މަސައްކަތް ކުރުމަށް ރާއްޖެއަށް އަންނަ ބިދޭސީން ހައްދަން ޖެހޭ ވޯކް ޕާމެންޓް މެޑިކަލް ހެއްދުމަށް އަމިއްލަ ކްލިނިކްތަކުން ހަދާ މެޑިކަލް ރިޕޯޓް ބަލައި ނުގަންނަން ނިންމައިފި އެވެ.
ހެލެތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއަކީ ގައިގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުކުރުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގައުމެއް ކަމަށާއި ނަމަވެސް ރާއްޖެ އަންނަ ގިނަ ބިދޭސީންނަކީ އެފަދަ ބަލިތައް ފެތުރޭ ސަރަހައްދުތަކުން އަންނަ މީހުން ކަމަށެވެ. އެފަދަ މީހުންގެ ސަބަބުން ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން އެކަން ހައްލުކުރުމަށް ބިދޭސީންގެ ވޯކްޕާމިޓް ޗެކްއަޕް ހެދުން އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޯކްޕާމިޓް މެޑިކަލްސްގެ ގޮތުގައި މީގެ ފަހުން ބަލައިގަނެވޭނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި އަތޮޅު ތެރޭގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ވޯކްޕާމިޓް މެޑިކަލްސް ކަމަށެވެ.