ބޮލީވުޑް

އަށް އަހަރަށްފަހު އައިޝްވަރްޔާ އާއި އަބީޝެކް އެއް ފިލްމަކަށް

އައިޝްވަރްޔާ ރާއީ ބައްޗަންއާއި އަބީޝޭކް ބައްޗަންއަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެވެ. މި ޖޯޑު އެކުގައި ކުޅެފައިވާ ގިނަ ފިލްމުތަކެއް މީގެ ކުރިން ފެނިގެންދިޔަ އެވެ.

ގިނަ އަހަރުތަކަކަށްފަހު މި ޖޯޑު އެކުގައި ފެންނާނެ ކަމަށް ވާހަކަދެކެވެމުންދިޔަ ފިލްމަށް އައިޝްވަރްޔާ ނޫނެކޭ ބުނި ހަބަރެއްވެސް މީޑިއާގައި ދައުރުވި އެވެ. ސަބަބެއް ކަމަށްވަނީ އައިޝްވަރްޔާއަށް އޭނާގެ ރޯލު ކަމުނުދިޔުމެވެ.

ނަމަވެސް މިއަދު ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރި ގޮތުގައި، މި ދެ ތަރިން އެކުގައި ފިލްމަކުން ވަރަށް އަވަހަށް ފެނިގެންދާނެ އެވެ. އެ ފިލްމަކީ އަނޫރާގް ކަޝްޔަޕް ޕްރޮޑިއުސްކުރާ ފިލްމު "ގުލާބް ޖާމުން" ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި ފިލްމު ޑައިރެކްޓުރާނީ ސަރްވޭޝް މެވާރާ އެވެ.

މި ދެ ތަރިން އެންމެފަހުން އެކުގައި ފެނިގެންދިޔައީ ފިލްމު "ރާވަން" އިންނެވެ. އެއީ މީގެ އަށް އަހަރު ކުރިންނެވެ. އެކުގައި މަސައްކަތް ކުރަން މި ދެމަފިރިން ތައްޔާރުވަމުން އަންނައިރު، މި ދެ މީހުންގެވެސް ފިލްމެއް މި އަހަރު ރިލީޒްކުރަން ތާވަލުކުރެވިފައި އެބަ އޮތެވެ.

އަންނަ މަހު ތިނެއްގައި އައިޝްވާރިޔާ ފެނިގެންދާނެ ފިލްމު "ފަންނޭ ޚާން" ރިލީޒްކުރާނެ އެވެ. އޭނާއާއެކު އަނިލް ކަޕޫރް އާއި ރާޖްކުމާރް ރާއޯ މުހިންމު ރޯލުތަކުން ފެންނާނެ އެވެ. އަބީޝޭކްގެ ފިލްމު "މަންމަރްޒިޔާން" އަންނަ ސެޕްޓެމްބަރު މަހު ހަތެއްގައި ރިލީޒްކުރާނެ އެވެ. މުހިންމު ރޯލުތަކުން ތާޕްސީ ޕަންނޫ އާއި ވިކީ ކޯޝާލް އެ ފިލްމުގައި ފެނިގެންދާނެ އެވެ.