ވާހަކަ

މުޅިޖާންހިތާ

(15 ޖޫން 2017 އާ ގުޅޭ)
"ދޮންބޭ! ދޮންބޭ!... ނުކުމެބަލަ... ބޭރު މީހަކު އެބަހުރި އައިސް. އަމީރުއާ ބެހޭގޮތުން ސުވާލުކުރީ. އޭނާއާ ވާހަކަ ދައްކަބަލަ" ދޮރުމަތީ ހުރި އަންހެންކުއްޖާ އެނބުރި ގޭތެރެއަށް ވަދެގެން ދިޔައީ އެވެ. އެހެންނަމަވެސް އޭނާ ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށް ކަމުން އޭނާގެ އަޑު ދޮރު ކައިރީ ހުރި ލޫކަންއަށް އިވެމުންދިޔައެވެ.

ގިނައިރެއްނުވެ ޒުވާނަކު ޓީޝާޓެއް ލަމުން ދޮރާ ދިމާއަށް އަތުވެއްޖެ އެވެ. ބަލާބެލުމަށް ލޫކަންއާ ދާދި އެއްއުމުރެއް ކަހަލައެވެ. އޭނާ އައިސް އިނގިރޭސި ބަހުން ލޫކަންއާ މުޚާޠިބު ކުރި އެވެ.

"އަމީރެއް ނޫޅޭ. މިބައި ކުއްޔަށް ހިފައިގެން އުޅެނީ އަހަރުމެން" ލޫކަންއަށް އެ ޒުވާނާ އޮޅުން ފިލުވައި ދިނެވެ.

"އަމީރު އުޅޭ ބައެއް އެނގޭތަ؟ މީ އަމީރުގެ ގެއެއްނު" ލޫކަން އެހި އެވެ.

"އާން! މީ އަމީރުގެ ގެ. އެކަމަކު މިހާރު މިގޭ ހުރިހާ ބުރިއެއް ހުންނަނީ ކުއްޔަށް ދީފައި. އަހަންނަށް އެނގިފައި އޮތް ގޮތުގައި އަމީރުގެ ޢާއިލާ އުޅެނީ އިންޑިއާގައި" ޒުވާނާ ބުނި ވާހަކައިން ލޫކަން އިންތިހާއަށް މާޔޫސްވި އެވެ.

"އޭނާއާ ގުޅޭނޭ ގޮތެއް ވެދާނެތަ؟ ފޯނު ނަންބަރެއް ނޫނީ އެޑްރެހެއް އަމީރު ނުދޭތަ؟" ހިތްވަރު އެލުވާލަން ނޭދޭތީ އިތުރު ގޮތެއް އޮތްތޯ ލޫކަން ބެލިއެވެ.

"ވަރަށް ފަހުން އެކޮޅަށް ބަދަލުވީ. ތިބުނާ ފަދަ މަޢުލޫމާތެއް އަދި ނުލިބޭ. ސޮރީ... އަމީރާ ބައްދަލުވާނޭގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ" ޒުވާނާ މިހެން ބުނެ ލުއި ހިނިތުންވުމެއް ލޫކަންއާ ބަދަލުކޮށްލި އެވެ. އެއާއެކު ލޫކަން ބޯޖަހާލަމުން ކުރިމަތީ ހުރި ޒުވާނާއަށް ޝުކުރު އަދާކޮށްފައި އެނބުރިލި އެވެ. މައްޗަށް އެރި ސިޑިން ތިރިއަށް ފޭބުމަށް ލޫކަން ހަރުފަތްތައް ގިރާ ކުރަން ފެށިއެވެ.

ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ލޫކަން ހުރީ ކާރު އަންނަންދެނެވެ. އެހެން ހުރިއިރު އޭނާ ވިސްނަމުން ދިޔައީ ދެން ކަންތައްކުރާނެ ގޮތަކާ މެދުއެވެ. އަމީރު ހޯދަން ލޫކަން އައީ ވަރަށް އުންމީދާ އެކު އެވެ. އޭނާގެ ބޭނުމަކަށްވީ އަމީރު ގާތުގައި އައިރާގެ ހާލު ބަޔާން ކުރުމެވެ. އަދި ރުބީނާގެ އަތްދަށުން އެ އަންހެންކުއްޖާ ސަލާމަތް ކުރުމެވެ. އަމީރުގެ އޯގާތެރިކަމުގެ ހިޔާވަހީގެ ދަށަށް އެ އަންހެންކުއްޖާ ގެނައުމެވެ. ނަމަވެސް އޭނާއަށް ނަސީބު އެއްބާރުލުން ނުދިނީ އެވެ. އެކަމާ ވިސްނަން ހުއްޓާ ކާރުގެ ބަރުގޮނުގެ އަޑު ލޫކަންއަށް އިވި އެ ދިމާއަށް ބަލާލެވުނެވެ. ކުރިމަތީ އޮތް އޭނާގެ ބައްޕަގެ ކާރު ފެނުނީ ދެނެވެ. ދުއްވާ އެއްޗެހި މަގުގައި ތޮއްނުޖެހެނީސް ލޫކަން ހަލުވިކޮށް އައިސް ކާރުގެ ކުރީ ސީޓަށް އަރާ ހަމަޖެހިލައިފިއެވެ.

"ގެއެއްތޯ ދަނީ" ޑްރައިވަރު އަހާލި އެވެ.

"އާން. ހުޅުމާލެއަށް ދެން ދާނީ" ލޫކަން މަޑުމަޑުން ބުނެލި އެވެ. އަދި ދޮރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

* * *

ފިކުރަކަށް ގެއްލިފައި ލޫކަން އެނދުގައި އޮތެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތްތިލަ ބޯދަށަށް ލައްވާލައިގެން އުއްޑުން ލޫކަން އޮތްއިރު ދޭތެރެއަކުން ހަށިފުރާ ނޭވާއެއް ދޫކޮށްލައެވެ. އެހެން އޮއްވާ ކޮޓަރީގެ ދޮރުގައި މަރިޔަންދީ ޓަކި ދިނުމާއެކު ގޮވާލި އަޑު އިވުނެވެ. ލޫކަން ތެދުވެގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

"ކާން... ބައްޕަ އެބަ ގޮވާލައްވާ" މަރިޔަންދީ އަތުގެ އިޝާރާތަކާއެކު ބުނެލި އެވެ. އެއާއެކު ލޫކަން ބޯޖަހާލި އެވެ. މަރިޔަންދީ އެނބުރި ހިނގައިގަތުމުން ލޫކަން ވަނީ ކޮޓަރިއަށެވެ. ރީތިވާ މޭޒުމަތީގައި އޮތް ވޫލުކޮޅެއް ނަގާ ލޫކަންގެ ފަން ދިގު އިސްތަށިގަނޑު ދެއަތުން ފަހަތަށް ވާގޮތަށް ނަގާ އެއްކޮށްލިއެވެ. އަދި އަތުގައި އޮތް ވޫލުކޮޅުން އިސްތަށިތައް ހައްޔަރުކޮށްލާ ހުޅިއެއްހެން ހަރުކޮށްލި އެވެ. ލޯގަނޑުން އަވަސް ނަޒަރެއް ބަދަލުކޮށްލީ އޭނާގެ ސިފަ ބަލާލުމަށެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ކާ ކޮޓަރިއަށް ލޫކަން ވަދެގެން އައިއިރު ރުބީނާއާއި ޤައިސްގެ އިތުރުން އެތަނުގައި މައުރީން ވެސް އިނެވެ. އެންމެންގެ މޫނުތަކުން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ޚާއްޞަކޮށް މައުރީން އިނީ ނިކަން ހެވިލާފައެވެ. ލޫކަން އައިސް ޤައިސްގެ ކަނާއަތް ފަރާތުން ހުހަށް ހުރި ގޮނޑީގައި އިށީނެވެ. އޭނާ ކާންފެށުމާއެކު ޤައިސް ސުވާލުކުރީ މާލެއަށް ކުރި ދަތުރާ ބެހޭ ގޮތުންނެވެ. ލޫކަންއަށް މާލެއަށްވުރެ ހުޅުމާލެ ކަމުދާކަމުގައި ވިއެވެ. އޭނާ މާގިނަ ވާހަކައެއް ނުދެއްކިއެވެ. ޤައިސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ފިޔަވައި ގިނައިރު އިންނަނީ އިސްދަށަށް ޖަހައިގެންނެވެ.

