ދުނިޔެ

ޕޯޗްގަލްގެ ޖަންގައްޔެއްގައި ރޯވެ 57 މީހުން މަރުވެއްޖެ

ޕޯޗުގަލްގެ މެދުތެރޭ ސަރަހައްދުގައިވާ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑެއް ފެތުރުމުގެ ސަބަބުން 57 މީހުން މަރުވެއްޖެ އެވެ.

ޕޯޗުގަލް ސަރުކާރާ ހަވާލާދީ ބީބީސީ ބުނީ ގިނަ ބަޔަކު މަރުވީ އަލިފާން ރޯވެފައިވާ ޕެޑްރޮގާއޯ ގްރޭންޑް ނަމަކަށް ކިޔާ ސަރަހައްދު ދޫކޮށް، އެމީހުންގެ ކާރުތަކުގައި ދިއުމަށް މަސައްކަތް ކުރަނިކޮށް ކަމަށެވެ. ޕެޑްރޮގާއޯ ގްރޭންޑް އަކީ ޕޯޗުގަލްގެ މައި ޝަހަރެއް ކަމަށްވާ ކޮއިމްބްރާގެ އިރު ދެކުނުން ގާތްގަނޑަކަށް 30 މޭލު ދުރުގައިވާ ސަރަހައްދެކެވެ.

އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އިތުރުން 59 މީހަކު ޒަހަމް ވިއެވެ. ޒަހަމްވީ މީހުންގެ ތެރޭގައި އަލިފާން ނިއްވާ މީހުންގެ ތެފރެއިން އެތައް ބަޔަކު ހިމެނެއެވެ.

"ނަސީބު ދެރަކަމުން މިއީ ފަހަކަށް އައިސް ޖަންގަލީގެ އަލިފާނެއްގައި އަހަރެމެންނަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާ،" ޕޯޗުގަލްގެ ބޮޑުވަޒީރު އެންތޯނިއޯ ކޮސްތާ ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ މަރުވިމީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޕޯޗ ޗުގަލްގެ މީޑިއާތަކާ ހަވާލާދީ ބީބީސީ ބުނީ އަލިފާން ނިއްވަން 600 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަލިފާން ގަނޑު އަދި ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.