އަބީޝެކް ބަޗަން

އާމިރު ޚާން ޑައިރެކްޓްކުރާ ފިލްމެއް ކުޅެން އަބީޝެކް ބޭނުން

އާމިރު ޚާން ކައިރިން ވަރަށް މުހިއްމު ކަމަކަށް އަބީޝެކް ބައްޗަން އެދިއްޖެ އެވެ. އާމިރު ޑައިރެކްޓް ކުރާ ފިލްމެއްގައި އޭނާ ބައިވެރި ކޮށްދިނުމަށެވެ.

އާމިރު ޚާނާއެކު އޭނާ ކުޅުނު "ދޫމް 3" ގެ ޕޯސްޓަރެއް ޝެއާ ކުރަމުން އަބީޝެކް އިންސްޓަގްރާމްގައި ލިޔެފައިވާ މެސެޖެއްގައި އެ ފިލްމު ކުޅުނު ދުވަސްވަރުގެ ހަނދާންތައް އާކޮށްފައި ވެއެވެ. އަބީޝެކް ބުނި ގޮތުގައި "ދޫމް 3" ގައި އާމިރު އާއެކު މަސައްކަތް ކުރަން ލިބުމަކީ ހަޔާތުގައި ވެސް ނުލިބޭ ވަރުގެ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"ދެން ފުރުސަތެއް ލިބިއްޖިއްޔާ އަހަރެން ބޭނުމީ އޭނާއާއެކު އެކްޓް ކުރާކަށް ނޫން. އަހަރެން ބޭނުމީ އޭނާ ލައްވާ ޑައިރެކްޓް ކުރުވަން،" އަބީޝެކް ލިޔެފައި ވެއެވެ.

އަބީޝެކް ބުނި ގޮތުގައި އާމިރު އަކީ ވަރަށް މީހުންނާ ގުޅޭ އެކުވެރި މިޒާޖެއް މީހެކެވެ. އޭނާއާއެކު މަސައްކަތްކުރާ އެކްޓަރުންނަށް ވަރަށް އެހީތެރިވާ ވެސް އެކްޓަރެކެވެ. އަދި އެމީހަކަށް އެންމެ ރަނގަޅަށް އެކްޓްކުރެވޭނެ ގޮތް ގޮތަށް އޭނާ ކަންތައްތައް ކޮށްދެ އެވެ. އެހެންވެ ޑައިރެކްޓަރަކަށް ވެއްޖެނަމަ ހާދަ މޮޅަށް އެކަން ކުރާނޭ އަބަދުވެސް ހިތަށް އަރާ ކަމަށް އަބީޝެކް ބުންޏެވެ.

"ފިލްމު އުފެއްދުމާއި އެކްޓްކުރުމުގެ ހުނަރުގެ އިތުރުން އާމިރަކީ ވަރަށް ހިތްތިރި މަޖާ ކުރުމަށް ލޯބިކުރާ މީހެއް. ކޮންމެ ފަދަ މަންޒަރެއް ކުޅެން އޮތަސް އޭނާ އުޅެނީ ހަމަ އެގޮތަށް،" އަބީޝެކް ބުންޏެވެ.

އާމިރު މިހާތަނަށް ޑައިރެކްޓް ކޮށްފައި ވަނީ އެންމެ ފިލްމެކެވެ. ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއްގެ ވާހަކަ ކިޔައިދީފައިވާ "ތާރޭ ޒަމީން ޕަރް" އެވެ. ފިލްމު ރިލީޒް ކުރިތާ އެތައް އަހަރެއް ފާއިތުވީއިރު ވެސް އެ ފިލްމުގެ ހަނދާންތައް ފިލްމު ބެލި މީހުންނަށް ނައްތާ ނުލެވޭހާ ފިލްމު މޮޅެވެ.

ފިލްމު ޑައިރެކްޓް ކުރުމަކީ އާމިރު ޝައުގުވެރިވާ ކަމެއްކަން ޚުދް އޭނާ ވެސް ހާމަކޮށްފައި ވެއެވެ. ނަމަވެސް އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާތީ އާއި އޭނާ ބައިވެރިވާ ކޮންމެ ފިލްމެއްގައި ވެސް އޭނާ އަދާކުރާ ބަޔަކީ ވަރަށް ފުރިހަމަ ބަޔަކަށް ވާން ޖެހޭތީ އަދި މުޅިން ޑައިރެކްޓްކުރުމުގެ ރޮނގަށް އާމިރަށް ބަދަލު ނުވެވިގެން އުޅެނީ އެވެ.