ވާހަކަ

އިންތިޒާރު

Jun 17, 2017

ނޭނގި ހިތޭ ގެންދެވީމާ ލޯބިން!
މިތުރާ ނުނިދޭ ހަނދުމަ ވަނީ!
މޭގަ ޖަހާ ވިންދު ނޭނގޭ ލޯބިން!
ގެންދެވީ އޯ ކަލާ ގެންދެވީ ކަލާ!
ނޭނގި ހިތޭ ގެންދެވީމާ މިތުރާ ހޯދެނީ!

މޯޑް ފުރައިގެން ދިޔަ ދުވަހުން ފެށިގެން އަހަރެންގެ އުންމީދުތަކާ ހުވަފެންތައް އޮތީ އިންތިޒާރުގެ އާލަމެއްގެ ތެރެ އަށް ގެނބިފަ އެވެ. މޯޑް ކިޔައިދޭ އެ ލަވައިގެ ތެރޭގަ އެވެ. މައިގަނޑު ސަބަބަކީ އަހަރެން މާބަނޑުވެފައި އިނުމެވެ. އަހަރެންގެ މި ބަނޑާއެކު އުދުހެވޭނެ ނަމަ އުދުހުނީމުހެވެ. ވަރަށް ދުރަށެވެ. ތި ހިސާބަށެވެ. މޯޑް ހުރި ހިސާބަކަށެވެ. ވަރަ ބިނދިގެން ވެއްޓެން ދެނެވެ.

ހަމަ ތެދެކެވެ. މޯޑް ދިޔަ ފަހުން ލޮލުފިޔައެއް ޖެހޭ އިރަށް އަހަންނަށް ފެންނަނީ އަހަރެމެންގެ ދަރިފުޅު އުފަންވެގެން އުޅެނިކޮށެވެ. މޯޑު ކުޑައިރު ކިޔާ ގޮތަށް ކުމްކުމް ބޯން ވެގެން އަހަރެންގެ މެއާ ކައިރިވާތީ އެވެ. އެއީ ހުވަފެނެކޭ ބުނާކަށް އަހަންނަކަށް ނޭނގެ އެވެ.

ގައިމު ވެސް އެ ސިފަވި ގޮތަކުން އަހަންނަށް ފެނުނީ ދަރިފުޅު ވެސް ވަރަށް ބޮޑުވެފައި ހުއްޓަ އެވެ. ބައެއް ފަހަރު އައިސް މަންމާއޭ ގޮވައިލަ އެވެ. އަނެއްބައި ފަހަރަށް ބައްޕަ ކޮބައިހޭ ސުވާލު ކުރެ އެވެ. އަހަރެން ނޫނަސް ހުރިހާ އަންހެނުން ވެސް، މާބަނޑު ވުމުން މި އިހުސާސްތައް ކުރާނެ ދޯ އެވެ.

އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ އަހަރެންގެ ފިރިމީހާ އަށް ވީ ގޮތެއް ނޭނގެ އެވެ. މަރުވީ ކަމެއް ކަނޑުވެގެން ބެހުނީ ކަމެއް ސާފެއް ނުވެ އެވެ. އަހަންނަށް އެނގޭ އެއްޗަކީ ބޯޓު ދަތުރުކުރަން މޯޑް ދިޔަތާ މަހެއްގެ ތެރޭގައި ދަތުރުކުރި ބޯޓު ތޫފާނެއްގައި ގެއްލުނު ކަމެވެ.

މޯޑް ފުރައިގެން ދިޔައީ އަހަރެން މާބަނޑުވި ފަހުންނެވެ. އިނދެގެން ހަމަސް ފުރުނުތަނާ އެވެ.

"ވަރަށް އަވަހަށް އަންނާނަން. އަންނާނީ ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހިފައިގެން." ފުރަން ދަމުން މޯޑް އަހަރެންގެ ބަނޑުގައި އަތް ޖައްސާލާފައި އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ.