އުލާ ސަމްސަލުން ކަމުން ދިޔައިރު ލޫކަންއަށް ވިސްނެމުންދިޔައީ އައިރާއާ މެދުއެވެ. އެ އަންހެންކުއްޖާ މިރޭ ކައިފިތޯ އަމިއްލަ ޟަމީރާ ސުވާލު ކޮށްލެވުނެވެ. އޭނާ ކާން ހުރީ ކޮންކޮން އެއްޗެއްބާއޭ ވެސް ލޫކަންގެ ހިތަށް އެރިއެވެ. މިފަދަ ސުވާލުތަކުން ލޫކަންގެ ނަފްސުގެ ހަމަޖެހުން ގެއްލެމުންދިޔައެވެ. ރުބީނާ ހިނި އައިސްފައި މީރުހާ އެއްޗެހި ކާއިރު އައިރާއަށް ކާންދެނީ ކޮންކޮން އެއްޗެއް ކަމެއް ވެސް އެނގެނީއެއް ނޫނެވެ. އެހެން ހިތަށް އަރާފައި ލޫކަންގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ރުބީނާއާ ކުރިމަތިލާ ހިތް ވެސް އޭނާ ނުވަނީ އެވެ. ދިމާލަށް ހުރިހާ ވާހަކައެއް ބުނާން ލޫކަން ހިތައް އަރައެވެ. އެހެންނަމަވެސް ވިސްނާނުލާ ބުނެވޭ އެއްޗަކުން އައިރާއަށް ވެދާނޭ ގޮތަކާ މެދު ވެސް ލޫކަންއަށް މިހާރު ވިސްނެއެވެ.

"ނިންމާލީތަ؟ ހާދަ އަވަހަކަށް" ލޫކަން ފެންތަށި ބޯލުމާއެކު ތެދުވަން އުޅުމުން ޤައިސް ބުންޏެވެ.

"ހަވީރު ތަންކޮޅެއް ގިނައިން ކެވުނީމަ މިގަޑީގައި މަދުކޮށްލީ" ބައްޕައަށް ހިނިތުންވެލައިގެން ހުރެ ލޫކަން ބުނެލިއެވެ. އޭނާގެ ވާހަކަ ޤައިސް ޤަބޫލު ކުރުމުން އެތަނުން ނުކުތެވެ.

