ހަބަރު

ރައީސްގެ ތާއީދު ބަލަނީ ވޯޓުން، ތަރާވީހުގެ ހާޒިރީއަކުން ނޫން: ހަލީލް

ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އަށް މަޖިލީހުގެ މެންބަރުންގެ ތާއީދު އޮތްމިންވަރު ބަލަނީ މަޖިލީހުގައި ނަގާ ވޯޓުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ހަލީލު ވިދާޅުވީ ރައީސް ޔާމީންނަށް ތާއީދު އޮތް މިންވަރު ބަލަނީ މަޖިލީހުގައި ނަގާ ވޯޓުން ކަމަށާއި ތަރާވީހުގެ ހާޒިރީއަކުން ނޫން ކަމަށެވެ. އަދި ތަރާވީހުގެ ހާޒިރީން މަޖިލީހުގެ އެއްވެސް ކަމެއް ފާސްވާނެ ކަމަށް ހީ ކުރުމަކީ ކުށްހީ އެއް ކަމަށާއި އަދިވެސް ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެންބަރުން ތިބީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށް ހަލީލު ވިދާޅުވި އެވެ.

ހަލީލު މިގޮތަށް ޓްވީޓް ކުރެއްވީ ދާދިފަހުން ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު މަޖިލީހުގެ މެންބަރުންނަށް ދެއްވި ތަރާވީހަށް މަދު މެންބަރުން ތަކެއް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް ޔާމީން އަށް ތާއީދު އޮތް މިންވަރު އެ ތަރާވީހުން ހާމަވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެ ފަހަތުގައި މިހާރު ތިބީ މަދު މެންބަރުން ތަކެއް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. އެހެން ނަމަވެސް އެންމެ ފަހުން ނެގި މަޖިލީހުގެ ދެ ވޯޓެއްގައި އިދިކޮޅު އިއްތިހާދުން ދެކޮޅު ހަދަމުން ދެ އިސްލާހެއް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ ސަރުކާރުން ބޭނުންވި ގޮތަށް ފާސްވެފަ އެވެ.