"ބިރުގަނޭ،"

"ބިރު ނުގެން ބަލަ. އެ ކަހަލަ ވަހުމުތައް ހިތުތެރެއަށް ނުވައްދަ ބަލަ؟ ހަމަޖެހިލައިގެން ދުވަސްތައް ގުނާލާ. ވަރަށް އަވަހަށް އަންނާނަން،" މޯޑް އަހަރެން ހަމައަކަށް އަޅުވައި ދިނެވެ.

މޯޑް ދިޔަ ފަހުން އަހަރެން ލިޔުނީ ކިތައް ސިޓީ ހެއްޔެވެ؟ ނޭނގެ އެވެ. އެކަމަކު ހަމަ ގައިމު ވެސް ލިޔުނީމެވެ. މޯޑް ގެއްލުނު ފަހުން ވެސް ލިޔުނީމެވެ:

ލޯބިވާ މޯޑް އެވެ! ދެން އަވަހަށް އަންނަން އުޅޭށެވެ. ފޫހިވެ އެވެ. މޯޑް މި ރަށުގައި ހުރި ނަމަ، މިހާރު އަހަރެން އުފަލުން ގޮސް ހޭނަމަވެ. ނިކަން ބަލައިބަލާށެވެ. މިހާރު އަހަރެން މިހުރީ ކިހިނެއް ހެއްޔެވެ؟ މޯޑް ހޯނު ބަނޑެކޭ ބުނާ އެއްކަލަ ތުނިތުނި ބަނޑު މިހާރު ހާދަ ބޮޑެވެ. އެކި ދިމަދިމާ އިން ފުއްޕަނީ އެވެ. ބަނޑުން ތޮޅެނީ އެވެ.

ލޯބިވާ މޯޑް އެވެ! ކަލާ އަންނާނެ ދުވަހަކަށް އަހަރެން ހާދަ އިންތިޒާރެއްކޮށް ހާދަ ހުވަފެނެއް އެބަ ދެކެމެވެ. އަހަރެންގެ ދިރިއުޅުމުގެ އެންމެ ހިތްގައިމު ވަގުތަކީ ކަލާއާ ކައިވެނި ކުރި ރޭ ކޮޓަރީގައި ހޭދަވި ވަގުތުކޮޅެވެ. އަހަރެންގެ ދިރިއުޅުމުގެ އެންމެ ފުރިހަމަ ވަގުތު ކޮޅަކަށް ދެންވާނީ އަހަރެން ކަލާ އަށް މި ދަރިފުޅު ވިހާ ދުވަހުގެ އެ ވަގުތުކޮޅެވެ. އެވާނީ އަހަރެމެންގެ މޫސުމުގެ އެންމެ ރީތިމާ ފަރިވާ ވަގުތަށެވެ. އެވާނީ އޯގަސްޓުން ދުވަހަށް ދޯ އެވެ. ފަހެއް ހެއްޔެވެ؟ ނުވައެއް ހެއްޔެވެ؟ އެގާރަ ހެއްޔެވެ؟ ދިމާ ކުރާށެވެ. ނުވައެއް ދޯ އެވެ.

ލޯބިވާ އެވެ! ކަލާ އަށް ހީވަނީ ކޮންކަހަލަ ކުއްޖެއް ލިބޭނެ ކަމަށް ހެއްޔެވެ؟ ފިރިހެންދޯ އެވެ. އޭރުން ވާނީ ހަމަ ތި ކަހަލަ މޯޑަކަށެވެ. ބޮޑު ދެ ލޮލާއި ދިގު އިސްކޮޅެކެވެ. ރަތް ދޮން ހަށިގަނޑެކެވެ. މޯޑް އެވެ. ދަރިފުޅުގެ ވާހަކަ ދައްކާލާ އިރަށް އެބަ ފުއްޕާލަ އެވެ. މިހާރު ހާދަހާ އުނދަގުލެއް ކުރެ އެވެ. ހަމަ ޔަގީނެވެ. މިއީ ފިރިހެން ކުއްޖެކެވެ. މިހާރު ވޭން އެބަ ގަދަވެ އެވެ. ރިހުން ނަގަން ފަށަނީ ކަން ނޭގެ އެވެ. މޯޑް އެވެ. ކަލާ ހަމަ މަރުވީ ހެއްޔެވެ؟ ކުރިންސުރެ އަހަންނަށް އެފެނުނީ ސީދާ ހުވަފެނެއް ހެއްޔެވެ؟

