ހަބަރު

އަނިޔާވި ކުއްޖާގެ ސާޖަރީއެއް ހަދަނީ، އެއީ ބިދޭސީ ކުއްޖެއް: އައިޖީއެމްއެޗް

މާލޭގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން އަނިޔާވީ ބޭރު ގައުމެއްގެ ކުއްޖަކަށް ކަމަށާއި އެ ކުއްޖާއަށް ފަރުވާ ދީ ސާޖަރީއެއް ހަދަމުން އަންނަ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނެފި އެވެ.

ސިމެންތި ބަސްތާއެއް ވެއްޓުނީ މާފަންނު ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި މަސައްކަތް ހިނގަމުން ދަނިކޮށް މިއަދު ހެނދުނު 10:45 އެހާކަންހާއިރު އެވެ. އެ ބަސްތާއިން ޖެހި އަނިޔާވީ ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާ މާލެ އައިސް އުޅުނީ، ޗުއްޓީ ހާދަކުރުމަށް އާއިލާއާ އެކު އެވެ.

ސިމެންތި ބަސްތާއިން ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާވި އިރު، އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ވެއްޓި ޖެހިފައި ވަނީ އެ ކުއްޖާގެ ބޮލުގަ އެވެ. އަދި އެވަގުތު މުޅިތަން ސިމެންތީގެ ދުންގަނޑަކަށް ބަދަލުވެ އެވެ. މަންޒަފރު ސާފުވާ އިރު ކުއްޖާ އޮންނަނީ ބިންމަތީގައި ބަސްތާގެ ދަށުގެވެ، ހޭނެތިފައެ އެވެ. އެ ތަނުގައި ކުއްޖަކު އޮތް ކަން މީހުންނަށް އެނގެނީ ވެސް ހާދިސާގެ އިރުކޮޅެއް ފަހުންނެވެ. އެ ކުއްޖާއާއެކު އެހެން އަންހެނެއް ވެސް ދިޔަ އެވެ. ނަމަވެސް އެ މީހާއަށް ވެސް އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނުކަން އެނގުނީ އިރުގަނޑެއް ފަހުންނެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބިދޭސީ ކުޑަކުއްޖާއަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށާއި މިހާރު ސާޖަރީއެއް ހަދަން ވައްދާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ފަޔަށާއި ކޮނޑު ހުޅަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި ކުއްޖާގެ ހަށިގަނޑު ތެރެއަށް ވެސް ވަނީ ލޭ އެޅިފަ އެވެ.

އެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ކުރާ ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. އަދި ހައުސިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.