ހަބަރު

ޕެރިސް އެގްރިމެންޓުން ވަކިވުމަކީ އެމެރިކާ މާޒީއާ ދެކޮޅުވުން: ތޯރިގު

Jun 16, 2017
1

މޫސުމަށް ބަދަލު އައުމަށް މަގުފަހިވާ ކަންތައްތައް މަދުކޮށް، ތިމާވެށި ހިމާޔަތްކުރަން ދުނިޔޭގެ ގައުމުތަކުން ސޮއިކޮށްފައިވާ މުއާހަދާ 'ޕެރިސް އެގްރީމެންޓް' އިން ވަކިވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް ރާއްޖޭގެ އެންވަަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ސިޔާސީ އޮންލައިން މަޖައްލާއެއް ކަމަށްވާ 'ދަ ހިލް' އަށް ލިއުއްވި ލިއުއްވުމެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ޕެރިސް އެގްރިމެންޓުން ވަކިވާން ނިންމި ނިންމުމަކީ އެމެރިކާގެ މާޒީއާ ދެކޮޅު ހެދުން އެކަނި ނޫން ކަމަށެވެ.

'' އެމެރިކާއަކީ ތާރީހުގައި ކާބަން އެންމެ ގިނައިން ބޭރުކާ އެންމެ ބޮޑު ގައުމެވެ. އެހެންވީމާ ޕެރިސް އެގްރިމެންޓުން ވަކިވުމަކީ ހަމަ އެކަނި އެމެރިކާގެ ތާރީހާ އެގައުމުން ދެކޮޅު ހަދާކަން ދައްކުވައިދޭ ކަމެއް ނޫނެވެ. އެއީ ޒިންމާ އުފުލުމާ ވަރަށް ބޮޑަށް ދެކޮޅު ހެދުންކަން އެންމެނަށް ވެސް ފަސޭހައިން ފެންނާނެއެވެ.،" ތޯރިގު ލިއުއްވާފައި ވެއެވެެ.

މިނިސްޓަރުގެ ލިއުއްވުމުގައި ރާއްޖޭގެ ނާޒުކު ކަން ބަޔާންކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ ދުނިޔޭގެ ފިނި ހޫނުމިން ކުޑަ މިންވަރަކުން މައްޗަށް ޖެހިލިޔަސް ރާއްޖެއަށް ވަރަށް ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން އެހެން ވިޔަ ނުދޭން ރާއްޖޭން އެކަނި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި އެކަމުގައި ބައިނަލް އަގުވާމީ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ ޕެރިސް އެގްރިމެންޓުން ވަކިވާން އެމެރިކާއިން ނިންމުމަކީ ފިނިހޫނުމިން ރައްކާތެރި މިންވަރުގައި ހިފެހެއްޓުމަށް ކުރާ މަސައްކަތަށް ކުރިމަތިވި ހުރަހެއްކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

" އެކަމަކު އެއީ ރާއްޖޭގެ ކުރިމަގު އެކަމުގެ ސަބަބުން ބަންދުވާނެ ކަމެއް ނޫނެވެ. އަދި ރާއްޖެ ފަދަ ތިރި އެހެން ގައުމުތަކުގެ ވެސް މެއެވެ. ޕެރިސް އެގްރިމެެންޓްގެ ރޫހު ދުނިޔޭގެ ކަންކޮޅުތަކުގައި އުޖާލާކޮށް އެބަ އޮތެވެ،" ތޯރިގު ވިދާޅުވެފައި ވެއެވެ.

ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމެވިޔަސް އެގައުމުގެ ބައެއް ސްޓޭޓްތަކާއި ސިޓީތަކުން އެ އެގްރިމެެންޓްގައިވާ ގޮތަށް ކަންތައްްތައް ކުރާނެކަން އިއުލާންކޮށްފައިވާކަން މިނިސްޓަރުގެ ލިއުއްވުމުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި އެއަށް ފަހު ވިދާޅުވެފައި ވަނީ އެ ސްޓޭޓްތަކާއި އެކު ރާއްޖޭން އޮތް ކަމަށެވެ.

ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވާން ނިންމި ނިންމުމާ މެދު މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ހަމަ އެކަނި ރާއްޖޭގެ ފަރާތުންނެެއް ނޫނެވެ. ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ކުދި ޖަޒީރާގައުމުތަކުގެ ޖަމިއްޔާގެ ފަރާތުންނެވެ.