ރިޕޯޓް

ވެލެންސިއާ އުފެދުނީ ކިހިނެއް؟

Jun 17, 2017
2

ދިވެހި ކުޅިވަރުގެ ބައްޕަ، މަރުހޫމް މުހައްމަދު ޒާހިރު ނަސީރުގެ ބެލުމުގެ ދަށުން، އަޑިޕާކު ސަރަހައްދުގައި ކުޅެން އުޅުނު ކުދިންތަކެއް އިސްނަގައިގެން، ކުޅިވަރު ކުލަބެއް ހިންގުމުގެ ވިސްނުން ގެންގުޅެ، އެކަމަށް މަސައްކަތް ފަށައިގަތެވެ. އޭރު މިގުރޫޕްގައި، ހިމެނޭ ކުޅުންތެރިން ގެންދަން، އެހެން، ކުލަބުތަކުން މަސައްކަތް ކުރި އެވެ. ނަމަވެސް އެވެރިން އޮތީ މާވަރުގަދަ އަޒުމެކެވެ. އަމިއްލައަށް ކުލަބެއް ހަދައިގެން ކުޅިވަރު ދަނޑަށް ނިކުތުމެވެ.

"އަމިއްލަ ގޮތެއްގައި ކުރިއަށްދާން ނުވަތަ އަމިއްލަ ކުލަބެއް ހަދައިގެން އަމިއްލަ ބައެއްގެ ގޮތުގައި، ދާން އޭރުވެސް ވިސްނާފަ އިނީ، އޭރު ދެން އޮގޮތުން ބާލަފަ ޓީމެއް ހަދަން ހިޔާލު ކުރީ،" ވެލެންސިއާގެ މިހާރުގެ ޗެއާމަން، އަދީލް ޖަލީލްގެ ގެ ގ. ފަހިވާގެ ތެރެއިން، މަސައްކަތް ފެށިގެން ދިޔަ ގޮތް، އެ ކުލަބު އުފައްދަން މަސައްކަތް ކުރި ގުރޫޕްގައި ހިމެނުނު، ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗް ހިނާ އަހަމްދު ސަލީމް (ބޮޑު ހީނާ) ހިއްސާ ކުރި އެވެ.

އެ ގުރޫޕްގައި، ބޮޑު ހީނާގެ އިތުރުން ހިމެނެނީ، އަދީލް ޖަލީލް އާއި ރާއްޖޭގެ ކުރީގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އަހްމަދު ޝަފީގް (ސައްޕެ) ރޮބިންސް އަހްމަދު އިސްމާއިލް އާއި އެދިވެސް އިތުރު ބޭފުޅުން ކޮޅެއް ހިމެނޭނެ ޓީމެކެވެ.

ޒާހިރު ނަސީރު އަޑިޕާކުގައި ހިންގެވި ޕޫލްގައި ތިން ގުރޫޕެއް އޮތެވެ، އެތިން ގުރޫޕްވެސް އޮތީ، މިކުލަބެއް އުފައްދައި، ކުޅިވަރު ދަނޑުން ފުރުސަތު ހޯދުމުގެ އުންމީދުގަ އެވެ. ސްކޫލް މަރުހަލާ ނިމެން ތައްޔާރުވެފައި ތިބި ދަރިވަރުންވެސް ތިބީ، މި ޓީމާއެކު ކުޅިވަރު ދަނޑަށް ނިކުތުމުގެ އުންމީދެއްގަ އެވެ.

ގ. ފަހިވާގެ ތެރެއިން ކުލަބު އުފެއްދުމުގެ މަސައްކަތް ފަށައި ގަނެވިއްޖެ އެވެ. އޭރު ރާއްޖޭގެ ހާލަތު ހުރި ގޮތުން، ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން، އެހާ މިނިވަން މާހައުލެއް ނެތެވެ. އެހެންވެ ކުލަބު އުފައްދަން ފުރަތަމަ ހުށަހެޅި ނަމުން، އެ ކުލަބު ރަޖިސްޓަރީ ކޮށްދިނުން، ސަރުކާރުން ހުއްޓުވައިފި އެވެ.

