ހަބަރު

މަސީހުގެ މައްސަލައިގައި ކުރި ސޮއި އަނބުރާ ގެންނަން އަންގައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރި ޕީޕީއެމް މެންބަރުންގެ ސޮއި އަނބުރާ ނެގުމަށް އެ ޕާޓީ އިން އެ މެންބަރުންނަށް އަންގަން ފަށައިފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއި ކުރައްވާ އެ މެންބަރުންނަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ މެންބަރުންތަކެއް އިސްވެ ތިބެ، އެކުލަވާލި އިތުބާރު ނެތްކަމުގެ ގަރާރުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރެ ސޮއި ކުރުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ ހ އާއި ށ އަދި ޕާލިމަންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދާ ވެސް ހިލާފު އަމަލެއް ކަމަށެވެ. އެހެން ކަމުން މިރޭގެ 12:00 ގެ ކުރިން އެ ސޮއި ނެގުމަށް ފަހު އެކަން ޕީޕީއެމްގެ އޮފީހަށް އެންގުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ.

މަސީހުގެ މައްސަލައިގައި ޕީޕީއެމްގެ 10 މެންބަރަކު ސޮއި ކުރިއިރު އޭގެ ތެރެއިން އެއް މެންބަރަކު ވަނީ އޭނާގެ ސޮއި އަނބުރާ ގެނެސްފަ އެވެ. ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބެ ގަރާރުގައި ސޮއި ކުރީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

އެ މެންބަރުން ވަނީ، އެބޭފުޅުންގެ ސޮއި އަނބުރާ ނުގެންނާނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ މެންބަރުން ޕާޓީ އިން ކެނޑެން ސިޓީ ވެސް ވަނީ ޕާޓީއަށް ފޮނުވާފަ އެވެ. ނަމަވެސް އެ މެންބަރުން ޕާޓީ އިން ވަކިކޮށްދެވެން ނެތްކަމަށް ޕީޕީއެމްއިން ވަނީ އަންގައިފަ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ޕާޓީއިން ވަކިކުރާ މެންބަރުންނާއި ޕާޓީއިން އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެ ހުކުމަށް ބާރުލިބޭ ގޮތަށް ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ހުކުމް ކުރުމުގެ ކުރިން ހިނގާފައިވާ ކަމަކާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް ހުކުމުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ސޮއި ކުރި މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން ވަނީ ޔަގީންވެފަ އެވެ.