ބޮލީވުޑް

އަބީޝެކް އެނބުރި އަންނަނީ ހަނގުރާމަ ވެރި ފިލްމަކުން

Jun 18, 2017

އެކްޓަރު އަބީޝެކް ބައްޗަންގެ ފިލްމެެއް ރިލީޒްނުވާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ނިކުތް "ހައުސްފުލް 3" އަށް ފަހު އަބީޝެކް އެއްވެސް އިތުރު ފިލްމެއްގެ މަސައްކަތް ކޮށްފައި ނުވާއިރު، އޭނާ ވަނީ ފާއިތުވި އަހަރެއްހާ ދުވަހު ބޮލީވުޑުން ގެއްލިފަ އެވެ.

އަހަރެއްހާ ދުވަހުގެ ބްރޭކަކަށްފަހު އަބީޝެކް އަލުން ފިލްމު ކުޅެން ނިންމައި، މިވަނީ އޭނާ ދެން އެންމެ އަވަހަށް ކުޅެން ނިންމާފައިވާ ފިލްމު އިއުލާންކޮށްފަ އެވެ.

އަބީޝެކް ބޮލީވުޑަށް ނެރެދިން ޑައިރެކްޓަރު ޖޭޕީ ދައްތާ ޑައިރެކްޓްކުރާ "ޕަލްޓަން" އަކީ ދެން އެނާ ކުޅެން ނިންމާފައިވާ ފިލްމުކަން އަބީޝެކް ކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮސްދީފަ އެވެ.

އަބީޝެކް އާންމުކޮށްފައިވާ ފިލްމުގެ ޕޯސްޓަރަށް ބަލާލުމުން މި ފިލްމަކީ ހަނގުރާމަ އާއި ގުރުބާނީގެ މައްޗަށް އުފައްދާ ފިލްމެއްކަން އިނގެ އެވެ.

މީގެކުރިން އަބީޝެކް ކުޅެފައިވާ ޖެޕީ ދައްތާގެ ފިލްމުތަކުގެ ތެރެއިން "ރެފިއުޖީ" އާއި "އެލްއޯސީ ކާގަލް" އަކީ ހަނގުރާމައިގެ ހާދިސާތައް ފެނިގެންދާ ފިލްމުތަކެކެވެ. އަދި އޭނާ ވަނީ ޖޭޕީގެ "އުމްރާއޮ ޖާން" އިން ވެސް ފެނިގެން ގޮސްފަ އެވެ.

މި ފިލްމުގެ އިތުރުން އަބީޝެކަށް ވަނީ ޑައިރެކްޓަރު އަނޫރާގް ކަަޝްޔަޕްގެ ފިލްމެއް އަންހެނުން އައިޝްވާރިޔާ ރާއީ އާއެކު ކުޅެން ލިބިފަ އެވެ. އަދި ރާމް ގޯޕާލް ވަރްމާގެ "ސަނަކް" ކިޔާ ފިލްމަކާއި ޕްރަބޫދޭވާ އުފައްދާ "ލެފްޓީ" ގެ އިތުރުން ޕްރިޔަދަރްޝަންގެ "ބައްޗަން ސިންގް" އިން ވެސް އޭނާ ވަނީ ހުށަހެޅުން ލިބިފަ އެވެ.