***

އަހަރެމެން ކައިވެނިކުރި ދުވަހުގެ ރޭ ނަސަންދުރާގައި ޕާޓީ ވެސް ބާއްވައިފީމެވެ. އެއީ ވަރަށް ބޮޑަށް ރާވައިގެން މޯޑް ކުރި ކަމެކެވެ. އަހަރެން އުފާ ކޮށްދޭށެވެ. ތަފާތެއް ކޮށްލާށެވެ. އެކަމަކު އެހެން ރޭރެއާ މިރޭ ހާދަ ތަފާތު ވެއްޖެ އެވެ. ކުޑަކޮށެއް ނޫނެވެ. އަތްފައި ފިނިވެ މާ ބޮޑަށް ވެސް އަހަރެން ބިރުގަންނަން ފަށައިފި އެވެ. ކޮންކަމަކާ ހެއްޔެވެ؟

ހަގީގަތުގައި އަހަރެން ބިރުގަތީ ކައިވެނިކޮށްފައި މޯޑް ފުރައިގެން ދާ ވާހަކަ ބުނި ރޭ ފެނުނު ހުވަފެނަކުންނެވެ. އެ ހުވަފެނުގައި ފެނުނީ މޯޑް ދަތުރުކުރި ބޯޓު ތޫފާނުގައި ޖެހި މާކަނޑުގެ ތެރެ އަށް ޣަރަގުވަމުން ދިޔަ ތަނެވެ. އެ ހުވަފެނެއް ފެނުނު ފަހުން އަހަރެން ހަމަ ބިރު ގަންނަނީ އެވެ. އެކަމަކު ހުވަފެނަކީ ބިލާހެކެވެ. ވަހުމެކެވެ. ޝައްކު ބައްޔެވެ.

ޕާޓީން ނިމިގެން ގެ އަށް އައިސް ކޮޓަރީގެ ތެރޭގައި އަހަރެންގެ ފައިތިލި ބީހުމާއެކު އެ ބިރުވެރިކަން މާ ބޮޑުވި އެވެ.
"ލޯބި މިރޭ އުފާވިތަ؟" މޯޑު އެހި އެވެ.

އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ބުނާނެ އެއްޗެއް ނެތެވެ. އެކަމަކު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމެވެ. ހަގީގަތުގައި މޯޑާ އިނދެވުމުން އަހަރެން އުފާވެ އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އަހަރެން ބިރުވެސް ގަންނަން ފެށި އެވެ.

ކޮޓަރީގައި ހުރި ބޮޑު އެނދުގެ އެއްކޮޅު ފުރިފައި ވަނީ ބައިވަރު ޕާރުސަލްތަކުންނެވެ. ކުލަކުލައިގެ ކަރުދާސްތަކުން ބަންދުކޮށްފައިވާ ޕާރުސަލްތަކުން ހީވަނީ ކޮޓަރި އާއި އެނދުގެ ޒީނަތްތެރިކަމުގެ ބައެއް ހެނެވެ.

އަހަރެން އިނީ އެނދުގެ އަނެއް ކޮޅުގައި ކިރިޔާ ބުޑު ޖައްސާލައިގެނެވެ. ވަރަށް ލަދުންނެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް އައި ވަގުތުކޮޅެއް ނޫނެވެ. އެކަމަކު މިއީ ވަރަށް ކުރިންސުރެ މި ވަގުތަކަށް އިންތިޒާރު ކުރަމުން އައި ވަގުތުކޮޅެއް ވެސް މެ އެވެ.