* * *

އެނދުގައި އިށީނދެލައިގެން އިން ލޫކަން އޭނާގެ ފޯނުން ކަލަންޑަރަށް ބަލަމުން ދިޔައެވެ. ދެ ދުވަސް ފަހުން އޭނާ ފުރަންޖެހޭނެ އެވެ. އައިރާއަށް އެހީއެއް ވާން ބޭނުންވެ އޭނާގެ ފަރާތުން އެއްވެސް ކަމެއް ނުކޮށްދެވި ދާން ޖެހޭތީ ލޫކަން މާޔޫސް ވެއެވެ. އެ އަންހެންކުއްޖާއަށް ވާނޭ ގޮތަކާމެދު މާބޮޑަށް ވިސްނެން ފެށުނެވެ. އެއްވެސް ކަމެއް ކުރާހިތެއް ލޫކަން ނެތެވެ. ފިކުރެއްގައި ހުރި ފަދައިން މަޑުމަޑުން އައިސް ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރު ކައިރީ މަޑުކޮށްލިއެވެ. ސިއްރުން ބަލާހެން ކިރިޔާ ފެންނަ ވަރަށް ފަރުދާތައް ދުރުކޮށްލައިގެން ހުރެ ޚާދިމުން އުޅޭ އިމާރާތައް ލޫކަން ބަލަން ހުއްޓެވެ. އައިރާއާ ބައްދަލުކުރަން ލޫކަންގެ ހިތް އެދެމުން ދިޔައެވެ. ފުރައިގެން ދިއުމުގެ ކުރީން އެއްފަހަރު ނަމަވެސް އައިރާގެ ކުރިމައްޗަށް އަރަން ލޫކަން ބޭނުންވަނީ އެވެ. ނަމަވެސް އައިރާގެ ކުރިމައްޗަށް އަރާ ބުނާނީ ކީކޭ ކަމެއް ލޫކަންއަކަށް ނޭނގެއެވެ. އައިރާގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަން އޭނާގެ އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ.

"އޯ ގޯޑް... ކިހިނެއްތަ އަހަންނަށް މިވަނީ. އައިރާއަކީ ކާކުކަމެއް ނުވެސް އެނގޭ. އެކަމަކު ކީއްވެ ކުއްލިއަކަށް އޭނާ އެހާ ޚާއްސަވާންވީ. ކީއްވެ އޭނާއަށް އެހީވާން އަހަރެން މިހާވަރަށް ބޭނުންވާންވީ... އޭނާ ހާލުގައި އުޅޭކަން އެނގުމުން އަހަންނަށް އެކަމުން އުނދަގޫވޭ. ކީއްވެތަ؟..." ލޫކަން އޭނާގެ ނިތްކުރީގައި ވައަތްތިލައިން ހިފަހައްޓާލުމާއެކު ލޯމަރާލިއެވެ.

ނުނިދިގެން އެނދުގައި ފުރޮޅިފުރޮޅިފައި ލޫކަން ތެދުވިއެވެ. މިފަހަރު ވެސް އޭނާއަށް އައިސް ހުއްޓިލެވުނީ ބެލްކަންޏަށް ނުކުންނަން ހުރި ދޮރު ކައިރީގައެވެ. އައިރާގެ ކޮޓަރީގެ ކުޑަދޮރު އޭރު ވެސް ހުޅުވާފައި ހުރިތަން ފެނެއެވެ. ލޫކަން ފޯނުން ގަޑި ބަލާލިއެވެ. ދަންވަރު ދޭއްޖަހަނީ އެވެ. އެހާއިރު އައިރާ ހޭލާ ކުރަނީ ކީއްބާއެވެ. ލޫކަން އިރުކޮޅަކު ބަލަން ހުރުމަށްފަހު ކޮޓަރިން ނުކުންނަން ޚިޔާލު ކުރިއެވެ. ލައިގެން ހުރި ސޯޓުގެ އަރިމަތީ ޖީބަށް ފޯނު ކޮށްޕާލުމާއެކު ޓީޝާޓަށް ދަމާލާ ރީތިކޮށްލާފައި ކޮޓަރިން ނުކުތެވެ. މީހަކަށް ފެނިދާނޭތީ އުޅޭހެން ވަށައިގެން ހޯދަމުން ކަހަލަ ގޮތަކަށް ލޫކަން ތިރިއަށް އައެވެ. ބަދިގެ ފަރާތުންލާފައި ޚާދިމުން އުޅޭ ބަޔަށް ނުކުތެވެ. ފަސް އެނބުރި ބަދިގެއާ ދިމާއަށް ބަލާލާފައި ލޫކަން ހިނގައިގަތެވެ. ލަސްލަހުން ސިއްރުންނެވެ. ފިޔަވަޅުގެ އަޑު ނީވޭނޭ ހެންނެވެ.

