ސޮނީ ޕިކްޗާސް އެންޓަޓެއިންމެންޓަށް މިދިޔަ ނޮވެމްބަރު މަހު ހެކަރުންގެ ޓީމަކުން ދިން ހަމަލާގެ އަސަރުން އެމީހުން އަދިވެސް ސަލާމަތެއް ނުވެ އެވެ. ސިއްރު އީމެއިލްތަކާއި އެހެން ލިޔެކިޔުންތައް ވެސް ދަނީ އިންޓަނެޓަށް ލީކުވަމުންނެވެ.
ސޮނީން މިފަހުން އިއުލާނުކުރި، ޖޭމްސް ބޮންޑް ސިލްސިލާގެ އާ ފިލްމު "ސްޕެކްޓާ" ގެ ސްކްރިޕްޓް ވެސް ހެކަރުން ވަނީ ވަގަށް ނަގައިފަ އެވެ. ސްކްރިޕްޓް ވަގަށް ނަގާފައިވާ ކަމަށް ބުނެ ފިލްމުގެ ޕްރޮޑިއުސަރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެމީހުން ބުނެފައި ވަނީ އެ ސްކްރިޕްޓް ލީކުކޮށްލުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.
"ސްޕެކްޓާ" އަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ނެރުމަށް ސޮނީން ތައްޔާރުވަމުން އަންނަ އެމީހުންގެ ބޮޑު ފިލްމެކެވެ. ފިލްމުގެ ޝޫޓިން ވަނީ މި މަހު ފަށައިފަ އެވެ.
ޖޭމްސް ބޮންޑް ފިލްމު ސިލްސިލާ އަކީ ސޮނީގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު އެއް މަސައްކަތެވެ. އެންމެފަހުން ނެރުނު މި ސިލްސިލާގެ ފިލްމު "ސްކައިފޯލް" އަށް ވެސް ބޮކްސް އޮފީހުގައި 1.1 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ސޮނީ އަށް ހެކަރުން ދިން ހަމަލާއާ ގުޅިގެން ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވަނީ އުތުރު ކޮރެއާ އަށެވެ. އެއީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ފުރައްސާރަކޮށް ސޮނީން އުފައްދާފައިވާ ފިލްމު "ދަ އިންޓަވިއު" އާ ގުޅިގެން އުތުރު ކޮރެއާގެ އިންޒާރުތަކެއް ސޮނީ އަށް ލިބިފައިވާތީ އެވެ.
ފިލްމު ނުހުއްޓުވައިފި ނަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފައި ވިޔަސް އެމީހުން ބުނެފައި ވަނީ ހެކްކުރި ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
ހެކަރުން ވަނީ ސޮނީގެ ސިއްރު ގިނަ ލިޔެކިޔުންތަކެއް ވަގަށް ނެގުމަށް ފަހު އޮންލައިންކޮށް ލީކުކޮށްލައިފަ އެވެ. ލީކުކޮށްލާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި މަޝްހޫރު ތަރިންނަށް ސޮނީން ދޭ އާމްދަނީ އާއި އެފަދަ ފަރާތްތަކަށް ފާޑުކިޔައި ބަދަލުކޮށްފައިވާ އީމެއިލްތައް ވެސް ހިމެނެ އެވެ.
އެފްބީއައި އިން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.