ހަބަރު

"މެންބަރުން ގަދަކަމުން ނުހިފަހައްޓަން، ގޮތް ނިންމާނީ ސުލޫކް ކޮމިޓީން"

Jul 16, 2017
16
  • މެންބަރަކު ވަކިކުރަން އަދި ހުށަނާޅަން
  • މެންބަރުން ގުޅުމަށް ދައުވަތު ދިން
  • ސްލޫކް ކޮމިޓީއިން މައްސަލަ އެބަ ބަލާ

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ކުރާ އެއްވެސް ޕީޕިއެމްގެ މެންބަރަކު ގަދަކަމުން އެ ޕާޓީގައި ހިފަހައްޓާފައެއް ނުވާނެ ކަމަށާއި ޕީޕީއެމްގެ މެންބަރުން ވަކިވުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ސުލޫކް ކޮމިޓީން ކަމަށް އެ ޕާޓީގެ ސެކެޓަރީ ޖެނަރަލް އަަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލު މިހެން ވިދާޅުވި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް، ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް އެ ޕާޓީގެ 10 މެންބަރުން ސިޓީ ހުށަހަޅާފައިވީ ނަމަވެސް ވަކިކޮށްދެވެން ނެތް ކަމަށް ޕީޕިއެމްއިން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ޕީޕީއެމްއިން ވަކިވުމަށް ސިޓީ ފޮނުވާފައި ހުރި އެއްވެސް މެންބަރަކު ވަކި ކުރާކަށް ނުނިންމާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ސުލޫކް ކޮމިޓީން ބެލުމަށް ފަހުގައި ކަމަށެވެ. އަދި މެންބަރުން ވަކިވާނީ އުސޫލެއްގެ ތެރެއިން ކަމަށާއި އެއްވެސް މެންބަރަކު ގަދަކަމުން ހިފަހައްޓައިގެން ނޫޅުއްވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް އެއްވެސް މެންބަރަކު ނުވެސް ހިފެހެއްޓޭނެ. ނަމަވެސް ރަސްމީ ގޮތުން ބޭފުޅަކު ޕާޓީން ވަކިވާނީ އިލެކްޝަން ކޮމިޝަންގެ ދަފްތަރުން އެ މެންބަރެއްގެ ނަން އުނި ކުރާ ހިސާބުން،" ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް ޕީޕީއެމްއާ ގުޅެން ބޭނުން ވެއްޖެ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އީސީގެ ދަފްތަރުން ވަކި ނުކުރާ ހިނދަކު އެއީ ޕީޕީއެމްގެ މެންބަރުން ކަމަށާއި އަދި ވެސް މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމުގެ ފުރުސަތު އޮޮންނަނާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ޕީޕީއެމްގެ މެންބަރުން ވަކި ކުރަން ސުލޫކް ކޮމިޓީން ނިންމާ އީސީ އިން އެކަން އިއުލާންކޮށްފި ނަމަ އެ މެންބަރެއް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމުގެ ކުރިން ޕާޓީން ވަކިވުމަށް އެ މެންބަރުން ވަނީ ސިޓީ ފޮނުވައިފަ އެވެ. ޕީޕީއެމްއިން ވަވިވެވަޑައިގަތް މެންބަރުން އަދިވެސް ވިދާޅުވަމުން އަންނަނީ ޕީޕީއެމްއާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.