ކުޑަދޮރުން އެޅިފައިވަނީ ފަނޑު އަލިކަމެކެވެ. އިމާރާތުގެ ބޭރުގައި ދިއްލާފައިވާ ދެ ބޮކީގެ އަލި މާ ގަދައެވެ. މަޑުމަޑުން ކުޑަދޮރާ ލޫކަން ކައިރިވެލުމާއެކު ކަންފަތުގައި ޖެހުނީ އައިރާގެ ގިސްލުމުގެ އަޑެވެ. ކަންބޮޑުވި ނަމަވެސް ލޫކަންއަށް ފާޅުގައި ކުޑަދޮރު ކައިރީ ހުންނާކަށް ނުކެރުނެވެ. އެހެންވެ ސިއްރުން އައިރާގެ ކޮޓަރިތެރެއަށް ބަލާލިއެވެ. ފާރުކައިރީ ހުރި އެނދެއްގައި އައިރާ އޮށޯވެލައިގެން އޮތެވެ. އައިރާ އޮތީ ބިއްދޮށަށް އެނބުރިކަން ޔަގީންވުމާއެކު ލޫކަން ތަންކޮޅެއް ބޮޑަށް ކުޑަދޮރާ ކައިރިވެލިއެވެ. އައިރާ އެހެން އޮވެ ރޮނީއެވެ.

"އައިރާ ކީއްވެބާ ރޮނީ؟ ރުބީނާގެ ސަބަބުންބާ... އައިރާ! ނުރޮއެ... އަހަރެން ކީއްކޮށްދޭންވީ އައިރާއަށް؟" ކުޑަދޮރުން ބަލަން ހުރި ލޫކަންގެ ހިތް ވާހަކަދެއްކިއެވެ.

އެތައްއިރަކު ކުޑަދޮރު ކައިރީ ހުރިއިރު ވެސް އައިރާ ބިއްދޮށަށް އެނބުރި އޮތްގޮތަށް އޮތީއެވެ. އޭނާގެ ރުއިމަށް ބަދަލެއް ނާދެއެވެ. އެވަރަށް އައިރާ ރޯންޖެހޭ ސަބަބެއް އެނގެން ލޫކަން ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އެހެންނަމަވެސް އެ ދަންވަރު އައިރާގެ ކޮޓަރިއަށް ވަނުމުން ނުކުމެދާނެ ނަތީޖާއަކާ މެދު ވެސް ލޫކަންގެ ޟަމީރު ވިސްނައިދިނެވެ. ހަމައެއާއެކު މީހަކަށް ފެނިދާނެތީ ވެސް ލޫކަން ކަންބޮޑުވިއެވެ. މަޑުމަޑުން ކުޑަދޮރުގެ ކައިރީ ވިނަގަނޑު މަތީ ލޫކަން އިށީނެވެ. ފާރުގައި ލެނގިލައިގެންނެވެ. އޭނާގެ ކަންފަތައް އައިރާގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. އެ ރުއިމުގެ އަޑުން ލޫކަންގެ ހިތަށް މީގެ ކުރީން ދުވަހަކު ވެސް އިހުސާސް ނުކުރެވޭފަދަ ހިތްދަތިކަމެއް ހިތަށް ވެރިވެގެންދިޔައެވެ. ނަފްސަށް ވެރިވު މަޑުމޮޅިކަމާއެކު ކުރުކޮށްލައިގެން އިން ކަނާތުފައިގެ ކަކުލުގައި ކަނާއަތް އަޅުވާލައިގެން ލޫކަން އިނެވެ. ދޭތެރެއަކުން މަޑުމަޑުން ފާރުގައި ބޮލުގެ ފުއްކިބައިން ޖަހާލައެވެ. އައިރާގެ ހިތްދަތިކަމުގައި ލޫކަން ބައިވެރިވަމުންދިޔައީ ހިމޭންކަމާއެކުއެވެ. އެގޮތުގައި އޭނާ އިންނަތާ އެތައް އިރެއްވީފަހުން އައިރާގެ ރުއިމުގެ އަޑު ކަޑައިގެން ގޮސް މަޑު ގިސްލުމެއް ފިޔަވައި ދެން ނީވެއެވެ. އެ އަޑު ވެސް ގިނައިރެއް ނުވެ ހުއްޓުމުން ލޫކަން އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ފަތިހު ހަތަރެއްޖަހައި ހިނގައްޖެއެވެ. އެ ހުރިހާ އިރު އޭނާ އެތަނުގައި އިންކަމާމެދު ޚުދު އޭނާއަށް ވެސް ޤަބޫލުނުކުރެވުނެވެ.

