށް ހިޓްލަރު ޖަރުމަނު ވިލާތުން ޔަހޫދީން ނެރެލިހެން ބޭރުކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހަޑި ކަމެކެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ވޯރާއިން މަޖިލީހުގެ މެންބަރުން ގަނެލުން
ފާމުލަދޭރި ކިލެގެފާނު ވެއްދި މައްސަލައިގެ ބަހުސް ފެށި އިރު ވޯރާއިންގެ ބައްދަލުވުންތައް ކިލެގެފާނާއެކުގައި ކުރިޔަށްދިޔައެވެ. އެ ބައްދަލުވުންތަކަށް މަޖިލީހުގެ މެންބަރުން ވަދެވަޑައިގެންފައި ނުކުމެ ހައްދަވަ އެވެ. މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެއްވައިގެން މައްސަލަ ބަދަލު ކޮށްލައްވާނެ ކަން ނާސިރަށް ވަރަށް އެނގިވަޑައިގަންނަވަ އެވެ.
ބަހުސްގައި ކިލެގެފާނު ކުރިޔަށް ވަޑައިގެން މަޖިލީހުގައި ވިދާޅުވީ އިނގިރޭސި އަދި އިންޑިޔާ ސަރުކާރަށް އެމަނިކުފާނާ ސުވާލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް ބޭރުގެ ދައުލަތްތަކުން އެމަނިކުފާނަށް ދީފައި އޮންނަ މަގާމެއްގެ ސަބަބުން އެ މައްސަލައިގައި ސުވާލު ނުކޮށް ތިބީ ކަމަށް ވެސް އިޝާރާތް ކުރެއްވި އެވެ. އެކަމަކު ސްރީ ލަންކާގެ ވޯރާ ޖަމާއަތުގެ ވަފުދެއް އެމަނިކުފާނާ ބައްދަލުކޮށް މި މައްސަލައިގެ ސަބަބުން އެމީހުންނަށް ލިބުނު ނިކަމެތިކަމުގެ މައްޗަށް ދިވެހި ސަރުކާރުން ރަހުމުގެ ލޮލަކުން ބަލައިދޭތޯ އެދިފައިވާ ކަމަށް ފާމުލަދޭރި ކިލެގެފާނު މަޖިލީހުގައި ވިދާޅުވި އެވެ.
ކިލެގެފާނުގެ ވާހަކަފުޅަށް މެންބަރުން ތާއީދުކުރައްވާ މިއީ އަހުލާގީ ގޮތުން ވެސް ފާސްކުރަން ހެޔޮނުވާނެ ބިލެއް ކަމަށް ވިދާޅުވި އެވެ. ރ. މެންބަރު އިބްރާހިމް ޝިހާބު ވިދާޅުވީ އެ ބިލު ފާސްކުރި ގޮތް ނުބައެއް ނޫން ކަމަށާއި ނަމަވެސް "ފާމުލަދޭރި ކިލެގެފާނު ހުށަހެޅުއްވި ގޮތް ގަބޫލު ކުރަން ތައްޔާރު" ކަމަށެވެ.
އަހަމަދު ކާމިލު ދީދީ ވެސް ވިދާޅުވީ ފާމުލަދޭރި ކިލެގެފާނަށް ތާއީދު ކުރައްވާ ކަމަށެވެ. ގާނޫނުގެ ބިނާ އަކީ މަޝްވަރާ ކަމަށާއި އެ މަނިކުފާނުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. -- މި ބޭފުޅުންނަކީ ބިލް ފާސް ކުރި އިރު ނާސިރު ބޭނުންވެ ވަޑައިގެންނެވި ގޮތަށް ބަހުސް ކުރައްވާ ވޯޓް ދެއްވި ބޭފުޅުންނެވެ. ނަމަވެސް ފަހުން އެ ބޭފުޅުން ތިއްބެވީ ވޯރާއިންގެ އަތުން ފައިސާ ނަންގަވައިގެންނެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ނާސިރާއެކުގައި ތިއްބެވި ދެ މެންބަރެއް ފިޔަވައި ހުރިހާ މެންބަރުން ތިބީ ވޯރާއިންގެ އަތުން ފައިސާ ނަގައި ވޯޓް ވިއްކާލައިގެނެވެ. މީގެ ތެރެއިން އިބްރާހިމް ޝިހާބަކީ ވޯރާއިންނަށް މެންބަރުން ގެނެދެއްވުމުގައި އެންމެ ބޮޑު ރޯލެއް އަދާކޮށްދެއްވި އެކަމާ ހިންގެވި "ފއސގނޏ" ވެ.