"ޔޫތު ރެކްރިއޭޝަނަލް މޫވްމެންޓް ގެ ނަމުގައި ހުށަހެޅީ، ނަމަވެސް، ރަޖިސްޓަރީ ކޮށް ނުދިން، ސަބަބަކަށްވީ ނަމުގެ ފަހަތަށް މޫވްމެންޓް ކިޔާތީ،" ހީނާ ބުންޏެވެ.

"ހަނދާންވާ ގޮތުން އަދިވެސް އިތުރު ނަމެއް ގެންގުޅުނިން، އެނަން ކިޔަން އުޅެފަ ދެން އަނެއްކާވެސް އިތުރު ނަންތަކެއް ބެލީ، އެގޮތަށް ބަލަމުން ގޮސް، މިފެންނަނީ ސްޕެއިންގެ ސިޓީއަކަށް ކިޔާ ނަމެއް، ވެލެންސިއާ ކިޔާ ސިޓީއެއް، ދެން ހަމަ އެ ސްޓޭޓްގެ ނިސްބަތްވާ ވެލެންސިއާ ކިޔާ ފުޓްބޯޅަ ޓީމެއްވެސް އޮވޭ."

ސްޕެއިންގެ ސިޓީ ވެލެންސިއާގެ ނަން ވީ، ކުލަބު އުފައްދަން މަސައްކަތް ކުރި، މީހުންނަށް ވަރަށް ކަމުދިޔަ ނަމަކަށެވެ. ދުލަށްވެސް ފަސޭހަ، އަޑު އަހާލަންވެސް ރީތި ނަމަކަށެވެ. އެންމެން އެކަމަށް އިއްތިފާގުވެ ވެލެންސިއާގެ ނަމުގައި ރަޖިސްޓަރީ ކުރުމަށް ހުށަޙަޅައި، ސަރުކާރުން، އެކުލަބު ރަސްޖިސްޓަރީ ކޮށް ދީފި އެވެ. އެއީ 16 އޮކްޓޯބަރު 1979 ވަނަ އަހަރެވެ. މީގެ 38 އަހަރު ކުރި އެވެ.

ކުލަބު ވެލެންސިއާ ވުޖޫދުވީ އޭރުގެ ޒުވާނުންގެ ކުލަބެއްގެ ގޮތުގައެވެ. ގިނަ ޒުވާނުންތަކެއް އެ ކުލަބުގެ ދޮރުން ކުޅިވަރު ދަނޑަށް ނިކުތެވެ. އޭރު ރާއްޖޭގެ ކުޅިވަރު ދަނޑުތަކުގައި އެންމެ ނަގާ ކިޔަނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މޫން ސްޕޯޓްސް ކުލަބެވެ. އޭރު، މިކުލަބު ތަކަކީ ހުރިހާ ކުޅިވަރެއްގައި ހެން، ވާދަ ކުރާ ޓީމު ތަކެވެ.

"އަޅުގަނޑުމެންނަށް އެނގޭ، އޭރު އޮތް ކުޅިވަރުގެ މާހައުލުގެ ތެރެއިން ވެލެންސިއާ އަށް ޖާގައެއް ލިބޭނީ، ތަފާތު ވިސްނުމެއްގައި މަސައްކަތް ކޮށްގެން ކަން، އެހެންވެ ޒުވާން ކުޅުންތެރިންގެ ދައުރު މިކަމުގައި ވަރަށް ބޮޑު ވެގެން ދިޔަ، ޒުވާން ކުޅުންތެރިންތަކެއް ވެލެންސިއާއެކު ތިބީމަ އަޅުގަނޑުމެންނަށް އެނގިއްޖެ، މި ކުލަބު ކުރިއަށް ޖެހިލާނެ ކަން،" ބޮޑު ހީނާ ބުންޏެވެ.

ވެލެންސިއާއިން ފުޓްބޯޅައަށް އިންގިލާބެއް

ކުލަބު އުފެއްދިތާ ދެ އަހަރު ތެރޭ ފުޓްބޯޅަ ފިޔަވައި ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައިހެން، ބޮޑެތި ހުރިހާ މުބާރާތެއް، ކުލަބު ވެލެންސިއާއިން ކާމިޔާބުކޮށް، ކުޅިވަރު ދަނޑުގައި ވަރުގަދަ ނަމަކަށް ވެއްޖެ އެވެ. ފުޓްބޯޅައިގައި އެ ޓީމު ދެމިގަތުމުގައި، އަހަރުތަކެއް ހޭދަވި ނަމަވެސް، އެކުލަބު ފުޓްބޯޅައަށް ބޮޑު އިންގްލާބެއް ގެނެ އެވެ.