"މިރޭ ސުހާ އުފަލެއް ނުވޭތަ؟ އަހަރެން ވަރަށް އުފާވެއްޖެ!" ކައިވެނި ޕާޓީގައި މޯޑް ލައިގެން ހުރި ކޯޓު ބާލައި ޑްރެސިން ޓޭބަލްގެ ގޮނޑީގައި އަޅުވާލުމާއެކު ކަރުގައި އޮތް ރަތްކުލައިގެ ޓައީ ދޫކޮށްލި އެވެ. ގާތަށް އައިސް އަހަރެންގެ އަތުގައި ހިފައިލި އެވެ.

"މިއީ އަހަރެން އެންމެ އުފާވި ރޭ،" ކޮޓަރީގެ ސޯފާ މައްޗަށް ގަމީސް ދޫކޮށްލާފައި މޯޑް އެނދުމަތީގައި ފުރޮޅިގަތެވެ. ވާން އުޅޭ ގޮތް އަހަންނަށް އެނގެ އެވެ. އެހެންވެ ރަތް ވަމުން ދިޔަ މޫނުގައި އަތް އެޅީމެވެ. މޯޑް ދައްކާ ވާހަކަ އިން މާ ބޮޑަށް ލަދުގަތީ ވެސް އެހެން ވެގެނެވެ.

"ސުހާ ތިއީ އަހަރެން މުޅި އުމުރުގައި ވެސް އެންމެ ބޭނުންވި ކުއްޖާ. ސުހާ ލިބުމުން އަހަރެން ބޭނުން ހުރިހާ އެއްޗެއް ލިބިއްޖެ،" މޯޑް އޭނާގެ އުނގުތެރޭގައި އަހަރެން ބޮނޑިކޮށްލި އެވެ. އަހަރެންގެ ދެ އަތްތިލަ މޫނު މަތިން ފޭކޮށްލި އެވެ. އެނދުގެ ބޯ ގޮދަޑި ތެޅިލުމާއެކު ހަދިޔާ ފުނިތައް ތަރުތީބުން ކައްސާލައިގެން އެކި ދިމަދިމާ އަށް ސޮހެމުން ދިޔަ އެވެ.

"ވަރަށް ލޯބިވޭ!" މޯޑް އަހަރެންގެ ވެޑިން ޑްރެސްއާ ކުޅެލި އެވެ. ހީވަނީ އުފަލުން އުޅެވޭ ނޫޅެވޭ ނޭނގިގެން އުޅުނު ހެނެވެ.
އަހަރެން މޯޑަށް އެއްވެސް ޖަވާބެއް ނުދީ ހަނު އިނީ އެވެ. އަހަރެން ލަދުން އުޅޭތީ މޯޑް ބޮޑާހޭކި އެވެ. އެކަމާ އަހަރެން ދެރަވީ އިރުކޮޅެއް ފަހުންނެވެ.

"ދެން... ނޫން!" މޯޑްގެ ގައިގައި ކޮއްޓަން ފެށީމެވެ. އަތުގައި ހިފާ ތަޅުވައިލީމެވެ. މޯޑް ފުންމައިގެން ތެދުވެ އޮޅުލައިގަތެވެ. އަހަންނާއެކު މުޅި އެނދު ރޫ ގުޅައަކަށް ހަދަމުން ދިޔަ އެވެ.

"ބިރުގަންނަނީ!" އަނެއްކާ ވެސް އަހަރެން ބުނީމެވެ. މޯޑް ލޯ މަރައިލި އެވެ.

"މޯޑް، އަހަރެން ބިރުގަންނަނީ! ހަމަ ވަރަށް ބޮޑަށް،" މަޑުމަޑުން ގޮސް އަހަރެން މޯޑްގެ ކައިރީގައި އޮށޯތީމެވެ.