އައިރާގެ ކޮޓަރިން އެއްވެސް އަޑެއް ނީވޭތީ މަޑުމަޑުން ލޫކަން ތެދުވެ ކޮޓަރިތެރެއަށް ބަލާލިއެވެ. އައިރާ ފެންނާކަށް ނެތެވެ. ކޮޓަރިތެރެއަށް ބަލަން ލޫކަން ހުއްޓާ ފާޚާނާގެ ދޮރުހުޅުވާލިތަން ފެނި ސިހިފައި ބޭރަށް ހުޅުވާފައި ހުރި ކުޑަދޮރުގެ ދޮރުފަތާ ނިވާވެލިއެވެ. އައިރާ ތެދުވެ އުޅޭކަން އެނގުމުން ލޫކަން ޖެހިލުންވިއެވެ. އޭނާ ފިލާ ހުއްޓާ އައިރާގެ ކުޑަދޮރުން ކަރުދާސްތަކެއް ވަޔާ ބުރައިގެންދާ ފަދައިން ބޭރަށް އެޅުނެވެ. ފައިދޮށުގައި އޮތް ކަރުދާސްގަނޑު ލޫކަން ނެގިއެވެ. ހަމައެވަގުތު މައިދޮރު ހުޅުވާލަން އުޅޭކަމުގެ ހިލަން ވެގެން ލޫކަން ދުވެފައި އިމާރާތުގެ އެއްފަރާތަށް ވަދެ ފިލިއެވެ. އޭނާ ސިއްރުން ބަލަން ހުއްޓާ އައިރާ ކަރުދާސްތައް ހޮވާލުމާއެކު ވަށައިގެން ހޯދާލިއެވެ. އޭނާއަށް ފަހަރެއްގައި ލޫކަން ހުރިކަން އެނގުނީބާއެވެ. ގިނައިރެއްނުވެ އައިރާ އެނބުރި ވަދެއްޖެއެވެ. އަތުގައި އޮތް ކަރުދާސްގަނޑަށް ލޫކަން ބަލާލިއެވެ. އެއީ ކޮންމެވެސް މަޖައްލާއެއްގެ ގަނޑެކެވެ. ކުޑަކޮށް ބޮނޑިވެފައި އޮތް ނަމަވެސް ލޫކަން ކަރުދާސްގަނޑު ރީތިކޮށްލިއެވެ. އެވަގުތު އޭނާގެ ޚިޔާލަށް އައީ ހޮސްޕިޓަލުގައި އޭނާ އުޅޭއިރު ބޮޑެތި ބަލިތަކުގައި ހޮސްޕިޓަލުގައި ތިބޭތާ ގިނަ ދުވަސްވެފައިވާ ބަލިމީހުންނަށް ކަރުދާހުން ތަފާތު އެއްޗެހި ހަދާ ހަދިޔާ ކުރާކަމެވެ. އެމީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުމެވެ. ލޫކަން