"އޭރު މާލޭ ފުޓްބޯޅަ އާއި އައްޑު ފުޓްބޯޅަ މިއޮންނަނީ، މާލޭ ފުޓްބޯޅަ އަކީ، ކުރިއަށް ބޮޑު ބޯޅައެއް ލާފައި ކުރިއަށް އަރައިގެން ގޮސް، ލަނޑު ޖެހުން، އައްޑޫ ފުޓްބޯޅަ އަކީ ވަން ޓަޗް ނުވަތަ ޓޫ ޓަޗް ޕާހެއް ދީފައި ހަމަލާ އުފެއްދުން، އެހެންވެ އަޅުގަނޑުމެން ހިތައް އެރި، އަޅުގަނޑުމެން ކުރާނީ ތަފާތު ކޮށޭ،" ހީނާ ބުންޏެވެ.

"އަޅުގަނޑުމެން ކުރި ކަމަކީ، ތިރިން ކުޅެ ޕާސްތައް ގިނަ ކޮށްލީ." ކުލަބު ވެލެންސިއާއިން ވުޖޫދު ކުރި، ރާއްޖޭގެ ޒަމާނީ ފުޓްބޯޅައިގެ ފެށުމަކީ މިއެވެ.

ދެ ވަނަ އިންގިލާބު

ކުރިން، ކުޅިވަރު ކުޅެނީ އަވަށު ވާދަވެރި ކަމުގަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ދެ ވަނަ އަހަރާ ހަމަޔަށް އައީ އެގޮތުގައެވެ. ނަމަވެސް 92 ވަނަ އަހަރުވީ ދިވެހި ފުޓްބޯޅައިގައި، މިހާރު އޮތް ސެމީ ޕްރޮފިޝަނަލުގެ ފެށުމަށެވެ. އެހެން ކުލަބު ތަކަށް ކުޅުނު މަޝްހޫރު ކުޅުންތެރިން، އަގު ދީގެން ވެލެންސިއާ އިން ކުޅުވަން ފެށިއެވެ. އޭރުގެ އެއް ވަނަ ކުޅުންތެރިޔާ، މޫސާ މަނިކު (ކުޑަ މޫސަ) އާއި އެއްވަނަ ކީޕަރު މައްުރޫފް އަހްމަދު (މާއްޓޭ) އެއްވަނަ ޑިފެންޑަރު ދޮންބިލެތް އަހްމަދު ހަލީމު ފަދަ މަޝްހޫރު ކުޅުންތެރިން ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

"އޭރު، އެކި ގޮތްގޮތުން ހެޔޮއެދޭ ފަރާތްތަކުންނާއި ބައެއް ވިޔަފާރި ވެރިން އަތުން ފައިސާ ކޮޅު ހޯދައިގެން ކުޅުންތެރިން ގެނައީ." ހީނާ ބުންޏެވެ.

އެ ބަދަލުވީ، ރާއްޖޭގެ އެހެން ކުލަބުތަކަށްވެސް، އެއާ އެއްގޮތަށް އަމަލު ކުރަން މަޖުބުރުވި ބަދަލަކަށެވެ. ވެލެންސިއާގެ އާ ވިސްނުމާއެކު، މުޅި ދިވެހި ފުޓްބޯޅަ ސެމީ ޕްރޮފިޝަނަލް ވެއްޖެ އެވެ. ވެލެންސިއާ ހަރުގައި ތަށިތައް އެތުރެން ފެށީ، އެ ގެނައި ބަދަލުން ލިބުނު ކާމިޔާބީ ތަކުން ނެވެ. މިއަދު ސެމީ ޕްރޮފިޝަނަލް ގިންތީގައި އޮތް ފުޓްބޯޅައިގެ ފެށުމަކީ ވެލެންސިއާގެ ފެށުމެވެ. ރާއްޖޭގެ އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ވެލެންސިއާ އަށް ކުލެފި އެވެ. ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ފުރަތަމަ ކުލަބަކީ ވެލެންސިއާ އެވެ.