"ކޮންކަމަކާ؟"

"މޯޑް ފުރާތީ. އަހަރެން ހިތަށް އަރަނީ އަހަރެން އެކަނި ވެދާނެއޭ،"

"އެހެނެއް ދެން ނުވާނެއެއްނު. އަހަރެން ވަރަށް އަވަހަށް އަންނާނަމޭ. އަނެއްކާ އަހަރެން ފުރާނީ އަދި ހަ މަސް ފަހުން. އަދި ކިހާ ދުވަހެއް އެބަ އޮތް،"

"ދެން... ދެން ހަމަ ނުގޮހެއް ނުވާނެތަ؟"

"ސުހާ ތިއޮއް ގަންނަ ބިރެއް... ތިހާ ވަރަށް ކަންކަމާ ނުވިސްނަ ބަލަ؟"

"ނޭނގެ ދޯ. އަހަރެން ހަމަ ބިރު ގަންނަނީ. ހިތަށް އަރަނީ ކޮންމެ ވެސް ކަމެއް ވާން އެބަ އުޅެއޭ." އަހަރެން އެހެން ބުނަމުން ބާލީހާއެކު މޯޑާ ވީހާ ވެސް ގާތަށް ޖެހުނީމެވެ.

އެ އުފާވެރި ރޭގެ ވަރަށް ގިނަ ވަގުތު އަހަރެމެން ހިމޭން ކަމުގައި ތިބެން ޖެހުނެވެ. އަހަންނަށް ފެށުނު ވާހަކައަކުންނެވެ. އަހަންނާއި މޯޑު ވެސް އޮތީ ހިމޭނުންނެވެ. އެހެން އޮވެފައި އަހަރެން ބިއްދޮށަށް އެނބުރުނީ އެވެ. ދެން ނިދުނީ އެވެ. އެ ރެ އަށް ފަހު، މޯޑް ފުރަން ތައްޔާރުވި ދުވަހާ ހަމަ އަށް ވެސް އެ ބިރު އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި އޮތެވެ. ބިރުގަންނަ ވާހަކަ އަލުން ބުނެލީ މޯޑް ފުރަން ދާން ނުކުންނަނިކޮށެވެ.

"ސާބަސް ސުހާއަށް، މި ގަޑީގަ ވެސް އެވާހަކަ،" ކާރަށް އެރުމުގެ ކުރިން މޯޑު ބަލައިލި އެވެ. ހީވީ ބައިވަރު އެއްޗެހި ބަހައްޓާފައި ކާރަށް އެރެން އުޅެވިގެން ބަލައިލިހެނެވެ.

މޯޑް ފުރައިގެން ދިޔައީ އެވެ. އެންމެ ފަހުން އަހަރެންގެ އެ ބިރުވެރިކަން ހަގީގީ ބިރަކަށް ވެއްޖެ އެވެ. އެކަމަކު ވެސް އަހަރެން އިންތިޒާރުކުރަމުން މި ދަނީ މޯޑް އަންނާނެ ވަގުތަކަށެވެ. އިންތިޒާރުގެ ވަގުތު އަހަންނަށް ފޮނި އެއްޗަކަށްވޭތޯ އެވެ. އަހަރެން މިދަނީ ހަޔާތުގެ އެންމެ ފަހު ފިޔަވަޅުތައް އަޅަމުންނެވެ. މޯޑާ ނުލައި އަހަރެންގެ ދުނިޔެ ހިމޭންވާތީ އެވެ. މޯޑް އަންނާނެ ނަމަ އެވެ. އެކަމަކު އައުމުގެ ކުރިން އަހަރެންގެ ހަޔާތުގެ ބައްތި ނިވިދާނެ އެވެ.

ހިތް ކެނޑޭނޭހެ ތާކު ދާ ކޮންމެ ލިޔެވިފައިވޭ!
ހައިރާން ވެޔޭ ހައިރާން ވެޔޭ!
ވާލޯބި ނޭނގެންޏާ ހިތް ނަގައިގެން ބަލާށޭ އަމޭ! (ނިމުނީ)