ބޭނުންވަނީ އައިރާގެ ހިނިތުންވެލާށެވެ. އެ ޚިޔާލުގައި ހުރެ އޭނާ ކަރުދާސްގަނޑު ގޮތްގޮތަށް ފަތްޖަހާލާ ނިމުނު އިރު އޭނާގެ އަތުގައި އޮތީ ކަރުދާހުން ހަދާފައިވާ ލިލީ މަލެކެވެ. ހިނިތުންވެލައިގެން އެ މަލަށް ބަލަން ހުރެފައި މަޑުމަޑުން ލޫކަން ކުޑަދޮރާ ކައިރިވެލިއެވެ. ލޫކަންގެ ހަރަކާތްތައް ހުއްޓުމަކަށް އައީ ކޮޓަރިތެރޭގައި ނަމާދަށް އަރާން ތައްޔާރުވަމުން ދިޔަ އައިރާ ފެނުމުންނެވެ. ކުޑަދޮރާ ދިމާއަށް ކުޑަކޮޑަށް ފުރަގަސްވާގޮތަށް ހުއްޓިލައިގެން ހުރެ ހުދުކުލައިގެ ބޮޑު ދޮޅި މޫނަށް ހެޔިވަރުކޮށްލިއެވެ. އެސްފިޔަޖަހާލުމެއްނެތި ލޫކަންއަށް ބަލަން ހުރެވުނެވެ. ކުރިމަތިން ފެންނަމުންދިޔަ އަންހެންކުއްޖާއަށް ޓަކައި ލޫކަންގެ ހިތުގައި ހަމައެކަނިވަނީ އިންސާނިއްޔަތުކަން ކަމުގައި އޭނާއަށް ހީވިއެވެ. ނަމަވެސް އެވަގުތު އެހިތަށް ކުރެވެމުންދިޔަ ބަޔާންކުރާން ދަތި އިހުސާސްތަކަށް ދޭނޭ ނަމެއް ނޭނގުނެވެ. ތުންފަތަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުމާއެކު އަތުގައި އޮތް ކަރުދާހުން ހެދި މާ ކުޑަދޮރުގެ ތަންޑުގެ ތެރެއަށް ވައްދާލުމާއެކު ނުވެއްޓޭނޭހެން ހަރުކޮށްލިއެވެ. އަދި އެނބުރި ކޮޓަރިއަށް ދިއުމަށް ލޫކަން ހިނގައިގަތީ ބަދަލުވެފައިވާ ނަފްސެއް ފަދައިންނެވެ. ތުންފަތުގައިވި ހިނިތުންވުމާއެކު ލޫކަންގެ ދެ ލޮލުން ތަފާތު ވިދުވަރެއް ފާޅުވަމުންދިޔައެވެ.

