އަބީޝެކް ބަޗަން

އާރާދިޔާ ލިބުނު ފަހުން ގައިގޯޅި މަންޒަރު ނުކުޅެން: އަބީޝެކް

ބައްޕައަކަށް ވީފަހުން ފިލްމު ކުޅުމުގައި ގެންގުޅުނު އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ. އަދި ޕްރޮފެޝަނަލް ގޮތުން އޭނާ ގެނައި ބަދަލުތަކުގެ ސަބަބުން ވަރަށް ގިނަ ފިލްމުތައް ކުޅެން ލިބި ގެއްލިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަބީޝެކް މި ވާހަކަތައް ދެއްކީ މަޝްހޫރު ނޫސްވެރިޔާ ރަޖީވް މަސަންދުގެ ޓީވީ ޝޯގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. އޭނާ މި ޝޯގައި ބައިވެރިވީ ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރާ އޭނާގެ ފުރަތަމަ ފިލްމު "ބްރީތު: އިންޓު ދަ ޝެޑޯޒް" ރިލީޒް ކުރުމާ ދިމާ ކޮށެވެ.

މީގެ އަށް އަހަރު ކުރިން އޭނާއަށް ދަރިފުޅު އާރާދިޔާ ލިބުމުން ދިރިއުޅުމުގެ އެއްވެސް ކަމަކަށް ބަދަލު އައިތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެމުން އަބީޝެކް ބުނީ ޕްރޮފެޝަނަލް ގޮތުން ހަމަ ގައިމު ވެސް އެއް ކަމެއް ބަދަލުވިކަން ޔަގީން ކަމަށެވެ.

"ބައެއް ކަހަލަ ފިލްމުތަކާއި ބައެއް ކަހަލަ މަންޒަރުތައް އަހަންނަށް މިހާރު ކުޅޭކަށް އެހާ ފަސޭހައެއް ނޫން. އަހަރެންގެ ދަރިފުޅަށް އެ މަންޒަރެއް ނުވަތަ އެ ފިލްމެއް ބަލަން ނުކެރޭ ކަހަލަ ނުވަތަ ފަސް ޖެހޭ ކަހަލަ އެއްވެސް ފިލްމެއް މިހާރު އަހަރެން ކުޅޭކަށް ބޭނުމެއް ނޫން. ނުވަތަ އޭނާ 'އޭ ކޮންކަމެއްހޭ ތި ކުރަނީ؟' ބުނެ އަހަންނާ ސުވާލު ކުރާ ކަހަލަ އެއްވެސް މަންޒަރެއް ކުޅޭކަށް ބޭނުމެއް ނޫން،" އަބީޝެކް ބުންޏެވެ.

އެފަދަ މަންޒަރުތައް ކުޅެން މިހާރު ބޭނުން ނުވުމަކީ އެކަމާ އޭނާ އަމިއްލަ ނަފްސަށް ޝުކުރު ކުރާ ކަމެކެވެ. ސަބަބަކީ ކުރިއްސުރެ ވެސް ރޮމެންޓިކް މަންޒަރުތައް ކުޅެން އޭނާ އެހާ ހިތްހަމައެއް ނުޖެހެ އެވެ. ވީ ވަރަކުން އެފަދަ މަންޒަރުތައް ނުކުޅެވޭތޯ އޭނާ އޭރުވެސް ބެލި އެވެ.

"މިހާރު އަހަރެން ލައްވާ ފިލްމު ކުޅުވަން ބޭނުންވެގެން އަންނަ ޑައިރެކްޓަރުން ކައިރީގައި އެ ފިލްމެއް ކުޅެން ސޮއިކުރުމުގެ ކުރިން އަހަރެން ބުނަން މާ ގައިގޯޅި މަންޒަރުތަކެއް އަހަރެން ނުކުޅޭނަމޭ. އެހެންވީމާ ބޭނުންނަމަ އެހެން މީހަކު ލައްވާ ފިލްމު ކުޅުވާށޭ. އެ ޗޮއިސް އެބައޮތޭ،" އަބީޝެކް ބުންޏެވެ.

ގިނަ ފަހަރަށް ޑައިރެކްޓަރުން އޭނާ ބޭނުންވާ ގޮތަށް ގައިގޯޅި މަންޒަރުތައް ނުހިމަނާ ފިލްމު ކުރިޔަށް ގެންދަން ނިންމަ އެވެ. ނަމަވެސް އެ ފިލްމެއްގައި ކޮންމެހެން ވެސް އެފަދަ މަންޒަރެއް ހިމެނުން މުހިއްމުކަމަށް ޑައިރެކްޓަރަށް ފެނިއްޖެނަމަ އެ ފިލްމެއް ނުކުޅެން ނިންމަނީ އަބީޝެކެވެ.

ގައިގޯޅި މަންޒަރުތައް ނުކުޅެން ނިންމި ނިންމުމުގެ ސަބަބުން އޭނާއަށް ކުޅެން ލިބުނު ފިލްމުތަކެއް ގެއްލުނުކަމަށް އަބީޝެކް އެއްބަސްވި އެވެ. ނަމަވެސް އޭނާއަށް އެއީ މައްސަލައެއް ނޫނެވެ. އަދި އެކަމަކާ ހިތާމައެއްވެސް ނުކުރެ އެވެ. ސަބަބަކީ އެކަމާ ދޭތެރޭ އޭނާ ދެކެނީ ކްރިއޭޓިވް ވިސްނުމަކުން ކަމަށް ވާތީ އެވެ. އަދި ޑައިރެކްޓަރުން ވެސް ވިސްނާނީ އެމީހުންގެ ކްރިއޭޓިވް ވިސްނުމުންނެވެ. ވީމާ ކޮންމެހެން ގައިގޯޅި މަންޒަރުތައް ހިމަނަން ޖެހޭނެ ކަމަށް އެމީހުންނަށް ފެންނަނަމަ އަދި އެ މަންޒަރުތައް ކުޅެވޭނެ އިތުރު ގޮތެއް ނެތްނަމަ އޭނާ ދޫކޮށްލާފައި ގޮސް އެފަދަ މަންޒަރުތައް ކުޅެން ފަސް ނުޖެހޭ އެކްޓަރަކަށް ފިލްމު ދިނުމަކީ ހަމަ ރަނގަޅު ކަމެއް ކަމަށް އަބީޝެކް ބުންޏެވެ. އަދި ޑައިރެކްޓަރު ނިންމާ އެ ނިންމުމަށް އޭނާ ފުރިހަމަޔަށް އިހުތިރާމް ކުރާނެ އެވެ.

މި ވަގުތު އަބީޝެކް ކުޅޭ ގިނަ އަދަދެއްގެ ފިލްމުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި "ލޫޑޯ". "ބޮބީ ބިސްވާސް" އަދި "ދަ ބިގް ބުލް" ހިމެނެ އެވެ. އޭނާ ބުނި ގޮތުގައި މިހާރު ސޮއިކޮށްފައިވާ ހަތަރު ފިލްމެއް ނިންމުމުގެ އެކި މަރުހަލާތަކުގައި އެބަހުއްޓެވެ.