ރ. މެންބަރު އަބްދުއް ރައްޒާގު ވިދާޅުވީ ދައުލަތުގެ ހާރިޖީ ސިޔާސަތު ނުވެސް އެނގޭ ކަމަށާއި މިހާރު އަނެއް ކޮޅަށް ވޯޓު ދޭން ޖެހުނީމާ ލަދުގަންނަ ކަމަށެވެ. އެކަމަކު ވެސް ވޯޓް ދެއްވާނެ ކަމަށެވެ.
ބަހުސްގެ މައިގަނޑަކީ ފާމުލަދޭރި ކިލެގެފާނު ވެއްދެވި މައްސަލަ އަށް ތާއީދުކުރުމެވެ. އެކަމަކު ކުރިން ވަކި ގޮތެއް ހެދިފައި އޮތީމާ ބަހުސް ހޫނުވެ އިސްތިއުފާގެ ވާހަކަ ވެސް ދެކެވޭން ފެށި އެވެ. އެހިސާބުން ފާމުލަދޭރި ކިލެގެފާނު ކޯފާވެގެން ވިދާޅުވީ "ތިމަން ކަން ކުރާނެ ގޮތް އެނގޭނީ ތިމަންނާއަށޭ" އެވެ. ދެން އެކި މެންބަރުން އެކި އެތި ވިދާޅުވަމުން ވޯޓަށް އެހީމާ 38 ވޯޓުގެ އަޣުލަބިއްޔަތުން ކުރީގެ ގާނޫނު އުވާލަން ފާސްކުރި އެވެ. ނާސިރުގެ މައްޗަށް ފާމުލަދޭރި ކިލެގެފާނު މަޖިލީހުގައި ކުރި ހޯއްދެވީ އެވެ. ވޯރާއިން މަޖިލިސް ގަނެލައި ނާސިރު ބަލި ކުރެއްވީ އެވެ.
އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން ފޮނުވާލުމަށް މަޖިލީހުން ނިންމި ނިންމުން ހަތަރު މަހާއި ނުވަ ދުވަހުގެ ތެރޭގައި ފުރޮޅުނީ އެވެ. އެކަމާ ގުޅިގެން ވޯރާއިން މާލޭގައި ވަރަށް ބޮޑު ހަވާ ޕާޓީއެއް ވެސް ބޭއްވި އެވެ.
ގޯހަކަށްވީ ހާރިޖީ ވަޒީރުގެ ލަފައާ ނުލައި ނިންމުމެވެ. ނާސިރު އަޑީގައި ހުންނަވައިގެން އެޅުއްވި ފިޔަވަޅު މަޖިލީހުގައި ފަނުފުލުން ދިޔައިރު ނާސިރުގެ އުމުރުފުޅަކީ 29 އެވެ. އެމަނިކުފާނުގެ ސިޔާސީ ތަރި އޭރު އަދި އަރަނީ އެވެ. އެހެންކަމުން ދެން ވެސް ހުންނެވީ ދަނޑިވަޅަކަށް ބައްލަވައިގެންނެވެ. އެގޮތުން އެމަނިކުފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާ އެކު ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ވޯރާ އިން ބާކީކޮށް މާލެ އިން ބޭރުކޮށް އިގްތިސޯދީ މިނިވަންކަން ދިވެހިންގެ ބާރުގެ ދަށަށް ގެންނެވި އެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން ވާނީ 31 އަހަރެވެ. އޭރު ނާސިރާ ހިލާފަށް ވޯޓް ދެއްވި ހުރިހާ މަޖިލިސް މެންބަރުން ވެސް މިފަހަރު ތިއްބެވީ ނާސިރާއެކު އެވެ. ވިދާޅުވީ "އާދޭހޭ ތިޔަ ބައިވަރުތުރައް ރާއްޖެއިން އަވަހާ ބޭރު ކުރަންވީ" އޭ އެވެ.