* * *

ބެލްކަނީގައި ކޮފީތަށި ހިފައިގެން ލޫކަން ހުއްޓެވެ. އާދައިގެ މަތީން ފަތިހު ބޭރަށް ނުކުންނަ އައިރާ ބޮޑުގަސްދޮށުގައި އޭނާގެ މަގު ހިފައިގެން އިނެވެ. އެ އަންހެންކުއްޖާ ފަރުވާތެރިކަމާއެކު ކަރުދާހުން ހަދާފައިވާ މަލަށް ބަލަމުންދިޔައެވެ. އޭނާއާ ހަމައަށް އެ މާ އައި ގޮތަކާ މެދު ސުވާލު އުފެދިފައިވާ ކަހަލައެވެ. އެ ހައިރާންކަމުން ލޫކަންގެ ހިތް އުފާވިއެވެ. އެ ތުންފަތުގައި މަޢުނަވީ ހިނިތުންވުމެއް ވިއެވެ.

ވަރުބަލިކަން އިންތިހާއަށް ދިއުމުން ލޫކަން ހީވީ ކަނޑާ ވައްޓާލި ހެންނެވެ. އައިރާގެ ހަރަކާތްތައް ކިތަންމެ ބަލަން ބޭނުންވި ނަމަވެސް އޭނާ އޮތީ އެނދުމައްޗަށް ދެމިފައެވެ. ނިދާ ހަރުދަނޑިވެފައެވެ. ހޭލެވުނީ ހަވީރު ވާން އުޅެނިކޮށެވެ. ހަމަހޭވެރިކަންވުމާއެކު ފުރަތަމަ ވެސް ލޫކަންގެ ޚިޔާލުގައި ރަނިކުރާން ކުރާން ފެށީ އައިރާގެ ސޫރައެވެ. އެ އަންހެންކުއްޖާގެ ހާލު އެނގެން އޭނާ ބޭނުންވިއެވެ.

* * *

ދެ ދުވަސް ދިޔައިރު އައިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮށްދެވޭނެކަމެއް ލޫކަންއަކަށް ނޭނގުނެވެ. އޭނާއަށް ހަމައެކަނި ކުރެވޭކަމަކީ ސިއްރުން އައިރާއަށް ފާރަލުމެވެ. ފުރަން ހަމަޖެހިފައި އޮތް ދުވަސް އައިސް ޖެހުނީއެވެ. އެނބުރި އެމެރިކާއަށް ލޫކަންއަށް ދާން ޖެހުނީއެވެ. އޭނާގެ މަސައްކަތަށެވެ. ރޭގަނޑުގެ ފްލައިޓަށް އަރަން ދިއުމުގެ ކުރީން ލޫކަން ވަގުތެއް ހޯދިއެވެ. އަދި ސިއްރުން އައިސް އައިރާގެ ކުޑަދޮރުގެ ތަންޑުގެ ތެރެއަށް ކަރުދާހުން ހަދާފައިވާ މަލެއް ލިއެވެ. ހިތްފުރޭވަރަށް އައިރާއަށް ބަލާލަން ބޭނުންވިއެވެ. ނަމަވެސް އެ ފުރުޞަތެއް އޭނާއަކަށް ނެތެވެ. އަވަސް އަރުވާލާފައި ގޭތެރެއަށް އައިސް ވަނީއެވެ. އޭރު ފޮށި ވެސް ހުރީ ބޮޑުކޮޓަރިއަށް ނެރެވިފައެވެ. ޤައިސް އައުމާއެކު ލޫކަން ހިނގައިގަތީ ގެއިން ނުކުތުމަށެވެ.

* * *

ނިދަން ކައިރިކޮށްފައި ލައްޕާލަން އުޅުނު ކުޑަދޮރުގެ ތަންޑުގެތެރެއަށް ކޮއްޕާލާފައި އިން މާ އައިރާއަށް ފެނުނެވެ. ހައިރާންވެފައި ކުޑަދޮރުން ބޭރު ބަލާލިއެވެ. މީހަކު ފެންނަ ހިސާބަކުނެތެވެ. އޭނާ މާ ނެގުމަށްފަހު ކުޑަދޮރު ލައްޕާލިއެވެ. ތަންޑުއަޅުވާލާފައި އައިސް އެނދުގައި އިށީނެވެ. އަދި އަތުގައި އޮތް މަލަށް ބަލަން ފެށިއެވެ. ހުދުކުލައިގެ ކަރުދާހުގައި ހަދާފައިވާ އެ މަލުގެ އެތެރޭގައި އިނގިރޭސިން ލިޔެފައި ހުރިތަން ފެނުނެވެ. ގަލަމު ދެލިން ލިޔެފައި ހުރި ލިޔުމެއްކަން ޔަގީންވުމާއެކު އައިރާ އެ މާ ރޫޅާލިއެވެ. އެއާއެކު އޭނާއަށް ފެނުނީ ކަރުދާހުގައި ލިޔެފައިވާ ނޯޓެވެ. (ނުނިމޭ)