އަބީޝެކް ބައްޗަން އަކީ ކޮވިޑް ޖެހި އެ ބައްޔަށް ފަރުވާ ހޯދުމަށްފަހު މުޅިން ފަސޭހަވެ ކަރަންޓީނު މުއްދަތު ވެސް ހަމަކޮށްފައިވާ އެކްޓަރެކެވެ. މިހާރު އޭނާ ވަނީ ފިލްމީ މަސައްކަތް ފަށަން މުޅިން ތައްޔާރުވެފަ އެވެ. އެގޮތުން ފުރަތަމަ ޝޫޓްކުރާ އަބީޝެކްގެ ފިލްމަކީ "ދަ ބިގް ބުލް" އެވެ.
ލޮކްޑައުންގެ ކުރިން މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ވަނީ ނިމިފަ އެވެ. އެހެންވެ ދެން ފަށަން ހަމަޖެހިފައި ވަނީ އެންމެ ފަހުގެ ޝެޑިއުލް އެވެ. އޮކްޓޯބަރު މެދެއްހާ ހިސާބުގައި މި ފިލްމުގެ މަސައްކަތް ފެށުމަށް ކުރޫން ދަނީ ތައްޔާރު ވަމުންނެވެ.
އިލައިނާ ޑިކްރޫޒް ބަތަލާގެ ރޯލު އަދާކުރާ މި ފިލްމުގެ ޝޫޓިންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކުރަން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ނިންމާފަ އެވެ. ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ވަނީ ޝޫޓިންގެ ކަންތައްތައް ދާގޮތް ބަލައި ސިއްހީ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރޭތޯ ބެލުމަށް ޚާއްސަ ބަޔަކު ކަނޑައަޅާފަ އެވެ.
އިންޑިޔާގެ ނޫހަކަށް އިން އިންޓަވިއުއެއްގައި ޕްރޮޑިއުސަރު ބުނީ އިތުރަށް ލަސް ނުކޮށް އިންޑަސްޓްރީ އަލުން ފައިމައްޗަށް ތެދުވަން މަސައްކަތް ފަށަން ވެއްޖެ ކަމަށެވެ. ނަމަވެސް މިގޮތަށް މަސައްކަތް ފަށާއިރު ވައިރަސްގެ ސަބަބުން އިތުރު ނުރައްކަލަކަށް މީހުން ހުށަހެޅެން ފުރުސަތު ދެވިގެން ނުވާނެކަމަށް އޭނާ ބުންޏެވެ.
"ދަ ބިގް ބުލް"ގެ ސެޓުގައި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅައި އަދި އެކަންކަން ހުރީ އެންމެ ރަނގަޅަށްތޯ ބަލަން ބަޔަކު ކަނޑައެޅީ މި ސަބަބާ ހުރެ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.
"ޝޫޓިންގްގެ އެއްވެސް ހިސާބެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ކުރެވޭ ތަން ފެންނާކަށް ބޭނުމެއް ނޫން. އަބީޝެކް ވަނީ ވައިރަސް އާ ހަނގުރާމަކޮށް މުޅިން ފަސޭހަ ވެފައި،" ޕްރޮޑިއުސަރު ބުންޏެވެ.
މި ފިލްމުގެ ޝޫޓިންގް އޮންނަ ތަނަށް ވަދެވޭނީ ސެނިޓައިޒޭޝަން ޓަނަލްތަކެއްގެ ތެރެއިންނެވެ. އަދި ސަރުކާރުން އިއުލާން ކޮށްފައިވާ ގައިޑްލައިންތަކަށް އެ ފިލްމުގައި ބައިވެރިވާ އެންމެން ވެސް ފުރިހަމައަށް އަމަލު ކުރާނެ އެވެ. ޝޫޓިންގް އޮންނަ ވަގުތުގައި މެޑިކަލް އެކްސްޕާޓުންގެ ޓީމެއް ސެޓުގައި ތިބޭނެ ކަމަށާއި އަބަދުވެސް މީހުން މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ވެސް ޕްރޮޑިއުސަރު މައުލޫމާތު ދީފައި ވެއެވެ.
"ދަ ބިގް ބުލް" އަކީ ސްޓޮކްބްރޯކަރެއް ކަމަށްވާ ހަރްޝަދު މެހެތާގެ ހަޔާތުގެ ސަފުހާތަކުން ނަގާފައިވާ ވާހަކަ އެކެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ހޮޓްސްޓާ އިންނެވެ.